ޤާނޫނުއަސާސީ އިޞްލާޙު ކުރުން - މަޖިލީހުގެ ރައީސް ސިފަކުރައްވަނީ "ސަރޖަރީ" އެއްގެ ގޮތުގައި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަކީ ޤާނޫނެއް އިޞްލާޙު ކުރުމަށްވުރެ ބޮޑު ކަމެކެވެ. ސަބަބަކީ ޤާނޫނެއް އިޞްލާހު ކުރުމަށް ލިބެންޖެހޭ ވޯޓަށްވުރެ މާގިނަ ވޯޓް ލިބިގެން ނޫނީ އެއިސްލާޙު މަޖިލީހުން ފާސް ނުކުރެވުމެވެ. ޤާނޫނު އަސާސީއަށް ގެންނަ އިޞްލާޙެއް ފާސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުން 4 ބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތެއް ލިބެންޖެހޭނެކަށް ޤާނޫނު އަސާސީގައި ބުނެއެވެ. ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަކީ މިހާރު މަޖިލީސް އޮތް ގޮތުން ސަރުކާރަށް ނުވަތަ މަޖިލީޖަށް މާ އުދަނގޫ ކަމަކަށް ނުވާނެއެވެ. މަޖލީހުގެ ސްޕަރ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ނަމަވެސް މަޖިލީހުގެ ހަތަރުބައިކުޅަ ތިންބަޔަކީ މަޖިލީހުގެ 65 މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ ޢަދަދަކީވެސް އެއީ އެވެ. މަޖިލީހުގެ ރައީސަކީވެސް އެމްޑީޕީގެ މެމްބަރަކަށް ވުމުން ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އެމްޑީޕީން އެކަނި ގޮތެއް ނުނިންމޭނެއެވެ. އިތުރު އެއް ވޯޓް ބޭނުންވާނެއެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވަނީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަކީ "ސަރޖަރީ"އެއް ހެދުންފަދަ ބޮޑު ކަމެއްގެ ގޮތުގައެވެ. ސާރޖަރީއެއް ހެދުމަށް އިންސާނެއްގެ ހަށިގަނޑު ފެޅުމަކީ ނުހަނު ބޮޑު ކަމެކެވެ. ދެ ސާރޖަރީއެއް ހަދަންޖެހޭފަހަރު އެއްފެޅުމަކުން ޑޮކްޓަރުން ނިންމާލައެވެ. އެހެން ކަމުން ޤާނޫނު އަސާސީއަށް މިވަގުތު ގެންނަޖެހޭ މުހިންމު އެހެން އިޞްލާހުތައް ވެސް އެކީ އެކައްޗަކަށް ނުގެންދެވެންވީ ސަބަބެއްނެތެވެ. އެއްމެ މެމްބަރެއްގެ އެހީތެރިކަމާއެކު ބޭނުން ކޮންމެ ކަމެއް ފާސްކުރެވޭނެވަރުގެ މެޖޯރިޓީ ރައްޔިތުން ވަނީ އެމްޑިޕީއަށް ދީފައެވެ.

އިސްލާޙު ހުށަހަޅައިފައިވަނީ ލާމާރުކަޒީ ބާބަށް : 

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެއްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ވަނީ ފަށްޓަވައިއެވެ. އެއީ މިސަރުކާރުގެ ޖަޒީރާއްޖޭގެ ވަޢުދާއި އެމްޑީޕީގެ އެޖެނޑާ 19 ގައި ހިމެނޭ ލާމަރުކަޒު ކުރުން ހަރުދަނާ ކުރުމަށް ގެނެވޭ އިޞްލާޙެކެވެ. އިޞްލާޙު ހުށަހަޅައިފައި ވަނީ ޤާނޫނުއަސާސީގެ އަށްވަނަ ބާބަށެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ. އިޞްލާޙްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުން ހިމެނެވެ.

ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މެމްބަރުންކަމުގައި ކަނޑައެޅުން ވެސް ހިމެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅުން ވެސް އެބާބަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މި އިސްލާޙަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ، އެމްޑިޕީގެ ސްޕަރ މެޖޯރިޓި މަޖިލީހުގައި އޮތް އިރު ވެސް އެމްޑީޕީން ބޭނުންވަނީ ބާރުތައް ރައްޔިތުންނަށް ދޫކޮށްލަން ކަމަށެވެ.

