އެނބުރޭ ވަހުތާން (30)

(4 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހުރިހާ ކުށެއް އޭނާގެބޮލުގައި ނާޅުވާ-"

ނަޞީރު މާޔޫސީއާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމާއި، ގޮތްދޫނުކުރުމެވެ. ސަންގުމަރުމަރު ހިލަ... "ނަވީންގެ ވާހަކަތައް ތެދަކަށްވިޔަސް ފަރުޒާނާ ތިޔަ އަމަލު ކުރަނީ ފިތުރަތާ ޚިލާފަށް-” ނަޞީރު ބުނެލިއެވެ. [އަންހެނުން މިކަހަލަ ވަގުތުތަކުގައި ރޮއި، ހަޅޭއްލަވާ ހަދާ- އެއީ އެކަމަކު ފިރިމީހާ ދެކެ ލޯބިވާނަމަ- އަދި އެންމެ ފަހުން މާފުވެސް ކުރޭ- އަހަރެން ހުވާކޮށްފައި މިބުނަނީ ނަވީން ހަދަނީ ހުސްދޮގޭ-”

ފަރުޒާނާ ނަޞީރާ ދިމާއަށް ބަލައިލިއެވެ. “އަހަންނަށް ވިސްނާލަން ވަގުތު ބޭނުންވޭ- ނަޞީރު ހީކުރަނީ ކީކޭކަމަށްތަ-؟ ނަޞީރާ ގުޅުވައިގެން މީހުން ދައްކަމުން އެދާ ހުތުރު ވާހަކަތަކާ އަހަރެން ވަރަށް ގަޔާވެއޭތަ-؟ ނަވީން މިހާރުވެސް ހީނހީނފައި މީހުންނަށް އެހާދިސާ ކިޔައިދެނީ- އެވަގުތު ނަޞީރު މިވެނި އެވެނި ކަމެއް ކުރަނީއޭ އެހެރަގެން ބުނަނީ- އެހުރިހާ ކަމެއް ރަނގަޅުތަ-؟”

“ނޫން... ރަނގަޅެއް ނޫން- ވަރަށް ނުބައި-” ނަޞީރު ވަރަށް ބާރަށް ބުންޏެވެ. “އެކަމަކު އެއީ ހުސްދޮގު-”

“އެކަމަކު ނަޞީރު ފެނުނީ އޭނާގެ ކައިރީގައި ހުއްޓާ- އޭރު އޭނާ ހުރީ ބަރަހަނާ ޙާލުގައި-” ފަރުޒާނާ ގޮތްދޫނުކުރާ ކުޑަކުއްޖެއްހެން ބުނެލިއެވެ.

“އަހަރެންގެ ފުރާނަޔާ- އަހަރެން މި ދައްކާވާހަކަ އަޑުއަހާބަލަ-” ނަޞީރު ފަރުޒާނާއާ ދިމާއަށް ކުރިއަށް ޖެހިލިއެވެ.

ފަރުޒާނާ ފަހަތަށްޖެހިލިއެވެ. “އަހަންނަށް ވަގުތުދީ- ނަވީން ދެއްކި ވާހަކައިގެ ފަހުން ހުރިހާ ކަމެއް ކުރިއެކޭ އެއްގޮތެއް ނުވާނެ- ވިޔަސް އެހާ ފަސޭހައެއް ނުވާނެ-”

“ހޫނ... ދެން އަހަރެން ހަދާނީ ކިހިނެތް-؟”

“ބޮޑު ކުށެއްގައި ނުބެދުނީތީ ﷲއަށް ޝުކުރު ކުރޭ- އަހަރެންގެ ބައްޕައަށް ހެޔޮ ދުއާ ކުރޭ-”

“އަހަރެން ﷲ ގަންދީ ހުވާކުރަން- ނަވީން އަހަރެންގެ ބޮލުގައި އެ އަޅުވަނީ ދޮގު އިލްޒާމެއް- ފަރުޒާނާ އަހަރެންގެ ވާހަކަ ގަބޫލުނުކުރަނީ ކީއްވެހެން-؟”

“އަހަރެން ބުނާނީ ކީކޭ-؟ އެވަގުތު އަހަރެން އެކާރަކު ނެތިން- އިރުކޮޅަކުން މަންމަ އަންނާނެ- މަންމަޔާ ކުރިމަތިލާން ނަޞީރު ބޭނުން ނުވާނެކަން އަހަންނަށް އެނގޭ-”

“އެންމެ ރަނގަޅު- އަހަރެން ހަތިޔާރު ބަހައްޓަނީ- އެކަމަކު ފަރުޒާނާގެ މަންމަ ގާތުގައި ބުނާތި އަހަރެންގެ ފަހަތުން އޭނާގެ މީހުން ފޮނުވުމުގެ ބޭނުމެއް ދެނެއް ނެތޭ- ފައިސާ އިސްރާފު ކޮށްގެން ޖާސޫސު ކުރަން ނޫޅޭށޭ- އޭނާގެ ޖާސޫސުންނަށް އެއްވެސް ކަމެއް ނުކުރެވުނު- އެކަމަކު ނަވީން އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލައިފި-” ނަޞީރު ބުންޏެވެ. ނަޖްމާ އޭނާއަށް ފާރަލާން މީހުން ފޮނުވާ ވާހަކަ މީގެކުރިން އޭނާ ފަރުޒާނާއަކަށް ނާންގައެވެ.

