(4 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ވަރަށް ބޮޑަށް- ކިހިނެއްވީ-؟ އެކަމާ ކަލޭ ދެރަވަނީތަ-؟"
"އަހަންނަކާ ކީކީ-؟ ...ވަރުބަލި ވެއްޖެ- މާބޮޑަށް ހޫނުވެސް ވަނީ-" ނަވީން ދެ ފަސްބައިގައި ހިފާ ދަމައިގަތް ގަތީނުން ލައިގެން އިން ގަމީހުގެ ގޮށްތައް ކަނޑައިލައިފިއެވެ. އޭނާ ދެބައި ކުޅަ އެއްބަޔަށް ބަރަހަނާ ވެއްޖެއެވެ. "އާނ- ރަނގަޅަށް ނޭވާ ލެވެނީ މިހާރުއެއްނު-؟"
"އޭތް... އޭތް... ތިޔަ ކުރަނީ ކީއް-؟" ނަޞީރު ހާސް ވެއްޖެއެވެ.
ނަވީން ހީނގަތެވެ. "މިހާރު މީހަކަށް އަހަރެމެން ފެނިއްޖެއްޔާ އެމީހަކު ހީކުރާނީ ކީކޭ-؟ އަހަރެން ބޭނުން މިވާ ގޮތަށް- އެހެންނު-؟"
ކުރިމަތިން ދުއްވާފައި އަންނަ ސިފައިންގެ ބަސް ނަޞީރަށް ފެނުނެވެ. އެވަގުތު ނަވީން އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތިއްޖެއެވެ. ކާރު ގޮސް ސިފައިންގެ ބަހުގައި ޖެހިއްޖެއެވެ.
އޯހޯ... ރޫފީ... އެކްސިޑެންޓް ވުމަކީ ހާދަހާ ފަސޭހަ ކަމެކެވެ. އޭނާގެ ހިތަށް އެރިއެވެ. ދެން މަޑުމަޑުން މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ.
* * *
ޕާޓީގެ އެންމެ ފޯރި ގަދަ ވަގުތެވެ. ޝަބާނާ ފޫހި ވަނީއެވެ. ކުއްލިއަކަށް ފޯނުގެ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. ފޯނަށް ޖަވާބު ދިނީ އިޤްބާލެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވައިފައި އޭނާ ޝަބާނާއާ ދިމާއަށް އެނބުރިލިއެވެ. "ނަޖުމާ މަލިކުގެ ފޯނެއް- ނަޞީރުގެ އެކްސިޑެންޓްވީ- އަހަރެން މިދަނީ ފަރުޒާނާއާ ދިމާއަށް-"
ޝަބާނާގެ ހިތުގައި ހީވީ އެތިފަހަރެއް ޖެހި ހެންނެވެ. ނަޞީރުގެ އެކްސިޑެންޓް ވީއެވެ. ދެން ފަރުޒާނާ އަށް އިޤްބާލު ލިބިދާނެއެވެ. "ނަޞީރުގެ ޙާލު ކިހިނެއްތޯ-؟" އޭނާ އަހައިލިއެވެ.
"އޭނާއަކަށް މާ ބޮޑު ވަރެއް ނުވޭ-" އިޤްބާލުގެ ރާގުން ހީވަނީ ނަޞީރަށް މާބޮޑު ވަރެއް ނުވީތީ ދެރަވީހެންނެވެ. "އެހެންވިޔަސް އަހަރެން ދާންޖެހޭ- އެމީހުންނަށް އަހަރެންގެ އެހީ ބޭނުންވޭ-"
ޝަބާނާގެ ހިތަށް އެރިއެވެ. ކޮންމެ ފަހަރަކުވެސް އަގެއް ނެތި ބާކީ މިވަނީ ނަޞީރާއި އޭނާޔާ ދެމީހުންނެވެ. އެކަކުވެސް އެ ދެމީހުންގެ ފިކުރެއް ނުކުރެއެވެ. އެއީ މި ބައިމީހުންގެ މަގަށް އެޅިފައިވާ ދެ ހުރަހެވެ. މިހާރު އިޤްބާލު އެދަނީ ފަރުޒާނާގެ ގާތަށެވެ.
