އެނބުރޭ ވަހުތާން (26)

(24 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހިނާ- އަހަރެން އައީ ކޮފީ ބޯކަށް ނޫން- ތިޔަ ކިޔަނީ ކޮން ތޯތޯއެއް-؟" އޭނާ ހިނާގެ އަތުގައި ހިފައިލިއެވެ.   

ހިނާ ކުއްލިއަކާ އެކު އަތް ފޮޅުވައިލިއެވެ. "ތިޔަ ހީކުރައްވަނީ އަޅުގަނޑަކީ ކާކު ކަމަށްތޯ-؟ އަޅުގަނޑަކީ ޔޫސުފުގެ ސެކްރެޓަރީއެއް ނޫން- ތިޔަ ކަހަލަ ކަމެއް ކުރައްވަން ކެރިލެއްވީ ކިހިނެއްތޯ-؟"

ޔޫސުފު މަލިކު ޙައިރާން ވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. އޭނާ ސެކްރެޓަރީއޭ ބުނި ގޮތުން ހީވަނީ ހުތުރު އެއްޗެއް ކީ ހެންނެވެ. "މިކަހަލަ ކަމެއް ކުރަން ކެރުނީ ކަލޭ އަހަރެން ދެކެ އެއް ދުވަސްވަރެއްގައި ލޯބިވީކަން އެނގޭތީ-"

"އެއީ އެތައް ގަރުނެއް ކުރީގެ ކަމެއް-"

"އެކަމަކު އަހަރެން ހަނދާނެއް ނުނެތޭ-"

"ފަރުވާލެއްވެސް ނުބެހެއްޓެވީމު-" ހިނާ މަލާމާތް ކޮށްލިއެވެ.

"އަހަރެން އަބަދުވެސް ކަލޭ ދެކެ ލޯބިވަން- މިއަދު ކޮންމެވެސް ނޭނގޭ ސަބަބަކާ ހުރެ މާ ބޮޑަށް ހަނދާން ވާން ފެށީ- މިކަހަލަ އިޙްސާސް ތަކެއް ކަލެއަށްވެސް ކުރެވޭނެކަން ޔަޤީން-"

"ރިވެތި އަޚްލާޤަކީ ޔޫސުފުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވަނީތާ-؟"

ޔޫސުފު މަލިކު ލަދުގަންނަން ފަށައިފިއެވެ.

"އިށީންނަވާ- އަޅުގަނޑު ކޮފީ ހިފައިގެން އަންނާނަން-"

އިރުކޮޅަކުން ހިނާ ކޮފީ ހިފައިގެން އަތުވެއްޖެއެވެ. އިރުކޮޅަކު ހިމޭނުން ކޮފީ ބޯން ހުރެފައި ޔޫސުފު މަލިކު އަހައިލިއެވެ. "ޝަބާނާ ކޮބާ-؟"

ހިނާގެ އަޑުން ފުރަތަމަ ފަހަރަށް ޖަޒުބާތެއްގެ އަސަރު ފާޅުވިއެވެ. "އިޤްބާލު އަޙްމަދާއެކީ ބޭރަށް ހިނގައްޖެ- ޔޫސުފުގެ ދަރިފުޅު ލަނޑު ދިނީމާ އިޤްބާލު ދިމާ ކުރީ ޝަބާނާޔާ- އަހަރެންގެ މޮޔަ ދަރިފުޅު އޭނާ ގޮވާލުމާއެކު ދުއްވައިގެންފި- އޭނާއާ އިޤްބާލާ ހަމައެއް ނޫން-"

"އިޤްބާލަކީ ވަރަށް ރަނގަޅު ކުއްޖެއް- ކަލޭގެ ދަރިފުޅު ޝަބާނާވެސް ވަރަށް ރީތި- ދެމީހުންގެ ގުޅުން ވަރަށް ފުރިހަމަވާނެ-"

