"ސަރުކާރުގެ ކާމިޔާބީގެ ވާހަކަ ދެއްކޭކަށް ނެތް" – ރައީސް މައުމޫނު

މިހާރު ދިވެހިރާއްޖޭގައި ގާއިމު ވެފައި އޮތީ ޕީޕީއެމްގެ ސަރުކާރަކަށް ވީ ނަމަވެސް، ސަރުކާރުގެ ކާމިޔާބީގެ ވާހަކަ ދެއްކޭން ނެތަ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފިރުގާއިން ހުޅުވި ޕީޕީއެމް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާދަމަޔަކީ މި ސަރުކާރަށް ތިން އަހަރު ފުރޭ ދުވަސް ކަމަށް ވީ ނަމަވެސް، މިހާރު ފެންނަމުން ދަނީ ސަރުކާރުން ޑިމޮކްރަސީއާ ޚިލާފަށް ކަންތައްތައް ކުރަމުން ގެންދާތަން ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ. މިސާލެއެްގެ ގޮތުން އިދިކޮޅު ޕާޓީގެ ލީޑަރުން ހައްޔަރު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުން ފަދަ ކަންކަން ސަރުކާރުން ކުރަމުން ގެންދާ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މި ފަދަ ވާހަކަފުޅުތަކެއް މީގެ ކުރީންވެސް އެ މަނިކުފާނު ވަނީ ދައްކަވައިފައެވެ. އެހެންނަމަވެސް ޕީޕީއެމްގައި މިހާރު އޮތް ރައީސް ޔާމީންގެ ފިރުގާއިން މި ވާހަކަފުޅުތައް ދޮގު ކުރެއެވެ. އެ ފިރުގާގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ތަރައްގީއަށް ހުރަސް އެޅި، ގައުމު ހަލަބޮލިވެ، ނުރައްކާތެރިކަން އިތުރު ވެގެންދާ ފަދަ ކަންކަން ހުއްޓުވާށެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ކިތަންމެ ބޮޑު، ކިތަންމެ އިސް ބޭފުޅަކަށް ވިޔަސް، ޖިނާޢީ ކުށެއް ކޮށްފި ނަމަ އެ ކުށަކާ އެކަށީގެންވާ އަދަބަކާ ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެއެވެ.

ޕީޕީއެމްގައި ދެ ފިރުގާއެއް އުފެދި، ވަކިން ދެ ފިރުގާ ހިންގަމުން ގެންދަނީ ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމާ ހަވާލު ކުރުމާ ގުޅިގެންނެވެ. އެ ޙުކުމް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.