އޮކްޓޯބަރު 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަސް ކަމަށް ކަނޑައަޅުއްވައިފި

ޒުވާނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު 22  ވަނަ ދުވަސް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ. އެ ދުވަސް ކަނޑައެޅުއްވުމަށްފަހު އަންނަ އަހަރު އޮކްޓޯބަރު 22 ވަނަ ދުވަހުން ފެށިގެން އެދުވަސް ފާހަގަކުރާ ގޮތަށް ވަނީ ނިންމަވައިފައެވެ.

ރައީސް މިގޮތަށް ނިންމެވީ ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީންނެވެ.

އޮކްޓބަރ 22 ވަނަ ދުވަހަކީ މީގެ 12 އަހަރު ކުރިން "ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ
185 ވަނަ ޖަލްސާއިން، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަހެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އަންނައަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ސަރުކާރުން މިހާރުވަނީ ނިންމަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.