އެއްކެންޑިޑޭޓު ނެރުމުގެ ފުރުސަތު ނަޝީދު ނުދެއްވާނެ: ޑރ. ޚަލީލް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެގޮތަށް އަމަލު ކުރައްވާނީ އެމްޑީޕީގައި އޮތް އެމަނިކުފާނުގެ ބާރު ގެއްލިދާނެތީ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ އުސޫލަކީ އެންމެންނަށްވެސް ނަނާ ހުވަފެން ދައްކަވައިގެން އެ ހުވަފެނުގައި މީހުން ބައިތިއްބައިގެން ވެރިކަމަށް ވަޑައިގެންނެވުގެ މަގުތައް ކޮށްޓެވުން ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

ނަޝީދުގެ ބަހާއި އަމަލު ހުންނަވާނީ އިދިކޮޅަށް ކަމަށާއި، ގާސިމް އިބްރާހީމް ވާނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރައްވާފައި ކަމަށްވެސް ޚަލީލް ވިދާޅުވެފައިވެއެވެ.
އޭނާ މިހެން ވިދާޅުވިއިރު ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ޝަރުތުހަމަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ވާދަވެރި ފަރާތްތަކުން އެއް ކެންޑިޑޭޓު ނެރުމަށް ކުރަމުންދާ މަސައްކަތުގެ ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއްކެންޑިޑޭޓު ކަމަށާއި، ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.