އެނބުރޭ ވަހުތާން (16)

(20 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން އަބަދުވެސް ބުނަން އުދުހެން ވާނީ ފިޔައިގައި ހުރިވަރު ބަލައިގެންނޭ-" ހިނާބުނެލިއެވެ. "ކަލެއަށް ހަމަ އެންމެ ރަނގަޅީ ނަޞީރު-"

"ނަޞީރޭ-؟" ޝަބާނާ ތުން އަނބުރާލިއެވެ. "މަންމައަށް އަދި އޭނާގެ ގޮތާބާވަތް ނޭނގެނީ-"

"އެހެންތަ-؟ އޭނާ އެހައި ނުބައި މީހެއް ނަމަ އޭނާޔާއެކީ ތަންތަނަށް ގޮސް ، ބައްދަލުކޮށް ގުޅުން ބަދަހި ކުރީ ކީކޭ ހިތާ-؟"

ޝަބާނާ އަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. ބުނާނީ ކީކޭހެއްޔެވެ؟ ނަޞީރުގެ ލޯބީގެ އުއްމީދުގައި ކުރިއަށް ދިޔައީއޭ ބުނަންވީ ހެއްޔެވެ؟ ދަތުރު ކުރެވެނީ ކޮޅު ފެންނާން ނެތް މަގަކުންކަން އެނގުނީމާ ހުއްޓައިލީއޭ ބުނަންވީ ހެއްޔެވެ؟

"އިޤްބާލް ކަލެއާ އަޅައިނުލީމާ އެކަމުގެ ރުޅި ނަޞީރަށް ބޭލުމަކީ ރަނގަޅު ގޮތެއް ނޫން- އިޤްބާލް ކަލެޔާ ގުޅޭކަށް ބޭނުމެއް ނޫން- ކަލޭ މިގޭގެ ޙާލަތަށް އެއްފަހަރުވެސް ބަލާލިންތަ-؟ އަހަރެމެން ފަދަ ބަޔަކާ ދިމާއަށް އޭނާ ބަލައިވެސް ނުލާނެ-"

"ގޭގެ ޙާލަތު މިގޮތަށް އޮތީ ކާކުގެ ކުށަކުން-؟" ޝަބާނާއަކަށް އަމިއްލަ ޚިޔާލެއް ނުހިފެހެއްޓުނެވެ. "ގެ ބަދަލުކުރާ ވާހަކަ ބައްޕަ އެތައް ދުވަހަކު ދައްކަވައިފި- އެކަމަކު މަންމަ... އަދި ފަރުޒާނާ މި ދޭތެރެއަށް ނުވަން ނަމަ ގެ ކޮންމެ ގޮތަކަށް ހުއްޓަސް އެންމެ ރަނގަޅުވީސް-"

"ފަރުޒާނާ-؟ ފަރުޒަނާ މަލިކު-؟ އެހެންވީއިރު ކަލެއަށް ހުރިހާ ގެއްލުމެއް މި ލިބެނީ ފަރުޒާނާގެ ސަބަބުން ދޯ-؟"

"އޭނާގެ އެއްވެސް ކުށެއް ނެތް- އޭނާއަކަށް އެއްވެސް ކަމެއް ނޭނގޭ- "ޝަބާނާ ދެކޮޅު ހެދިއެވެ.

"ނޭނގެންޏާ އޭނާޔަކީ މޮޔައެއް-"

"އެހެން... އެހެންނެއްވެސް ނޫން-"

"މާ ރަނގަޅު- އެންމެ ރަނގަޅު ގޮތަކީވެސް އެއީ- ފައިސާޔާ ގުޅޭނީ ފައިސާޔާ-" ހިނާބުންޏެވެ. ނަޖްމާ އަހަރެންގެ ލޯބި ޖަހައިގަތީވެސް އެހެންނެވެ. މިހާރު އޭނާގެ ދަރިފުޅު އަހަރެންގެ ދަރިފުޅުގެ އުފާތަކަށް ހުރަސް އަޅަނީއެވެ.

"ފެންނަ ފެނުމުން ލަފާ ކުރެވޭ ގޮތުގައި ފަރުޒާނާ އިޤްބާލާ މާބޮޑަކަށް ގަޔައެއްނުވޭ-" ޝަބާނާ ނުއްޏެވެ.