އިޤްބާލު ދިޔައީމާ އޭނާ ދިޔައީ އަޙްމަދު ނިހާލުގެ ކޮޓަރިއަށެވެ. އޭރު އޭނާ ހޭލާ އުޅެއެވެ. "ކިހިނެއްވީ-؟ ފޯނު ކުރީ ކާކު-؟"
ޝަބާނާ އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ. އޭނާ ނަޖުމާ ދެކެވެސް ރުޅި އަންނަން ފަށައިފިއެވެ. ފޯނު ކުރަންވީ އިޤްބާލަށް ހެއްޔެވެ؟ އިޤްބާލަކީ އެމީހުންގެ ކާކު ހެއްޔެވެ؟ ކޮން ގުޅުމެއް އޮންނަ މީހެއް ހެއްޔެވެ؟ ނަޖުމާ ބޭނުން ވަނީ ފަރުޒާނާ އާ އިޤްބާލާ ދެމީހުން ގުޅުވާށެވެ.
"އަޅުގަނޑު ދަނީ- މެހުމާނުން އަދިވެސް އެބަތިބި-" ޝަބާނާ ބުންޏެވެ.
"އެމީހުން ތިބިޔަދީ- މިތާނގައި އިރު ކޮޅަކު މަޑުކޮށްލާ- އެމީހުން އެއީ ވިސްނޭ ބައެއް ނަމަ ދަރިފުޅު ނުދިޔައިމާ ވިސްނެންވާނެ-"
ޝަބާނާ ކޮޓަރީގެ ފާރަށް ބަލަން އިނެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނަމުން ދަނީއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ނިހާލާ ދިމާއަށް ބަލައިލިއެވެ. "މިއީ ހަމައެކަނި އިޤްބާލުގެ ގެއެއް ނޫން- އަޅުގަނޑުގެ ވެސް ގެ އެހެން ނޫންތޯ-؟
"އާނ... މިއީ ދަރިފުޅުގެ ވެސް ގެ-" ނިހާލު ބުނެލިއެވެ.
"ކޮންމެ ދުވަހަކު މި ބާއްވާ ޕާރޓީ އަކާ ހެދި އަޅުގަނޑު އަވަދި ވާ ވަރުވެއްޖެ- މިރޭ މިއީ އެންމެ ފަހުގެ ޕާޓީ- މީގެ ފަހުން ޕާޓީއެއް ނުބޭއްވޭނެ-" ޝަބާނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.
* * *
އިޤްބާލް ގެއަށް އައީ ފަތިހު ހަތަރެއް ޖެހިއިރުއެވެ. އޭރުވެސް ޝަބާނާ ހޭލައި އިނެވެ. ޕާޓީގެ ހުރިހައި ކަމެއް ނިމި ގޭތެރެ ފޮޅައި ސާފުކޮށް ނިންމައިގެންނެވެ. އިޤްބާލް ހައިރާންވެފައި ގޭތެރެއަށް ބަލައިލިއެވެ. "އަހާނ... އަދިވެސް ނުނިދަންތަ-؟ އަހަރެން ހީކުރީ މިހާރު އޮންނާނީ ނިދާފައި ކަމަށް-"
"ނަޞީރުގެ ހާލު ކިހިނެއްތޯ-؟"
"ރަނގަޅު- ބޮލަށް ކުޑަކޮށް އަނިޔާވުން ފިޔަވައި އެހެން ކަމެއް ނުވޭ- ވަރަށް ކުޑަ..."
"މާ ލަސްވީ ކިހިނެއް ވެގެންތޯ-؟" ޝަބާނާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.
"ހޫނ... ސިފައިންގެ ކަންތައްގަނޑެއްވެސް އޮތުމާ އެކީ އެކަމާ އުޅެން ހަދައިގެން ލަސްވީ-"
"ތިޔަ ހުރިހާ ކަމެއް ޔޫސުފް މަލިކަށްވެސް ކުރެވިދާނެ- ނަޖްމާ ކޮންމެހެން އިޤްބާލާ ގުޅަން ޖެހުނީ ކީއްވެގެންތޯ-؟"
"މައްސަލަ ކުޑަކޮށް ހޫނުވީ-" އިޤްބާލް ޖަވާބުދިނެވެ. "އެކްސިޑެންޓް ވީއިރު ނަޞީރާއެކީގައި ނަވީންވެސް އިން- ނަވީން އިނީ ރާ ބޮއިގެން ހިސާބަކަށް އަމަލު ވެފައި- މައްސަލަ ހިންދައިލެވުނީސް- އެކަމަކު ނަޖްމާ މާ ކަންތައް ބޮޑު ކޮށްގެން އަޑު އަރުވައިލީ- ދެން ފުރިހަމަ ނުވެ އޮތް ބައި ނަވީން ފުރިހަމަ ކޮށްލީ- ފެނުނުއިރު ނަވީންހުރީ މާ ތާހިރު ގޮތަކަށްވެސް ނޫން-"
"ނަޞީރު އޭނާ ގެޔަށް ލައި ދޭން ދިޔައީކަމަށް ވާނީ-" ޝަބާނާ ބުންޏެވެ.
އިޤްބާލްގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. "ނަޞީރު ބުނަނީ ތިޔަހެން- އެކަމަކު ނަވީންގެ ވާހަކަ މުޅިން ތަފާތު- އަޅާނުލާ- އަހަރެމެންނަކާ ބެހޭ ކަމެއް ނޫން- އަހަރެން ނިދިވެސް އަތުވެއްޖެ-"
"އިޤްބާލް- އަޅުގަނޑު ވާހަކައެއް ނަންގަންނަންވެއްޖެ-" ޝަބާނާ ޖެހިލުންވެ ހުރެ ބުނެލިއެވެ. "މީގެ ފަހުން މިގޭގައި ޕާޓީ ބާއްވަވައިގެން ނުވާނެ- ދެން އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެ- ޕާޓީ ދެއްވަންޏާ ކްލަބްގައި ދެއްވާ-" ޝަބާނާ ކުއްލިއަކަށް ރޯން ފަށައިފިއެވެ. "އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެ-"
އިޤްބާލް އިރުކޮޅެއް ވާންދެން އޭނާއާ ދިމާއަށް ބަލަން ހުރެފައި މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "އެންމެ ރަނގަޅު- އަހަރެން ވަޢުދުވަން- މީގެ ފަހުން މިގޭގައި ޕާޓީއެއް ނުބާއްވާނަން-"
* * *
"ފަރުޒާނާ ހަމަ ދަނީތަ-؟"
"އާނ- އަހަރެން ހަމަ މިއަދު މަންމަޔާ އެކީ ދަނީ-"
"އޯހ-" ނަޞީރު ފަރުޒާނާގެ ފޮށްޓާ ދިމާއަށް ބަލައިލިއެވެ.
"ނަޞީރުގެ އިއުތިރާޒެއް ނެތިއްޔާ އަހަރެން ކާރު ގެންދަން ކަމަށް- އެންމެ ރަނގަޅުތަ-؟"
"އަހަރެން ކުރަންވީ ކޮން އިއުތިރާޒެއް-؟"
ނަޞީރުގެ ކާރު އޮތީ އަދިވެސް ގަރާޖުގައެއްނު-؟ އެހެންވީމާ އަހައިލީ-" ފަރުޒާނާގެ ރާގުގައި ފަރުވާކުޑަކަން އެކުލެވިފައި ވެއެވެ.
"އަހަންނާ މެދު ފިކުރު ނުކުރޭ – އަހަރެން ކަހަލަ ވިޔާނުދާ މީހަކާ ދުރުގައި އުޅުނު ވަރެއް ރަނގަޅު-" ނަޞީރު ބުނެލިއެވެ. ފަރުޒާނާ އިނީ އިސް ޖަހައިލައިގެންނެވެ. "ކިހައި ބޮޑެތި ޢަޖާއިބު- އަހަރެމެން ތިބީ ކިހައި އުފަލުން- ދެމީހުންގެ މެދުގައި އޮތީ އިޚްލާޞްތެރި ލޯބި- އެ ހުރިހައި ކަމެއް އެންމެ ހިނދުކޮޅަކުން... އެންމެ ރެޔަކުން ވަޔަށް ބުރައިގެން ހިނގައްޖެ-"
"މިހާރު އެވާހަކަ ދެއްކުމުގެ ފައިދާއަކީ ކޮބާ-؟" ފަރުޒާނާ ނުރުހުން ވެފައި ބުނެލިއެވެ.
"ފަރުޒާނާ އަހަރެންގެ ވާހަކަ އަޑު ނާހަނީ ކީއްވެގެން-؟"
"އަޑު އެހުމުގެ ފައިދާއަކީ ކޮބާ-؟ ނަވީން ހުރިހައި ވާހަކައެއް ކިޔައި ދީފި-"
"އެއީ ހުސް ދޮގު- އޭނާއަކީ ފެށުނީއްސުރެ ގޮތްކުޑަ ވިޔާނުދާ އުޅުމެއް އުޅެމުން އަންނަ މީހެއް-"
(ނުނިމޭ)