އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދެއް ޤާއިމުކުރުމާބެހޭ އެއްބަސްވުން

big_uU6hkFFbCFbtzQQ

ޑިމޮކްރެސީއާއި ދުސްތޫރީ ހަމަތަކުގެ މައްޗަށް ދިވެހިރާއްޖެ އަނބުރާ ރުޖޫޢަކުރުމަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދެއް ޤާއިމުކުރުމާބެހޭ އެއްބަސްވުން

 

1 ޖޫން 2016-

ލަންޑަން، އިނގިރޭސިވިލާތް

 

ހ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތައް ހަވާސާކުރެއްވުމުގައި ރައީސް ޢަބްދުﷲ ޔާމިން ދެމިހުންނެވިކަން ސާފުކޮށް ދައްކަވަމުންދާ ހިނދު،

ށ. ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ދިވެހިރާއްޖޭގައި ފުރަތަމަ އިންތިޚާބުކުރެވުނު ރައީސް މުޙަންމަދު ނަޝީދު ހިމެނިވަޑައިންނަވާގޮތުން، އެންމެހައި އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ހަފުސްކޮށްލާން މަސައްކަތްކޮށް، ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް 13 މާޗް 2015ގައި ސިޔާސީ ދައުވާތަކެއްގެ މައްޗަށް ބިނާކޮށް 13 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާ، އ.ދ. ގެ ވަރކިންގް ގްރޫޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި، ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރާއި، އެޤައުމުގެ ފޮރިން މިނިސްޓަރާއި، އެމެރިކާގެ ސެކެްރެޓަރީ އޮފް ސްޓޭޓާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލާއި، އ.ދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާއި، އ.ދ. ގެ އޯ.އެޗް.ސީ.އެޗް.އާރ ގެ ޗީފް އޮފް ދަ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗާއި، ކޮމަންވެލްތު ސެކެޓަރީ ޖެނެރެލާއި، އެމްނެސްޓީ އިންޓަރނޭޝަނަލާއި، ވިލާތު އިއްތިޙާދުގެ ޚާރިޖީ ވުޒާރާގެ ހައި ރެޕްރެޒެންޓެޓިވާއި، އ.ދ. ގެ ޝަރުޢީ ދާއިރާގެ ސްޕެޝަލް ރެޕަޓުއަރއާއި، އައިސީޖޭއާއި، ސައުތު އޭޝިއާ ފޯ ހިއުމަން ރައިޓްސްއިން އިން އެޙުކުމް ކުށްވެރިކޮށްފައިވާ ހިނދު، އަދި އެމަނިކުފާނުގެ މައްޗަށް ނަހަމައިން، ޤާނޫނީ ހަމަތަކުގެ ބޭރުން ޝަރީޢަތް ހިންގާފައިވާ ހިނދު، އަދި، ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ފަރާތްތަކާއި ސިޔާސީ ލީޑަރުންނަށް ބިރުދައްކައި، އާއިލާއަށާއި ނަފްސަށް ބިރުވެރިކަން ކުރިމަތިކޮށް، ގައުމުދޫކޮށް ހިޖުރަކުރަން މަޖުބޫރުކޮށްފައިވާހިނދު، އަދި ދައުލަތުގެ މަޤާމުތައް ފުރުއްވަމުންގެންދެވި ފަރާތްތަކާއި، 2015 މޭ 1 ވަނަ ދުވަހު ބޭއްވުުނު އިދިކޮޅު ފަރާތްތަކުގެ އެއްވުމުގައި ދެއްވި ތަޤުރީރެއްގެ މައްޗަށް ބިނާކޮށް، ސިޔާސީ ބޭނުމަށްޓަކައި ޓެރަރިޒަމްގެ ދައުވާ އުފުލާ، ނަހަމައިން، ޤާނޫނާ ޚިލާފަށް ހިންގުނު ޝަރީޢަތެއްގެ ވާސިތާއިން، 15 ފެބްރުއަރީ 2016 ގައި 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން ޢަބްދުﷲވެސް ހިމެނިވަޑައިންނަވާގޮތުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ފްރޭމް ކުރެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުޙަންމަދު ނާޒިމް ސިޔާސީ ޙަރަކާތްތަކުން ގަދަބާރުން ނަހަމައިން ދުުރުކޮށް، މަޤާމުން ވަކިކޮށް، ހައްޔަރުކޮށްފައިވާ ހިނދު،

