އައްޑޫ ސިޓީގެ ފަސް އަވަށެއްގެ ފެންހިންދާ ނިޒާމް ފަރުމާ ކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފި

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށްޓަކައި ޑިޒައިންކުރުމުމުގެ މަސައްކަތާއި އީ.އައި.އޭ ހެދުމުގެ މަސައްކަތް މިއަދު އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކޮށްފިއެވެ.

އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ޙަވާލުކުރެއްވީ 2 ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެ މަސައްކަތަށް ދެ މިލިއަން ހަހާސް ދުއިސައްތަ ދެރުފިޔާ ފަސްދޮޅަސް ދެލާރި ޚަރަދުވެއެވެ. މިފައިސާ ޚަރަދުކުރާނީ ދައުލަތުގެ ބަޖެޓުންނެވެ. މަސައްކަތް ނިންމަން ޙަވާލުކުރައްވާފައިވަނީ ސޮއި ކުރެވޭ ތާރީޚުން ފެށިގެން 4 މަސް ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީން ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީ ފޭދޫއަވަށުގައި ވަނީ  ފެންހިންދުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ކަމަށެވެ. "މިމަޝްރޫއުއަށް 22މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްފައި،" މިނިސްޓްރީން ވިދާޅުވިއެވެ.

އައްޑޫ ސިޓީއަކީ ޒަމާނުއްސުރެން ފެންބޮޑުވާ ސިޓީއެކެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެކަން ޙައްލު ކުރުމަށް އެޅި ވަރަށްމުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން މީހުންނަށާއި ގޯތިގެދޮރާއި މުދަލަށް ވަރަށްބޮޑަށް ގެއްލުންވެއެވެ. އެގޮތަށް ކަންދިމާވުމަކީ ދެމެހެއްޓެނެވި ތަރައްޤީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ނުހަނު ބޮޑު ގޮންޖެހުމެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިކަމަށް އެދެވޭ ޙައްލެއް ހޯދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ވިދާޅުވިއެވ.

މިމަޝްރޫޢުގެ ސަބަބުން އައްޑޫސިޓީގެ ތަރައްޤީއަށް ފައިދާ ކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އައްޑޫސިޓީގެ ރައްޔިތުން ސަލާމަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.