ޔޫރަޕަށް އީރާނަށްވުރެ ޓްރަމްޕްގެ މައްސަލަ ބޮޑު

ނިމިދިޔަ ހަފުތާގައި އީރާނާއި އެމެރިކާއާ ދެމެދު އުފެދިގަތް ހޫނު މައްސަލައިގެ ސަބަބުން ޔޫރަޕްގެ ގައުމުތައް މިހާރު އޮތީ ކަންބޮޑުވުމެއްގެ މަތީގައެވެ. ހަދާނޭ ގޮތް ބޮޑުވާފަދަ ހާލަތެއްގައެވެ.

އީރާނާ މެދު ކަންތައް ކުރާނޭ ގޮތެއް ހޯދުމަށް އެމެރިކާއިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އެމެރިކާއާއި ޔޫރަޕާ ގުޅިގެން އީރާނާ ދެކޮޅަށް އަޅާނޭ ފިޔަވަޅުތަކެއް ނުވަތަ މައްސަލަތައް ހައްލު ކުރާން އަޅާނޭ ފިޔަވަޅުތަކެއްގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް އެކުލަވައިލުމެވެ. އެއީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން އެވެ. އާއްމުކޮށް މަޝްހޫރު ވެގެން ދިޔަ "އީރާން ޑީލް" އެވެ. މިހާރު ޔޫރަޕްގެ ލީޑަރުންނަށް އެ އެއްބަސްވުމާ ދެކޮޅު ހެއްދެވުން ފަސޭހަފުޅެއް ނުވާނެއެވެ.

އީރާން ޑީލަކީ ޔޫރަޕްގެ އިއްތިހާދުގެ ތާރީޚުގައި ކުރެވުނު އެންމެ ކާމިޔާބު މަސައްކަތެވެ.

މައްސަލަޔާ ގުޅުން ހުރި ހުރިހައި ފަރާތެއް އެއް މޭޒެއްގެ ދޮށަށް ގެނެވުނީ ޔޫރަޕްގެ އިއްތިހާދުގެ ބުރަ މަސައްކަތުންނެވެ. ހުޅަނގުގެ ގައުމުތަކާއެކު ވާހަކަދައްކައި މަޝްވަރާ ކުރާން އީރާން އެއްބަސް ކުރުވީ އެ އިއްތިހާދުންނެވެ. އޭގެ ސަބަބުން ޔޫރަޕަށްވެސް ފައިދާތަކެއް ކުރިއެވެ. އެއީ ބޮޑު ގެ ގައުމަކާއެކު ޔޫރަޕުން ބާއްވާ ގުޅުމުގެ ވަޒަން ހަމަކުރެވޭ ގޮތް ވުމެވެ. އެ ދެ ގައުމަކީ ޗައިނާއާއި އެމެރިކާއެވެ.

ޗައިނާއަކީ ޔޫރަޕަށް ވަރަށް މުހިއްމު ގައުމެކެވެ. ޔޫރަޕްގެ އިގްތިސާދުއަށް ޗައިނާގެ އިންވެސްޓްމެންޓުގެ ސަބަބުން ލިބޭ ފައިދާ ވަރަށް ބޮޑެވެ. އެކަމަކުވެސް ދައުލަތުން ހިންގާ ބޮޑެތި ކުންފުނިތައް ޔޫރަޕްގައި ހިންގާ ވިޔަފާރިއަކީ ހިރާސްތަކެއް ހުންނަ ވިޔަފާރިތަކަކަށްވެސް ގިނަ ފަހަރަށް ވެއެވެ. ޔޫރަޕްގައި ވިޔަފާރި ކުރާ ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަކީ ވާވޭ ކުންފުންޏެވެ.

ޔޫރަޕާ ގުޅުން ބަދަހި ކުރުމަކީ ޗައިނާ އުފަލުން މަރުހަބާ ކިޔަމުން އަންނަ ކަމެކެވެ. ސަބަބަކަށް ވަނީ ގައުމުގެ އިގްތިސާދު ފުޅާ ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވިޔަފާރީގެ ނުފޫޒު ފަތުރާން ލިބޭ ރަނުގެ ފުރުސަތެވެ.

