މިއަހަރުގެ ނިމެންވާއިރަށް މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ: ރައީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެނދިކުޅުދޫން މަރުޙަބާ ދަންނަވަނީ: ފޮޓޯ އެމްޑީޕީ

މިއަހަރު ނިމެންވާއިރަށް ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރެވޭ ކުންފުންޏަކަށް ބަދަލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ޢީސާގެ ކެމްޕޭން ޖަލްސާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ބޭއްވި މިޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިމަށް ވަޑައިގެންނެވިއިރު އެސްޓީއާއި މިފްކޯ އޮތީ އެންމެ ރަނގަޅު ޙާލަތުގައި ނޫންކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި އެސްޓީއޯއާއި މިފްކޯ އޮތީ އެންމެ ރަނގަޅަކަށް ނޫން. މިފްކޯ އޮތީ އެކުންފުނީގެ ޒާތުގައި ހިނގާނުގަނެވޭ ވަރުވެފައި. ދަރަނި އިންތިހާއަށް ބޮޑުވެފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންމަމަވެސް އެސްޓީއޯގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެކުންފުންޏަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "އަދި މިފްކޯ ރީސްޓްރަކްޗަރކޮށް އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކުރެވޭ ތަނަކަށް ބަދަލުވެގެންދާނެ. ހަމަ އެއާކު މަސްވެރިންނަށް ބޭނުންވާ މަހުގެ ހަމައަގު ލިބި އެތައްއެތައް ލުއިތަކެއް މަސްވެރިންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ވަނީ ޑީސެލްގެ ޑިއުޓީ ކަނޑުއްވައިލައްވައިފިއެވެ. އަދި ދަޑުވެރިން ރާއްޖެއަށް އެތެރެކުރާ އެތައް ބާވަތަކުން ވެސް ވަނީ ޑިއުޓީ ކަނޑުއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ހަނޑޫ، ހަކުރު،ފުށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުރުމެއްނެތި މާލެއާ އެއް އަގެއްގައި އަންނަ އެޕްރީލްމަހުން ފެށިގެން ފޯރުކޮށް ދެއްވަން ފަށްޓަވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.