ޓެރަރިޒަމަށް ހޭދަކުރުން މަނާކުރާ ބިލެއް އީރާނުން ފާސްކޮށްފި

އީރާނުގެ ގާނޫނުހަދާ މަޖިލިސް

ހަރުކަށި އުސޫލުތަކަށް ތާއީދުކުރާ މެންބަރުންގެ ދެކޮޅުހެދުމާއެކުވެސް، ޓެރަރިޒަމްގެ އަމަލުތަކަށް ހޭދަކުރުން މަނާކުރާ ބިލެއް އީރާނުގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެެވެ. މިއީ ޔޫރަޕިއަން ޔުނިއަނާ އެކު ހަދާފައިވާ ނިއުކުލިޔާ އެއްބަސްވުމާ އޭޝިޔާގެ ބައެއް ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ބިލެއް ކަމުގައި ވަނީ ބެލެވިފައެވެ.
މި ބިލް ފާސްވެ ގަނޫނަކަށް ވުމާއެކު، އިރާނުގެ ޓެރަރިޒަމާ ބެހޭ ގާނޫނުތައް ބައިނަލްއަގްވާމީ މިންގަނޑަށް ފެތި، އދ. ގެ ޓެރަރިޒަމަށް ހޭދަކުރުމާ ބެހޭ މުއާހަދާ، ޔޫއެން ޓެރަރިޒަމް ފައިނޭންސިންގ ކޮންވެންޝަނުގައި ބައިވެރިވުމުގެ ފުރުސަތު އީރާނަށް ފަހިވެެގެން ދާނެއެވެ.
މިއީ ދުނިޔޭގެ ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް) ލާޒިމުކުރާ ކަންތައް ފުރިހަަމަކުރަން އީރާނުން ފާސްކުރަން ޖެހޭ ހަތަރު ބިލުގެ ތެރެއިން ބިލެކެވެ. ބައިނަލްއަގްވާމީ މަނީ ލޯންޑަރިންގާއި، ޓެރަރިޒަމަށް ހޭދަކުރުމާ ދެކޮޅަށް އީރާނުގެ ގާނޫނުތައް ހަރުކަށިކުރުމަށް އެފްއޭޓީއެފުން އީރާނަށް މުއްދަތު ދީފައި އޮތީ މިމަހުގެ ނިޔަލަށެވެ.
"އަހަރުމެން (އދ. ގެ ކޮންވެންޝަނާ) ގުޅުމުން ހުރިހާ މައްސަލަތަކެއް ހައްލުވާނެކަމުގެ ގެރެންޓީއެއް އަަހަރެންނަށް ނުދެވޭނެ. އަދި ރައީސަށްވެސް ނުދެއްވޭނެ." ބިލާމެދު ގާނޫނުހަދާ މަޖިލީހުގައި ކުރެވުނު ބަހުސުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު މުޙައްދު ޖާވޭދު ޒަރީފު އިއްޔެ ވިދާޅުވިއެވެ. "އެހެންނަމަވެސް، (އެ މުއާހަދާއާ) ނުގުޅުމުން އަހަރުމެންނަށް އިތުރަށް އުދަނގޫކުރުމުގެ ފުރުސަތު އެމެރިކާއަށް ލިބިގެންދާނެކަން ޔަގީން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޓެރަރިޒަމަށް ހޭދަކުރުމާ ބެހޭ އދ. މުއާހަދާއާ ގުޅުމަކީ އީރާނުގައި ވަރަށް ޚިޔާލުތަފާތުވުން ބޮޑު މައްސަލައެކެވެ. ހަރުކަށި ދީނީ މީހުން ދެކޭގޮތުގައި އެ މުއާހަދާގައި ބައިވެރިވުމުން އީރާނުގެ އެކުވެރި ޖަމާއަތެއް ކަމުގައިވާ ލެބެނާނުގެ ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް ފައިސާ ހޭދަކުރުމުގެ މަގު ބަންދުވެގެން ދާނެއެވެ. އެފްއޭޓީއެފުން ބްލެކް ލިސްޓުކޮށްފައި ވާ ދެގައުމަކި އީރާނާއި އުތުރު ކޮރެޔާއެވެ.
ޓެރަރިމަށް ހޭދަކުރުން މޮނިޓާކޮށް ހުއްޓުވުމާ ބެހޭ ބިލެއް މީގެ ކުރިން ފާސްކޮށް ފާއިތުވި އޮގަސްޓު މަހު ތަސްދީގުކޮށް މިހާރުވަނީ ގާނޫނަކަށް ވެފައެވެ. މަނީ ލޯންޑަރިންގާއި، ރާވައިގެން ހިންގޭ ޖަރީމާތަކާ ބެހޭ ބިލެއް ކުރިން ފާސްކޮށްފައިވީ ނަމަވެސް، ދީނީ އިލްމުވެރިންގެ ގާޑިއަން ކައުންސިލްގެ ރުހުން ނުލިބޭތީ އަދިވެސް ވަނީ ތަސްދީގު ނުވެެއެވެ.
ހަރުކަށި ފަރާތްތަކުން "ޚާއިނުންނަށް މަރު" ގޮވައި އަޑުގަދަކުރަމުން ދަނިކޮށް ގާނޫނުހަދާ މަޖިލީހުން އިއްޔެގެ ބިލު ފާސްކޮށްފައި ވަނީ 143 ވޯޓު 120 ވޯޓުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.