އެނބުރޭ ވަހުތާން (27)

(27 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ގެއަށް...؟ މިވަގުތު...؟ ހޮޓަލަށް އަންނަ ވާހަކަ ދެއްކީވެސް ނަޞީރެއްނު-؟"

"އެއީ އޭރު ފެނުނު އެންމެ ރަނގަޅު ގޮތް-" ނަޞީރު ބުނެލިއެވެ. އޭނާގެ ބޮލުގައި ވަރަށް ބޮޑަށް އެބަ ރިއްސައެވެ.

ދެ މީހުން އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ދިމާއަށް ބަލަން ތިއްބެވެ. ނަޞީރުގެ ސިކުނޑި ލެވުނުހާ ބާރެއްލާފައި ގޮވަނީއެވެ. ފަރުޒާނާއެވެ. ހެޔޮ ނުވާނެއެވެ. އެންމެ ކަރުނަ ތިތްކެއް ނަމަވެސް ވައްޓައިލާށެވެ. އޭނާއަށްޓަކައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބަލިކަށި ވާށެވެ. އަބުރަކަށް ހުތުރެއް ނުވާނެއެވެ. އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ މަރުގެ ހިތާމައިގައި ހިނދުކޮޅަކަށް ނަމަވެސް ދެރަވާށެވެ. އޭނާޔާ ދޭތެރޭ ހިތުގައި ކުލުނެއް ނެތަސް ގަދަކަމުން ނަމަވެސް އެންމެ ރަނގަޅެވެ.

އޭނާ އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވިއެވެ. "އެހެންވީ ކީއްވެގެން-؟" އޭނާ ތުރުތުރު އަޅަނީއެވެ. "ރޫފީ ރާއަށް ނަފުރަތު ކުރޭ- މިއަދަކީ އޭނާ އެންމެ ފުރަތަމަ ރާ ބުއި ދުވަސް- ދުނިޔޭގެ ވަރަށް ގިނަ މީހުން ރާ ބޮއި- ޢަމަލުވެސް ވޭ- އެކަމަކު އެހެން މީހުންނަށް އެކްސިޑެންޓާ ދިމާ ނުވަނީ ކީއްވެގެން-؟ ރޫފީއަށް ދިމާވީ ކީއްވެގެން-؟ މިއީ އޭނާގެ ފުރަތަމަ ކުށް- ފުރަތަމަ ފާފަ-"

"އެއީ އޭނާއަށް ހުރި ގޮތްކަން ނޭނގޭ- ބައެއް ފަހަރަށް ރަނގަޅު މީހުންގެ ފުށުން ވެވޭ އެންމެ ކުށަކުންވެސް ގެއްލުމެއް ލިބިދާނެ-" ފަރުޒާނާ ހަމްދަރުދީއާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ.

"އަހަންނަކަށް ނުވިސްނޭ-" ނަޞީރު ބާލީހުން މޫނު ހިއްލައިލިއެވެ.

"ދެން ތިޔަ ވާހަކަ ހުއްޓާލާ-" ފަރުޒާނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. "މި ރެޔަކީ އަހަރެމެންގެ ކާވެނީގެ ފުރަތަމަ ރޭ- އިރު އަރަން ދެތިން ގަޑި އިރަށް ވެއްޖެ-"

ނަޞީރު ފަރުޒާނާއާއި ދިމާއަށް ބަލައިލިއެވެ. އޭނާ ވަނީ ފެންކަޅި ވެފައެވެ. އަޑު ވަނީ ހިތާމައިން ފުރިފައެވެ. "ފަރުޒާނާ- އަހަންނަށް މަޢާފު ކުރޭ- މިރޭ... މިރޭ އެއްވެސް އުފަލެއް އަހަންނަކަށް ލިބިއެއް ނުގަނެވޭނެ- މިރެއަކީ އަހަރެމެންގެ ރެއެއް ނޫން-"

ފަރުޒާނާ އޭނާއަށް ނިދެންދެން ނިތްކުރީގައި ފިރުމާލަ ފިރުމާލާ އިނެވެ. އެއަށްފަހު ބޮކި ނިއްވައިލާފައި އޮށޯވެއްޖެއެވެ. އެހެންނަމަވެސް ނިދި ވަނީ އޭނާޔާ އެތައް ކޯހެއް ދުރުގައެވެ. އޭނާ ހިމޭނުން ހޭލައި އޮތީއެވެ.