ނ. މީޑިޔާގެ މިނިވަންކަމާއި، ނޫސްވެރިންނަށް ގޯނާވާނެމަގުން، ސީދާ އެބައިމީހުންނަށް ރައީސް ޔާމިންގެ ސަރުކާރުން އަމާޒުކޮށްފައިވާ ހިނދު، އަދި 3 އޭޕްރީލް 2016 ގައި ނޫސްވެރިން ބޭއްވި ސުލްޙަވެރި މުޒާހަރާ އަނިޔާވެރިކަމާއެކު ރޫޅާލައި، 18 ނޫސްވެރިން ހައްޔަރުކޮށްފައިވާ ހިނދު، އަދި ޖިނާޢީ ދައުވާއާ، އެހެނިހެން އެބާވަތުގެ ބިރުދެއްކުމާއި، އުނދަގޫތަކަށް ނޫސްވެރިން ހުށަހެޅިފައިވާހިނދު، އަދި ރައީސް ޔާމީން އިސްވެ ހުންނަވާ، ދިވެހިރާއްޖޭގެ ސަރުކާރުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ޢަމަލުތަކުގެ ވާހަކައިން ރެކިވަޑައިގަތުމަށްޓަކައި، އަބުރާބެހުމަކީ ޖިނާޢީ މަސްއަލައެއްކަމުގައި ހެދުމަށް 17 ފެބްރުއަރީ 2016 ގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހިނދު،

ރ. މަދަނީ ޖަމްޢިއްޔާ/ ޖަމާޢަތްތަކަށްވެސް ސަރުކާރުގެ ގޯނާ ފޯރާފައިވާހިނދު، އަދި މަދަނީ ޖަމްޢިއްޔާ/ ޖަމާޢަތްތަކަށް ފައިސާ ހޯދުމަށް ނުހަނު ދަތިވާނެމަގުން ކަމާބެހޭ ޤަވާޢިދުތަކަށް ސަރުކާރުން ބަދަލުގެނެސްފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލޭފަދަ ގޮތެއްގައި ސުޕްރީމް ކޯޓުން ޤަވާޢިދުތައް އެކުލަވާލައި، އުސޫލުތައް ކަނޑައަޅަމުންދާ ހިނދު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެތައް ގިނަ ގުނަ އަމިއްލަ ޖަމްޢިއްޔާ/ ޖަމާޢަތަކަށް އިންޒާރުދިނުމާއި، އެބާވަތުގެ ބިރުދެއްކުންތައް އިތުރުވެފައިވާ ހިނދު، އެކަންކަން ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާހިނދު،

ބ. އެއްވެ އުޅުމުގެ އަސާސީ ޙައްޤު ނިގުޅައިގަނެވޭ މަގުން، ރައީސް ޔާމިންގެ ސަރުކާރުން ޤާނޫނުތަކާއި، ޤަވާޢިދުތަކައް އުނިއިތުރު ގެނެސްފައިވީހިނދު،

ޅ. އިދިކޮޅު ޚިޔާލެއް ފައުޅުކުރާ ސިވިލް ސަރވަންޓުން ވަޒީފާއިން ވަކިކުރުމާއި، ނުވަތަ އެހެން ދުރު ރަށްރަށް މަސައްކަތް ބަދަލުކުރުން ފަދަ ކަންކަން ހިންގަމުންދާހިނދު،

ކ. ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ވަގަށްނަގާފައިވާ މަސްއަލައާއި، އަލްމަރްޙޫމް ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވާ މަސްއަލައިގެ ޙަޤީޤަތް ހޯދިފައިނުވާއިރު، އަދި އެމަސްއަލަތަކުގެ ތަޙްޤީޤު ގޮސްފައިވާ ހިސާބެއް ހާމަކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ދެކޮޅު ހަދާހިނދު،