ހިނާ ހީނގަތެވެ. "އިޤްބާލު ޝަބާނާއަކާ ނީންނާނެ-"

"ތިޔަ ކަހަލަ ވާހަކަ ނުދައްކާ- ކަލޭ ދަރިފުޅުދެކެ ލޯތްބެއް ނުވޭތަ-؟"

"ލޯތްބޭ-؟ ލޯތްބަކީ ކޮބާ-؟ ލޯބި ވީމާ ލިބޭނީ ކޯޗެއް- އެކަނިވެރިކަން... ހިތާމަ... ލަދާއި، ހުތުރު ނަން... ލޯބިވާ މީހުންނަށް އަބަދުވެސް ލިބެނީ ހިތާމަ- އެމީހުންގެ ފުށުން އެހެން މީހުންނަށްވެސް ލިބެނީ ހިތާމަ-"

"ކޮންމެ ލޯތްބަކުން ހިތާމައެއް ނުލިބޭނެ-"

"މިހާތަނަށް އަހަންނަށް އެނޫންގޮތެއް ނުފެނޭ-"

ހިނދުކޮޅަކު ދެ މީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބެވެ. ޔޫސުފު މަލިކު ތެދުވެއްޖެއެވެ.

   

* * *

   

ނަޞީރު ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ފުލުހުންގެ މީހާ، އަތުން ކާރު ހުއްޓަން އިޝާރާތް ކޮށްފިއެވެ. ނަޞީރަށް ބުރެކި ޖެއްސުނީ އެތައް ހިސާބަކަށް ދިޔަ ފަހުންނެވެ. ފުލުހުންގެ މީހާ ސައިކަލުގައި އައިސް ކާރުގެ ކައިރިއަށް މަޑުކޮށްލިއެވެ.

"ކާރު ތިޔަ ދުއްވަވަނީ މާ ބާރަށްކަން އެނގިވަޑައިގަނޭތޯ-" ފުލުހުންގެ މީހާ ބުނެލިއެވެ.

"ލައްބަ... ލައްބަ..."

"ލައިސަންސް އެބައޮތްތޯ-؟"

ނަޞީރު ޖީބުތައް ހާވަން ފަށައިފިއެވެ. އެންމެ ފަހުން ފަޓުލޫނު ޖީބުން ލައިސަންސް ފޮތް ނަގައި ފުލުހުންގެ މީހާ އަތަށް ދީފިއެވެ.

ފުލުހުންގެ މީހާ ބަލައިލާފައި ފޮތް އަނބުރައި ދީފިއެވެ. "ފެންނަ ފެނުމަށް ހީވަނީ ތިޔައީ ރަނގަޅު ޢާއިލާއެއްގެ ބޭފުޅެއްހެން- މިހާ ބާރަށް ދުއްވަވަނީ ވަކި ސަބަބެއް އޮވެގެންތޯ-؟"

"އަޅުގަނޑުގެ ކާވެނި ކުރެވުނީ މިއަދު-" ނަޞީރު ބުނެލިއެވެ.

ފުލުހުންގެ މީހާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. "އަނބިކަނބަލުން ކޮބައިތޯ-؟"

"ރޯޔަލް ހޮޓަލުގައި-"

ކޮންމެވެސް އަރައިރުމެއް ހިނގީ ކަމުގައި ފުލުހުންގެ މީހާ ވިސްނިއެވެ. "މިހާރު މެންދަން ވެއްޖެ- އެކެއް ޖަހަނީ- މި ވަގުތު ހުންނަވަންޖެހޭނީ އަނބިކަނބަލުންގެ އަރިހުގައި ނޫންތޯ-؟"

