(20 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނަޞީރު... އަހަރެންގެ ފުރާނަޔާ..." ފަރުޒާނާއަށް ގޮވައިލެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާ ނަޞީރުގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އާދަޔާ ޚިލާފަށް ބާރަށެވެ.
"އޭތް- މިސިޒް ނަޞީރު- އަހަރެން ފިލައިގެންދާން އުޅެނީހެން ހީވަނީތަ-؟ އަހަރެމެން ދެ މީހުން މަރުވާންދެންވެސް ތިބޭނީ އެކީގައި-"
ފަރުޒާނާ އިސް އުފުލައިލިއެވެ. އޭނާގެ މޫނުމަތީން ހާސްވެފައި ހުރި ކަމުގެ ޢަލާމާތް ފެނެއެވެ. "ނަޞީރު- އަބަދުވެސް ހަނދާން ކުރާތި- އަހަރެން ނަޞީރު ދެކެ ވަރަށް ބޮޑަށް ލޯބި ވަން- ޙާލަތު ކޮންމެ ގޮތަކަށް ބަދަލު ވިޔަސް ހަނދާން ކުރާތި- ދިރި ހުރިހާ ދުވަހަކު މިގޮތަށް، މިހާ ވަރަށް ލޯބި ވާނަން- ކޮންމެ ގޮތެއް ވިޔަސް..."
"ތިޔައީ ހަނދާން ނައްތާލާ ވަރުގެ ވާހަކައެއްތަ-؟"
"އުހުނ- ހުވާ ކުރޭ- އަބަދުވެސް ހަނދާން ބަހައްޓަން ވަޢުދުވޭ-"
"އެންމެ ރަނގަޅު- ހުވާ ކުރަން- އަބަދުވެސް ހަނދާން ބަހައްޓަން ވަޢުދުވަން-" ނަޞީރު ފަރުޒާނާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.
އިރު ކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. "ރަސްމިއްޔާތު ހިނގަމުން ދިޔައިރު އަހަންނަށް އަބަދުވެސް ޚިޔާލު ކުރެވެމުން ދިޔައީ ރޫފީއާ މެދު- އޭނާވެސް ކެހި ދިނީ އެންމެ ބޭނުންވީ ދަނޑިވަޅުގައި- އެކަމަކު އަޖާއިބެއް- އަހަންނަކަށް އޭނާ ދެކެ ރުޅިއެއް ނާދެވޭ-"
ފަރުޒާނާގެ ކުލަވަރު ފަނޑުވެއްޖެއެވެ. "އެހެންތަ-؟ ހުރިހާ ވަގުތަކުވެސް އަހަރެން ވިސްނަމުން ދިޔައީ ނަޞީރާ މެދު- އެހެން އެއްވެސް ޚިޔާލެއް ނުކުރެވޭ- އަހަރެން ވަރަށް ލޯބިވޭ ފުރާނަޔާ-"
* * *
އިޤްބާލު ހުރީ ރޫފީގެ ފްލެޓުގައެވެ. ނަވީންގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އޭނާ މޭޒު މަތީގައި ހުރި ކަރުދާސްތައް ހާވަނީއެވެ.
"އޭނާގެ ގާތް މީހަކަށް މިހާރު ދުނިޔޭގައި އިނީ އޭނާގެ މުސްކުޅި މާމަ އެކަނި-" ނަވީން ބުންޏެވެ. "މިތާ ކޮންމެވެސް ތާނކު އޭނާގެ އެޑްރެސް އޮންނަން ވާނެ- މީގެ ދެ ދުވަހެއް ކުރިން ސިޓީއެއްވެސް ލިބުނު-"
"ނަވީން- ހިނގާ އަހަރެން ކަލޭ ގެއަށް ލައިދޭނަން- ފުލުހުންނަށް ރޫފީގެ މާމަގެ އެޑްރެސް ލިބިއްޖެ-" އިޤްބާލު ބުނެލިއެވެ.
ނަވީން އިޤްބާލާ ދިމާއަށް ބަލައިލިއެވެ. "އޭނާގެ މާމައަށް ސިޓީއެއް ލިޔަން އަހަރެން ބޭނުން-"
"މިހާރު އެންމެ ރަނގަޅު ގޮތަކީ ގެއަށް ދިޔުން- މިތާ ހުރުމަކުން ވާނޭ ފައިދާއެއް ނެތް-" އިޤްބާލު އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. އޭނާޔާ އެކީ މިތަނަށް އާދެވުނު މޮޔަވެސް ހިތަށް އަރަން ފަށައިފިއެވެ.
"އެއީ އަޖާއިބެއް ކަހަލަ މީހެއްދޯ-؟ އިސްކޮޅުން ކުރު... ދެފައި ކުރު... ދިގު ނޭފަތެއް..." ނަވީން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ވާހަކަ ދެއްކިއެވެ.
