އެމީހަކު ބޭނުންވާ ގޮތަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް: ރައީސް މައުމޫން

ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުންވާ ގޮތަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ޕްރެޒިޑެންތް އިލެކްޓް އިބްރާހީމް މުޙައްމަދް ޞާލިހް އާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ފިކުރެއްގައި ހުއްޓަސް އެންމެންނަށް ވެސް ތަންދީ އެންމެންގެ ފިކުރަށް އިޙްތިރާމް ކުރަންވާނެ ކަމަށެވެ. އަދި ކޮންމެ ފިކުރެއްގައި ހުއްޓަސް އެފިކުރުގެ ސަބަބުން އެމީހަކަށް އަނިޔާ ނުވާގޮތަށް ރަޙްމަތްތެރި ކަމާއެކު ކަންތައް ކުރަންވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެންމެންގެ ފިކުރަށްވެސް އިހްތިރާމް ކޮށްގެން ކޮންމެ މީހަކު ކޮންމެ ފިކުރެއްގައި ހުއްތަސް އެފިކުރުގެ ސަބަބުން އެމީހަކަށް އަނިޔާ ލިބިގެން ނުވާނެ. އެއީ ދިވެހީންގެ ޙައްޤެއް. ޤާނޫން އަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް. ކޮންމެ ދިވެހި ރައްޔިތަކުވެސް އެމީހަކު ބޭނުންވާ ފިކުރެއް ގެންގުޅުމާ އެމީހަކު ބޭނުންވާ ގޮތަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ޤާނޫން އަސާސިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް." ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވި އެބޭފުޅުން (އިއްތިހާދުން) ބޭނުންވަނީ އެ ޙައްޤު ދެމެހެއްޓުމަށް ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އިންސާފުވެރި، ހަމަޔާއި، ޢަދުލުން، ކަންތައްކުރާ، އަދި އެންމެންނަށް ހަމަހަމަ ގޮތުގައި ފުރުޞަތު ލިބިދޭ، އެންމެން އަމާންކަމާއި، އޮމާންކަމާއި، އަދި ރަޙްމަތްތެރި ކަމާއެކު އުޅެވެ މުޖްތަމައެއް ބިނާކުރުން. ދިވެހި ރައްޔިތުންނަކީ އެއްބައެއް. އަޅުގަނޑުމެން ބޭނުމެއް ނޫން ތަފާތު ކުރާކަށް"، ރައިސް މައުމޫން ވިދާޅުވިއެވެ. އަދި އެއްބަސްވާނީ ހުރިހާ އެންމެންނަށްވެސް އެއްވަރުގެ ޙައްޤުތައް ލިބިދޭން ކަމަށާއި ކުރިއަށް ދެވޭނީ އެމީހެއްގެ އަމިއްލަ މަސައްކަތުން ކުރިއަށްދާން ޙައްޤުވާ މީހާ އަށް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، "އެއްބަސްވާނީ ހުރިހާ އެންމެންނަށްވެސް އެއްވަރުގެ ހައްގުތަކަށް ލިބިދޭން. އޭގެ ތެރެއިން ކުރިއަށްދެވޭނީ ވެސް އެމީހެއްގެ އަމިއްލަ މަސައްކަތުން ކުރިއަށްދާން ހައްގުވާ މީހާ. ވަކި ޕާޓިއަކަށް ނިސްބަތްވާތީ ވަކި މީހެއްގެ ރަހްމަތްތެރިއަކަށްވަތީ ނުވަތަ ވަކި މީހެއްގެ ތިމާގެ މީހަކަށްވާތީ ކުރިއަށް ދެވިގެނެއް ނުވާނެ. މިގޮތަށޤ ކަންތައް ކުރަން އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ވިސްނައިގެން."

މައުމޫން ވަނީ އިބްރާހީމް މުޙައްމަދް ޞާލީހް އަށްވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އިބްރާހިމް މުޙައްމަދް ޞާލީޙް އަކީ މެދުކެނޑުމެއް ނެތި 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގކުރައްވައި މައުމޫން ވިދާޅުވީ އެމުއްދަތުގެ ތެރޭގައި އެއްވެސް އުނި ސިފައެއް ފެނިފައިނުވާ ކަމަށެވެ. އަދި އެއީ ވަރަށް ގާބިލު ނަޒާހަތްތެރި ބޭފުޅެއްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ކޯލިޗަން ދަމަހައްޓަވައި ކޯލިޝަން ބޭނުންވަ ގޮތަށް ހަމަޔާއި، އިންސާފުން. އަދުލުވެރި ކަމާއެކު، ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އިބްރާހީމް މުޙައްމަދް ޞާލިޙް މިއަދު ދެއްވިކަމަށް ވެސް ރައީސް މައުމުން ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.