ރައީސް ޔާމީންވަނީ ރައީސް ނަޝީދު ރަހީނު ކޮށްފައި: އެމްޑީޕީގެ ޗެއާޕާސަން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫންވަނީ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަހީނު ކުރައްވައިފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަލް ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަޠީފް ކުރައްވާފައި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ބަންދު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. ޤާނޫނާ ޚިލާފަށް ބަންދު ކުރެއްވުމަށްފަހު އެމަނިކުފާނާ ދެކޮޅަށް ދަޢުވާ އުފުލި، ޝަރީޢަތް ވެސް ވަނީ ކުރެވިފައި ކަމަށާއި އަދި ޙުކުމް ކުރައްވައި ތަންފީޒު ވެސް ކުރައްވައިފައިވާ ކަމަށް ޙަސަން ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އެހެން ކަމުން ވަގުތުން އެމަނިކުފާނު ދޫކޮށްލެއްވުމަށް އޭނާވަނީ ގޮވައިލައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަން މިގޮތަށް ޓްވީޓް ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަޙުސް ކުރެއްވުމަށްފަހު ކޮމިޓީއަށް ފޮނުވުމަށް ނިންމަވައިފައިވަނިކޮށްނެވެ.

ރައީސް ނަޝީދު މިނިވަން ކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައި ވަނިކޮށް ޕީޖީ ވަނީ އެ މައްސަލަ ރިވިއު ކޮށްދެއްވުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. ޙަސަން ލަޠީފް ކުރައްވާފައިވާޓްވީޓުގައި ވިދާޅުވެފައިވަނީ "ރައީސް މުޙައްމަދު ނަޝީދު ވަނީ ޤާނޫނާ ޚިލާފަށް ހައްޔަރު ކުރެވި، ދަޢުވާ އުފުލި، ޝަރީޢަތް ކުރެވި، ޙުކުމް ކުރެވި، ޙުކުމް ތަންފީޒު ކުރަން ޖެހިވަޑައިގެންފައި. ރައީސް ޔާމީން ވަނީ ރައީސް ނަޝީދު ރަހީނު ކޮށްފައި. ރައީސް ނަޝީދު މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ،" ކަމަށެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނިންމެވިޔަސް އެގޮތަށް އަކަމެއް ނުކުރެވޭނެ ކަމަށާއި އެކަންވާނީ ރާއްޖޭގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުގެ ތެރެއިން ކަމަށެވެ.

ދުންޔާ އެހެން ވިދާޅުވުމުން ޙަސަން ލަޠީފް ވިދާޅުވީ ރައީސް ނަޝީދާ ބެހޭ ގޮތުން މާގިނަ ވާހަކަތައް ދުންޔާއަށް ދެކެވިއްޖެ ކަމަށެވެ. އެހެން ކަމުން އިތުރަށް އެވާހަކަ ނުދެއްކެވުމަށް ޙަސަން ލަޠީފް ވަނީ އެދި ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.