ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއަށް 88 އަހަރު

ފޮޓޯ: ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ތަންތަންކޮޅު - ރައީސް މައުމޫނުގެ ޓުވީޓަކުން ނަގައިފައިވާ ފޮޓޯއެއް

މިއަދަކީ ދިވެހިރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީއެއް އެކަށައެޅުނުތާ 88 އަހަރު ފުރުނު ދުވަހެވެ. ފާއިތުވި 88 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދުޅަހެއުވެ، ތަރައްގީގެ އެތައް މަރުހަލާއެއް ކަޑައްތުކޮށްފައެވެ.

ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ފުރަތަމަ އެކުލަވައިލެވުނު ދުވަސްވަރު އެ ޤާނޫނު އަސާސީއަށް ފަރިތަ އަދި އަހުލުވެރިވާން ތައްޔާރަށް ތިބި މީސްމީހުން މަދުވުމާއެކު ނުކުންނާނޭ ހިތި ނަތީޖާ ވަނީ ނުކުމެފައެވެ. އެހެންނަމަވެސް މިއަދު ދިވެހިރާއްޖެ މި ދެކެނީ ހޭލުންތެރި އަހުލުވެރި ރައްޔިތެކެވެ. ވުމާއެކު ޤާނޫނު އަސާސީއެއްގެ ފައިދާ އެ ދުވަސްވަރަށްވުރެ މާ ބޮޑު ކަމަށް ގަބޫލުކުރަން ޖެހެއެވެ.

ޤާނޫނު އަސާސީ އަކީ ކޮބާ؟

ޤާނޫނު އަސާސީ (Constitution) އަކީ ދައުލަތެއް ނުވަތަ އޮގަނައިޒޭޝަނެއް ހިންގުމަށް ކަނޑައެޅިފައި އޮންނަ އަސާސީ އުޞޫލުތަކަކާއި ކުރިންސުރެ އަމަލު ކުރެވެމުންދާ ގޮތްތައް ބަޔާންކޮށްދޭ މަޢުލޫމާތެވެ.

Constitution: A body of fundamental principles or established precedents according to which a state or organization is governed. (Oxford Dictionary Thesaurus and Wordpower Guide (2007), Indian Edition, Oxford University Press, New Delhi, p. 254)

ޤާނޫނު އަސާސީ އަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާތަކުގެ ބާރުތަކާއި، މަސްއޫލިއްޔަތުތައް އަދި މައްސައްކަތްތައް ގެންދަންވީގޮތް ބަޔާންކޮށްދޭ އަދި ދައުލަތާއި ފަރުދުންނާ ދެމެދު އޮތް ގުޅުން ބަޔާންކޮށްދޭ ހަމަތަކެވެ.

Constitution: A set of rules that establish the duties, powers and functions of the institutions of government and define the relationship between the state and the individual. (Heywood Andrew, (2007), 3rd Edition, Palgrave Macmillan, New York, p. 447)

ޤާނޫނު އަސާސީ އަކީ މިނިވަން ގައުމުތަކުގައި ނުވަތަ ދައުލަތްތަކުގައި ވެރިކަމުގެ ބާރުތަކާއި، ޒިންމާތައް އަދި މައްސައްކަތްތައް ބަޔާންކުރާ އަދި ރައްޔިތުންގެ ހައްގުތަކާއި ވާޖިބުތައް ބަޔާންކުރާ އެންމެ މުހިންމު ލިޔުމެވެ. ނުވަތަ ފޮތެވެ.

ޤާނޫނު އަސާސީގެ ދެވައްތަރަކީ ކޮބާ؟

ޤާނޫނު އަސާސީގެ ދެވައްތަރެއް އޮވެއެވެ. އެއްވައްތަރަކީ ގައުމެއްގެ ވެރިކަން ރާވައި އިންތިޒާމްކޮށް ހިންގަންޖެހޭ ގޮތްތަކާއި ފަރުދުންގެ ހައްގުތަކާއި ވާޖިބުތައް އަދި ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުން ބަޔާންކޮށްދީ ލިޔެފައިވާ އަސާސީ އުޞޫލުތަކާއި ހަމަތައފޮތެއްގެސިފައިގައި ލިޔެ ބަޔާންވެގެންވުމެވެ. މިއަށް ކިއެނީ ފޮތެއްގެ ގޮތުގައި ލިޔެވިފައިވާ ޤާނޫނު އަސާސީއެވެ. (Written or codified constitution) ފޮތްބައެއްގެ ގޮތުގައި ލިޔެވިފައި އޮންނަ ގާނޫނު އަސާސީ ބޭނުންކުރެވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ދިވެހިރާއްޖެ ހިމެނެއެވެ.

