މާޒީ: ކޮށާ ހިމުންކުރާ ދިވެހި ޤާނޫނާއި އަތަށް ހެޔޮވަރު ކުރާ ދިވެހިންގެ ދީން

އަނެއްކާވެސް އާ ސަރުކާރެކެވެ. އިސްވެ އޮތީ އެމްޑީޕީ އެވެ. އިތުރު ތިން ބަޔަކާ ކޯލިޝަންވެގެންނެވެ. މީގެ ތެރެއިންކޮންމެ ބައިވެރިއެއްގެ ޢަމަލުތައް ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ. ޚާއްޞަކޮށް ލޭބަލް ކުރެވިގެން ދިޔަ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރެވެ.

އެމްޑީޕީ ވުޖޫދަށް އައީ ޢަދްލު އިންސާފު ޤާއިމް ކުރުމުގެ ހުވަފެން ދިވެހިންނަށް އެކިގޮތްގޮތަށް ދައްކައިގެންނެވެ. ރައީސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ޚިޔާނާތަށް ދެން ދޫދީގެންނެއް ނުތިބެވޭނޭ ބުނެ އެކަމާ ދެކޮޅަށް ހަރުއަޑުން އަޑު އުފުލައިގެންނެވެ .ބަދަލަކަށް ބޭނުންވެފައިތިބި ދިވެހިން އެމްޑީޕީގެ ސަރުކާރަށްވެސް ، ފުރުޞަތުދިނީ ޢަދްލު އިންސާފު ކަށަވަރުކުރަން ބޭނުންވެގެންނެވެ .ޢަދްލު އިންސާފަކީ ދިވެހިންނަށް އެއްވެސް ޒަމާނެއްގައި ލިބިފައި ނެތް އެއްޗަކަށްވާތީ އޭގެ ފޮނި މީރުކަން ހޯދުމުގެ ނިޔަތުގައެވެ. އެމްޑީޕީއަކަށްވެސް އެކަމެއް ނުކުރެވުނެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ލިޔެވި އެއަށް ޢަމަލު ކުރަން ފެށުނީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި މީލާދީ ސަނަތުން 1932 ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން އައި ރަސްރަސްކަލުންގެ ވެރިކަމުން ފެށިގެން ޢަދްލު އިންސާފަކީ ވެރިކަން ކުރާ ފަރާތުން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޤާނޫނު ލާޒިމުކުރާ ޙައްޤެކެވެ. އެހެން ނަމަވެސް ، އެ ޢަދްލު އިންސާފު އެއްވެސް އިރެއްގައި ރައްޔިތުންނަށް ލިބިދީފައި އެބަ އޮތް ހެއްޔެވެ ؟ މިދައްކަނީ މި ލޮބުވެތި ވަތަނުގެ މަތިވެރި ޤަދަރުވެރި އަބްތާލުންގެ ވާހަކައެއް ނޫނެވެ. ޢަލިރަސްގެފާނާއި އުތީމު ބޮޑުތަކުރުފާނުގެ ވާހަކައެއް ނޫނެވެ. ބައެއްވެރިންގެ އަމިއްލަ ޒާތުފުޅުގައި އަނިޔާއާއި ބޭއިންޞާފުނެތް ނަމަވެސް އެބޭބޭފުޅުންގެ ވެރިކަމުގައިވެސް އަރިހު ބޭކަލުންގެ ފަރާތްޕުޅުން އަނިޔާ އާއި ބޭއިންސާފު ނުފެނި ގޮސްފައި ވެދާނެކަމަށް ޤަބޫލު ކުރެވޭވަރަށްވުރެ ، މި ޤައުމުގައި އެކަންކަމުގެ ޘަޤާފަތު އަށަގެންފައި އޮތްލެއް ބޮޑުކަމަށް ޤަބޫލުކުރާ ބަޔަކުވެސް ތިބެދާނެއެވެ. ކޮންމެއަކަސް ޢަދްލު އިންޞާފަކީ ދިވެހިންނަށް ނުހަނު ބޭނުން އެއްޗެކެވެ. އެހެނަސް އެމީހުންނަށް އެއީ މާވަހަރެއްފަދަ ތަދު އެއްޗެކެވެ