ތާރީޚަށް ބަލާއިރު ޗައިނާއާއި އީރާނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. ވުމާއެކު އީރާން ޑީލްގެ ސަބަބުން އީރާނުގައި ހިންގާ ޗައިނާގެ ވިޔަފާރި އިތުރު ވެގެން ދިޔައެވެ. ޓްރަމްޕް ނިއުކްލިއަރ އެއްބަސްވުމާ ދެކޯލު ހެއްދެވުމަކުންވެސް އެ ވިޔަފާރިއަކަށް ހީނަރުކަމެއް ނާދެއެވެ.

ޗައިނާއާއި އީރާން ދާދި އެއްވަރަކަށް ހިއްސާކުރާ ކަމެއް އޮވެއެވެ. އެއީ ޓްރަމްޕާ ދެކޮޅުވެރިވުމެވެ. ޓްރަމްޕް މަސައްކަތް ކުރައްވަނީ މި ދެ ގައުމާާވެސް ދކޮޅަށެވެ. އެއްކޮޅުން ޗައިނާއާ އެކު އިގްތިސާދީ ހަނގުރާމައެއް ކުރިއަށް ގެންދަވަނީއެވެ. އަނެއްކޮޅުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަނީއެވެ.

ސިޔާސީ އަސްކަރީ މައިދާނަށް ބަލާއިރު ރަޝިއާއަކީ އީރާާނުގެ މިތުރެކެވެ. ރަޝިއާއާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަކީވެސް ޔޫރަޕްގެ ގައުމުތަކުން ބޭނުންވާ ކަމެކެވެ. ރަޝިއާގެ ގުދުރަތީ ވަސީލަތްތައް ޔޫރަޕަށް ވަރަށް މުހިއްމެވެ. ވުމާއެކު އެ ގައުމުގެ ވިޔަފާރިތަކަށް މަރުހަބާވެސް ކިޔާން ޖެހެއެވެ. މިހާރުވެސް ޔޫރަޕްގެ ބޮޑެތި ރަށްރަށުގައި ރަޝިއާގެ ވިޔަފާރި ފުޅާ ކުރަމުން އެބަ ގެންދެއެވެ. އޭގެ ތެރޭގައި ލަންޑަން ހިމެނެއެވެ. ރަޝިއާގެ ބޮޑެތި ވިޔަފާރިތަކުން ބޭނުން ވަނީ ގައުމުން ބޭރަށް ފައިސާ ގެންދެވޭނޭ މަގެއް ހޯދާށެވެ. އެ މަގު އެންމެ ބޮޑަށް ހުޅުވިފައިވާ އެއް ސަރަހައްދަކީ ޔޫރަޕެވެ.

އެކަމަކު ވަރަށް ފަހުން ޔޫރަޕުން ވަނީ ރަޝިއާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެއީ ޔޫރަޕްގެ ބައެއް ރަށްރަށުގައި ރަޝިއާއިން ހިންގާ ނޭއްގާނި އަމަލުތަކުގެ ސަބަބުންނެވެ. އެފަދަ އަމަލުތަކުގެ ތެރޭގައި ޔޫރަޕްގައި ދިރިއުޅޭ ރަޝިއާ މީހުން ސިއްރިޔާތުގައި މެރުން ހިމެނެއެވެ. ޔޫކަރެއިންގެ އިރަށް އޮންނަ ކްރައިމިއާ އަށް އަރައި އެއީ ރަޝިއާގެ ބައެއް ކަމަށް ގަދަކަމުން ހަދައިގަތުމާވެސް އެންމެ ބޮޑަށް ދެކޮޅު ހަދަނީ ޔޫރަޕުންނެވެ.