ހެނދުނު ހުރިހައި ކަމެއް ހަމަޖެހިއްޖެއެވެ. އެތައް އަހަރެއްގެ ހިތާމައަށް ފަހު ލިބުނަސް އުފާ ވާނީ އުފަލަށެވެ. އޭނާގެ ހިތާމަ ދެމި އޮތީ ހަޔެއްކަ ގަޑި އިރަށެވެ.

    

* * *

   

ހަވީރު ފަހެއް ޖެހިއިރު ޔޫސުފު މަލިކު ފޯނު ކޮށްފިއެވެ. ފްލެޓް ތައްޔާރު ވީ ވާހަކަޔާ ބޭނުން އިރަކުން އަޔަސް އެންމެ ރަނގަޅޭ ބުނަން ވެގެންނެވެ. ނަޞީރު ބޭނުންވީ ހަމަ އެވަގުތު ދާށެވެ. އޭނާ ނަވީންއާ ބައްދަލުކުރަން ބޭނުން ވާހަކަވެސް ބުންޏެވެ.

"ނަވީންއާ ބައްދަލު ކުރަނީ ކީއްކުރަން-؟" ފަރުޒާނާ ދެކޮޅު ހެދިއެވެ.

"އެއީ ރޫފީގެ ރައްޓެއްސެއް- ލޯބިވެރިޔާ-" ނަޞީރު ބުނެލިއެވެ.

"އޭނާއަކީ ކިތަންމެ ބައެއްގެ ލޯބިވެރިއެއް-"

"ވަރިހަމަ- ރޫފީއަކީ އާދައިގެ މީހެއްނޫން- އޭނާ މަރުވީ އަހަރެމެންގެ ކާވެނީގެ ސަބަބުން-"

"އެއީ ޙާދިސާއެއް- ހާދިސާއެއް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް މެދުވެރި ވެދާނެ- އަހަރެމެންގެ ކާވެނިވީ ދުވަހު އޭނާއަށް ހާދިސާއާ ކުރިމަތިވީކަން އެއީ އަހަރެމެންގެ ނަޞީބު ދެރަކަން-"

"ނަޞީބު ދެރަކަމޭ-؟" ނަޞީރަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. "އާނ... އެ ދުވަހު މަރުވީކަން އެއީ އޭނާގެ ކުށް- ދޯ-؟ އޭނާ މަރުވާންވީ އެއްދުވަސް ފަހުން-"

"ބައްޕައަށް ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވި- އެއީ ހަމައެކަނި ނަޞީރަށްޓަކާ-"

"އެއީ ފަރުޒާނާގެ ހެޔޮކަން- ހިތާމަ ކުރުން ނޫން އެހެން ހުރިހާ ކަމެއް ކޮށްދީފީމު-"

އަމިއްލަ ވާހަކަ ދައްކާ ނަޞީރު- ރަޙްމަތްތެރިޔާގެ މަރުގެ ހިތާމަ  ނަޞީރު ކުރީ ކިހިނެއް-؟ ރޭ ޖެހި ސަކަރާތް ހަނދާން ނެތުނީތަ-؟"

ނަޞީރު ދެރަ ވެއްޖެއެވެ. މިއީ އޭނާގެ އަލަތު އަނބިމީހާޔާ ވާހަކަ ދައްކަން ރަނގަޅު ގޮތެއް ނޫނެވެ.

ފަރުޒާނާ... ފަރުޒާނާ...

   

* * *

   

ނަވީންގެ ފްލެޓުން މިއުޒިކުގެ އަޑު އިވެއެވެ. ޓަކި ޖަހައިލުމުން ދޮރު ހުޅުވީ ނަވީދެވެ. ނަޞީރު ފެނިފައި އޭނާގެ މޫނު މައްޗަށް ނަފުރަތުގެ އަސަރު ފެތުރުނެވެ. އެއްކަލަ ރޭ ނަޞީރު އޭނާގެ މޫނު މައްޗަށް ބޭލި އެތިފަހަރު އަދިވެސް ހަނދާން ހުރީކަން ނޭނގެއެވެ. ނަވީން އަވަސް އަވަހަށް ދެމީހުންގެ ދޭތެރެއަށް ވަދެއްޖެއެވެ.

"އަހާނ- ނަޞީރުތަ-؟ ކީއްކުރަނީ-؟ ފަރުޒާނާ ފަހައިގަތީތަ-؟" ނަވީން ހިނިތުން ވެލިއެވެ.

"ނަވީން އާންޓީއަކަށް މިރޭ އެއްވެސް އެހީއެއް ވެދެވޭކަށް ނެތް-" ނަވީދް ނަޞީރާ ދިމާ ކޮށްލިއެވެ.