ޢަދްލުވެރި ވެރިކަމެއް ކޮށްފައި ރިވެތިގޮތުގައި ވެރިކަމުން ފޭބި ވެރިޔެއްގެ ވާހަކަ ހަމަގައިމުވެސްފަހުގެ ދިވެހި ތާރީޚުން ފެންނާކަށް ނެތެވެ. އޮޅުވާ ނުލައްވައްޗެވެ. އަޅުގަނޑު މިދައްކަނީ ވެރިކަމުން ދުރުވުމުގެ މަޤްޞަދުގައި ވެރިކަމުން ފޭބިވެރިއެއްގެ ވާހަކަ އެވެ. ރަސްރަސް ކަލުންނާއި ރައީސުން ވެރިކަމުން ދުރުވާ ހިނދު ނުވަތަ ވެރިކަމުން ބާލާ ހިނދު ، ދެން ކަން ހިނގަމުން އައިގޮތްތައް ދިވެހި ތާރީޚުގައި ފިސާރި ރީތިކޮށް އެހެރީ ފެންނާށެވެ. އެއިން ކޮންމެ ހާދިސާއަކަށް ނަޒަރު ހިންގާލިޔަސް އަނިޔާވެރިކަމާއި ވަށްކަމާއި ފަސާދަ އާއި ޚިޔާނާތުގެ ވާހަކަ އާދެއެވެ. ޢަދްލު އިންސާފު ޤާއިމް ކުރެވިފައި ނެތިގެން ގެއްލިފައިވާ ރައްޔިތުންގެޙައްޤުތަކުގެ ވާހަކަތައް ދެކެވެއެވެ. ބޭނުން ގޮތަކަށް ބޭނުން ކަމެއްކޮށް ، ވަކިބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންކުރަން ދީ އަދި ވަކި ބަޔަކަށް ، ރައްޔިތުންގެ މުދަލާއި މާލިއްޔަތު ބަހާފައިވާ ކަމުގެ ވާހަކަތައް ދެކެވެއެވެ. ޝަރުޢީ ނިޒާމަށް ، ބޭނޭނެ އެންމެ ފުނަކަށް އަތް ބާނައި ، ޢަދްލު އިންސާފަކީ ވެރިމީހާ ބޭނުންވާ ގޮތް ކަމަށް ބަލައިގެން ވެރިކަން ހިންގާ ކަމުގެ އިލްޒާމް ކޮންމެ ވެރިކަމަކަށްވެސް އަމާޒު ކުރެވެއެވެ. ރަނގަޅު އެތައް ކަމެއް ، ކޮންމެ ވެރިކަމެއްގައިވެސް ކޮށްފައި އެބަހުއްޓެވެ. އެކަމަކު ޢަދްލު އިންސާފު އެއީ އެންމެންނަށް ހަމަހަމަކޮށް އެއްވެސް ވެރިކަމެއްގައި ލިބިފައިވާ އެއްޗެއްކަން ފެންނާކަށް ނެތެވެ.