މިހުރިހައި ކަމެއް މިހެން ހުއްޓައި މިހާރު ޓްރަމްޕް އެދިވަޑައިގަންނަވަނީ ކޮން ކަމަކަށްތޯއެވެ؟ އޭނާ އެދިވަޑައިގަންނަވަނީ ޭނާ އީރާނާ ދެކޮޅަށް ކުރައްވާ ހުރިހައި ކަމެއްގައި ޔޫރަޕް ބައިވެރިވާށެވެ. އޭގެ މާނައަކީ އަލަށް ގުޅުން ބަދަހި ކުރެވުނު ޗައިނާއާއި، ރަޝިއާއާއި، އީރާން ފަދަ ގައުމުތަކާ އަނެއްކާވެސް ދެކޮޅު ހަދާން ވީއެވެ. އެއް ގޮތަކީ އެ ކަމަށް އެއްބަސްވެ ޒަމާންވީ އެކުވެރިޔާ އެމެރިކާގެ ސަފަށް ވަނުމެވެ. އަނެއް ގޮތަކީ އައު އެކުވެރީން ދޫނުކޮށް ހިފެހެއްޓުމެވެ. އެމެރިކާއާ އެއްކޮަޅަށް އަރާން ޖެހިލުންވާ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ޓްރަމްޕަކީ އާއްމުގޮތެއްގައި ކަތި ފޮޔަވަޅު އަޅުއްވާ ބޭފުޅެއް ކަމަށް މުޅި ޔޫރަޕް ގަބޫލު ކުރުމެވެ. އަނެއް ސަބަބަކީ މި އަހަރަށް ފަހު އޭނާ ވެރިކަމުގައި ހުންނަވާނޭ ކަމާމެދު އުފެދިފައި އޮތް ޝައްކެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތަސް ޔޫރަޕްގެ ކަންބޮޑުވުން ހުހެއް ނުވާނެއެވެ. ދެވަނަ ދައުރުގައި އެަނިކުފާނު ޔޫރަޕާއެކު ބާއްވަވާނީ ކޮން ކަހަލަ ގުޅުމެއް ބާވައެވެ؟ ކުއްލިކުއްލިއަށް އަރާ ވާތްގެއްގެ ސަބަބުން އެ ގުޅުމަށް ވެގެން ދާނޭ ގޮތަކާ މެދު ޔޫރަޕުން ވަރަށް ފުންކޮށް ވިސްނާން ވަނީ ޖެހިފައެވެ. އެމެރިކާ ކުރީގެ ހާލަތަށް އެނބުރި އަންނާނެ ހެއްޔެވެ؟ ނުވަތަ މިހާރުވެސް އެދާ ގޮތަށް ބޯ އޮބައިގެން އޮވެ ކަނަކު ދުވާހެން ދުވާނީ ބާވައެވެ؟

ޔޫރަޕުން ކަންބޮޑުވާން ޖެހޭ އެހެން ސަބަބެއްވެސް އެބަ އޮތެވެ. މަހެއްހައި ދުވަހުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގެ އެންމެ ބާރުގަދަ އެއް ގައުމު ކަމުގައިވާ އިނގިރޭސިވިލާތް އެ އިއްތިހާދުން ވަކިވާނެއެވެ. ވަކިވުމަށް ފަހު އިނގިރޭސިވިލާތުން މަސައްކަތް ކުރާނީ އަދި ކުރާން ޖެހޭނީވެސް އެ ގައުމުގެ އަމިއްލަ އިގްތިސާދީ ސިޔާސަތަކާއެކި މުޅީން ވަކީންނެވެ. ޔޫރަޕްގެ އިއްތިހާދާ ވަކިން ވާހަކަ ދައްކާނެއެވެ. އަދި އެމެރިކާއާވެސް ވާހަކަ ދައްކާނީ ވަކިންނެވެ. ލަންޑަނުން އިސްކަން ދޭނީ އެމެރިކާއަށް ކަމުގައި ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެއް ބަޔަކާ ވާހަކަ ދައްކާއިރު އަނެއް ބަޔަކާ އޮންނަ ގުޅުން ހީނަރުވާ ގޮތް ދިމާވުމަކީ އެކަށިގެން ނުވާ ކަމެއް ނޫނެވެ.

