ﷲ ގެ ރަސޫލާ محمّد صلّى الله عليه و سلّم ގެ މަތިވެރި އަޚުލާގުފުޅުގެ އެއް މިސާލަކީ ވަރަށް އާދައިގެ މީހުންނާވެސް ޢިއްޒަތާއި އިޙްތިރާމާ އެކީ ވާހަކަފުޅު ދައްކަވާ ދެއްކެވުމެވެ. އެއީ މުޖުތަމަޢުގައި މާ ބޮޑު މަގާމެއް ނެތް މީހެއް ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ.
بنواشجع އަކީ ޢަރަބީންގެ މަޝްހޫރު ގަބީލާއެއް ކަމުގައިވާ بنوغطفان ގެ ގޮތްޕެކެވެ. މި ގަބީލާ ގަދީމީ ޒަމާނުއްސުރެ އާބާދު ވެފައި އޮތީ މަދީނާގެ ރަށްބޭރުގައެވެ. زاهر بن حرام اشجعى رضي الله عنه އަކީ މި ގަބީލާގެ ބަދަތްވެކެވެ. މި ކަލޭގެފާނު ދިރިއުޅުއްވީ މަދީނާއާ ތަންކޮޅެއް ދުރުގައެވެ. ވަރަށް ފަގީރު ބޭކަލެކެވެ. ބުރުސޫރައަށް ބަލާއިރު މާކަ ރީތި ބޭކަލެއް ނުމެނޫންމެއެވެ. އެހެން ނަމަވެސް މި ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ވަރަށް ޚާއްޞަ ކަމެއް ވެއެވެ. އެއީ އާދަޔާ ޚިލާފަށް محمّد صلّى الله عليه و سلّم ދެކެ ލޯބިފުޅު ވުމެވެ. އިތުރު އެކަލޭގެފާނުވެސް زاهر ދެކެ އެހައި ބޮޑަށް ލޯބިފުޅު ވެއެވެ.
زاهر ކީރިތި ރަސޫލާގެ ފައިންޕުޅު ދެކެވަޑައިގަތުމަށް މަދީނާއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފާނަށް އަރުއްވާން ތާޒާ މޭވާއާއި، ކަދުރާއި، މާމުއި ފަދަ ހަދިޔާ ގެންނަވައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާން ވީމާ ކީރިތި ރަސޫލާވެސް ހަދިޔާބަދިޔާ ދެއްވައެވެ. އެއް ދުވަހަކު محمّد صلّى الله عليه و سلّم ޞަޙާބީއަކަށްވެސް މަދުން ނޫނީ ނުދެއްވާ ފަދަ ޝަރަފެއް زاهر އަށް ދެއްވިއެވެ. އެ ދުވަހު ޙަދީސް ކުރެއްވިއެވެ. [زاهر އަކީ ތިމަންކަލޭގެފާނުގެ ރަށްފުށުގެ ރަޙްމަތްތެރިޔާއެވެ. ތިމަންކަލޭގެފާނަކީ އޭނާގެ ސަހަރުގެ ރަޙްމަތްތެރިޔާއެވެ.]
(إِنَّ لِكُلِّ حَضِرَةٍ بَادِيَةٌ وَبَادِيَةُ آلِ مُحَمَّدٍ زاهِرُ بْنُ حَرامٍ)
[ސަހަރުގެ ކޮންމެ ޚާންދާނަކަށް ރަށްފުށުގެ ރަހްމަތްތެރިޔަކު ވެއެވެ. މުޙައްމަދުގެ އަހުލުވެރީންގެ ރަށްފުށުގެ ރަޙްމަތްތެރިޔަކީ زاهر بن حرام އެވެ.] (معجم الصّحابة لابى القاسم)
زاهر އަކީ ސީދާ ސާދާ ބޭކަލެކެވެ. ސަހަރުގެ އަދަބު ސަދަބު ދެނެވަޑައިގެން ހުންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ގަބީލާއިން ވަޑައިގަންނަވާއިރު ގެންނަވާ ތަކެތި ބާޒާރުމަތީގެ ކޮންމެވެސް ތަނެއްގައި ބަހައްޓަވައިގެން ވިއްކެވޭތޯ ބައްލަވައެވެ. އިހު ޒަމާނުގެ އާދަކާދަ އޮންނަ ގޮތުން، ރަށްފުށުގެ މީހަކު މޭވާ ފަދަ ތަކެތި ހިފައިގެން އައިސް ބާޒާރުގައި ވިއްކާން އިށީނދެއްޖެ ނަމަ މީސްތަކުން އައިސް އެ މީހަކު ވަށައިލައެވެ. އެއީ ރަށްފުށުން ގެންނަ މޭވާ ތާޒާ ވެފައި އަގު ހެޔޮ ވާނޭކަން އެނގޭތީއެވެ. އެއް ދުވަހަކު زاهر ތާޒާ މޭވާ ހިއްޕަވައިގެން ވަޑައިގެން ބާޒާރު މަތީގައި އެތަކެތި ވިއްކަވާން އިށީނދެވަޑައިގެންފިއެވެ. އެ ވަގުތު محمّد صلّى الله عليه و سلّم ވެސް ބާޒާރަށް ވަޑައިގެންފިއެވެ. އިތުރު އެކަލޭގަފާނަށް ރަޙްމަތްތެރިޔާ ފެނިވަޑައިގަތީމާ ފުރަގަހުން ވަޑައިގެން زاهر ގެ ލޯފުޅުމަތީގައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އަޅުއްވައިފިއެވެ.