ޢަދްލު އިންސާފު ޤާއިމް ކޮށް ކަށަވަރު ކުރުމަށްޓަކައި ވެރިކަމުގެ ފަރާތުން ހިންގަންޖެހޭ ޤާނޫނުތައް ހަދަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މަޖިލީހުން އެ ޤާނޫނުތައް ހަދަނީ ވެރިކަމުގެ ބާރުން ބޭނުްންވާ ގޮތަކަށެވެ. ބޭނުން ނުވާ ގޮތަކަށް އޮވެއްޖެ ޤާނޫނެއްނަމަ ކޮށާ މަށާ ވެރިމީހާ ބޭނުންވާ ގޮތަކަށް އެ ޤާނޫނެއް ހެޔޮވަރު ކޮށްލައެވެ. ނުވަތަ އެ ޤާނޫނެއް އެއޮންނަ ގޮތަކަށް ބާއްވައިގެން އެއަށް ޢަމަލުނުކޮށް ދޫކޮށްލައެވެ. ވެރިކަމުން ، އެ ޤާނޫނެއް މާނަކުރާގޮތަކަށް މާނަކޮށްގެން ، އޭގެ ބޭނުންވެސް ކުރެއެވެ. އެކަމާ އިދިކޮޅުވާ ބަޔަކު ތިބޭނަމަ އެއްކޮޅުވާނެ ހުރިހާކަމެއް ވެރިކަމުގެ ބާރުން އެބަޔަކަށް ފުއްދައި ދެއެވެ. ވެރިކަން ކުރަން އުނދަގޫ ޤާނޫނެއް އޮތްނަމަ ، އެޤާނޫނެއް ކޮށާ މަށައި ހިމުން ކުރެއެވެ. ފެހި ޤާނޫނު ކަމަށްވިޔަސް ނުވަތަ ނޫ ޤާނޫނު ކަމަށްވިޔަސް އެކަން އޮތީ އެގޮތަށެވެ

ރައީސް ނަޝީދުގެ ވެރިކަމުގެ ކުޑަދުވަސްކޮޅެއްފިޔަވައި މަޖިލީހުގެ މުޅި ތާރީޚުގައި ، ރައްޔިތުންގެ މަޖިލީހުގެ ބަސް ނުވަތަ ރައްޔިތުންގެ އަޑު އޮތީ ވެރިމީހާގެ އަނގައިން ނުކުންނަންޖެހޭ އެއްޗަކަށް ވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޝިޢާރު ކަމުގައިވާ ، މަޝްވަރާގެ އުޞޫލުން ކަންކަން ނިންމުމަކީ ހުވަފެނެކެވެ. ޝިޢާރު ހުންނަނީ ބޯމަތީ އެލުވާފައެވެ.އެތާ އެތެރޭަގަ ތިބޭ އެއްވެސް މީހެއްގެ ސިކުނޑިއާ ހަމަޔަކަށް އޭގެ އަސަރެއް ނުފޯރައެވެ. އެމީހުންނާ ހަމަޔަކަށް އެއެއް ތިރިއެއް ނުވެއެވެ. އެތަނަކީ ވަރަށް ފަހަކާ ޖެހެންދެން ، ރައްޔިތުން ވޯޓުލައިގެން ހޮވިޔަސް ، ވެރިމީހާ ބޭނުން ނޫން މީހަކަށް ވަދެވޭ ތަނެއްނޫނެވެ. ވޯޓުގެ ނަތީޖާ އެއްކޮށް ކަނޑާ ގުނަކޮށް ގެއްލައިގެން ނުވަތަ ވެރިކަމުގެ ނުފޫޒުން އެތަނަށް ވަންނަން ހޮވާނީ ވަކި ބަޔެކެވެ. އެކަންވެސް ތަރައްޤީ ވެގެން ގޮސް މިހާރު އެތާ އެތިބެނީ ، ތިމާގެ އަމިއްލަ މުއްސަނދިކަމުން ، ނުވަތަ މުއްސަނދި މަހުޖަނަކު ދިނީމަ ނުވަތަ ޕާޓީއެއްގެ ތެރެއިން ލާފަ ކަމަށް ވިޔަސް ، ރުފިޔާ ޚަރަދުކޮށްގެން ރުފިޔާ ހޯދަން ވަދެ ތިބޭ ބަޔެކެވެ. ބީލަމުގެ އުޞޫލުން ތިމަތިމާމެންގެ އަމިއްލަ ނަފްޞު ވިއްކައިގެން ރުފިޔާ ހޯދާވެސް އެތައް ބަޔެކެވެ