"އެވާހަކަ ނުދައްކާ- "ހިނާ ހަރުކަށި ކަމާއެކު ބުންޏެވެ. "އިޤްބާލް އެއް ފަހަރު ކަލެޔާ ގުޅެން ބޭނުން ނޫންކަން އަންގައިފި- އަންހެނުންގެ ގޮތަކީ ދެން އޭނާޔާ ދިމާއަށް އިސްއުފުލާ ބަލާވެސް ނުލުން-"

"ތިޔަހެނެއް ނުވާނެ- މަންމާ- އަހަރެންގެ ހުރިހާވެސް އުއްމީދަކީ އިޤްބާލް- އޭނާޔާނުލާ އެއްވެސް ދިރުމެއް ނެތް-" ޝަބާނާ ދެރަވެފައި ބުނެލިއެވެ.

ހީނާ ޙައިރާން ވިއެވެ. "ތިޔައީ ނެތް ފެންވަރުގައި އުދުހެން މަސައްކަތް ކުރުމުގެ ނަތީޖާ- އަހަންނަށް އަހަރެންގެ މަންމަގެ ކުރިމަތީގައި ތިޔަ ކަހަލަ ވާހަކައެއް ދައްކަން އަނގަ ހުޅުވާލަންވެސް ނުކެރޭނެ- ދެންހެޔޮ... އިޤްބާލް ކަލެޔާ އިނުމަކީ އެކަށީގެންވާ ކަމެއް ނޫން-" ހިނާގެ ރާގަށް އަނެއްކާވެސް ހަރުކަށިކަން އަތުވެއްޖެއެވެ. "އަހަރެން އަބަދުވެސް ބުނަން- ތިމާގެ ފެންވަރުގެ މީހުންނާއެކީ އުޅޭށޭ.- މަސައްކަތް ކޮށްފިއްޔާ އަދިވެސް ނަޞީރު މާ ރަނގަޅުވާނެ- އެއީ ވަރަށް ރަގަޅު ކުއްޖެއް-"

ޝަބާނާ ނުރުހުންވެފައި މަންމައާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް ކަމު ނުދަނީ އެއްވެސް ޖަޒުބާތަކަށް، އިޙްސާސަކަށް މަންމަ އަހަންމިއްޔަތުކަން ނުދޭތީއެވެ. "މަންމާ- ތިޔަ ކަމެއް ނުވާނެ- ނަޞީރު އަހަރެން ދެކެ ލޯތްބެއްވެސް ނުވޭ-" އޭނާ ތެދުވެއްޖެއެވެ. "އަހަރެން ބަރުބަލި ވެއްޖެ- ނިދިވެސް އަންނަން ފަށައިފި-"

"ޝައްބޫ-" ހިނާ ގޮވައިލުމުން ޝަބާނާ ކޮޓަރިއަށް ދާން ހިނގައިގަންނަމުން އެނބުރި ބަލައިލިއެވެ. "އިޤްބާލް އަޙްމަދު ޙާޞިލް ކުރަން ކުރާ މަސައްކަތުގައި އަމިއްލަ އަގު ވައްޓައި ނުލާތި-"

ޝަބާނާ ބޯ ޖަހައިލިއެވެ. އަހަރެން ފަރުޒާނާ ނަލަ ހައްދައިގެން އިޤްބާލްގެ ކުރިމައްޗަށް ހުށަހަޅާނަމެވެ.

ޔޫސުފް މަލިކުގެ ދެމަފިރިންގެ ކާވެނީގެ އަހަރީ ޕާޓީއަށް އައީ ދިހަ މީހުންނެވެ. ނަޖްމާ އިނީ ވަރަށް އުފަލުންނެވެ. ފަރުޒާނާއާއި، އިޤްބާލާ ދެކުދިންނާ ދިމާއަށް އިރުއިރުކޮޅުން ބަލައިލައެވެ. އެ ދެ ކުދިން އެއްފަރާތުގައި ޖޫސް ބޯން ތިއްބެވެ. މަންމަ ބަލަމުންދާކަން ފަރުޒާނާއަށް އެނގެއެވެ. އެގޮތަށް މާގިނައިން ބަލަން ފަށައިފިއްޔާ ނުކުމެގެން ދާން އޭނާ އިނީ ނިންމައިގެންނެވެ. އުނދަގޫ ވާތީއެވެ.

