އީރާނު އަސްކަރިއްޔާގެ މަތިންދާބޯޓެއް ކޮންޓްރޯލުނުވެ، ބޯޓުގައި ރޯވެ 15 މީހުން މަރުވެއްޖެ

އީރާނު ސިފައިންގެ ކާގޯ ބޯޓެއް ވެއްޓި އެބޯޓުން  ދަތުރުކުރި 15 މީހުން މަރުވެއްޖެއެވެ. ކިރްގިޒްތާނުން އެއްގަމު މަސް ހިފައިގެން ދަތުރުކުރި ބޮއިންގ 707 މަރުކާގެ ބޯޓު ޖައްސަން އައީ ތެހެރާނުގެ ޕާޔަމް އިންޓަރނޭޝަނަލް އެއަޕޯޓަށެވެ. ނަމަވެސް ކުއްލި ހަލާތުގައި ޕާޔަމް އިންޓަރނޭޝަނަލް އެއާޕޯޓާ 10 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ފަތުހު އެއާޕޯޓުގައި ޖައްސަނިކޮށް ބޯޓު ކޮންޓްރޯލު ނުވެ ރަންވޭއިން ފައިބައިގެން ގޮސް އެއާޕޯޓުގެ އިންފާރުގައި ޖެހި ރޯވެފައެވެ. އަދި ބޯޓުން ވަނީ އެއާޕޯޓު ކައިރީ މީހުން ދިރިއުޅޭ ސަރަހައްދަށް ވަދެފައެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ސަލާމަތްވިއެވެ. ޕްރެސް ޓީވީގެ ޓްވީޓެއްގައި ވާގޮތުން ސަލާމަތްވީ ބޯޓުގެ ޕައިލެޓެކެވެ. އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕާޔަމް އިންޓަނޭޝަނަލް އެއާޕޯޓުގައި 3600 މީޓަރުގެ ރަންވޭއެއް އޮންނަ އިރު ފަތުހު އެއާޕޯޓުގެ ރަންވޭގައި ހުންނަނީ 1100 މީޓަރެވެ. މަތިންދާބޯޓުގެ ޕައިލެޓުން ފަތުހު އެއާޕޯޓުގައި ޖައްސަން ނިންމީ ކީއްވެގެންކަން އަދި ސާފު ނުވެއެވެ.

ހާދިސާއަށް ފަހު ނަގާފައިވާ ފޮޓޯތަކުން އެއީ އީރާނުގެ އަސްކަރިއްޔާއިން ހިންގާ ސަހާ އެއާލައިންގެ ބޯޓެއްކަން އެނގޭކަމަށް ޚަބަރުތައް ބުނެއެވެ. އީރާނުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކިރްގިޒްތާނުން އެއްގަމު މަސް އެތެރެކުރަމުންނެވެ. އެކަމަށް ބޭނުންކުރަނީ ސަހާ އެއާލައިނުގެ މަތިންދާބޯޓުތަކެވެ.

ބޮއިންގ 707 ގެ މަރުކާގެ މަތިންދާބޯޓަކީ އެކުންފުނިން އެންމެ ފުރަތަމަ އުފެއްދި ޖެޓް މަތިންދާބޯޓެވެ. 1958 ގައި އުފައްދަން ފެށި މި ބޯޓު އެންމެ ފަހުން އުފައްދާފައި ވަނީ 1979 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.