މިއަދު ރާއްޖެ ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ އާ މަރްޙަލާ އަކާ: ރައީސް މައުމޫން

ފޮޓޯ: ޓުވިޓަރ

މިއަދު ރާއްޖެ މި ކުރިމަތިލަނީ އުއްމީދުން ފުރިގެންވާ އާ މަރްޙަލާ އަކާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދަކީ އާ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކުރައްވާ ދުވަސް ކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި އިބްރާހީމް މުޙައްމަދް ޞާލިޙަށް ތަހްނިޔާ ފޮނުއްވާފައިވެއެވެ. އަދި އިބްރާހީމް މުޙައްމަދް ޞާލިޙްގެ މަސައްކަތްޕުޅުގަިއ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އިބްރާހީމް މުޙައްމަދް ޞާލިޙްގެ ރިޔާސީ ދައުރު މިއަދު ފެށޭ އިރު އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ރައީސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އުފެދުނު ކޯލިޝަން އިން ކުރެއްވި މަސައްކަތުންނެވެ. ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިތުރު ލީޑަރުންނަކީ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދﷲ އާއި އެމްޑީޕީގެ ރައީސް މުޙައްމަދް ނަޝީދް އާއި ޖުމްހޫރީ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެވެ.

އިބްރާހީމް މުޙައްމަދް ޞާލިޙްގެ ސަރުކާރަށް މަޝްވަރާ އަރުވާނީ ކޯލިޝަންެ ހަތަރު ލީޑަރުން ކަމަށް އެބޭފުޅުން ވަނީ ބުރާސްފަތި ދުވަހު މީޑިއާއަށް ހާމަކުރައްވާފައެވެ. މަޝްވަރާ އެރުވި ނަމަވެސް ކަންކަން ނިންމަވާނީ އިބްރާހީމް މުޙައްމަދް ޞާލިޙް ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދް ޞާލިޙް ރައީސުލްޖުމްހޫރިއްޔަގެ ހުވައި ކުރައްވާ ރަސްމިއްޠަތު ފެށިގެންދާނީ މިއަދު ހަވީރު 5 ޖަހާއިރުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.