ބާރު ލިބުމުން ކުރިން އިސްލާޙުބޭނުންވި ކަންކަން ރަނގަޅުވުން: 

ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަކީ އެޖެންޑާ 19 ގައި ވެސް އެންމެ މުހިންމު ކަމެއް ދީފައިވާ އެއްކަމެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިގެންދިޔައިރު، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ. ނަމަވެސް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން ނުވަތަ "ސާރޖަރީ" އަކުން ރަނގަޅުކުރަންޖެހޭ ކަމެއް ސަރުޢީދާރާގައި އޮތް ކަމަކަށް ސަރުކާރަކަށް އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއަކަށް ވެސް ނުފެނެއެވެ.

ކެންދޫ ދާއިރާ މެމްބަރ މަޝްހޫރު ޤާނޫނީ ވަކީލް، ޢަލީ ޙުޞައިން ދެކެވަޑައި ގަންނަވާ ގޮތުގައި މިހާރު ފަށައިފައިވާ "ސާރޖަރީން" ހަމަ އެކަނި ފަރުވާ ދޭން ނުވަތަ އިސްލާޙު ގެނަން ޖެހެނީ ލާމަރުކަޒީ ބާބަކަށް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުޢި ނިޒާމު ހަރުދަނާ ކުރުމަށް ޤާނޫނޫ އަސާސީއަށް ކޮންމެހެން އަންނަންޖެހޭ އިޞްލާޙުތަކެއް ވެއެވެ. ޖުޑީޝަރީ އިޞްލާޙުކުރުމުގެ ވާހަކައަކީ މި ސަރުކާރު އައުމު ގެ ކުރިން، އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނާއި ސަރާކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ގަދައަށް، ވަރަށް ބާރަށް ދެއްކި ވާހަކައެކެވެ. ވަކިން ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމާއި ، އެކަން ރަނގަޅުކުރުމަށް ޓަކައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެންނަންޖެހޭ ވާހަކަ އަކީ އޭރު ދެއްކެވުނު ވާހަކަ ތަކެއްކަން ހަނދުމަފުޅު ކޮށްދެއްވިއެވެ. ނަމަވެސް އެވާހަކައިގެ

އަޑު މިހާރު ކެނޑިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއަޑު ކެނޑިފައިވަނީ ޖޭއެސްސީ އެކުލެވޭފައިއޮތް ގޮތަށް އޮވެގެން ހަމަ ރަނގަޅުވީތޯ؟ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. ސުޕްރީމް ކޯޓުގެ ބާރުތަކާއި އަދި ކުރެވޭނެ ކަންތައްތަކާއި އަދި ނުކުރެވޭނެ ކަންތައްތައް ބަޔާންކުރާ ބާބަށް ވެސް ގެންނާނެ އެއްވެސް އިޞްލާޙެއް ނެތީތޯ؟ ވެސް މެމްބަރ އަދި ޤާނުނީ ވަކީލް ސުވާލު އުފެއްދެވިއެވެ.

ޤާނޫނު އަސާސީގައިވާ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ނޫން، ސްޕްރީމް ކޯޓްގެ ފަނޑިޔާރަކާއި ހައިކޯޓާއި ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއިމަޖިލީސް މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާމީހަކާއި ސިވިލްސާރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކާއި ދައުލަތުގެ ބަނޑާރަ ނާއިބާއި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ވަކީލެއްގެ މައްޗަށެވެ.