މީގެ މިސާލަކީ އނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ދާދި ފަހުން އަމަލު ކުރެއްވި ގޮތެވެ. އީރާނުގެ އަސްކަރީ ލީޑަރު ޤާސިމް ޢުސްމާނީ އަވަހާރަކޮށްލާން އެމެރިކާއިން ދިން ހަމަލާއަށް އޭނާ ތާއީދު ކުރެއްވިއެވެ. ހަމައެޔާއެކު އީރާން ޑީލް ދަމަހައްޓާން ތާއީދު ކުރައްވާ ކަމުގެ މެސެޖުތައް އީރާނަށްވެސް ދެއްވިއެވެ. އެކަމަކު ދެ އޮޑިއަށް ފައި ލައްވައިގެން އޭނާއަށް ހުންނެވޭނީ ކިހައި ދުވަހަކުތޯ މިއީ އުފެދޭ ސުވާލެކެވެ. ޚާއްސަކޮށް އީރާނުގެ ހަމަލާއެއްގައި ވެއްޓުނު ޔޫކްރެއިންގެ މަތިންދާބޯޓުގައި މަރުވީ މީހުންގެ ތެރޭގައި އިނގިރޭސި ބަޔަކު ހިމެނުމަކީވެސް ގުޅުންތައް ދަަމަަހައްޓާން ދަތިވާ އެއް ސަބަބަށް ވާނެއެވެ.

އީރާނުގެ މައްސަލައިގެ ސަބަބުން އެއްކަމެއް ފައުޅު ވެގެން ދިޔައެވެ. އެއީ ޔޫރަޕަށް ދިމާވާ ސިޔާސީ މައްސަލަތަކުގެ ބޮޑުކަމާއި އުނދަގޫކަމެވެ.

ޔޫރަޕްގެ އިއްތިހާދުން ބޭނުން ވަނީ ޗައިނާއާ ބާއްވާ ގުޅުމާއި އެމެރިކާއާ ބާއްވާ ގުޅުން ހަމަހަމަކޮށް ވަކި ވަޒަނެއްގައި ހިފަހައްޓާށެވެ. އިނގިރޭސިވިލާތުން ބޭނުން ވަނީ އެމެރިކާއާ ބާއްވާ ގުޅުމާއި ޔޫރަޕްގެ އިއްތިހާދާއެކު ބާއްވާ ގުޅުން ހަމަހަމަކޮށް ވަޒަންހަމަ ކުރާށެވެ. ޗައިނާއާއި އެމެރިކާއިން މަސައްކަތް ކުރަނީ ޔޫރަޕްގައި ބާރުގަދައީ ތިމަންމެނޭ ކަލޭމެން ދުރިގައި ތިބޭށޭ ބުނާ ކަހަލަ ސިޔާސަތުތަކެއް ނެރެގެން ކުރިއަށް ދާށެވެ. ބާރު ގަދަ ކުރާށެވެ. މި ވަގުތުގެ ހާލަތަށް ބަލާއިރު ވަކި މަގްސަދަކާ ދިމާއަށް އެންމެ ބާރަށް ދަތުރުކުރާތަން ފެންނަނީ އެމެރިކާއެވެ.

1948 ވަނަ އަހަރު ރައީސް ހެރީ ޓްރޫމަންގެ ވެރިކަމުގައި ފާސް ކުރެވުނު ގާނޫނަކާ ގުޅިގެން އެމެރިކާއިން ހުޅަނގު ޔޫރަޕަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނެވެ. އެއީ ބޮޑު ދެ ހަނގުރާމައިނަ ހަލާކުވެ ފަނާވެފައި އޮތް ޔޫރަޕް އަލުން ބިނާ ކުރާން ދޭ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ޚަރަދު ކުރިއެވެ.

އޭގެ 72 އަހަރު ފަހުން 2020 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް މި ހުންނެވީ އެފަދަ މަގާމެއްގައެވެ. ޔޫރަޕް ހަލާކު ކޮށްލެއްވުމުގެ ނުވަތަ ނެގެހެއްޓުމުގެ ބައި ކުޅުއްވޭނޭ ފަދަ މަގާމެއްގައެވެ. ޗައިނާއާއި އީރާނާއި ރަޝިއާއަށް ނުދެވޭ ވަރުގެ ބޮޑެތި ގެއްލުން ޔޫރަޕަށް ދެއްވޭ ފަދަ މަގާމެއްގައެވެ.

އެމެރިކާ ނުވަތަ ޓްރަމްޕް ވެފައި ވަނީ ޔޫރަޕްގެ ކަރުގައި ޖެހުނު ކަށްޓަކަށެވެ. ދިރުވައެއްވެސް ނުލެވެއެވެ. ނުވެސް ނެއްޓުނެވެ.

މައުލޫމާާތު: ސީއެންއެން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.