(2 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަޅުގަނޑު އޭނާއާއި ބައްދަލު ކުރަން ބޭނުން- ދައްކަން ކޮންމެހެން ބޭނުން ވާހަކަ ތަކެއް އެބަހުރި-"
"އެވާހަކަތައް ވަކީލަކު މެދުވެރި ކޮށްގެންވެސް ދެއްކިދާނެ- އެއީ ވަރީގެ ވާހަކައެއްނުން-؟"
"ވަރި-؟ ވަރި-؟" ފަރުޒާނާ ފޫހިވެފައި ބުނެލިއެވެ. "މަންމާ- އަޅުގަނޑު އޭނާއާއި ބައްދަލު ކުރަން ބޭނުން- އަޅުގަނޑު އިޤްބާލާވެސް ވާހަކަ ދައްކައިފިން- އޭނާ އަޅުގަނޑު އެތަނަށް ގެންގޮސް ދޭނެ- އަދި ގެއަށް ގެނެސް ވެސް ދޭނެ-"
"އިޤްބާލް-!" ނަޖްމާގެ ލޮލުން ވިދުވަރެއް ފާޅުވިއެވެ.
"ލައްބަ- އަޅުގަނޑު ބައްޕަގެ ހުއްދަވެސް ހޯދައިފިން-"
ދެން އެނބުރި އައުން ނޫން ގޮތެއް ނެތެވެ. މިހާރު އޭނާ ވިސްނަމުން ގެންދަނީ އޭނާގެ ފިރިމީހާގެ ބޭވަފާތެރި ކަމާއި މެދުގައެވެ.
* * *
ޞާބިރު އައިސް ދޮރުމައްޗަށް އަރައި، ދޮރުކަނީގައި ޓަކިޖަހައިލިއިރު ނަޞީރު އަރުޝަދު އުޅެނީ ލައިބްރަރީގެ ފޮތްތައް ތަރުތީބު ކުރުމުގައި އަވަދި ނެތިއެވެ. "ކިހިނެއްތޯ، ޤާތިލް-؟ ކަލެއަށް ހެނދުންވީތަ-؟"
ނަޞީރު އޭނާއާއި ދިމާއަށް ބަލައިލާފައި ބުންޏެވެ. "ރަޙްމަތްތެރިޔާ- ރަނގަޅު ވާހަކައެއް ބުނެބަލަ- ކަލޭ ކަހަލަ މޮޔަޔަކު މިތަނަށްވެއްދީ ކާކު-؟ މިއީ މޮޔައިންގެ ހަސްފަތާލެއް ނޫންކަމާ، ޖަލެއްކަން އެމީހުންނަށް ނޭގެނީތަ-؟"
ޞާބިރު، ލައިބްރަރީގެ ތެރެއަށް ވަދެއްޖެއެވެ. "ކަލޭ ހީކުރަނީ ޞާބިރަކީ މޮޔައިންނަށް ކިޔާނަމެއް ކަމަށްތަ-؟ ޞާބިރުގެ މާނަ ކަލޭ ދަންނަންތަ-؟"
"ދަންނަން- އެހެންވީމަތާ މިބުނަނީ މިދުނިޔޭގައި މޮޔަވަނީ ކެތްކުރާމީހުންނޭ-"
"މި ޖަލުގައި އަހަންނަށްވުރެ މަސްފަލަ މީހަކު ހުރިހެންނެއް ހިޔެއްނުވޭ- ލައިބްރޭރިއަންގެ އެހީތެރިއަކަށް އަހަރެން ހޮވީ އެހެންވެގެން- ކަލޭ ލައިބްރޭރިއަން އަކަށް ހޮވީ މަތީ ތަޢްލީމު ޙާޞިލްކޮށްގެން ތިބިމީހުން ޖަލުން ނުލިބޭތީ-"
"ކަލެއަށް އެނގޭތަ، މިއަދު އަހަރެންގެ އަންހެނުން އަހަންނާ ބައްދަލުކުރަން ޖަލަށް އަންނާނެ-؟" ނަޞީރުގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