އެތަނަށް ވަދެވޭ ބައެއް މީހުންނަށް ، އަދި އޭގެ އިތުރަށް ނަޞީބު ގަދަ ބައެއް މީހުންނަށް މިނިސްޓަރުކަން ދީފަ މާލެއިން ގޯތިދޭނެއެވެ. ހަމަ އެއާއެކު ވެރިމީހާގެ ދީލަތި އެހީއެއްގެ ދަށުން ގެއަޅަން ސަރުކާރުން ލޯނު ދޭނެއެވެ. މިކަމަށް ވެސް ޒަމާނީ ތަރައްޤީ އައިސް މިހާރު ދޭނީ ނިންމާ ފައްކާކޮށްފައި ހުންނަ އެޕާޓްމަންޓްގެ ތަޅުދަނޑިއެވެ. ތަފާތަކީ ކޮބައިތޯއެވެ ؟ އެބައިމީހުންނަށް ، މާލެއިން ފިހާރަ ފިހާރަ އާއި އަތޮޅުތަކުން ފަޅުރަށްވެސް ލިބޭނެއެވެ. “ ނަޞީބު ރަނގަޅިއްޔާ “ އުފަންދުވަހުގެ ހަދިޔާއަކަށްވެސް ފަޅުރަށެއް ލިބިދާނެއެވެ. ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ކުރިމަތިލީމަ ގޮތް ނޭނގޭ ގޮްތްގޮތަށް އެޕްރޮޖެކްޓެއް ލިބުން ފަސޭހަ ވާނެއެވެ. ސަރުކާރުގެ ކުންފުނިތަކުން ބޭނުންވާ ކަންކަން ފުއްދައިލެވޭ ވަރަށް އަތްބޭނޭނެއެވެ. ދާއިރާގެ ވަޒީފާތައް ވަކިބަޔަކަށް ދޭނެ ފުރުޞަތު ލިބޭނެއެވެ. މިވަނީ ކީއްކަން ނޭނގި ، ބީއެމް ޑަބްލިޔޫ ކާރާއި އޮޑިދޯނި ފަހަރާއި މާލެއިން އަގުބޮޑު ބިންތައް ގަނެވޭނެއެވެ އިންސާނުންގެ ތެރެއިން ޢަރަބީން މާތްކުރެއްވުން ފަދަ ނަޞީބުގަދަ ކަމެކެވެ. ބަދަލުގައި އެމީހަކު ކުރަން ޖެހޭނެހާވެސް ކަމަކީ ، ވެރިކަމުގެ ފަރާތުން އަޑުގަދަ ކުރަން ޖެހޭ ތަނެއްގައި ނުވަތަ ކަމެއްގައި އަޑުގެ ނެތްތަނަށް ކަރުން ނާރު ފުއްޕާފައި ހަޅޭއްލެވުމެވެ.

އެކަމަކު ، ޢަދްލު އިންސާފަކީ ހަމަ މިއީބާވައެވެ. އެލަވާ ހަޅޭކާއި ގޮވާ އެތިވަރުތަކުގައި ޢަދްލު އިންސާފުގެ ވަސް ނުހުންނަ ތާނގައި ހަމައެއް ލަމައެއްވެސް ހަމަ ނުހުންނަނީއެވެ. މިވެރިން އިހަކަށްދުވަހު މިގެނައި ، އަޑުގަދަމީހާ ރުށްގިނަވާ ، އަދި ތެޅިވަރަކަށް އަޑުގަދަވާ “ ޓައްޕު “ ނިޒާމުގައި އެއްކަލަ ޙުރުމަތްތެރިވެގެންވާ މަޖިލީހެކޭ ލޮނުޒިޔާރަތްކޮޅު ދުނގެތި ވަލެކޭ އެއްފަދައެވެ. ތިމާ މީހާވެސް ހިތުން ރުހުމުން ވޯޓުދީގެން ތިމާމީހާ ކިޔަމަންވާން ޖެހޭ ވެރިންގެ މައިންބަފައިންނާ ބެހި ރޯ އަވަގުރާނަވެސް ގޮވެނީއެވެ. ބައެއް މީސްމީހުންނަށް ވާގޮތެކެވެ. ތިމާމެން އަމިއްލަޔަށް ގެނައި ޑިމޮކްރަސީއޭ ކިޔާ ނިޒާމެއްގައި ތިބެ އެނިޒާމުން ބޭރުވެވޭ އިރުވެސް ، އުނުގައި އޮންނަ ފޮށާ ބޭލޭ އިރުވެސް ނޭނގެއެވެ. އިންސާނުންގެ ދަރަޖައިން ޙައިވާނުންގެ ތެރެޔަށް ތިމާމެންނަށް ދެވޭއިރުވެސް ރެޔަކާ ނުލައެވެ.