ޤާނޫނު އަސާސީގެ 2 ވަނަ ވައްތަރަކީ ފޮތެއްގެ ގޮތަށް ލިޔެވިފައި ނޯންނަ ނަމަވެސް ހެދިފައި އޮންނަ ޤާނޫނުތަކާއި   ކުރީންސުރެ ޢަމަލުކުރެވެމުންދާ ހަމަތަކާއި އުޞޫލުތަކަށް ބިނާކޮށް ވެރިކަންކުރަމުންގެންދާ ހަމަތަކެވެ. (Unwritten or uncodified constitution) ފޮތެއްގެ ސިފައިގައި ލިޔެވިފައި ނޯންނަ ޤާނޫނު އަސާސީ އޮންނަ ގައުމުތަކުގެ މިސާލަކީ އިނގިރޭސިވިލާތެވެ.

ލިޔެވިފައިވާ ޤާނޫނު އަސާސީ ތަކަކީ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް އެންމެންނަށް ބަލާލެވޭގޮތަށް ފޮތެއްގެސިފައިގައި ތައްޔާރުކުރެވިފައިވާ ތަކެއްޗެވެ. ނަމަވެސް ނުލިޔެ އޮންނަ ޤާނޫނު އަސާސީ ތަކަކީ ގަދީމީ ޒަމާނުންސުރެ އާދަކާދައާއި ޘަޤާފަތުގެ މައްޗަށް ބިނާކޮށް ކަންކުރެވެމުން އަންނަގޮތް ބަޔާންވެގެންވުމެވެ. އަދި އެގޮތްތަކުގެމަތީން އަމަލުކުރަމުންގެންދިއުމެވެ.

ޒަމާނީ ޑިމޮކްރަސީތަކުގެ ގޮތުގައި މިހާރު އުފެދިފައިވާ ގިނަ ގައުމުތަކުގައި ފޮތްބައެއްގެ ގޮތުގައި ލިޔެވިފައިވާ ޤާނޫނު އަސާސީތައް ބޭނުންކުރެވެއެވެ. ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގެ ތެރޭގައި ނުލިޔެވި އޮންނަ ޤާނޫނު އަސާސީތައް ބޭނުންކުރެވޭ މަދު ގައުމުތަކަކީ އިނގިރޭސިވިލާތާއި، އިޒްރޭލް އަދި ނިއުޒިލޭންޑެވެ. ތަރައްޤީވުމަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބޫޓާނާއި ސައުދީ އެރެބިއާ އަދި އޯމާނެވެ.

ލިޔެވިފައިވާ ޤާނޫނު އަސާސީ ތަކުގެ ތެރޭގައި ފުޅާކޮށް ކަންކަން ކުރެވޭގޮތަށް އޮންނަ ޤާނޫނު އަސާސީތަކާއި ތަފްޞީލްތައް ހިމެނޭގޮތަށް އޮންނަ ޤާނޫނު އަސާސީތައް ހިމެނެއެވެ. ފުޅާކޮށް ކަންކަން ކުރެވޭ އަދިފަސޭހައިން ކަންކަމަށް މިސްރާބު ހޯދޭގޮތަށް ހެދިފައިވާ ނަމޫނާ ޤާނޫނު އަސާސީއަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ލިޔެ އެކުލަވާލެވި އަމަލުކުރަންފެށުނު ޤާނޫނު އަސާސީ ކަމުގައިވާ (7 ހާސްބަހުގެ) އެމެރިކާގެ ޤާނޫނު އަސާސީއެވެ. ފުރާންސާއި ޖަރުމަނުގައި އޮންނަ ޤާނޫނު އަސާސީ ތަކަކީ ދިގުކޮށް ތަފްޞީލްތައް ބަޔާންވެގެންވާ ޤާނޫނު އަސާސީ ތަކެވެ.