"ހިތް ހަމަ ޖެހޭތަ-؟" އިޤްބާލް އަޙުމަދު އަހައިލިއެވެ.

"އަހަރެން ފޫހިވަނީ-"

"އިރުކޮޅަކުން މިއުޒިކު ފެށިދާނެ- އޭރުން ރަނގަޅުވާނެ-" އިޤްބަލް ފަރުޒާނާގެ އަތުގައި ހިފައިލިއެވެ. "އަދި އެހެން ގޮތެއްވެސް އެބައޮތް- އަހަރެމެންގެ ކާވެނި ކުރާ ދުވަސް އިޢުލާން ކުރަމާ-؟"

"އަހަރެމެންގެ ކާވެނީގެ ވާހަކަ ނުދެއްކެނީސްތަ-؟"

"ދެއްކިދާނެއެއްނު-؟"

"އަހަރެންގެ ޚިޔަލާ ރުހުމަށް ބެލުމެއް ނެތި ދެކެވޭ ވާހަކަތަކަށް އަހަރެން ނަފްރަތު ކުރަން-"

އޭނާގެ ރާގު ހުރި ގޮތުން އިޤްބަލް ވަރަށް ދެރަ ވިއެވެ. "ކުރީ ރޭގެ ވާހަކަތަކުގެ ސަބަބުން އަހަރެން ހީކުރީ..."

އިޤްބާލްގެ ކަންތައް އެރޭ ހުރިގޮތް އޭނާއަށް ހަނދާންވީ އެވާހަކަ ދެއްކީމައެވެ. އިޤްބާލް މާބޮޑަށް މިނިވަން ވަނީއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތެވެ. އެތައް ދުވަހެއް އެމެރިކާގައި ހޭދަ ކުރުމާއެކުވެސް އަމިއްލަ ގޮތް އޭނާ ހިފެހެއްޓިއެވެ. މިތާނގައި ތިބޭ މީހުން ރަށުގައި ތިބެގެން އެމެރިކާ މީހުންނަށް ވަނީއެވެ.

"ފަރުޒާނާ- އަހަރެން ފަރުޒާނާ ދެކެ ލޯބިވޭ- ފަރުޒާނާވެސް އޮތީ އަހަންނާ ރުހޭ ވާހަކަ ބުނެފައި-" އިޤްބާލް ހަނދާންކޮށް ދިނެވެ.

"އެކަމަކު ކާވެންޏަކާ ބެހޭ ގޮތުން އަދި ޚިޔާލެއް ނުކުރާ ވާހަކަވެސް އަހަރެންބުނިން-" ފަރުޒާނާ ހިސާބަކަށް ރުޅި އައިސްފައި ބުނެލިއެވެ. އިޤްބާލްގެ ސަބަބުން އެއްވެސް ކަހަލަ އަސަރެއް އޭނާއަކަށް ނުކުރެއެވެ. އެކަމަކު ކާވެނީގެ ބޭނުންތެރި ކަމާމެދަކު އޭނާވެސް ދެކޮޅެއް ނުހަދައެވެ. މީހަކާ އިނީމާ އަމިއްލަ ގެއަކަށް ދެވޭނެއެވެ. މަންމަގެ ފުށުން ސަލާމަތް ވާނެއެވެ. "ކާވެންޏާ ބެހޭ ގޮތުން އަހަންނާ މިރޭ ވަހަކަ ނުދައްކާ-"

އިޤްބާލް ހިމޭން ވެއްޖެއެވެ. އުނދަގޫ ކަމެކެވެ. "އެހެން ނަމަވެސް އަވަހަށް ނުވަތަ ލަހުން ނަމަވެސް ފަރުޒާނާ ޙާޞިލްކުރަން އޭނާ ޢަޒްމު ކަނޑައެޅިއެވެ.