ހަނދާންވަނީ ކުމުންދޫ މީހުންގެ ގާކޮޅުގެ މަތިންނެވެ. އެތާ އެތެރެޔަށް ވަދެ ތިބޭ އިރު ޤާނޫނެއް ޤަވާޢިދެއް ނުހިނގައެވެ. އިސްލާމްދީނުގެ އަޞްލު އުޞޫލަކާ ޚިލާފު ނުވާނަމައެވެ. އެކަމަކު އެކަންވެސް ކުރެވޭނީ އެ އުޞޫލުތައްވެސް އެނގޭނަމަ ތާއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ޒަމާނީ ބަދަލުތަކުން ، ޑިމޮކްރަސީއޭ ކިޔާ ނިޒާމެއްގެ ދަށުން ، ރާއްޖޭގައި ވެރިކަން ކުރަން މިހާރު އެއްވެސް މީހަކަށް ރައްޔިތުން ފުރުޞަތު މިދެނީ ވެރިކަން ކުރަން ކުރިމަތިލާ މީހާގެ ފަރާތުން ވަޢުދުތަކެއްވެ ، ރައްޔިތުން އެ ވަޢުދުތައް ޤަބޫލުކޮށް އެމީހަކާ ވެރިކަން ޙަވާލު ކުރުމުންނެވެ. އޭގެ ތެރޭގައި ، މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ، ޢަދްލު އިންޞާފަށް ވެރިކަން ކުރުން ހިމެނެއެވެ.

އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގައި ވެސް ، ހެޔޮބަދަލުތަކެއް އައެވެ. ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރިއެވެ. މާތްވެގެންވާ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ، ދީނީ މިނިވަންކަން ހުޅުވާލިއެވެ. އެކަމަކުވެސް ޢަދްލު އިންސާފު އޮތީ ހަމަ އޮތް ތާނގައެވެ. އެއެއް ދިވެހި ރައްޔިތުންނަކަށް ، ހަމަހަމަ ގޮތެއްގައި ހޯދައެއް ނުދެވުނެވެ. ޤާނޫނެއް އަދި ނިޒާމެއް ނެތިގެން އެކަން ނުކުރެވިގެންނެއް ނޫނެވެ. އެހެންވެސް ރަސްރަސް ކަމާއި ވެރިކަން ފަދައިން ، ޢަދްލު އިންސާފު ހޯދައިދޭނެ މީހުން ނެތިގެންނެވެ. އެއަށްވުރެ އަމިއްލަ އެދުން ބޮޑު މާއްދިއްޔަތަށްގޮސް ހުސްވެފައި ތިބި ބަޔަކު ވެރިކަމުގައި ތިބުމުގެ ސަބަބުންނެވެ. އަދި ރައްޔިތުން ވޯޓުލައިގެން “ހެޔޮ ވެރިކަމެއްކުރަން” ހޮވި ވެރިމީހާއަށް އޭނާގެބެލުމުގެ ދަށުން ، ރައްޔިތުންނަށް ޚިދުމަތްކުރަން އޭނާ ޢައްޔަންކުރި މީހުންގެ މައްޗަށް ބާރު ނުފޯރުވިގެންނެވެ. ނުވަތަ ބާރު ފޯރުވައިގެން ، ރައްޔިތުންނަށް ޢަދްލު އިންސާފު ހޯދައިދޭން ބޭނުން ނުވެގެންނެވެ.