ޤާނޫނު އަސާސީގެ ބޭނުމަކީ ކޮބާ؟

ގައުމެއްގައި ވެރިކަންރާވައި އިންތިޒާމްކޮށް ހިންގަންވީގޮތުގެ އަސާސްތަކާއި އުޞޫލުތައް ބަޔާންކޮށްދިނުމެވެ. ގައުމެއްގެ ތަސައްވުރާއި މިސްރާބު އަދި މަގުޞަދުތަކާއި ލަނޑުދަނޑިތަކަކީ ކޮބައިކަން އޮޅުންފިލުވައި ދިނުމެވެ. ރައްޔިތުންނާއި ދައުލަތާއި އޮންނަ ގުޅުން ބަޔާންކޮށްދީ ރައްޔިތުންގެ ހައްގުތަކާއި ވާޖިބުތައް އޮޅުންފިލުވައިދިނުމެވެ. އެހެންހުރިހާ ޤާނޫނުތަކާއި ޤަވާއިދުތަކެއް ތައްޔާރުކުރާނެގޮތުގެ އަސާސްތަކާއި، އުޞޫލުތައް އަދި ހަމަތަކާއި މަސްދަރުތައް ބަޔާންކޮށްދިނުމެވެ.

ހުރިހާ ރައްޔިތުންނަކީ ހަމަހަމަވެގެންވާ ބައެއްކަން ބަޔާންކޮށްދީ އެއްވެސް މީހަކަށް ޤާނޫނުއަސާސީ ނުވަތަ ޤާނޫނަށްވުރެ މަތީގައި ނުހުރެވޭނެކަން ބަޔާންކޮށްދިނުމެވެ. ވެރިކަން ހިންގުމުގައާއި ރައްޔިތުންގެ ހައްގުތަކާއި ވާޖިބުތައް ދެނެގަތުމުގައި އޮޅުންއެރިޔަނުދިނުމެވެ. ސުލްޙަ މަސްލަހަތާއި، އަމަންއަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަމާއި އުފާފާގަތިކަން އެދި ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ދެމެހެއްޓުމެވެ. ގައުމެއްގެ ޝަޚްސިއްޔަތު ނުވަތަ އައިޑެންޓިޓީ އަންގާދިނުމެވެ.

ހުރިހާ ރައްޔިތުން އެންމެ އިހްތިރާމް ކުރަންޖެހޭ އަދި އެއެއްޗަކަށް ތަބާވާންވީ ކޯއްޗެއްކަން އަންގައިދިނުމެވެ. އަމިއްލަ ކަންކަމުގައާއި އާއިލާއާއި އަވަށު ނުވަތަ ޖަމާއަތާއި ރަށުގެ ނުވަތަ އަތޮޅުގެ ނޫންނަމަ ގައުމީކަންކަމުގައި މިސްރާބު ހިފައި ބިންގާ އަޅާނެ ގޮތްތައް އޮޅުންފިލުވައިދިނުމެވެ.

ދިވެހި ޤާނޫނު އަސާސީގެ ތާރީޚް

ރާއްޖެއަށް އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް ތަޢާރަފްކުރެވި ޢަމަލުކުރަން ފެށުނީ 1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ގައެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ އެއިރުރަސްކަމުގައި އިންނެވި އަލްސުލްތާން މުޙަންމަދު ސަމްސުއްދީން 3 ވަނައެވެ.  އަދި 1932 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް 6 ފަހަރެއްގެ މަތިން ރާއްޖޭގެ ޤާނޫނު އަސާސީ އާކުރެވިފައިވެއެވެ. އެހެން ކަމުން މިހާތަނަށް 6 ޤާނޫނު އަސާސީއެއް ރާއްޖޭގައި ހިންގިފައިވެއެވެ.

22 ޑިސެމްބަރު 1932 ވަނަ އަހަރު ޤާނޫނު އަސާސީއެއް ހިންގުނުއިރު އޮންނަނީ ރަސްކަމެކެވެ. މިގޮތަށް ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ދަށުން ވެރިކަން ހިންގާތާ 7 އަހަރުވީފަހުން، ރާއްޖޭގެ އޭރުގެ ޙާލަތާ އެޤާނޫނު އަސާސީ އާއިއެކަށީގެންނުވާކަމަށް ނިންމައި، 1940 ވަނަ އަހަރު، އެޤާނޫނު އަސާސީ އުވާލެވުނެވެ.