"އެހެންތަ-؟ މަރުޙަބާ- ތިޔަ ވާނީ ވަރަށް ރަނގަޅު، ހެޔޮމީހަކަށް-"
"އޭނާ އަންނަނީ ވަރީގެ ވާހަކަ ދައްކަން- އެކަމަށްޓަކއި މިތަނަށް އައުމުގެ ބޭނުމެއް އަހަންނަކަށްވެސް ނުވިސްނޭ- ވަކީލަކު މެދުވެރި ކޮށްގެންވެސް އެކަން ހަމަޖެއްސިދާނެ- އަހަރެން އިންކާރެއް ނުކުރާނަން- އަހަންނަށް ވިސްނުނަސް ނުވިސްނުނަސް އޭނާ މިތަނަށް އަންނާނޭ އެހެން ބޭނުމެއް ނޯންނާނެ-"
"އޭނާ އަންނަނީ ތިޔަ ބޭނުމުގައި ނޫން ކަމަށްވެސް ވެދާނެ- ކަލޭ ސަލާމަތް ވަންދެން އިންތިޒާރުގައި ހުންނާނެ ވާހަކަ ބުނަން ކަމަށްވެސް ވެދާނެ-"
ނަޞީރު ހިނިތުން ވެލިއެވެ. "ވެދާނެ ގޮތް ބައިވަރު- ޖަލުގެ ވެރިޔާ އައިސް ކޮއިފުޅުމެންނޭ ދެން އެންމެން ގެއަށް ދާށޭ ބުނުމަކީ ވެސް ވެދާނެގޮތެއް-" އޭނާ ދުލަށް ބާރުލާފައި ބުނެލިއެވެ.
"ނަޞީރު- އަންހެނުންނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ޔަޤީން ކަމާއިއެކު ބުނާކަށް ނޭނގޭނެ-" ޞާބިރު ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނަޞީރަށް އަނެއްކާވެސް ނިކަމެތި ކަމާއި، ވަރުދެރަވުން އިޙްސާސް ކުރެވެން ފަށައިފިއެވެ. އޭނާ ޖަލަށް ލީ ފަހުން މިގޮތަށް ވަރަށް ގިނައިން ވެއެވެ. މި ގޮތަށް ވާ ކޮންމެ ފަހަރަކު ހިރިނުލެވި ޙަރަކާތެއް ނެތި އެތައް ގަޑިއެއް ވާންދެން އޮންނަން ޖެހެއެވެ. އޭނާގެ އުޅުން ރަނގަޅު ކަމުން ޖަލުގެ ލައިބްރަރީ ބެލެހެއްޓުން އޭނާއާއި، ޙަވާލު ކުރިކަމީ އޭނާގެ ނަޞީބެވެ. އޭގެ ކުރިން އޭނާއަށް މިގޮތަށްވެ ހަކަތައެއް ނެތި ވެއްޓިފައި އޮންނަތަން ފެނުމުން މަސައްކަތް ނުކުރާން ވެގެން މަކަރު ހަދަނީ ކަމަށް ބަލާ ފުލުހުން އޭނާގެ ގައިގައި ތަޅަނީ މަދެއްކޮށެއް ނޫނެވެ. އެހެންނަމަވެސް އެޙާލުގައި އޮންނައިރު ތަޅާތެޅުންވެސް އޭނާއަށް އިޙްސާސެއް ނުކުރެވެއެވެ. ހުޅުހުޅުގަޔާއި، ގައިގެ އެތަން މިތާނގައި ރިއްސާވަރުން ރޮއި، ކުކުރާ ހަދަން ފަށަނީ އެޙާލުން މިންޖުވެ ޢާއްމު ޙާލަތަށް ރުޖޫޢަ ވުމުންނެވެ.