މިލިޔުމުގެ އަސްލު މިއުފެދެނީ މިހިސާބުންނެވެ. ކޯލިޝަންގެ އާ ސަރުކާރުން ކީއްކުރަންބާއޭ މިއުޅެނީ ؟ އިސްލާމްދީނުގެ އަސްލު އުސޫލުތައް ހިފަހައްޓާނެ ބާވައެވެ ؟ ދީނީގޮތުން ރާއްޖޭގައި މިހާރު އުފެދެމުންދާ ޚިޔާލު ތަފާތުވުންތައް ނައްތާލާނެ ބާވައެވެ ؟ ހަމަގޮތެއްގައި ރައްޔިތުންގެ މެދުގައި ޢަދްލު އިންސާފު ކަށަވަރު ކޮށްދޭނެ ބާވައެވެ ؟ މި ސުއާލު ނުއުފެދެންވީ ސަބަބެއް ނެތެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީޚިޔާލު ފާޅު ކުރުމާއި ނަޞޭޙަތް ދިނުން އޮތީ ހިފެހެއްޓިފައެވެ. ދީނީ ޚިޔާލު ތަފާތު ވުމަކަށް އަދި މަޛުހަބީ ތަފާތަކަށް އެމަނިކުފާނު ޖާގައެއް ނުދެއްވައެވެ. އެހެން ނަމަވެސް ، ރައީސް ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރު ފެށުމާއެކު ދީނީ މިނިވަންކަމަށް ކުރިން އެޅިފައިވާ ހުރަސްތައް ނައްތާލެއްވިއެވެ. މިހާރު ރާއްޖޭގައި އުފެދިފައިވާ ދީނީ ތަފާތުތަކަށް ފުރުޞަތު ހުޅުވިގެން ދިޔައީ މިހިސާބުންނެވެ. މަޛްހަބީ ތަފާތުތައް އުފަންވެގެން ދިޔައީވެސް މިހިސާބުންނެވެ. ދީނީ ޙުކުމްތައް އެކިގޮތަށް ނެރެވެން ފެށީވެސް މިހިސާބުންނެވެ. ތިމާ އެތަނެއްގައި އިނދެ ނެރޭ ދީނީ ޙުކުމްތަކަށް ޚުދުތިމާމީހާ ތަބާ ނުވާހސާބަށް ކަންކަން ދިޔައީވެސް މިހިސާބުންނެވެ. ސަރުކާރުން ވަކިގޮތަކަށް ޢަމަލުކުރަން އަންގާ ދީނީކަންކަމަށް ޚުދު ދީނީ އިމާމުން ކިޔަމަން ނުވާ ހިސާބަށް ދިޔައީ ވެސް އެހިސާބުންނެވެ. މިއީ ހަމަ މި ކުޑަކުޑަ ޤައުމުގައި އެކަން އޮންނަންވީ ގޮތް ބާވައެވެ؟

ދީނީ ޢިލްމުވެރިން އެބޭފުޅަކު ޤަބޫލު ކުރައްވާ ގޮތަކަށް ދީނީ ނަޞޭޙަތް ދެއްވަން ފެއްޓެވިއެވެ. އަޑުގަދަ މީހާގެ ރުށްގިނަވާ އުޞޫލުން ދީނީ ޢިލްމުވެރިންގެ އެކި ޖަމާޢަތްތަކުން ދީނީ ޙުކުމްތައް ނެރުއްވައެވެ. އެބަޔަކު ޤަބޫލުކުރާ ދީނީ ހަމަތައް ޕްރޮމޯޓު ކުރަމުން ގެންދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި ކުޑަ ކުޑަ ދިވެހި މުޖްތަމަޢުގައި ދީނީ ހަމަ އާއި އުޞޫލު އެކި މީހުން އެކިގޮތަށް ޤަބޫލުކޮށް ޢަމަލު ކުރަން ފެށުމެވެ. ކޮންމެ ދީނީ ޢިލްމުވެރިއެއްގެ ، ކޮންމެ ދީނީ ޖަމާޢަތެއްގެ އަދި ކޮންމެ މީހެއްގެ ނަޒަރުގައި އެމީހުން ނުވަތަ އެމީހާގެ ގޮތް އެއީ ދީނީގޮތުން އެންމެ ރަނގަޅު ގޮތެވެ. ސިޔާސީ ކަންކަމުގެ ތެރެޔަށް ދީން ވަންނަން ފަށައިފިއެވެ. ސިޔާސީ ބޭނުންތަކަށް ދީން ހަތިޔާރަކަށް ހެދެން ފެށިއްޖެއެވެ.