ނަޞީރު އަޑު އިވުނު ކަމަކަށް ނުހެދިއެވެ. "އަހަރެމެން ފްލެޓަށް އަތުވެއްޖައިން- އަހަރެން އައީ އެއްވެސް އެހީއެއް ބޭނުންތޯ އަހާލަން- ކަމެއް ބޭނުންތަ-؟"

"އެއްވެސް ކަމެއް ބޭުނުމެއް ނޫން- ބޭނުން ހުރިހާ ކަމެއް ނަވީދް ކޮށްދީފި- އާދޭ... އާދޭ... އެތެރެއަށް ވަދޭ- އަހަރެން ކޮފީ..."

"ނޫނޭ- ފަރުޒާނާ އަހަރެންގެ އިންތިޒާރުގައި އިންނާނެ- ޝުކުރިއްޔާ ނަވީން-"

ނަޞީރު މަގުމައްޗަށް ނުކުތްއިރުވެސް މިއުޒިކްގެ އަޑު އިވެއެވެ.

   

* * *

   

ފަރުޒާނާއާއި، ނަޞީރުގެ ކާވެނި ވީތާ ދެތިން ހަފުތާ ފަހުން އިޤްބާލު އަޙްމަދު ޝަބާނާއާ އިންނަން އެދިއްޖެއެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ޖޯޝެއް ނެތެވެ. ޝަބާނާގެ އުފާ ފުރިހަމައެއް ނުވިއެވެ.

"ކިހިނެއްވީތޯ-؟ އަޅުގަނޑާ ކާވެނި ކުރައްވަން ނިންމެވީ ކީއްވެގެންތޯ-؟" ޝަބާނާ އަހައިލިއެވެ.

"އެއީ އަހަރެން ބޭނުމީ ޝަބާނާ ކަމަށް ވާތީ-"

"ތިޔައީ ރަނގަޅަށް ވިސްނަވާފައި ނިންމެވި ކަމެއްތޯ-؟"

"ކަށަވަރެއްނު- މިކަހަލަ މުހިންމު ކަންތައްތައް ނުވިސްނާ ނިންމާނީ ކިހިނެއް-؟"

ލޯބީގެ ނިންމުމަކީ ވިސްނާފައި ނިންމާ ނިންމުމެއް ނޫނެވެ. ވިސްނަން ޖެހެނީ ލޯބި ނުވާތީއެވެ. ޝަބާނާ ހިތާމަޔާއެކު ވިސްނައިލިއެވެ. އެހެންވިޔަސް އެންމެ ރަނގަޅު ތާއެވެ. އޭނާގެ އެދުން ފުރިހަމަ ވީއެވެ. "އަޅުގަނޑު ރުހެން-" އޭނާ ހިނިތުން ވެލިއެވެ.

އިޤްބާލު ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

   

* * *

   

ޕާޓީތަކަށް ދަމުން ގޮސް ޝަބާނާ ވަރުބަލި ވެއްޖެއެވެ. މިހާރުވެސް އޭނާ ޕާޓީއަކަށް ދާން ތައްޔާރު ވަނީއެވެ. ބައެއް ފަހަރަށް ރުޅިވެސް އާދެއެވެ. މުޅި ދިރިއުޅުން ޕާޓީތަކަށް ވަގުފު ވެއްޖެއެވެ. އޭނާ އިންނަނީ އިޤްބާލާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން އެދި ކެތްތެރިކަން ކުޑަ ވެފައެވެ. މާއްދީ ހުރިހާ އުފަލެއް ލިބުނަސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޕާޓީތަކުން ސަލާމަތް ވެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ޕާޓީއަކަށް ދާން އޭނާ ދެކޮޅު ހަދާ ދުވަސްދުވަހު ޕާޓީ އޮންނަނީ އެ ގޭގައެވެ. ޕާޓީ ބޭއްވޭ ގޮތް ނުވެއްޖެނަމަ ރޭގަނޑު އެތައް ދަމެއް ވާންދެން އިޤްބާލުގެ އިންތިޒާރުގައި ހޭލައި އިންނަން ޖެހެއެވެ. އޮފީހަށް ފޯނު ކުރީމާ ބުނާނެއެވެ. "ދެން މާގިނަ އިރެއް ނުވާނެ- ވަރަށް އަވަހަށް އެބަ ދަން-" އެބުނާ އަވަހެއް ދުވަހަކުވެސް ނުވެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.