އޭނާ ވަރުދެރަ ވެގެން ވެއްޓުމުން ވަރަށް ބޮޑަށް ވިސްނައެވެ. ބައްޕައަށް ގޮވަން ވީއޭވެސް ބައެއް ފަހަރަށް ހިތަށް އަރައެވެ. ބައްޕަ ވަނީ އެތައް އަހަރެއް ކުރިން މަރުވެފައިކަން އޭނާއަށް ހަނދާންވަނީ މާ ފަހުންނެވެ. ކުޑައިރުވެސް އޭނާއަށް ވަނީ އެހެންނެވެ. އާދޭސް ކޮށްކޮށް މަންމަ ކާން ނުދިނީމާވެސް އޭނާ ގޮވަން ފަށަނީ ބައްޕަ އަށެވެ. އެހެންނަމަވެސް މަރުވެފައި ތިބޭ މީހުންނަށް ކިތަންމެ ވަރަކަށް ގޮވިޔަސް ތެދުވެގެން އާދެވޭނެ ހެއްޔެވެ؟ އޭނާ ޖަލުގައި އޮތީ ކީއްވެގެން ބާވައޭވެސް އޭނާގެ ހިތަށް އަރައެވެ. އޭނާއަކީ ޤާތިލެކެވެ. މީހަކު މަރާފައިވާ މީހެކެވެ. އެކަމަކު މީހުން މަރާ މީހުން ތިބެނީ މިހެންހެއްޔެވެ؟ އޭނާއަކީ ހަމަ އާދައިގެ މީހެކެވެ. އޭނާ ޖަލަށް ލައިގެން މިއުޅެނީ އެއްވެސް ކަމަކާ ނުލައެވެ. އޭނާ ވަރަށް ބޮޑަށް ވިސްނައެވެ. އޭނާއަކީ އެއްވެސް މީހަކަށް އުނދަގޫ ކުރާ މީހެއް ނޫނެވެ. އޭނާއަށް މީހަކު މަރާލެވޭނީ ކިހިނެއްހެއްޔެވެ؟ އެންމެ ރަނގަޅެވެ. ރޫފީ ކުރެން ނިކަން އަހައިބަލާށެވެ. ދެން އޭނާ ހަނދާން ވެއެވެ. ރޫފީ މަރުވެއްޖެއެވެ. އޭނާ ކުށެއްނެތް ކަމުގެ ހެކި ދޭނީ ދެން ކާކުހެއްޔެވެ؟
"ތިޔަ ގޮތަށް ބައްދަލުވާ ފުރަތަމަ ދުވަހު ވަރަށް އުނދަގޫވާނެ-" އޭނާ ސިއްސުވާލީ ޞާބިރުގެ އަޑުންނެވެ. "ކަލޭގެ އަންހެނުން ހުންނާނީ ވަރަށް ބޮޑަށް ހާސްވެފައި- އެހެންނަމަވެސް ފަހުން ރަނގަޅު ވެދާނެ- ދެން ޖަލަށް އަންނާކަށް އޭނާވެސް ބިރެއް ނުގަންނާނެ-"
"ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް- މިއީ ފުރަތަމަ ބައްދަލުވުން- މިބައްދަލުވުން އެންމެ ފަހުގެ ބައްދަލު ވުމަށްވެސް ވެދާނެ- މިއަދުގެ ފަހުން އަހަރެންގެ އަނބިމީހާގެ ސޫރަ ދުވަހަކުވެސް ނުފެންނާނެ-"
* * *
"މިތާނގެ ކެއުން ކިހިނެއް-؟" ފަރުޒާނާ އަހައިލިއެވެ. އޭނާގެ އަޑުގައި އެކުލެވިފައިވާ ފިކުރާއި، ގާތްކަމުގެ އަސަރު އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ.
"ބަރާބަރު- ވަރަށް ރަނގަޅު- އެކި ދުވަހު ލިބޭނީ އެކި ބާވަތުގެ ކާނާ-" ނަޞީރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަދި ފަރުޒާނާއާއި ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާގެ ރީިތިކަން ވަނީ ހިސާބަކަށް ފަނޑު ވެފައެވެ. އެހެންނަމަވެސް ބަލާލުމުން ހިތުގެ ހިނގުން އަވަސްވާގޮތް މިހާރުވެސް ވެއެވެ. ހަމައިހެކޭ އެއްގޮތަށް ސަންގުމަރުމަރުގައި ކަނޑާ ނަގައިފައިވާ ޗާލު ހަށިގަނޑެވެ. ދެކޭ މީހުންގެ ހުރިހާ ޙިއްސުތައް އެއްފަހަރާ ޙަރަކާތް ކުރަން ފަށާ ފަދަ ފަރި ޙަރަކާތްތަކެވެ. އެ އަސަރު ގަދަ ހަށިގަނޑުގައި މަދީ އެންމެ އެއްޗެކެވެ. އެއީ ދުވަހަކުވެސް ލިބޭނޭ އެއްޗެއް ނޫން ކަހަލައެވެ. އެއީ ވިންދު ޖަހާ ހިތެކެވެ. ހިތުގެ ބަދަލުގައިވެސް އޮންނަނީ ސަންގުމަރުމަރުގެ ހިލަގަނޑެއްކަން ނޭނގެއެވެ.