މިއީ އާ ސަރުކާރުގެ ކުރިމަތީގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެނީ އިސްލާމްދީނަކީ ކޮންމެ ކޮންމެ ގޮތެއް ވާން ދިވެހިން ދޫކޮށްލާނެ އަސާސެއް ނޫނެވެ. ސުއާލަކީ ، ކޯލިޝަންގެ އާ ސަރުކާރުން މިކަންކަން ޙައްލު ކުރާނީ ކޮންގޮތަކަށް ބާވައެވެ. ދީނީ އެއްބައެއްވަންތަ ކަމަކީ ޒަމާނުއްސުރެ ، ދިވެހިން ފަޚުރުވެރިވާފަދަ ޙާލަތެއްގައި އެކުވެރިވެ އެއްބައެއްވަންތަކަން ޤާއިމްވެފައި އޮތް އަސާސެކެވެ. ހަމައެފަދައިން ޢަދްލު އިންސާފަކީ ދިވެހިން އެކަމަކަށް އިންތިހާއަށް ބޭނުންވެ އެ ހޯދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ އަސާސީ ޙައްޤެކެވެ. ރާއްޖޭގައި ހިންގޭ ވެރިކަމެއްގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި ޢަދްލު އިންސާފަކީ އެވެރިކަމެއްގެ އެންމެ މުހިންމު އަސާސެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ފަރުހާދުއަށް. ލިޔުމުގަ އެބަ އޮތްނޫންތޯ އެއްވެސް ވެރިކަމެއްގައި ޢަދްލު އިންޞާފަކީ ދިވެހިން ދުށް ކަމެއް ނޫންކަމަށް. ފަހަރެއްގައި ފާރޫޤުގެ އެހެން ލިޔުއްވުމެއްގައި ތިވިދާޅުވާ އަނިޔާގެ ވާހަކަވެސް އައިއްސާނެ ނޫންތޯ ؟ އެއް ލިޔުމެއްގައި ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ނުދެވުނީކަމަށްވެސް ވެދާނެ ނޫންތޯ ؟ މިއީ އަޅުގަނޑަށް ފެންނަ ގޮތް.

  2. ޑިމޮކުރަސީއަކީ އިބިލީހުގެ އެއްޗެކެވެ. ރާއްޖެއިން މި ފެންނަނީ އިސްލާން ދީން ދޫކޮއް ހުޅަގުގެ ވިސްނުމައް އެނބުރުމުގެ ނަތީޖާއެވެ. ﷲ ފިޔަވައި އެހެން ފަރާާތަކަށް އަހަރެމެން ސަލާމް ކޮށް ނުދެއްވޭނެއެވެ. ޔާމީން ވިދާޅުވީ ތެދެކެވެ. ރާއްޖެއާ ﷲ އާ ވަކީލެވެ.

  3. ވަރަށް ފައްކާ ލިޔުމެއް. ފާރޫގަކީ އަހަރެން ދަންނަ މީހެއް. ވަރަށް ކެރޭ އިންސާފުގެ ފިކުރުގެ މީހެއް. މި ލިޔުން ފެނުނީމަ ވަރަށް އުފާ ވެއްޖެ.

  4. މިއީ އެއް އަތަކައް ޖެހި ނިމިފަ އޮތް ލިޔުމެއް. ގައުމުގެ އެންމެ ބޮޑު އަނިޔާވެރިޔާގެ ވާހަކަ ލިޔާކަށް ނުކެރުނު. އެހެން ވާހަކަތައް ރަނގަޅު ކަމަށް ފެނޭ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.