ފުލުހުންގެ މީހާއަށް ހުރިހައި ވާހަކައެއް ކިޔައިދޭންވީއޭ ނަޞީރުގެ ހިތަށް އެރިއެވެ. މިރޭ އޭނާގެ އަލަތު ކާވެނީގެ ފުރަތަމަ ރެއަށް ވިޔަސް އަނބިމީހާޔާއެކު ހޭދަ ކުރެވޭކަށް ނެތެވެ. އޭނާގެ ރަޙުމަތްތެރިޔާ މަރުގެ އުނގުގައި ނިދީ މިއަދުއެވެ. ސަންގު މަރުމަރު ހިލައިގެ ރީތި ބުދު... އަހަރެން އަނބިމީހާ ރޫފީއާ ނުރުހެއެވެ. އެކަމަކު މަރަކީ މަރެވެ. ކޮންމެ މީހަކު މަރުވިޔަސް ބަލައިލަން ވާނެއެއް ނޫން ހެއްޔެވެ؟ އެކަމަކު އޭނާ އަޅައެއް ނުލިއެވެ. ހަމަޖެހިގެން ހޮޓަލުގެ ކޮޓަރީގައި އިނދެގެން ނިޔަފަތީގައި ކުލަ ޖައްސަނީއެވެ. އަހަރެން ބޭރަށް ދަނީއޭ ނުހުހުއްޓުވާނަން ހެއްޔޭ އެހީމާ ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ ބޭރަށް ދާށެވެ. އިރުކޮޅަކު އެކަނި އުޅެލީމާ ހިތާމަތައް ލުއި ވެދާނެއެވެ. އޭނާ ނިޔަފަތީގައި ކުލަޖެއްސުމެއް ނުހުއްޓައެވެ.

"އޭނާ ބުނީ އަޅުގަނޑު އިރުކޮޅެއް އެކަނި ހޭދަ ކޮށްލުން ރަނގަޅޭ-" ނަޞީރު ބުނެލިއެވެ.

"އެންމެ ރަނގަޅު- މިހާރު އެކަނި ވަގުތު ކޮޅެއް އެކަނި ހޭދަ ކޮށްލެވިއްޖެއެއް ނޫންތޯ-؟ ދެން އަވަހަށް ހޮޓަލަށް ވަޑައިގަނޭ-"

"ޝުކުރިއްޔާ-" ނަޞީރު ކާރު ދުއްވައިލިއެވެ. އޭނާ ވިސްނަމުން ދަނީ ރޫފީއާ މެދުގައެވެ. ޕިޔާނާގައި ކުޅަދާނަ ކަމާއެކު ހިންގަމުން ދިޔަ އިނގިލިތަކުން ފުރާނަ ދިޔައީއެވެ. ބާރު ކެނޑުނީއެވެ. އޭނާއަށް ޔަޤީނެއް ނުކުރެވެއެވެ. ރޫފީ ދިޔައީއެވެ. ފުރާނަ ނެތް މަސްގަނޑަކަށް ވީއެވެ. އަހަރެން އުފާ ކުރަނީއެވެ. ކާވެނީގެ އުފާ ހާސިލް ކުރަނީއެވެ. މަޖާ ނަގަނީއެވެ. އަހަރެންގެ މައްޗަށް ލަޢުނަތް ހުއްޓެވެ. އަހަންނަށްވުރެ ބޮޑަށް ފަރުޒާނާގެ މައްޗަށެވެ.

އޭނާއަށް ޚިޔާލުގައި ހުރެގެން ދެވޭ ނުދެވޭ ދިމާއެއްވެސް ނޭގެއެވެ. ސިއްސައިގެންގޮސް ހަމަހޭވެރިކަން ވީއިރު އޮތީ ވާނެ ހަތަރެތި ވެފައެވެ. މަގުމަތީގައި ހުއްޓާފައި އޮތް ކާރެއްގައިގޮސް ޖެހިއްޖެއެވެ. އޭނާ ކާރުގެ އިންޖީނު ނިއްވައިލިއެވެ. އައި ނައި ތަނެއް ނޭނގި ފެނުނީ ފުލުހުންގެ މީހަކު އައިސް މަޑުކޮށްލީ ތަނެވެ.