އ. ދީނީ ހައްދުފަހަނައެޅި ފިކުރިއްޔާތުގެ ޝިކާރައަކަށްވެ، ބޭރު ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި "ޖިހާދުގެ" ނަމުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުުވުމާއި، ދިވެހިރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމަށް ގެއްލުންވާނެމަގުން ހުރި ޓެރަރިޒަމްގެ ބޮޑެތި ނުރައްކާތަކާ ކުރިމަތިލުމުގެ ބަދަލުގައި، އިދިކޮޅު ސިޔާސީ ޙަރަކާތްތައް މަޑުޖެއްސުމަށް ޓެރަރިޒަމް މަނާކުރުމާބެހޭ އައު ބިލެއް ތަޢާރަފުކޮށް، އެހެނިހެން ގިނަ ޤާނޫނުތަކާއެކު ބޭނުންކުރަމުންދާ ހިނދު،

ވ. ކޯޓުތަކަކީ ރައީސް ޔާމިންގެ ބެއްލެވުމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ގޮތްޕަކަށްވުމުގެ ބިރުބޮޑުވެ، ބައެއް ފަނޑިޔާރުންނަކީ ސަރުކާރުގެ އެދުންތައް ފާސްކުރުުމުގެ ރަބަރު ތައްގަނޑު އަބަދުމެ ޖަހާން ތިބޭ ބަޔަކަށްވީ ހިނދު، އަދި ދަށު ކޯޓުތަކާއި، ފަނޑިޔާރުންނާއި، ޢާންމުން އަޅުދާސްކުރުވަނިވި ޤަވާޢިދުތަކާއި، އެންގުންތަކާއި، އުސޫލުތަކާއި، ސަރކިއުލާތައް ޢާންމުކުރާ ދާއްބައެއްފަދަ ބިރުވެރި ފަރާތެއްކަމުގައި ކޯޓުތައް ސިފަވިހިނދު، އަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ހުކުމްއިއްވާ ފަޑިޔާރުންނަށް އިނާޔަތުގެ ގޮތުން މަގާމްގެ ނަހަމަ ޕްރޮމޯޝަންދީ، ފަޑިޔާރުގެތަކަށް ކުފޫހަމަނުވާ، އަދި ތައުލީމާއި ތަޖްރިބާއަށް ބެލުމެއްނެތި ފަޑިޔާރުން އައްޔަންކުރުމާ، އެކިއެކި ކޯޓުތަކަށް ސިޔާސީ ސަބަބުތަކަށަޓަކައި ފަނޑިޔާރުން ބަދަލުކުރަމުން ދިއުމާއި އަދި ރައީސް ޔާމިންގެ ކޮރަޕްޝަންގެ ޢަމަލުތަކުގެ މައްޗަށް ބިނާކޮށް، އެމަނިކުފާނު ހައްޔަރުކުރުމަށް ކޯޓު ޢަމުރެއް ނެރުނު ޤާޟީއަކު ހައްޔަރުކޮށް، އިިހު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ފުރުއްވި ބޭފުޅާވެސް އެޤާޟީއާއެކު ހައްޔަރުކޮށްފައިވީ ހިނދު، އަދި ޢަދުލްއިންސާފުގެ ނިޒާމަށް ފާރަވެރިވުމުގެ ދުސްތޫރީ ޒިންމާ އުފުލާންޖެހޭ ޖުޑީޝަލް ސަރވިސް ކޮމިޝަން ސަރުކާރުގެ ހަރުކަށި ކޮންޓްރޯލްގެ ދަށުގައި އޮތްހިނދު،

