އިންޑިޔާގައި ގިނަ ބައެއްގެ ގައިގައި ރޭލަކުން ޖެހިގެން 61 މީހުން މަރުވެއްޖެ

ހާދިސާ ހިނގި ސަރަހައްދަށް މީހުން އެއްވެފައި

އިންޑިޔާގެ އުތުރުގައި އޮންނަ ޕަންޖާބު ސްޓޭޓްގެ އަމްރިޓްސާގައި ރޭލު ދަގަނޑު މަތީގައި ތިބި ގިނަ ބައެެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭލަކުން ޖެހުމުގެ ސަބަބުން 61 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ހިންދޫންގެ އީދެއް ކަމުގައިވާ ދުސޭރާ ފާހަގަކުރުމުގެ ތެރޭގައި ރާވަނާގެ ސިފައަށް ހަދާފައިވާ އެއްޗެއް އަންދާލާތަން ބަލަން ތިބި 300 އެެއްހާ މީހުންނަށް ރޯކޮށްފަައިވާ އެތީގައި ހުރި ބަޑިބޭސް ގޮވާ އަޑާއި މީހުންގެ އަޑުފަށްގަނޑުގެ ސަބަބުން ރޭލުގެ އަޑު ނީވުނީކަމަށް ވެއެވެ. އަދި ގިނަ ބަޔަކު އެމީހުންގެ ފޯނުތަކުން މަންޒަރު ވީޑިއޯކޮށް ފޮޓޯ ނެގުމުގައި މަޝްޣޫލުވެގެން ތިބުމީވެސް ރޭލު އަންނަކަން ނޭނގުމުގެ ސަބަބެއް ކަމުގައި ޚަަބަރުތައް ބުނެއެވެ.
އިއްޔެ އިރުއޮއްސި 6:45 ހާއިރު ހިނގި މި ހާދިސާ ފެންނަ ވީޑިއޯތަކުން އެނގޭ ގޮތުގައި ގިނަ ބަޔަކު މަންޒަރު ވީޑިއޯ ކުރުމުގައި މަޝްޣޫލުވެގެން ތިބިިކަން އެނގޭ ކަމުގައި ސީނިއާ ފުލުސް އޮފިސަރެއް ކަމުގައިވާ ލަކްބީރު ސިންގް ބުންޏެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ތިބިކަމަށް ވެއެވެ.
މި ހާދިސާގައި މީހުންގެ ގައިގައި ޖެހުނު ރޭލަކީ ޖާލަންދަރުން އަމްރިޓްސާއަށް ދަތުރުކުރަމުން ދިޔަ ރޭލެކެވެ.
ޕަންޖާބުގެ ޗީފްމިނިސްޓަރު އަމަރިންދަރް ސިންގް ކުރެއްވި ޓްވީޓެއްގައި "ޔަގީނުންވެސް ވަރަށް ހިތާމަވެރި" ހާދިސާއެއްގެ ގޮތުގައި އެކަން ސިފަކުރައްވަމުން ވިދާޅުވެފައި ވަނީ ޒަޚަމްވީ މީހުންނަށް އެހީވުމަށް ކުރެއްވުނު ހުރިހާ ކަމެއް ކުރައްވާނެ ކަމުގައެވެ. އަދި ޒަޚަމްވީ މީހުންނަށް ހިލޭ ބޭސްފަރުވޭ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕަންޖާބު ސްޓޭޓްގައި ހިތާމަ އިއުލާނުކޮށް، ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް މިއަދު ބަންދުކުރަން ވަނީ ނިންމާފައެވެ.
ރޭލްވޭއާ އެހާ ކައިރީގައި އެފަދަ ކަމެއް ބާއްވަން ހުއްދަދިނީ ކީއްވެތޯއާއި، އެތަނަށް މީހުން އެެއްވެފައި އޮތްކަން ރޭލްވޭއަށް ނޭނގުނީ ކީއްވެތޯ ބަލަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޕަންޖާބުގެ ޗީފްމިނިސްޓަރު މިހާރުވަނީ އެއީ ހުއްދަ ލިބިގެން އެތަނުގައި ބޭއްވިކަމެއްތޯއާއި، ހުއްދަ ދެވިފައިވާނަަމަ، ދިނީ ކޮން ފަރާތެެއްތޯ ބަލަން ތަހުގީގެއް ފެށުމަށް އަމުރުކުރައްވާފައެވެ.
ޚަބަރުތައް ބުނާގޮތުގައި ދުސޭރާ އީދު ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި، ރޭލްވޭ ކައިރީގައި ބޭއްވި ހަރަކާތުގެ ޝަރަފުވެރި މެހުމާނަކަށް ހުންނެވީ، ޕަންޖާބުގެ ކެބިނެޓް މިނިސްޓަރެއް ކަމުގައިވާ ނަވްޖޯތު ސިންގް ސިއްދޫގެ އަނބިކަަނބަލުން ނަވްޖޯތު ކައުރު ސިއްދޫއެވެ. އޭނާ ފަހުން ވިދާޅުވެފައިވާ ގޮތުގައި ހާދިސާ ހިނގީ އޭނާ އެތަނުން ވަޑައިގަތް ފަހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.