ދިއްލީ ކައިރީގައި ދަނޑުވެރިންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި އެތައް ބަޔަކަށް ގެއްލުން ވެއްޖެ

ދިިއްލީ ކައިރީގައި ދަނޑުވެރިންގެ އިހުތިޖާޖުގެ ތެރެއަށް ފުލުހުން ފެން ޖަހަނީ

އިންޑިޔާގެ ދަނޑުވެރިންގެ ޖަމްއިއްޔާ ބާރަތު ކިސާން ޔުނިއަން (ބީކޭޔޫ) އިން ރާވައިގެން ކުރާ އިހުތިޖާޖުގައި ވެރިރަށް ނިއުދީއްލީއާ ދިމާއަށް ކުރިއަށް ދިޔަ އެތައްހާސް ދަނޑުވެރިން ބައިވެރިވާ ހިނގާލުން ދިއްލީއާއި އުއްތަރުޕްރަދޭޝް ގުޅުނު ހިސާބުން ފުލުހުން ހުއްޓުވައިފިއެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ފުލުހުންނާ، އިހުތިޖާޖުކުރަމުން ދިޔަ ދަނޑުވެރިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އެތައް ބަޔަކަށް އަނިޔާވެެއްޖެއެވެ.

ފުލުހުންވަނީ ދަނޑުވެރިކަމުގެ ބާވަތްތަކަށް ދޭ އަގު ބޮޑު ކުރުމަށާއި، ސަރުކާރުން ދޭ އެހީ އިތުރުކުރުމަށް ގޮވާލައި އިހުތިޖާޖުކުރަމުން ދިޔަ މީހުން ހުއްޓުވުމަށް ފެން ޖަަހައި، ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ޚަބަރު ލިބޭގޮތުގައި އިއްޔެ ހަވީރު ހިނގި ހަމަނުޖެހުމުގައި 12 ދަނޑުވެރިންނާއި 8 ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ނިއުދިއްލީގެ އުތުރުން 248 ކިލޯމީޓަރު ދުރުގައި އުއްތަރާކަންޑް ސްޓޭޓުގައި އޮންނަ ހަރިދްވާރުން 30 ހާސް ދަނޑުވެރިންގެ ބޮޑު ހިނގާލުން ނިއުުދިއްލީއާ ދިމާއަށް މިސްރާބު ޖެހީ މީގެ އެއް ހަފުތާ ކުރިންނެވެ. މި ހިނގާލުން ބޮޑުކަމުން ފާއިތުވި ހަފުތާގެ ހޯމަ ދުވަހުއްސުރެ ދިއްލީ-މީރަތު ހައިވޭ އޮތީ ގާތްގަނޑަކަށް ބަންދުވެފައެވެ. މިކަމުގެ ސަބަބުން އެ ހައިވޭގައި ދުއްވާތަކެތީގެ ކިއު އެތައް މޭލަކަށް ދެމިގެން ގޮސްފައި ވެއެވެ.

ދަގަނޑު އަދި ކޮންކްރީޓް ބެރިކޭޑު ޖަަހައި ދިއްލީއަށް ވަދެވޭނެ މަގު ބަންދުކޮށްފައިވާތީ ދަނޑުވެރިން ރުޅި ގަދަވެ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ބޮޑުވުމާއެކު އިންޑިޔާ ސަރުކާރުން މިހާރު ވަނީ ދަނޑުވެރިން އެދޭ ބައެއް ކަންތަކާ މެދު ވާހަަކަދައްކަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

އެހެންނަމަވެސް ދަނޑުވެރިން ވަނީ ސަރުކާރުގެ ހުށަހެޅުމާމެދު ހިތްހަަމަނުޖެހޭކަން ހާމަކޮށްފައެވެ. "ސަރުުކާރުން ދިން ޔަގީންކަމާމެދު އަހަރުމެން ހިތްހަމަނުޖެހޭ. ސަރުކާރުން ވަނީ އަހަރުމެންގެ އިހުތިޖާޖަށް ކިސާންގާތުގައި ހުރަސްއަޅާފައި. އަހަރުމެން އެދޭ ކަންތަކަށް އެއެްބަސްނުވަންޏާ ޔޫޕީ ގޭޓް ކައިރީގައި އަހަރުމެންގެ އިހުތިޖާޖު ކުރިއަށް ގެންދާނަން."  ބީކޭޔޫގެ ލީޑަރު ނަރޭޝް ޓިކައިޓް ބުންޏެވެ.

މި އިހުތިޖާޖުގައި ދަނޑުވެރިން އެދޭ މައިގަނޑު ކަންކަމަކީ ޑީސަލްގެ އަގު  ހެޔޮކުރުމާ، 10 އަހަރަށް ވުރެ ގިނަ ދުވަސްވީ ޑީސަލް އުޅަނދުތައް މަނާކުރުން ނިމުމަކަށް ގެނައުމާ، ދަނޑުވެރިކަމުގެ ބާވަތްތަކަށް ސަރުކާރުން ކަނޑައަޅާފައި އޮތް އެންމެ ކުޑަ އަގު މައްޗަށް ޖެއްސުމާއި، ދަނޑުވެރިންނަށް ނުދެއްކި ހުރި ލޯނުތައް މާފުކުރުމާ، އުއްދަނޑި އަށް ދަނޑުވެރިންނަށް ނުލިބި ހުރި ފައިސާ ހޯދައިދިނުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.