ވިސްނުމަކާ ނުލާ އިޤްބާލަށް އަހައިލެވުނެވެ. "ކަލޭ ރޫފީ ދެކެ ލޯބިވެއެއްނު-؟"
ރޫފީ މޮޔައެއްހެން ހީނގަތެވެ. "ރަނޑު ވާހަކަ ނުދައްކާ-" އޭނާ އަނެއްކާވެސް މާމަގެ ސިޓީ ހޯދަން ފަށައިފިއެވެ.
"ނަވީން- ކަލޭ އެކަނި މިތާ ހުރުން ރަނގަޅެއް ނުވާނެ- ކޮންމެވެސް މީހަކު ކަލޭގެ ކައިރީގައި ހުރުން ބުއްދިވެރި-"
"އިޤްބާލު- މިހާ އަވަހަށް-؟ އަހަރެން ތިޔަހާ ގޮތް ކުޑައެއް ނޫން-"
"އަހަރެން މިބުނީ އެހެންނެއް ނޫން-" އިޤްބާލު އަވަސް އަވަހަށް ބުނެލިއެވެ. "ބޭނުމިއްޔާ ޝަބާނާ ގޮވައިގެން..."
"އަހަރެން އެއްވެސް މީހަކު ގެންނާކަށް ބޭނުމެއް ނޫން-" ނަވީން އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ. "އަމުދުން ޝަބާނާ ޖައްބާރު ކައިރި ކުރަންވެސް ބޭނުމެއް ނޫން-"
އޭނާއަށް ޝަބާނާގެ މަތިން ހަނދާން ވާން ފަށައިފިއެވެ. ރޫފީގެ ކުއްލި މަރުގެ ޚަބަރު ލިބުމުން ޝަބާނާ ފެންކަޅި ވިއެވެ. އެކަމަކު ރޫފީގެ އެންމެ ގާތް މީހެއް ކަމަށް ބުނާ ނަވީންގެ ލޯ ވަނީ ހިކިފައެވެ. އޭނާ ޝަބާނާއާ ބައްދަލު ކުރާ ހިތް ވާން ފަށައިފިއެވެ. މި ވަގުތު އޭނާއަށް ޝަބާނާ ސިފަ ކުރެވެނީ ހިޔާ ދޭ ގަހެއްގެ ގޮތުގައެވެ. އޭނާ ވަނީ ވަރުބަލި ވެފައެވެ. ހިޔަލަކަށް ބޭނުން ވެފައެވެ. ފަރުޒާނާގެ ބޭވަފާތެރި ކަމުން އުފެދުނު ފާރުގަނޑަށް ފަރުވާއެއް ދެވޭނީ ޝަބާނާއަށެވެ.
"ފަރުޒާނާ-" ނަވީންއަށް އޭނާގެ ސިކުނޑި ފެނުނީ ކަހަލައެވެ. "ކްރިސްޓަލް ހޯލަށް ދާން ނުކުތުމުގެ ކުރިން ފަރުޒާނާއަށް އެނގިއްޖެ- އެކަމަކު އޭނާ އަހަންނަށް ނޭންގި- އާދައިގެ މަތިން ވާހަކަ ދެއްކީ- ހަމަ ޖެހިގެން- އެއްވެސް ކަމެއް ވީ ހެންނެއްވެސް ހިޔެއް ނުވޭ- އޭނާގެ އުޅުމަކުންވެސް، ވާހަކަޔަކުންވެސް އެއްވެސް ކަހަލަ އަސަރެއް ނުފެނޭ- ޔޫސުފު މަލިކާއި ކަލެޔާ ދެ މީހުން ފެނުނީ ބަލިވެ އުޅޭ ދެ މީހުންހެން- އެކަމަކު ފަރުޒާނާ... އޭނާ ވަރަށް މޮޅު-" ނަވީން އަނެއްކާވެސް ސިޓީ ހޯދުން ހުއްޓާލައިފިއެވެ. "ލަވައެއް ޖަހާބަލަ-" އިޤްބާލު އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އަމިއްލައަށް ގޮސް ލަވައެއް ޖަހައިލިއެވެ. އާދޭ... އަހަންނާއެކީ ނަށަން އާދޭ-"
އިޤްބާލު ފެންނަ މަންޒަރު ޔަޤީން ނުވާ ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ. އިޤްބާލުގެ ފަރާތުން އެއްވެސް ރައްދު ޢަމަލެއް ނުފެނުމުން އެކަނި ނަށަން ފަށައިފިއެވެ. އިޤްބާލު ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. މި އަންހެންކުއްޖާގެ ސިކުނޑި ހަމައިން ނައްޓާލީ ނޫން ބާވައޭ ހިތަށް އެރިއެވެ.