އާ ޤާނޫނު އަސާސީއެއް ހަދައި، އެއަށް އަމަލުކުރަންފެށީ، 23 އެޕްރިލް 1942 ވަނަ އަހަރުއެވެ.މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ އަލްސުލްތާން ޙަސަން ނޫރައްދީނެވެ.

1952 ވަނަ އަހަރު އޭރު އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށްބަދަލުކުރުމުން،1 ޖަނަވަރީ 1953 ވަނަ އަހަރު އާ ޤާނޫނުއަސާސީއެއް އިޢުލާނުކުރެވުނެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ ވަލިއްޔުލްއަމުރު މުޙަންމަދު އަމީން އެވެ.

އަހަރަކަށް ވުރެވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޖުމްހޫރީ ވެރިކަން އުވި، ރަސްކަމަކަށް ރާއްޖެ އަނެއްކާވެސް މިސްރާބުޖެހިއެވެ. އެހިސާބުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ޤާނޫނު އަސާސީ ވަނީ ރަސްކަމެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް ހިންގުމަށްޓަކައި ބަދަލުކޮށް، އާކޮށްފައެވެ. މި 4 ވަނަ ޤާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނީ 7 މާރޗް 1954 ގައެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލުއެވެ.

11 ނޮވެމްބަރު 1968 ވަނަ އަހަރު ދިވެހިރާއްޖެ 2 ވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް އެނބުރުނެވެ. އެބަދަލާއެކު ރާއްޖޭގައި އަނެއްކާވެސް އާ ޤާނޫނު އަސާސީއެއް ހިންގަން ފެށުނެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް ނާސިރެވެ.

2008 ވަނަ އަހަރު 7 އޮގަސްޓްގައި 6 ވަނަ ޤާނޫނު އަސާސީއެއް ހިންގަން ފެށުނެވެ. މިއީ ރާއްޖޭއަށް ޒަމާނީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގެނެސްދިން އަދި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ 3 ބާރު މުޅިން ވަކިކުރެވި މިނިވަން މުއައްސަސާތައް އުފައްދައިދިން ގާނޫނު އަސާސީއެވެ. މި ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަލްއުސްޛާޒު މައުމޫން ޢަބުދުލް ޤައްޔޫމެވެ.

2008 ގެ ޑިމޮކްރެޓިކް ޤާނޫނު އަސާސީގެ ޚާއްސަ ސިފަތައް

މިއީ ޒަމާނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދިން ތާރީޚީ ޤާނޫނު އަސާސީއެވެ. މިއީ ދައުލަތުގެ 3 ބާރު ވަކިކުރެވި އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭ ގޮތަށް އަދި އެއްބާރުގެ މައްޗަށް އަނެއްބާރުން ނުފޫޒު ނުފޯރުވޭގޮތަށް އެކުލަވާލެވުނުޤާނޫނުއަސާސީއެވެ. މިއީ ސިޔާސީ ޕާޓީ ތަކުގެ ދައުރު ފުރަތަމަ ފަހަރަށް ބަލާގަނެ އެފަރާތްތަކުގެ ވާހަކަ ބަޔާންކުރި ޤާނޫނުއަސާސީއެވެ.

މިއީ މުސްތަޤިއްލު މިނިވަން މުއައްސަސާތައް ތަޢާރްފްކޮށް އެތަންތާނގެ ދައުރަކީ ކޮބައިކަން ބަޔާންކުރި ފުރަތަމަ ޤާނޫނު އަސާސީއެވެ. މިއީ ރައްޔިތުންގެ ޚާއްސަ މަޖިލީހެއް ނުވަތަ އެނޫންވެސް އެހެން މަޖިލީހެއް އަލަށް އުފެއްދުމެއްނެތި ދާއިމީކޮށް ދެމިއޮންނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އިސްލާޙު ކުރެވޭގޮތަށް އެކުލަވާލެވުނު ޤާނޫނު އަސާސީއެކެވެ. މިއީ މިހާތަނަށް އެންމެ ދިގުކޮށް އަދި ބައެއްކަންކަމުގެ ތަފްޞީލް ބަޔާންކޮށްދީ ތައްޔާރުކުރެވުނު ޤާނޫނު އަސާސީއެވެ.

