ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން ރައީސް އިޢުލާން ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބު ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ 12 ކަމެއް އެމަނިކުފާނު މިއަދު އިޢުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްކަމުގެ ހުވައި ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ޚިތާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކަރަންޓުގެ އަގު ހެޔޮކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށްޓަވާނެ ކަމަށާއި، ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރަށް، ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައި، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑައިލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް ކަމާއި، ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ ހޭދަކުރައްވާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހައްދަވައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފަށްޓަވާނެކަން އިޢުލާން ކުރެއްވުން ހިމެނެއެވެ. އަދި އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވަން ފަށްޓަވާނެކަންވެސް ވިދާޅުވިއެވެ. މީގެ އިތުރުން، [ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް] އުފައްދަވައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި، ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ވޭތުވެދިޔަ 5 އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން އެއީ، މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތެއްކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެއާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، ރާއްޖޭގެ އިސް ވާޖިބެކެވެ. އަދި ޚާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ކަމަށް ވެސް ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓްޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ އިންޑިޔާއާއި، އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި ރާއްޖޭގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށާއި، މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.