މ. އިލެކްޝަންސް ކޮމިޝަންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން މަޤާމުން ވަކިކޮށް، ރައީސް ޔާމިންގެ އައުވާނުން އެކޮމިޝަނަށް ލައްވާ، ގަޑުބަޑުކުޅަ ހިނދު، އަދި ޢާާންމުންނާއި، ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމެއް ނެތި، އަދި އެފަރާތްތަކުގެ ރުހުމެއްވެސް ނެތި، އިލެކްޝަންސް ކޮމިޝަނުން އިލެކްޓްރޯނިކް ވޯޓިންގ ތަޢާރަފުކުރުމަށް މަސައްކަތްކުރާ ހިނދު، މިއެންމެހައި ކަމެއް މިހެން ހުރުމާއެކު، މިނިވަން އިންސާފުވެރި އަދި ދެފުށްފެންނަ އިންތިޚާބެއް މުސްތަޤުބަލުގައި ލިބުމުގެ ފުރުސަތު ނުހަނު ކުޑަވެފައިވާ ހިނދު،

ފ. ސިޔާސީ ޕާޓީތައް އެކުވެ ކުރެވޭ މަޝްވަރާތަކުގައި، ސަރުކާރުގެ ހެޔޮ ނިޔަތާއި، އިޚްލާސްތެރިކަން ނެތްހިނދު،

ދ. އިންތިހާ ދަރަޖައިގެ ކޮރަޕްޝަނާއި، ކަޅު ފައިސާ ދޮވުމާއި، ޓެރަރިސްޓް ޙަރަކާތްތަކާ ގުޅުންހުރި ފަރާތްތަކަށް ޚަރަދުކުރުމާއި، ވާގިވެރިވާކަމުގެ އިތުބާރުހިފޭ ސީރިއަސް ތުހުމަތުތަކެއް ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާމެދު ކުރެވޭ ހިނދު،

ތ. ސަރުކާރުގެ ޚަރަދުތަކާއި، މުޢާމަލާތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތަކާއި މުޢާމަލާތްތަކަށް ޖަވާބުދާރީ ކުރެވޭނެ އެންމެހާ މަގުތައް ބަންދުކޮށް، ރައްޔިތުންގެ ފައިސާގެއްލި، ދުސްތޫރީ އިމުންބޭރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ދައުލަތުގެ ހިންގުމުގެތެރެއަށް އަތްބާނާ މުޅިނިޒާމް ތަޣައްޔަރުކޮށްފައިވާހިނދު،

ލ. ދިވެހިގައުމުގެ އަމަންއާއްމުއާއި ސިލްމާ ސަލާމަތުގައި ދެމިތިބި ދިވެހި ފުލުހުންނާއި ސިފައިންގެ މަގާމުގެ ރައްކާތެރިކަން ދަމަހައްޓާ ، ސިޔާސީ ބޭނުމަށް އެފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމަށް ދަތިކޮށް އެއްވެސް ސަބަބަކާ ނުލާ ސިޔާސީ ބޭނުމަށް މަސައްކަތް ކުރާ މަރުކަޒުތައް ބަދަލުކޮށް ވަޒީފައިގެ ކުރިއެރުން ނުދީ އަދި އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރުމުގެ ބިރުދައްކާ ދިވެހި ގައުމުގެ އިސްތިގުލާލަށް އުނިކަން ލިބޭ އެންމެހާކަންތައްތައް ހުއްޓުވުވާ،

ގ. މާޔޫސްވެ ގޮތްހުސްވެފައިތިބި ރާއްޖޭގެ ވިޔަފާރިވެރިންނާއި، ވިޔަފާރިތަކަށް، އިންސާފުވެރި، އަދުލުވެރި މާހައުލެއް ގާއިމްކޮށް ފަސާދަޔާއި ނަހަމަ ނުފޫޒުތަކުން މިންޖުވެފައިވާ ހަމަހަމަ ވެއްޓެއް ގާއިމްކޮށްދިނުމަށް މަސައްކަތްކޮށް،