"ދެންމަސައްކަތޯ-؟ ކަޮން މަސައްކަތެއް ކުރަނީ-؟"
"ކުތުބުޚާނާ ބަލަހައްޓަނީ-" ބާރަށް ހީނގަންނާނަމޭ ނަޞީރުގެ ހިތަށް އެރިއެވެ. ފަރުޒާނާ ސުވާލުކުރާ ގޮތުން ހީވަނީ ފޮތެއް ލިޔަން މަޢުލޫމާތު އެއްކުރާ މީހެއްހެންނެވެ.
"މީގެކުރިންވެސް އަންނާނަމޭ ހިތަށްއެރި- އެހެންނަމަވެސް ނަޞީރަށް ރަނގަޅުށް ހަމަޖެހިލާނެ ފުރުޞަތެއް ދޭނީއޭ ހިތައި މަޑުކޮށްލީ-"
"އާނ- އާ ވަޒީފާއެއްގައި ހަމަޖެހިލަން ވަގުތު ބޭނުންވާނެ-" ނަޞީރުގެ އަޑަށް އަނެއްކާވެސް މަލާމާތުގެ އަސަރު ވެރިވާން ފަށައިފިއެވެ.
ފަރުޒާނާ އިސްޖަހައިލިއެވެ. "މަޢާފް ކުރޭ- މިކަހަލަ ވަގުތުގައި ވާހަކަ ދައްކަން ޖެހޭގޮތް އަހަންނަށް ނޭނގެނީ- ބުނަންވީ ކީކޭ ކަމެއްވެސް އަހަންނަކަށް ނޭނގޭ-" ފަރުޒާނާ ވަރަށް ދެރަވެއްޖެއެވެ.
"ތިޔަދައްކަނީ ހައްތަހާވެސް ރަނގަޅު ވާހަކަ- މިފަދަ ޙާލަތްތަކަކީ އަބަދު މެދުވެރިވާނޭ ޙާލަތް ތަކެއްނޫން- އަހަންނާ ހެދި ތިޔަހައި ބޮޑު ބުރަ އުފުއްލަން ޖެހޭތީ އަހަރެންވެސް ހިތާމަކުރަން-"
"އަހަންނަށް ހީވަނީ މިތަނަށް އައުންމިއީ ކުރެވުނު ރަނގަޅު ކަމެއް ނޫންހެން-" ނަޞީރުގެ އަޑުގައި ހުރި މަލާމާތުގެ އަސަރު ބޮޑުކަމުން ފަރުޒާނާ ނުރުހުން ވާގޮތް ވިއެވެ.
"އާނ- އެއީ ރަނގަޅު ކަމެއްނޫން- މިކަހަލަ ވަގުތު ތަކުގައި ތިޔަ ކަހަލަ އަސަރު ފާޅުކުރާނީ ކިތައް އަނބިންބާ-؟ ވަރަށް މަދު ބައެއްކަން ޔަޤީން-" މިފަހަރު ނަޞީރު ވާހަކަ ދެއްކީ އިޚްލާޞްތެރިކަމާ އެކުގައެވެ. "ތިޔައީ ވަރަށް ރީތި ހެދުމެއް-"
"ބައްޕަ ބައްލަވައިގެން ދެއްވި އެއްޗެއް-" ފަރުޒާނާ އެ ވާހަކައިން ސަލާމަތް ވާން މަސައްކަތް ކުރިއެވެ.
"ބައްޕަ-؟ ބައްޕަ މިހާރު ވަރަށް ގިނަ ހަދިޔާ ހޯދައިދޭނެ- ދަރިފުޅު އޭނާގެ ގޮތްކުޑަ ފިރިމީހާގެ މަތިން ހަނދާން ނެތޭނީ އޭރުންތާ-!" ނަޞީރު ހަރުކަށި ކަމާއެކު ބުންޏެވެ. ފަރުޒާނާގެ ހެދުމަށް ބަލައިލުމާއެކު ކުރިން ހިނގައިފައިވާ އެކިއެކި ކަންތައްތައް އޭނާގެ ހަނދާނަށް އަންނާން ފަށައިފިއެވެ.