ޤާނޫނޫ އަސީގައި ބުނާގޮތުން ޖޭއެސްސީ އެކުލަވާލާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އެމްޑީޕީ މެމްބަރ އަދި ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ އިތުރުން ދައުލަތުގެ ބަނޑާރަ ނާއިބް އިންނަވާނެއެވެ. އަދި އަމިއްލަގޮތުން ޖެއެސްސީއަށްދާ މެމްބަރުންވެސް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައި ވުމުން، މިއަދު މަޖިލީހުން ކަންކަން ފާސްވަނީ އެމްޑީޕީގެ ނުވަތަ ސަރުކާރުގެ މަސްލަޙަތު އޮންނާނެ ގޮތަށް ކަމަށްވާއިރު އަމިއްލަ ގޮތުންވެސް ޖޭއެސްސީއަށް ދާނީ އެމްޑީޕީ ނުވަތަ ސަރުކާރުގެ މަސްލަޙަތު ހިމާޔަތް ކޮށްދެއްވާނެ މީހެއްކަމީ ޔަޤީންވާ ކަމެކެވެ. އާ މަޖިލީސް އައިސް ޤާނޫނަށް ގެނައި އިސްލާޙުގެ ތެރެއިން އޭރު ޖޭއެސްސީގައި ޤާނޫނީ ވަކީލުން ތަމްޞީލްކުރަމުން ގެންދެވި، ލަތީފާ ޤާސިމް ވަނީ މެމްބަރު ކަމުން ވަކިވެގެން ގޮސްފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން. ޖޭއެސްސީއާ ބައްދަލު ކުރެއްވި ފުރަތަމަ ބައްދަލުވުމުގައި ލަތީފާ ޤާސިމް ވެސް އިންނެވިއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވައިފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. އަދި ޝަރުޢީ ދާއިރާ މަޖިލިސް ތެރެއިން އިޞްލާހު ކުރުމުގައި، ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލައްވައިފައިވާ މަގު ޗާޓަށް ބެއްލެވުން މުހިންމުކަމަށް ވެސް އޭނާ ވަނީ ފާޖަހަގަކުރައްވައިފަ އެވެ. ހަމަ އެބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުގެ ޙައިޞިއްޔަތުން ދަލަތުގެ ބަންޑާރަ ނާއިބް ވަނީ ސްޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާކަމަށް ވިދާޅުވެ އެކަން ބަލައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދި ވަޑައިގެންފައެވެ. ޖޭއެސްސީގެ މެމްބަރެއްގެ ޙައިޞިއްޔަތުން ބަންޑާރަނާއިބްގެ އެދި ވަޑައިގެންނެވި ގޮތަށް ސްޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ތަފާތު ބަހުސްތައް ކޮށް ސްޕްރީމްކޯޓާ ދެކޮޅަށް ފާސްކުރުން ތަކެއް ވެސް ފާސްކުރައްވައިފައެވެ. ސްޕްރީމް ކޯރޓްގެ ފަނޑިޔާރަކަށް ތުޙުމަތުތަކެއްކޮށް ޖޭއެސްސީން އެމައްސަލަ ބަލާ މަޖިލީހަށް ފޮނުވުމަށްފަހު، މަޖިލީހުން ވަނީ އެ ފަނޑިޔާރު މަޤާމުން ވެސް ވަކިކޮށްފައެވެ.

ސުޕްރީމް ކޯޓުން ވަކި ކުރި ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރެއް ސްޕްރީމް ކޯޓަށް އައްޔަންކުރުމުގެ މަސައްކަތް ރައަޔިތުންގެ މަޖިލީހުގައި މިހާރު ދަނީ ކުރަމުންނެވެ.

މަޖިލީހުން ރުހުންދިން ފަނޑިޔާރުން ފިޔަވައި ކަމުދާ ފަޑިޔާރެއް ނެތް!

ޢަދުލު އިންސާފު ޤާއިމްކުރުމުގައި ސްޕްރީމް ކޯޓަށް ބަލާއިރު އެމްޑިޕީ މެޖޯރިޓީ މަޖިލީހުން ވަނީ ޤާނޫނަށް ބަދަލުގެނެސް ސްޕްރީމް ކޯޓްގެ ބެންޗަށް ޖާގަ އިތުރު ކޮށްފައެވެ. ރައިސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުން މަޖިލީހުން ރުހުންދީ ދެ ފަނޑިޔާރުން ވަނީ ސްޕްރީމް ކޯޓަށް އައްޔަން ކޮށްފައެވެ.