އެމީހުން ކްލަބަށް ގޮސް މީހުންނާ ސުވާލު ކޮށްގެން ނަޞީރުގެ މަޢުލޫމާތު އޮޅުން ފިލުވައެވެ.

   

* * *

   

ނަޞީރު ތެދުވެގެން ގޮސް ކުޑަ ދޮރުގެ ފޮތިގަނޑު ކަހައިލިއެވެ. އަދި އެނބުރި ނަވީންއާ ދިމާއަށް ބަލައިލިއެވެ. “އެރޭގެ ޙާދިސާގައި ކަލޭ މަރުވިނަމަ ކިހާ ރަނގަޅު-”

ނަވީން ހީނގަތެވެ. “ފަރުޒާނާ ކަލޭ ދެކެ ލޯބިވާ ނަމަ ކަލޭގެ ވާހަކަ ޤަބޫލު ކުރީސް- އަހަރެން މުޅި ރަށަށް ބަދުނާމު ވެފައި ވާއިރުވެސް އޭނާ ޤަބޫލު ކުރީ އަހަރެން ދެއްކި ވާހަކަ- އެކުވެރިޔާ- ފަރުޒާނާޔަކާ ކަލެޔަކާ ނުގުޅޭ- އޭނާޔާ ގުޅޭނީ އިޤްބާލާ- ކަލެޔާ ގުޅޭނީ އަހަންނާ-”

“ކަލެޔާ ރައްޓެހިވުމަށް ވުރެ ވިހަގަދަ ހަރުފަޔަކާ ރައްޓެހިވުން ވެސް މާ ރަނގަޅު ވާނެ-”

“އެހެން ވީއިރު މިރޭ އަހަރެން ގެއަށް ލައިދޭން އައީ ކީއްވެގެން-؟”

“ކަލޭ ތިމަންގެ ކާރެއް ނެތޭ ބުނީމާ-” ނަޞީރު ޖަވާބު ދިނެވެ.

“ދެނޯ-؟ އަހަންނަށް ޓެކްސީއެއްގައިވެސް އާދެވިދާނެއެއްނުން-؟”

“މިހާ ދަންވަރު ޓެކްސީ ހޯދާނީ ކޮންތާނކުން-؟”

ދެން އަހަރެން އެތާނގައި ބަހައްޓާފައި ދިޔަނަމަ-”

ނަޞީރު ކޮޑު ހިއްލައިލިއެވެ. “ކަލޭ މިހާރު އަހަރެންގެ ދިރިއުޅުމަށް ވިހަލައިފި- ދެންވާނީ ކޮން ތަފާތެއް-”

“ދޮގު ނުހަދާ- ކަލޭ އަހަރެން ބޭނުން- އެއްކަލަ ރޭ ނަވީދް އަހަންނާ ބެހުނު ރޭ ކަލޭ ބަލަން ހުރިގޮތުން އަހަންނަށް އެނގުނު- އެރޭ ޝަބާނާއާއި، އެއްކަލަ...”

“ކިހިނެއްވީ-؟ ރޫފީގެ ނަންވެސް ހަނދާން ނެތުނީތަ-؟ ނަޞީރު މަލާމާތުގެ ރާގަކަށް އަހައިލިއެވެ.

“އާނ... އޭނާގެ ނަން އަހަރެން ހަނދާނެއް ނުހުރޭ-”

“ކަލޭ އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ-”

“ހުއްޓާލާ- އޭނާގެ ވާހަކަ ދައްކަން ބޭނުން ވެގެން އުޅެނީ ކާކު-؟”

“އަހަރެން ބޭނުން-” ނަޞީރު ވަރަށް ބާރަށް ނަވީންގެ އަތުގައި ހިފެހެއްޓިއެވެ.

ނަވީންގެ މައްޗަށް ބާރެއް ފޯރުވޭކަން އިޙްސާސް ވުމުން އޭނާއަށް ބާވަތެއްގެ އުފަލެއް ލިބުނެވެ. “ކަލޭ އަހަންނާ ބެހޭ ގޮތުން ހަދަހަދައިގެން ފަރުޒާނާއަށާއި، ނަޖުމާ މަލިކަށް ވަރަށް ގިނަ ވާހަކަ ކިޔައިދިނީމެއްނު-؟ އަހަރެން ވަކި ރޫފީގެ ވާހަކަ ނުދައްކަން ވީ ކީއްވެގެން-؟”

ނަވީން އަތް ފޮޅުވާލެވޭތޯ އުޅުނެވެ. އެކަމަކު ނަޞީރު ހިފަހައްޓާފައި ހުރީ މާ ބާރަށެވެ.