ނަޞީރު ފުލުސް އޮފީހުގައި ބަންދު ކުރެވިއްޖެއެވެ. އެތާނގައި ހުރެގެން އޭނާ ފުލުހުންނާ ދިމާއަށް އެއްޗެހި ގޮވިއެވެ.

އޭނާ އެތާނގައި ބަހައްޓައިގެން ސުވާލު ކުރުމުން އޭނާއަކީ ކާކުކަމާ، އަންނަނީ ކޮންތާކުންކަން އެނގިއްޖެއެވެ. ފުލުހުން ރޯޔަލް ހޮޓަލަށް ފޯނު ކޮށްފިއެވެ.

ގަޑިއެއްހައި އިރު ފަހުން އެ ވަގުތު ފުލުސް އޮފީހުގައި ހުރި އެންމެ ބޮޑު މީހާގެ ކުރިމައްޗަށް އޭނާ ގެންދެވިއްޖެއެވެ. "ނަޞީރުގެ އަނބިކަބަލުން އަޅުގަނޑުމެންނަށް ހުރިހާ ވާހަކައެއް ވިދާޅުވެ ދެއްވައިފި- ކަންތައްތައް ހިނގައި ދިޔަގޮތަށް ބަލާފައި އަޅުގަނޑުމެން ނަޞީރު ދޫކޮށްލަނީ- މަގުމަތީގައި އޮތް ކާރުގެ ވެރިމީހާއަށް މަރާމާތުގެ ޚަރަދު ލިބޭ ގޮތަށް ނަޞީރުގެ އަނބިކަނބަލުން ހަމަޖައްސަވައިފި- މައްސަލައެއް ދިމާވީމާ ތިޔަ ގޮތަށް ހެއްދެވުމުގެ ބަދަލުގައި އަނބިކަނބަލުންގެ ވާހަކަ އެއްސެވުން ރަނގަޅުވާނެ- އެއީ ވަރަށް ރަނގަޅު ބޭކަނބަލެއް- އެހެން ނޫންނަމަ ކާވެނީގެ ފުރަތަމަ ރޭ މިކަހަލަ ކަމެއް ދިމާވެގެން ކެތްތެރިވެ ވަޑައެއް ނުގަތީސް- މިހާރު އޭނާ މިތަނަށް ވަޑައިގަންނަވާނެ-"

މިއީ މުއްސަނދިވުމުގެ ފައިދާއެވެ. ވާހަކަވެސް ހުރިގޮތް ރީތިކަން ނިކަން ދެކިބަލާށެވެ. އާދައިގެ އަންހެނަކަށް މިކަން މެދުވެރިވީނަމަ ގޭގައި އިނދެގެން ރުއިން ނޫން ކަމެއް ނުކުރެވޭނެއެވެ. ބޭރަށް ނުކުންނާކަށްވެސް ނުކެރޭނެއެވެ. ފުލުސް އޮފީހަށް އަންނަން އަމުދުން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ވާ ލޯތްބެއްގެ ބޮޑު ކަމުން ފުލުސް އޮފީހަށް އަޔަސް ވާނޭ ކަމެއް ނޯންނާނެއެވެ.

   

   

ހޮޓަލުގެ ކޮޓަރި ފުދޭވަރަކަށް ހޫނެވެ. އެކަމަކުވެސް ތުރުތުރު އަޅަނީއެވެ. "އަހަރެން ކޮފީ އަށް އޯޑަރު ދީފިން-" ފަރުޒާނާ ބުންޏެވެ. ރޭގަނޑު މިހާ ދަންވަރުވެސް މި ހޮޓަލުން ކާންބޯން ލިބެން ހުންނަކަން ރަނގަޅު-"

"އަހަންނަށް ހީވަނީ އަހަރެމެން ގެއަށް ދާންވީހެން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.