ޙުރުމަތްތެރި ކިޔުންތެރިންނޭވެ! އިތުރަށް ވިދާޅު ވުމުގެ ކުރީން ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. محمّد صلّى الله عليه و سلّم ގެ މާތް އަޚްލާޤުފުޅު ކިހައި ފުރިހަމަތޯއެވެ؟ زاهر އަކީ އާދައިގެ ބޭކަލެކެވެ. އެކަމަކު محمّد صلّى الله عليه و سلّم އެކަލޭގެފާނު ދެކެ ނުހަނު ބޮޑަށް ލޯބިފުޅު ވެއެވެ. އެކަލޭގެފާނުގެ ހައިސިއްޔަތަކަށް ނުބައްލަވައެވެ. محمّد صلّى الله عليه و سلّم ހަދީސް ކުރައްވައިފައި ވެއެވެ. (ابْغُوْنِى ضُعَفَائِكُمْ) [ނިކަމެތީންގެ ތެރެއިން ތިމަންކަލޭގެފާނު ހޯދާށެވެ.] އަދިވެސް ހަދީސް ކުރައްވައިފައި ވެއެވެ. (فَإِنَّمَا تُرْزَقُوْنَ وَ تُنْصَرُوْنَ بِضُعَفَا ئِكُمْ) [ތިޔަބައިމީހުންނަށް ރިޒުގާއި ނަސްރު ލިބެނީ އެ ބަލިކަށި ނިކަމެތީންގެ ސަބަބުންނެވެ.]
ލޯބިވާ ކިޔުންތެރިންނޭވެ! ތަޞައްވުރު ކުރައްވާށެވެ. محمّد صلّى الله عليه و سلّم ގެ ވަސްފުޅު މީރު، ބަރަކާތްތެރި އަތްޕުޅު އޭރު އޮތީ زاهر ގެ ލޯފުޅުމަތީގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ގަތީ ބިރުފުޅެވެ. ވިދާޅުވިއެވެ. ކާކު ހެއްޔެވެ؟ އަހުރެންގެ ލޯމަތީގައި އަތް އެޅީ ކާކު ހެއްޔެވެ؟ އެހެންނަމަވެސް އިތުރު އެކަލޭގެފާނުގެ އަތްޕުޅުގެ މަޑު ކަމާއި، ވަސްފުޅުގެ މީރުކަން އިހްސާސް ކުރެއްވުމާއެކު ފުރަގަހުގައި ހުންނެވީ ކާއިނާތުގެ އިމާމުކަން އެނގިވަޑައިގެންފިއެވެ. އެއީ ލިބިވަޑައިގަތް ނަސީބުފުޅެއް ކަމަށް ބައްލަވައި އެކަލޭގެފާނުގެ ފުއްކިބަފުޅު އިތުރުއެކަލޭގެފާނުގެ މޭފުޅުގައި ޖައްސަވައިލެއްވިއެވެ.
محمّد صلّى الله عليه و سلّم ލޯބިފުޅުން ފުރިފައިވާ ރާގެއްގައި ހަދީސް ކުރެއްވިއެވެ. [މި އަޅު ގަންނާނީ ކާކުހެއްޔެވެ؟] (މިއީ އިތުރު އެކަލޭގެފާނު ކުރެއްވި ސަމާސާފުޅެކެވެ.)
زاهر ވެސް ލޯބިފުޅާއެކު ވިދާޅުވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ފަދަ ކުލަ ކަޅު، ރަށްފުށުގެ ކަޓު މީހަކު ގަނެގެން މީހަކު ކުރާނީ ކީއްތޯއެވެ؟ އެފަދަ މީހަކު އެ ކުރާ ވިޔަފާރިއެއް ވާނީ ގެއްލުން ބޮޑު ވިޔަފާރި އަކަށެވެ. އަޅުގަނޑަކީ އެއްވެސް އަގެއް ހުރި މީހަކީމެއް ނޫނީމެވެ. ބޭނުމެއް ނުހިފޭ، ބޭކާރު މީހަކީމެވެ.] محمّد صلّى الله عليه و سلّم ހަދީސް ކުރެއްވިއެވެ. [ލޯބިވާ ރަޙްމަތްތެރިޔާއެވެ. ކަލޭގެފާނުގެ އަގެއް ނެތޭ ބުނީ ކާކު ހެއްޔެވެ؟ ކަލޭގެފާނަކީ ﷲ ގެ ޙަޟްރަތުގައި ބޭކާރު ބޭކަލެއް ނޫނެވެ. ކަލޭގެފާނަކީ ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިފުޅުވާ ބޭކަލަކީމުއެވެ. އެހެންވީމާ ﷲ ގެ ޙަޟްރަތުގައި ކަލޭގެފާނުގެ އަގު ވަރަށް ބޮޑެވެ.][1]
[1] صحيح ابن حبان 13/107"، وشرح السنّة: 13/181، وجمع الوسائل فى شرح الشما ئل: 2/29