އެއްދުވަހަކު ނަޖްމާ މަލިކު ބާޒާރުން އައިސް ގެއަށް ވަދެފައި ބުންޏެވެ. "މިއަދު އަހަރެން މިއައީ ފަރުޒާނާ އަށްވެސް ބައެއް އެއްޗެހި ގަނެގެން-" އޭނާ މަލިކާއި ފަރުޒާނާއާ މުޚާޠަބްކޮށް ބުނެލިއެވެ. ހީވަނީ ނަޞީރު އެތާ ނުވެސް ނެތްހެންނެވެ. އެއީ އޭނާގެ އާދައެވެ. ނަޞީރުގެ މަތިން ހަނދާން ނައްތައިލުމާއި މަލާމާތް ކުރުމަކީ ނަޖްމާގެ އުފަލެކެވެ. އެދުވަހުވެސް ވީ މިހެންނެވެ. އެތަކެތި ނުހިފާށޭ އޭނާ ފަރުޒާނާ ގާތު ބުންޏެވެ. މަލިކު އަވަސް އަވަހަށް ވާހަކަ ދައްކަން ފެށްޓިއެވެ. "ހުރިހާ ރަނގަޅު ފިރިންނެކޭ އެއްފަދައިން ނަޞީރުވެސް އެދެނީ ފަރުޒާނާއަށް ދުނިޔޭގެ ހުރިހާ އަރާމަކާއި އުފަލެއް ހޯދައިދޭން- އެހެންނަމަވެސް އޭނާ އެދެނީ އަމިއްލައަށް އެކަންތައް ކުރަން- އަހަރެން ދެކޭ ގޮތުގައި އެއީ އޭނާއަށް ލިބިގެންވާ ޙައްޤެއްވެސްމެ- ނަޖްމާ- ކަލޭވެސް ތިޔަ ގޮތަށް މާ ކަންތައް ބޮޑު ކޮށްގެން ނޫޅޭ-" ދެން އޭނާ މަޖާވެލައިފައި ބުންޏެވެ. "އަހަރެންގެ ރައުސުލްމާލު ހުސްކުރަން ކަލޭ ހުރުމުން ފުދޭނެ- ފަރުޒާނާ އެދޭތެރެއަށް ވައްދާނެ ކަމެއްނެތް-"
ފަރުޒާނާވެސް ރެކިގަންނާން މަސައްކަތް ކުރިއެވެ. "ޝުކުރިއްޔާ މަންމާ- ތިޔަ ހެދުންތައް އަޅުގަނޑަށްވެސް ވަރަށް ރީތި- އެހެންނަމަވެސް މަންމައަށްވެސް އެނގިލައްވާނެ ފަދައިން އަޅުގަނޑަކީ ޙިއްސުތައް ބަލި މީހެއް- ނަޞީރުގެ ލޯބިން އަޅުގަނޑަށް ފުދޭ-"
"ނަޞީރުގެ ލޯތްބަށް އިތުބާރު ކޮށްގެން ހުރޭ- އެންމެ ފަހުން ކަލެއަށް ގައިގައި އޮޅައިލާނޭ ކަފުނެއްވެސް ނުލިބޭނެ-" ނަޖްމާ މަލިކު ވިހަ ރާގަކަށް ބުނެލިއެވެ.
"ތިޔަ ކަމާވެސް އަޅުގަނޑު މިހިރީ ހިތުން ރުހުމުން އެއްބަސްވެގެން-" ފަރުޒާނާ ހެމުން ހެމުން ބުންޏެވެ.
ނަޞީރުގެ ސިކުނޑީގައި މިހާރުވެސް އެހަނދާންތައް ނުފިލާ އެބަހުއްޓެވެ. އޭނާގެ ދުލުގެ ވިހަގަދަކަން ހަނދާން ނައްތައި ލެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެއީ، ދޭތެރެ ޖެއްސުމާއި، ވިހަ ލުމުގައި ދެވަނައެއް ނުވާ މީހެކެވެ. ހިނިތުންވެ ހުރެގެން މީހެއްގެ ހަށިގަނޑާއި، ފުރާނަ އަންދައި އަޅިއަށް ހަދައިލުމަކީ އޭނާއަކަށް އެއްވެސް ކަމެއް ނޫނެވެ.
(ނުނިމޭ)
ވަރަށް ސަޅި ވާނެ ފާޑު ޖަހާ ވާާހަކައެއް. ވަރަށް ސަޅި ސްޓައިލެއް. ކިޔާ ހިއްވާ ގޮތެއް އެބަހުރި.