މިޤާނޫނު އަސާސީގައި 14 ބާބާއި 301 މާއްދާއާއި 3 ޖަދުވަލާއި ޖުމްލަ 152 ޞޮފްހާ އެކުލެވިގެންވެއެވެ.

މިޤާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ ބަޔާންކޮށް ހަޅުތާލު ކުރުމުގެ ޙައްޤާއި، ހަނުހުރުމުގެ ހައްޤާއި ނަރުދަމާ ނިޒާމާއި، ކަރަންޓްގެ ޚިދުމަތް ޤާއިމްވެފައި އޮތުމުގެ ހައްޤުގެވާހަކަ ބަޔާންކޮށްފައިވެއެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ބާބެއް (8 ވަނަ ބާބު) ފުރަތަމަ ފަހަރަށް މިޤާނޫނު އަސާސީގައި ހިމަނާފައި ވެއެވެ.

ދިވެހިރާއްޖޭ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމުގައި ފުރަތަމަ ފަހަރަށް މިޤާނޫނު އަސާސީގައި ބަޔާންކޮށްދީ އަދި  ދުނިޔެވީ އެހެން ރިޔާސީ ނިޒާމުތަކާއި ޚިލާފަށް ވަޒީރުންނާއި ސުވާލުކުރުންފަދަ ޚާއްސަ ސިފަތަކެއް މިޤާނޫނު އަސާސީގައި ހިމަނާފައިވެއެވެ. މިޤާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ބާބެއް (9 ވަނަ ބާބު) ތަޢާރަފްކޮށް ގެނެސްދީފައި ވެއެވެ. މިހާތަނަށް ވީހާ ގިނަބަޔަކަށް އިންތިޚާބުތަކުގައި ވޯޓްލެވޭނެގޮތަށް ވޯޓްލެވޭ އުމުރަކީ 18 އަހަރު ކަމުގައި މިޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބްރައީސަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ދެ މަޤާމުކަމުގައި ކަނޑައަޅާފައި މިޤާނޫނު އަސާސީގައި ވެއެވެ.

މިޤާނޫނު އަސާސީއަށް އާންމުކޮށް ކިޔޭނަމަކީ ފެހި ޤާނޫނުއަސާސީއެވެ.

ޑޮކްޓަރ ޢަލީ ޝަމީމް
ޑޮކްޓަރ ޢަލީ ޝަމީމަކީ ލިޔުންތެރިކަމުގައި ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ދައުލަތުގެ ގިނަ މަގާމުތަކެއް މަތީ ފެންވަރުގައި ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ސިވިލް ސަރިސް ކޮމިޝަންގެ ރައީސްކަން ހިމެނެއެވެ. ޚާރިޖީ ދާއިރާގަޔާއި ރައްޔިތުންގެ މަޖިލީހުގައި ޚިދުމްތަ ކުރައްވާފައިވާ ތަޖުރިބާކާރު ޢިލްމީ ބޭފުުޅެކެވެ. ފުރަތަމަ ޑިގްރީ ނެންގެވީ ޕޮލިޓިކަލް ސައިންސާއި މެނޭޖްމަންޓްގެ ދާއިރާއިންނެވެ. މާސްޓަރސް ހެއްދެވީވެސް ޕޮލިޓިކަލް ސައިންސްގެ ދާއިރާއިންނެވެ. ޕީއެޗްޑީ ހައްދަވައިފައި ވަނީ އިންޓަރނޭޝަނަލް އެންވާރުމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންސްގެ ދާއިރާއިންނެވެ.

1 ޚިޔާލު

  1. ޑަކްޓަރ އަލީ ޝަމީމުގެ ލިޔުއްވުމެއް އާފަތިހުން ފެނުނީމާ ވަރަށް ހިތް ހަމަ ޖެހިއްޖެ. ވަރަށް މައުލޫމާތު ލިބުނު ރަގަޅު ލިއުމެއް. އަދިވެސް އިތުރު ލިއުން ފެންނާނެ ކަމަށް އުންމީދު ކުރަން. ޝުކުރިއްޔާ އެލިޝް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.