ޏ. އދ. ގެ ވަރކިންގް ގްރޫޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި، ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރާއި، އެޤައުމުގެ ފޮރިން މިނިސްޓަރާއި، އެމެރިކާގެ ސެކެްރެޓަރީ އޮފް ސްޓޭޓާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލާއި، އ.ދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާއި، އ.ދ. ގެ އޯ.އެޗް.ސީ.އެޗް.އާރ ގެ ޗީފް އޮފް ދަ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗާއި، ކޮމަންވެލްތު ސެކެޓަރީ ޖެނެރެލާއި، އެމްނެސްޓީ އިންޓަރނޭޝަނަލާއި، ވިލާތު އިއްތިޙާދުގެ ޚާރިޖީ ވުޒާރާގެ ހައި ރެޕްރެޒެންޓެޓިވާއި، އ.ދ. ގެ ޝަރުޢީ ދާއިރާގެ ސްޕެޝަލް ރެޕަޓުއަރއާއި، އައިސީޖޭއާއި، ސައުތު އޭޝިއާ ފޯ ހިއުމަން ރައިޓްސްއިން ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި، ހައްޔަރާއި، ޝަރީޢަތް ކުށްވެރިކޮށްފައިވާ ހިނދު؛

  1. މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި، ޢަދާލަތު ޕާޓީ (އޭޕީ)އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިންތިޚާބީ ނައިބުރައީސާއި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ފަރާތްޕުޅުންނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމްގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގައި ޑެމޮކްރެޓިކް، ދުސްތޫރީ އަދި ޤާނޫނީ ހަމައާއި، އުސޫލުތައް ޤާއިމުކުރުމަށްޓަކައި "ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދު"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދެއް އެކުލަވައިލުމަށް އެއްބަސްވެ،
  2. ދައުލަތުގެ ދަރަނި ބޮޑުވެ، ސިޔާދަތުގެ ދަރަންޏަށް ޤައުމު ވާސިލްވުމުގެ ބިރު ބޮޑުވެ، ޤައުމު ބަނގުރޫޓުވުމާއި ދިމާއަށް ދަތުރު ކުރަމުން ދާއިރު، ހާމަކަމެއްނެތި ދައުލަތުން ކުރަމުންދާ ބޮޑެތި މުޢާމަލާތުތައް ބެލޭނެ ނިޒާމެއް ޤާއިމުކޮށް، ޤައުމުގެ ބައިތުލްމާލު ރައްކާތެރިކުރެވޭނެ ގޮތެއް ޤާއިމުކޮށް،
  3. އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމުވެ، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ސަބަބުން ދުސްތޫރީއިމުން ބޭރުން ހައްޔަރުކޮށް، ދަޢުވާކޮށް، ބަންދުކުރެވި އަދި ބައެއް މީހުންގެ މައްޗަށް ޝަރީޢަތްކުރެވި އަދި ކުރެވެމުންދާ މިފަދަ އެކިއެކި މަރްޙަލާތަކުގައިވާ 1700 އަށްވުރެ ގިނަމީހުން ޙައްގުތައް ސަލާމަތްކޮށް،
  4. ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނަށް މިނިވަންކަމާއިއެކު ޙަރަކާތްތެރިވުމުގެ ޖާގަ ގެއްލޭގޮތަށް ރައީސް ޔާމީނާއި ސަރުކާރުން ނުފޫޒާއި ބިރުކުރިމަތިކުރުވާފައި ވުމާއެކު، އެކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކޮށް،
  5. ޚިޔާލުފައުޅުކުރުމުގެ ޙައްޤާއި، އެއްވެ އުޅުމުމުގެ ޙައްޤާއި، މީޑިޔާގެ މިނިވަންކަމުގެ ޙައްޤާއި، ޚަބަރުފެތުރުމުގެ ޙައްޤާއި، ޢާންމު ކަންކަމުގައި ބައިވެރިވެ އުޅުމުގެ ޙައްޤާއި، މަދަނީ ޖަމްޢިއްޔާ/ ޖަމާޢަތްތައް އެކުލަވައިލުމުގެ ޙައްޤާއި، މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ޙައްޤާއި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި، މިނިވަން އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާއި، ނަހަމައިން ހައްޔަރުނުކުރެވުމުގެ ޙައްޤާއި، މިނިވަން ޖުޑީޝަލް ސަރވިސް ކޮމިޝަނެއް އޮތުމުގެ ޙައްޤާއި، ދެންވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އިންސާނީ، އަސާސީ މަދަނީ އަދި ސިޔާސީ ޙައްޤުތައް މިހިނދުން މިހިނދަށް އަލުން ފޯރުކޮށްދިނުމަށް ގޮވައިލާ،
  6. ދުސްތޫރީ އަދި ޤާނޫނީ އިޖުރާޢަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމިން މިހިނދުން މިހިނދަށް ވެރިކަމުން ދުރުކުރުމަށް ގޮވައިލާ،
  7. ތިރީގައި (އެނެކްސް 1) ބަޔާންކޮށްފައިވާގޮތުގެ މަތިން ހިޔަނި ކެބިނެޓެއް ޢައްްޔަންކޮށް،
  8. ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދުގެ ލީޑަރަކަށް ސަރުކާރުގެ އިންތިޚާބީ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ހަމަޖައްސާ، މި އިއްތިހާދުގެ ޝެޑޯކެބިނެޓްގެ ނައިބް ރައީސަކަށް އެމް.ޑީ.ޕީގެ ޗެއަރޕަރސަން ޢަލީ ވަޙީދު ހަމަޖައްސއި،
  9. ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ އިއްތިޙާދުގެ މުޝީރުންގެގޮތުގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި، ޢަދާލަތުޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ޢައްޔަންކޮށް،
  • މިނިވަން އިންސާފުވެރި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގާތުންބަލާ މޮނިޓަރކުރެވޭނެފަދަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޤާނޫނޫއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގޮވައިލުމަށް ބާރުއަޅައި؛
  1. މަތީގައިވާ ކަންކަން ޙާޞިލްކުރުމަށް މިއެއްބަސްވުމުގައި ސޮއި ކުރާ ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެ ސޮއެކުރަމެވެ.

