އައްޑޫސިޓީއަށް ބެހުމަށް ހަމަޖެހިފައިވަނީ 700 ހެލްމެޓު

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ސަރުކާރުން ފަށައިފައިވާ ޕްރޮގްރާމުގެ ދެވަނަބައި އައްޑޫ ސީޓީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

މި ޕްރޯގްރާމުގެ ދަށުން އައްޑޫ ރައްޔިތުންނަށް ހެލްމެޓު ހަދިޔާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެއެވެ. އައްޑޫއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ 700 ހެލްމެޓެވެ. މި ޕްރްގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެޕްރީލް 15 ވަނަ ދުވަހު ހުޅުވައިލެވޭނެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓުގައި އެފުރުސަތު ހުޅުވާލުމުން ނަންނޯޓު ކުރެވޭނީ ވެސް 700 މީހުންނަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެއަށްވުރެއިތުރަށް ސިސްޓަމް މެދުވެރިކޮށް ނަންނޯޓު ނުކުރެވޭނެއެވެ.

ހެލްމެޓު ހަދިޔާ ކުރާނީ މަގުމަތީގައި ހިންގާ ދެ ގަޑިއިރުގެ ތަމްރީން ފުރިހަމަކުރާ މީހުންނަށެވެ. ޓްރާންސްޕޯޓުން ވިދާޅުވެފައިވަނީ އެއީ ދުއްވުމުގައި ހިފަހައްޓަންޖެހޭ މަގުމަތީ އަޚުލާގާއި، ދުއްވުމުގެ ހުނަރާއި، ރައްކާތެރި ކަމާއެކު ދުއްވާނެ ބާރަށް ދުއްވުމަކީ އެކްސިޑެންޓުތަކަށް މަގުފަހިވާނެ ކަމެއްކަން ބުނެދީ ދުއްވުގެ ޤާބިލްކަން އިތުރު ކުރުމަށް ބާއްވާ ތަމްރީނެކެވެ.

ދެގަޑިއިރުގެ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނަށް އެކަންޏެވެ. މީގައި ބައިވެރިވާން ނަންނޯޓު ކުރާ މީހުންނަށް ތަމްރީން ބާއްވާނެ ތާރީޚާއި ގަޑި އަންގާނެ ކަމަށް ވެސް ޓްރާންސް ޕޯޓުން ވިދާޅުވެފައިވެއެވެ. މި ޕްރޮގްރާމް ހިންގާނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.