ކުއްލިއަކަށް ނަވީން ޓޭޕް ރިކޯޑަރު ނިއްވައިލައިފިއެވެ. "އަހަރެން ބޭނުމީ ގެއަށް ދާން- މާމަގެ ސިޓީ ހޯދާނީ މާދަމާ-"
އިޤްބާލު ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އޭނާ ބޭނުން ވަނީ އަވަހަށް މި ޤަބުރުސްތާނުން ނުކުމުގެން ފިލައި ރައްކައުވާށެވެ.
* * *
"މިއަދު ކްލަބަށް ދިއުން އެހާ މުހިންމުތަ-؟" ނަޖުމާ މަލިކު އޭނާގެ ފިރިމީހާޔާ ސުވާލު ކުރިއެވެ. "މިއަދު ނުގޮސް މަޑުކޮށްލަދީ-"
"އަހަރެން ދިޔުން ވަރަށް މުހިންމު- އެމީހުންނަށް ޕިޔާނާޖަހާ މީހަކު ބޭނުން ވާނެ- ނަޞީރަށް ޖާގަ ލިބޭތޯ އަހަރެން މަސައްކަތް ކުރާނަން-"
"އަހަރެންވެސް ދާނަން-" ނަޖުމާ ބުންޏެވެ. "އެކަމަކު... ފަރުޒާނާ ފަހަރެއްގައި ފޯނު ކޮށްފާނެ-"
ޔޫސުފު މަލިކު ވަރަށް ފުންކޮށް އޭނާގެ އަނބިމީހާއާ ދިމާއަށް ބަލައިލިއެވެ. "ފަހަރެއްގައި އިޤްބާލުވެސް ފޯނު ކޮށްފާނެ-"
"ނޫން- އޭނާ ފޯނެއް ނުކުރާނެ- އޭނާއަށް ވެފައި ހުރި ގޮތް ޔޫސުފެއް ނުދެކެންތަ-؟ އޭނާ ހަމަ ރަނގަޅަށް ފަރުޒާނާ ދެކެ ލޯބިވޭ- ކިހާ ބޮޑު އަޖާއިބެއް- އެކަކަށްވެސް އެމީހަކު ލޯބިވާ މީހާއެއް ޙާޞިލެއް ނުކުރެވޭ- އެކަމަކުވެސް އެ ލޯބީގައި އުމުރުދުވަސް ހޭދަ ކުރަން މަޖުބޫރުވޭ- ފަހަރެއްގައި ލޯބިވާ މީހާ ޙާޞިލު ކުރެވުނަސް ކާވެނި ދެތިން އަހަރަށްވެސް ދެމިއެއް ނޯވޭ- ދިރިއުޅުމަކީ އަޖާއިބެއް ފަދަ ހަނގުރާމައެއް-" ނަޖުމާ ހީނލިއެވެ.
ޔޫސުފު މަލިކުގެ ހިތަށް އެރިއެވެ. ތެދެކެވެ. އަދި ނާކާމިޔާބު ލޯބީގެ ސަބަބުން ލިބޭ ވޭން އުމުރަށް ދެމިހުރެއެވެ. "އަހަރެން ގޮސްފައި ވަރަށް އަވަހަށް އާދެވޭތޯ ބަލާނަން-"
ނަޖުމާ އޭނާގެ ފިރިމީހާއާ ދިމާއަށް ބަލައިލިއެވެ. "އަވަހަށް އަންނާތި-"
* * *
"ޖައްބާރު ވީ ކްލަބަށްގޮސް-" ހިނާ ބުނެލިއެވެ.
"އަހަރެން އައީ ކަލެޔާ ބައްދަލު ކޮށްލަން-" ޔޫސުފް މަލިކް ބުންޏެވެ. ޖައްބާރު ވީ ކްލަބްގައިކަން އޭނާއަށް އެނގެއެވެ. އޭނާ ކްލަބަށް ދިޔަ ކަންތައް ހީކުރި ވަރަށްވުރެ މާ އަވަހަށް ނިމިއްޖެއެވެ. ޗެކް ފޮތަކީ ހުރިހާ ބައްޔެއްގެ ބޭހެވެ. މިއަދު އޭނާއަށް މާ ބޮޑަށް އެކަނިވެރިކަން އިޙްސާސް ކުރެވެނީއެވެ. އެހެންނަމަވެސް ހިނާ އޭނާއާއި ބައްދަލުކުރީ ފިނި، މަޑުމައިތިރި ކަމަކާ އެކީއެވެ. އެއީ އަބަދުވެސް ހިނާގެ ގޮތެވެ. އުޅުމަށް ބަލާއިރު ފަރުޒާނާ ހީވަނީ ނަޖްމާގެ ކުއްޖެއް ނޫން ހެންނެވެ. ހިނާގެ ކުއްޖެއް ހެންނެވެ. ކިހާބޮޑު އަޖާއިބެއްހެއްޔެވެ؟
"ކޮފީ ބައްލަވަންވީ ނޫންތޯ-" ހިނާ އަހައިލިއެވެ.
(ނުނިމޭ)