 

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ:

އަދާލަތު ޕާޓީ:

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިންތިޚާބީ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު:

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙަންމަދު ނާޒިމް:

 

އެނެކްސް 1

ގުޅިފައިވާ އިއްތިހާދުގެ ހިޔަނި ކެބިނެޓް

 

 

ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ގުޅިފައިވާ އިއްތިހާދުގެ ލީޑަރު

 

އަލީ ވަހީދު

އެމް.ޑީ.ޕީ ޗެއަރޕާސަން

ގުޅިފައިވާ އިއްތިހާދުގެ ޑެޕިއުޓީ ލީޑަރު

 

މުޙައްމަދު ނަޝީދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ

އެޑްވައިޒަރ

 

ޝައިޚް އިމްރާން ޢަބްދުﷲ

ޢަދާލަތު ޕާޓީގެ ރައީސް

އެޑްވައިޒަރު

 

ކާނަލް ރޓ. މުޙައްމަދު ނާޒިމް

ކުރީގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

އެޑްވައިޒަރު

 

ޢަބްދުﷲ އަމީން

ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރ

ޝެޑޯ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

 

މުޙައްމަދު ޝިހާބު

މޭލެ ސިޓީގެ މޭޔަރ

ޝެޑޯ މިނިސްޓާރ އޮފް ފައިނޭންސް އެންޑް ޓެރެޜަރީ

 

އަޙްމަދު ތަސްމީން ޢަލީ

އެމް.ޑީ.ޕީ މައްޗަންގޮޅި ދެކުނު ދާއިރާ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، ކުރީގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް

ޝެޑޯ މިނިސްޓަރ އޮފް ހޯމް އެފެއާޒް

އަޙްމަދު ނަސީމް

އެމް.ޑީ.ޕީ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރު، ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް

ޝެޑޯ މިނިސްޓަރ އޮފް ފޮރިން އެފެއާޒް

 

އާދަމް އާޒިމް

އެސް.ޓީ.އޯގެ ކުރީގެ އެމް.ޑީ

ޝެޑޯ މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޓްރާންސްޕޯޓު

 