މިހާރު ސްޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ސަރުކާރުން ނުވަތަ މަޖިލީހުގެ މެޖޯރިޓީ ނުރުހޭ ފަނޑިޔާރުންގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އޭނގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދުގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ސުޕްރީމް ކޯޓާ ދެކޮޅަށް މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އިންޒާރުދޭ މޭރުމުން ވާހަކަ ދައްކަވައި، އެ ފަނޑިޔާރު މަޤާމުން ވަކިކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓްގެ ފަޑިޔާރުންގެ ތެރޭގައި މައްސަލައެއް ނެތް "ސާފު" ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ސްޕްރީމް ކޯޓަށް ރައީސް އައްޔަން ކުރެއްވި ދެ ފަނޑިޔާރުންނެވެ. މި ދެފަނޑިޔާރުންނޫން އެހެން ފަނޑިޔާރުންގެ ސްލޫކީ މައްސަލަ ޖޭއެސްސީން ބަލަމުން ދަނިކޮށް އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއްގައި ގޮތެއް ނިންމެވުމުން، އެ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ، ނޫންތޯ ބެލުމުގެ އެއްވެސް ޤާނޫނީ ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާނެ ކަމަށެވެ. އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމިކަމަށްޓަކައި ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ޤާނޫނީ ޞައްޙަކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރުދުސްތޫރީ އަމަލުތަކެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޖޭއެސްސީން، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ޣައިރު ދުސްތޫރީ އަމަލުތަކެއް ހިންގާކަމަށް، ބަޔާން ނެރުއްވުމުން، އުއްތަމަ ފަނޑިޔާރުގެ އިތުރު ސްލޫކީ މައްސަލައެއް ޖޭއެސްސީން ގެންދަވަނީ ބަލައްވަމުންނެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ވަނީ. އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމެވީ، އުއްތަމަފަޑިޔާރު ވެސް ހިމެނިވަޑައިގަންވާގޮތަށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް، ކަމުގެ ހަޤީގަތް އޮޅޭގޮތަށް އެމަނިކުފާނު ބަޔާނެއް ނެރުއްވާފައިވާތީ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުޤީގު ކުރުމަށްޓަކައި ޖޭއެސްސީއަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިޚްތިޞާސް، ޖޭއެސްސީއަށް ލިބިގެންނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ސިޓީއެއް ފޮނުއްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. ކޮމިޝަނުން ތަހުޤީގުކުރާ މައްސަލައާ މެދު ހަޤީގަތާ ޚިލާފު ވާހަކަތަކެއް އާންމު ކުރެއްވުމަކީ، އެކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދެކޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޖޭއެސްސީން އުއްތަމަފަނޑިޔާރުގެ މައްސަލައެއް ބަލައި ނަސޭހަތްދޭން ނިންމައި އެކަމުގެ ލިޔުން ފޮނުވުމުން އެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ވެސް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވާފައިވާތީ، ސުލޫކީ މައްސަލައިގެ ތެރޭގައި އެކަން ވެސް ބަލަން ނިންމައިފައިވާ ކަމަށް ޖޭއެސް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ކުރިން ވަކިކުރި ފަޑިޔާރުގެ މައްސަލަދިޔަގޮތަށްބާއިރު، ޖޭއެސީން މައްސަލަތައް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ފޮނުއްވާނެއެވެ. މަޖިލީހަށް މައްސަލަ ފޮނުއްވުމުން އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށް، ކުރިން އެމެމްބަރުން މަޖިލީހުގައި ވިދާޅުވި ފަދައިން މިހަތަރު ފަނޑިޔާރުން މަޤާމުން ވަކިކުރުމަކީ ނުވުމަށްވުރެ ވުން ގާތްކަންކަމެވެ. އެހެންކަމުން މަޖިލީހުން ރުހުންދީ މުޅި ސްޕްރީމް ކޯޓް އެއްކޮށް އެޖެންޑާ 19 ގައި ވާ ގޮތަށް "އޯވަހޯލްކޮށް" ނިމޭނެއެވެ. އެފުރުޞަތު ލިބިގެން މިދަނީ ޖޭއެސްސީން މިހާރު އެކުލެވިގެންވާ ގޮތަށް އޮތުމުންނެވެ. އެހެންކަމުން ޤާނޫނުއަސާސީގެ "ސަރޖަރީ" އަކުން ވިއަސް ޖޭއެސްސީ އެކުލެވިގެންވާގޮތަށް ފަރުވާއެއްދީ، ބަދަލެއް ގެނައުމަކީ މިހާރު، މި ސަރުކާރުންވެސް އަދި އެމްޑީޕީއިން ވެސް ބޭނުންވާނެ ކަމަކަށް ނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.