ކައުންސިލުން މިދަނީ ރައްޔިތުންގެ ޙާލު ބަލަމުން: ޔަސްރިފް

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.

ރެއިން ފެށިގެން އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ބައެއްގޭގެ ފަރުނީޗަރާއި އެހެނިހެންވެސް ބައެއް ސާމާނަށް ވަނީ ގެއްލުންވެފައެވެ.

"ކައުންސިލުން މިދަނީ ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް މީހުންގެ ޙާލުބަލައި ރިޕޯޓުތައް ހަދަމުން. މަސައްކަތް މިކުރަނީ ހައުސިން މިނިސްޓްރީއާއި އެމްއެންޑީއެފާއި، ޕޮލިހާ ގުޅިގެން. އެފަރާތްތަކުގެ އެއްބާރުލެއްވުން ވަރަށްބޮޑަށް ލިބެމުންދޭ،" ޔަސްރިފް ވިދާޅުވިއެވެ.

ޔަސްރިފް ވިދާޅުވީ އޮފީސްތަކުގެ ކުދިން ނުކުމެ ގެއްލުން ލިބިފައިވާ ގެތަކަށް ޒިޔާރަތްކޮށް ރިޕޯޓުތައް ނަގަމުންދާ ކަމަށެވެ. މިހާތަނަށް ހިތަދޫ ދެކުނު ދާއިރާއިން އެކަނިވެސް 15 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

މި ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދުއާއި، މަރަދުއާއި، ފޭދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފުން މިހާރުވެސް ގެންދަވަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.