އެއް އާއިލާއެެއްގެ 11 މީހުން ނިއުދިއްލީގެ ގެއެއްގައި މަރުވެފައި ތިއްބާ ފެނިއްޖެ

އެގާރަ މީހުން މަރުވެފައި ތިއްބާ ފެނުނު ގޭގެ ކައިރިއަށް މީހުން އެެއްވެފައި

ގެއެެއްގެ ތެރޭގައި 11 މީހުން ހަގީގަތް ނޭނގޭ ގޮތަކަށް މަރުވެފައި ތިއްބާ ފެނިއްޖެ ކަމުގައި އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ފުލުހުން ބުނެފިިއެވެ. އޭގެ ތެރޭން 10 މީހަކު ތިބީ ކަނުބަނދެފައި މަތީގައި އެލުވާފައެވެ.

ފުލުސް އޮފިސަރު ވިނީތު ކުމާރު ބުނިގޮތުގައި، ނިއުދިއްލީގެ އުތުރުގެ ބުރާރީ އަވަށުގައި ހުންނަ އެގޭގައި މަރުވެފައި ތިބީ އެއް އާއިލާއެއް ގެ މީހުންނެވެ. އަދި އެ އެެންމެންހެން ދިރިއުޅެނީ އެގޭގައެވެ.

ފުލުހުން ދަނީ އެގޭގައި ތިބި ހަތަރު ފިރިހެނުންނާއި، ތިން އަންހެނުންނާއި، ހަތަރު އަންހެންކުދިން އަމިއްލައަށް މަރުވީތޯ، ނުވަތަ މަރާލެވުނީތޯ ޔަގީންކުރަން ތަހުގީގުކުރަމުންނެެވެ. އަމިއްލަ މަރުވަނީ ކަމުގެ އެއްވެސް ނޯޓެއް ގެއިން ފެންނާކަަށް ނެތެެވެ.

މަރުވެފައި ތިބި މީހުންގެ ހަށިގަނޑަށް ވަޒަން އަރާފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އަދި އެ ގެއަށް ބަޔަކު ގަދަކަމުން ވަދެގެންފައިވާ ކަމުގެ ނިޝާނެއްވެސް ނެތެވެ.

ދިހަ މީހަކު ތިބީ ކަފައާއި ފޮތި އަޅައި ކަނު ބަނދެފައި ގޭގެ ފުރާޅު ކައިރިން ވައިބޭރުކުރަން ހަދާފައި ހުރި ދަގަނޑު ޖާލީއެއްގައި އެލުވާފައެވެ. 70 އަަހަރުގެ އަންހެނެއްގެ ހަށިގަނޑު ބިންމަތީގައި އޮެތެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ޚަބަރު ދޭ ގޮތުގައި އެ އާއިލާ އެގޭގައި އުޅޭތާ ވިއްސަކަަށް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އަދި އެއީ ޕްލައިވުޑާއި ކިރުގެ ބާވަތްތަކުގެ ވިޔަފާރިކުރާ މީހެއްގެ ގެއެވެ.

ޚަބަރުތައް ބުނާ ގޮތުން، އެ ގޭގެ  ވެރިިމީހާއާއެކު ފަތިހު ހިނގަންދާ އަވަށްޓެރިއަކު އޭނާ ހޯދަން ވެގެން އެ ގެއަށް ދިޔައިރު، ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އަދި 10 މީހުންގެ ހަށިގަނޑު އެލުވާފައިވާތަން ފެނިގެން އަވަށްޓެރިންނަށް ގޮވީ އޭނާއެވެ.

އަވަށްޓެރިން ބުނާ ގޮތުގައި އެއީއިލާއިން ދިޔައީ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. އަދި އެ އާއިލާއަކީ އެއްވެސް ހަމަނުޖެހުމެއް ހިނގާ އާއިލާއެެއްވެސް ނޫނެވެ. އެ މީހުން އަމިއްލައަށް މަރުވެގެންފާނެ ކަމަކަށްވެސް އަވަށްޓެރިން ގަބޫލެއް ނުކުރެއެވެ.

ރިޕޯޓަރުންނާ ވާހަކަދައްކަަމުން ފުލުސް އޮފިސަރު ރާޖޭޝް ކުރާނާ ބުނީ އެމީހުން ހުރިހާ ގޮތަކަށް ބަލަމުންދާ ކަމުގައެވެ. "ވަކި މިވެނި ގޮތަކަށް ނުވާނެއޭ އަހަރުމެން ބުނާކަށް ނެތިން" އޭނާ ބުންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.