މުޙައްމަދު އަސްލަމް

ކުރީގެ މިނިސްޓަރ އޮފް ހައުޒިން އެންޑް އެންވަޔަރމަންޓް

ޝެޑޯ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ވޭސްޓް މެނޭޖްމަންޓް އެންޑް ކްލީން އެނަރޖީ

 

އަލްއުސްތާޛާ ހިސާން ހުސައިން

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު، އެމް.ޑީ.ޕީ އޭދަފުށީ ދާއިރާގެ ރައީސް، ކުރީގެ ލީގަލް އެފެއާޒް ސެކްޓަރީ

ޝެޑޯ މިނިސްޓަރ އޮފް ޖޫޑީޝަލް ރިފޯމް

 

އަޙްމަދު ނަޝީދު

އަދާލަތު ޕާޓީގެ ރީސާޗް އެންޑް ޕަބްލިކޭޝަންސް ކޮމިޓީގެ ޗެއަރ

ޝެޑޯ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

 

ޝިފާ މުޙައްމަދު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން

ޝެޑޯ މިނިސްޓަރ އޮފް އެޑިޔުކޭޝަން

 

ޑރ. މުސްޠަފާ ލުތުފީ

އެމް.ޑީ.ޕީގެ އެޑިޔުކޭޝަން ކޮމިޓީގެ ޗެއަރ، ކުރީގެ އެމް.އެން.ޔޫގެ ޗާންސެލަރ، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން

ޝެޑޯ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން

 

މުޙައްމަދު ޝިފާޒު

އެމް.ޑީ.ޕީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު

ޝެޑޯ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް

 

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ

އަދާލަތު ޕާޓީގެ ފައުންޑާރ، ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

ޝެޑޯ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

 

އަލްއުސްތާޛް ޙަސަން ލަޠީފް

ކުރީގެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ހިޔުމަން ރިސޯސަސް، އެމް.ޑީ.ޕީގެ ހެންވޭރު އުތުރު ދާއިރާގެ ރައީސް

ޝެޑޯ މިނިސްޓަރ އޮފް ސިވިލް ރައިޓްސް

 

ގައިސް ނަސީރު

އެމް.ޑީ.ޕީގެ މެމްބަރު

ޝެޑޯ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން

 

އިބްރާހީމް އަމީރު

އެމް.ޑީ.ޕީގެ އިކޮނޮމިކް ކޮމިޓީގެ ޑެޕިއުޓީ ޗެއަރ

ޝެޑޯ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ފައިނޭންޝަލް އެގްރީމަންޓްސް، ފިޝަރީޒް އެންޑް އެގްރީކަލްޗަރ

 

ޝިދާތާ ޝަރީފް

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ

ޝެޑޯ މިނިސްޓަރ އޮފް ހެލްތު، ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑަރ

 

މުޙައްމަދު މަލީހް ޖަމާލް

ކުރީގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް

ޝެޑޯ މިނިސްޓަރ އޮފް ރިޒޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް

 

އަލީ ނިޔާޒް

އެމް.ޑީ.ޕީގެ ޑެޕިއުޓީ ޗެއަރޕަރސަން، ކުރީގެ އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު

ޝެޑޯ މިނިސްޓަރ އޮފް އިލެކްޝަންސް ކޮމިޝަން އެންޑް އިންޑިޕެންޑެންޓް ކޮމިޝަންސް

 

އަލްއުސްތާޛް ހުސައިން ޝަމީމް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރެލްގެ ނައިބު

ޝެޑޯ މިނިސްޓަރ އޮފް ކޮންސްޓިޓިއުޝަނަލް ރިފޯމް

 

އަޙްމަދު މަހްލޫފް

ރައްޔިތުންގެ މެޖިލިހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު، ކުރީގެ ޕީޕީއެމް ސްޕޯކްސްޕަރސަން

ގުޅިފައިވާ އިއްތިހާދުގެ ސްޕޯކްސްޕަރސަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.