ބޮޑު ކޮޓަރިއަށް ވަނުމާއެކު ފަރުޒަނާގެ ނަޒަރު ގޮސް ހުއްޓުނީ ގިޓާ ޖަހާ މީއަށެވެ. އޭނާ ހުރީ ޕިޔާނާ މަތީގައި އަތް އަޅައިގެން ޕިޔާނާ ޖަހާމީހާއާ ވަހަކަ ދައްކާށެވެ. ފަރުޒާނާމެންގެ މޭޒު ހުރީ މިއުޒިކް ކުޅޭ މީހުން ތިބި ތަނާ ވަރަށް ކައިރީގައެވެ. ފަރުޒާނާ އުޅުނީ މިއުޒިކް ކުޅޭ މީހުންނަށް ފުރަގަސް ވާގޮތަށް ހުރި ގޮނޑީގައި އިށީންނާށެވެ. އެކަމަކު މަންމަ އެކަމަށް ހުރަސް އަޅައިފިއެވެ. 

"ފަރުޒާނަ- ކަލޭ އިޤްބާލާ ޖެހިގެން ހުރި ގޮނޑީގައި އިށީނދޭ-"

އޭނާ ގޮސް އިޤްބާލާއި ޔޫސުފް މަލިކާ ދެ މީހުންގެ ދޭތެރޭގައި އިށީން ތަން ގިޓާ ޖަހާ މީހާ ޝައުގުވެރިކަމާއެކު ބަލަން ހުއްޓެވެ. މިހާރު ފަރުޒާނާ އިނީ އެމީހުންނާ ދިމާއަށް ކުރިމަތި ލައިގެންނެވެ.

ފަރުޒާނާ ބޯނޭ އެއްޗަކަށް އޯޑަރު ދޭން ފެށިތަނާ ކޮޓަރި ތެރެއަށް ގިޓާގެ އަޑު އަރައިގެން ދިޔައެވެ. ޔޫސުފް މަލިކް އިސް އުފުލައި ބަލައިލިއެވެ. "ވާހް... ވާހް... ކޮންފަދަ ރީތި ރާގެއް- އެ ކުއްޖާ ހާދަހާ މޮޅަށް ގިޓާ އެބަ ޖަހައޭ-" 

"ލައްބަ- އޭނާއަކީ މިރަށުގައި ތިބި ގިޓާ ޖަހާ މީހުންގެ ތެރެއިން އެންމެ މޮޅުމީހާ- މަސައްކަތް ކޮށްފިނަމަ ވަރަށް ކުރިޔަށް ދާނެ-" އިޤްބާލް އަޙްމަދު ތާއީދު ކުރިއެވެ.

ފަރުޒާނާގެ ހިތަށް އެރިއެވެ. އަވަހަށް ހިނގައްޖެއްޔާ ރަގަޅެވެ. "އެއީ ވަރަށް ފޮނި މީހެއް-" އޭނާ ބުނެލިއެވެ.

ޔޫސުފް މަލިކް ހީނގަތެވެ. "އަހަންނަށް އެހައި މޮޅަށް ގިޓާ ޖަހަން އެނގޭނަމަ އަހަރެންވެސް ފޮނިވާނެ-"

ނަޖްމާ ހިނިތުން ވެލިއެވެ. "ޔޫސުފް މަލިކަކީ މިއުޒިކަށް ވަރަށް ޝައުގު ވެރިވާ ބޭކަލެއް-" އޭނާ މެހުމާނުންނާ މުޚާޠަބް ކުރިއެވެ. "ކޮންސްޓްރަކްޝަންގެ މަސައްކަތް ނުފެށްޓެވި ނަމަ ފެށްޓެވީހީ މިއުޒިކްގެ މަސައްކަތް-"

ފަރުޒާނާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތަށް އެރިއެވެ. މިއުޒިކް ކުޅޭ މީހަކާ އިނދެވުނީމާ މަންމަ ވަރަށް އުފާވާނެތާއެވެ!

"ފަރުޒާނާ... އިޤްބާލް- ކަލޭމެނެއް ނުނަށާނަންތަ-؟" ނަޖްމާ މުޚާޠަބް ކުރީ ޚާއްޞަކޮށް އިޤްބާލާއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.