“އަހަންނަށް ރޫފީގެ ވާހަކަ ކިޔައިދީ- އޭނާ މިތަނަށް... ކަލޭގެ ފްލެޓަށް ވަރަށް ގިނައިން އާދެއެއްނު- ބުނެބަލަ- އޭނާޔާ ކަލެޔާ އޮންނަނީ ކޮން ގުޅުމެއް-؟ އޭނާ އަބަދުވެސް ބުނަނީ އެއްވެސް ގުޅުމެއް ނޯވެޔޭ- އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން- ކަލެއަކީ އަލިފާން ގަނޑެއް- އަލިފާނާ ކުޅޭ މީހަކު ނުހިފިއެއް ނުދާނެ- ބުނެބަލަ-”

“ހަޅޭއް ނުލަވާ-” ނަވީން އަނެއްކާވެސް ފޮޅުވައިލެވޭތޯ މަސައްކަތް ކުރިއެވެ. ނަޞީރު ކުރިއަށް ވުރެވެސް ބާރަށް ހިފެހެއްޓިއެވެ. ނަވީން އަތަށް ތަދުވާން ފަށައިފިއެވެ.

ނަޞީރު ހީނގަތެވެ. “ރޫފީ ކަލެޔާ ހިތައެއް ނުވޭ- އޭނާ ބުނީ ކަލެޔަކީ ކޫޑިއެކޭ- އޭނާ ކަލެޔާ ބައްދަލު ކުރަނީ ތަޖްރިބާ ކޮށްލަން- އަހަރެން ވަރަށް ގިނައިން ކަލޭގެ ވާހަކަ ދައްކަން- އޭނާ ވަރަށް މަލާމާތް ކޮށްފައި ހީނ ހަދާ-”

“ކަލޭ... ކަލޭ ދޮގު ހަދަނީ-” ނަވީންގެ ލޮލުން ފެންނަނީ ބިރުވެރިކަމެވެ. “ހުވާކުރޭ- އޭނާ ހަމަ ރަނގަޅަށްވެސް އަހަންނަށް މަލާމާތް ކުރޭތަ-؟ އަހަންނަކީ ކޫޑިއެކޭ ބުނިތަ-؟”

“އާނ- އަހަރެން މިދައްކަނީ ތެދުވާހަކަ- އަހަރެން ހީކުރީ ކަލެއަށް އެނގޭކަމަށް-” ނަޞީރު ބުންޏެވެ.

އެވަގުތު ވަރަށް ބާރަށް ގުގުރައިލިއެވެ. ދެވަނަ ފަހަރު މާބާރަށް ގުގުރައިލިއެވެ.  ޠޫފާނެއް އަންނަނީއެވެ.

   

* * *

   

“ޠޫފާނެއް އަންނަނީ-” ޞާބިރު ބުނެލިއެވެ.

ނަޞީރު އިސްއުފުލައި ބަލައިލިއެވެ. “ތިޔައީ ކަލެއަށް ހީވާ ގޮތް-”

“ޠޫފާނެއް އަންނަން އުޅޭކަން ޔަޤީން- އަހަންނަށް އައުމުގެ މާކުރިން ޠޫފާނުގެ އިޙްސާސް ކުރެވޭ- ކަލޭ ޠޫފާން ދެކެ ބިރުގަނެއެއްނުން-؟”

“އެއީ އެވަރުގެ ކަމެއް ނޫން-”

“ވަރަށް ހިތްވަރުގަދަ މީހުންވެސް ޠޫފާންދެކެ ބިރުގަންނާތީ އަހަރެން ދެކެން-” ޞާބިރު ބުންޏެވެ. “އިންސާނާގެ ހަށިގަނޑުގައި ކަރަންޓް ހުރެޔޭ ބުނާތީ އަހަން-” ޠޫފާންދެކެ މީހުން ގަންނަ ބިރާ މި ކަރަންޓާ ގުޅުމެއް ހުރެޔޭ މީހުން ބުނޭ-”

“އަހަރެން އޭނާ މަރާލިރޭވެސް ޠޫފާނެއްގައި-” ނަޞީރު ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ބުނެލިއެވެ. “އަހަރެންގެ ބައްޕަ މަރުވި ދުވަހުވެސް ޠޫފާނެއްގައި-”

“ހޫނ... ކަލެޔާ ޠޫފާނާ ގުޅުމެއް އޮންނަނީތާ-؟”

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.