(15 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
“މިރޭގެ ފަހަކުން ބޭނުމެއް ނުވާނެ- އިޤްބާލު- އަހަރެން އިޤްބާލަށް ޝުކުރު އަދާ ކުރަން- މިހާރު ނިދި އަންނަން ފަށައިފި- އިޤްބާލް..."
އިޤްބާލު ނިދެމުން ދިޔަ ފަރުޒާނާއާއި ދިމާއަށް ބަލަން ފެންކަޅިވެފައި ހުއްޓެވެ.
* * *
“އޭނާއަށް އަހަރެންގެ ބޭނުން ޖެހުނީ- އަހަންނަށް އިންކާރު ކުރެވޭނީ ކިހިނެއް-؟” އިޤްބާލު ޝަބާނާއާ ދިމާއަށް ބުނެލިއެވެ. އަދި ކަންތައް ހިނގި ގޮތް ތަފުޞީލުކޮށް ކިޔައި ދިނެވެ.
“އަޅުގަނޑުގެ ޚިޔާލެއް ނުކުރައްވަންތޯ-؟ އަޅުގަނޑުގެ ބޭނުން ތަކާމެދު ނުވިސްނަވަމުތޯ-؟ އިޤްބާލުގެ މައްޗަށް އޮންނާނީ ހަމަ އެކަނި އަޅުގަނޑުގެ ޙައްޤު-” ޝަބާނާ ހަރުކަށި ކަމާއެކު ވާހަކަ ދެއްކިއެވެ.
“ކަލޭ ބޭނުމިއްޔާ ވަރި...”
“ވަރި-؟ އެއްގޮތަކަށްވެސް ބޭނުމެއް ނޫން- އެބަހަށްވެސް އަޅުގަނޑު ނަފުރަތު ކުރަން-”
އިޤްބާލު ކުޑަކޮށް ހަމަ ޖެހިއްޖެއެވެ. “އެހެން ވެއްޖެއްޔާ ކަލެއަށް ޖެހޭނީ ޙަޤީޤަތް ޤަބޫލު ކުރަން- ފަރުޒާނާގެ އެންމެ އިޝާރާތަކަށް އަހަރެން...”
“އޭނާ ދެން ދުވަހަކުވެސް އިޝާރާތެއް ނުކުރާނެ-”
“އާނ- ދުވަހަކުވެސް ނުކުރާނެ- އޭނާ ނަޞީރަށް އިންތިޒާރު ކުރާނީ-”
“އިންތިޒާރުގެ ދުވަސްތައް އެހައި ދިގެއް ނުވާނެ- އަޅުގަނޑުވެސް އިންތިޒާރު ކުރިން- ލޯބީގައި އިންތިޒާރުގެ ދިގު މިނަކަށް ނުބެލޭ-” ޝަބާނާ ބުންޏެވެ. “އިޤްބާލު- ކުޑަ ދުވަސް ކޮޅަކަށް އަޅުގަނޑު ގޮވައިގެން ރަށުން ބޭރު ކޮންމެވެސް ތަނަކަށް ހިންގަވާ- މިހައިތަނަށް އިޤްބާލާއެކީ ވަގުތުކޮޅެއް ހޭދަ ކުރެވިފައެއް ނެތް- މަސައްކަތް ފަހުން ކުރެވިދާނެ-” ޝަބާނާގެ އަޑުގައި އަޖާއިބެއް ފަދަ އަމުރުވެރި ގޮތެއް އެކުލެވިފައި ވެއެވެ.
އިޤްބާލު ޙައިރާން ވެފައި އޭނާއާއި ދިމާއަށް ބަލައިލިއެވެ. “އެންމެ ރަނގަޅު- މަސައްކަތް ފަހުން ކުރެވިދާނެ-”
* * *
“އަހަރެން މިތަނަށް މިއައީ ދެވަނަ ފަހަރަށް- އެކަމަކު ހީވަނީ ވަރަށް ގިނައިން އާދެވިއްޖެ ހެން-” ފަރުޒާނާ ބުނެލިއެވެ.
ނަޞީރު ހީނލިއެވެ.
“މިތާނގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ތާޒާކޮށް އެބަހުރި- މިތަނާ ބެހޭގޮތުން އަހަރެން ވަރަށް ބޮޑަށް ވިސްނިން-”
“އިޤްބާލާ އެކީގައިތަ އައީ-؟” ނަޞީރު އަހައިލިއެވެ.
ފަރުޒާނާ ހިނިތުން ވެލިއެވެ. “އިޤްބާލާ އެކީގައި އައިނަމަޔޯ-؟”
ނަޞީރު ކޮނޑު ހިއްލައިލިއެވެ.
“އިޤްބާލަކީ ވަރަށް ރަނގަޅު މީހެއް- އަހަންނަށް ވަރަށް އެހީތެރިވި-”
“އާނ- ނުބުންޏަސް އަހަންނަށް އެނގޭ-”
ފަރުޒާނާ ކުޑަކޮށް ކުރިއަށް ގުދުވެލިއެވެ. “އަހަރެން މިއައީ އިޤްބާލާ އެކީގައޭ ބުނެފިއްޔާ ޙަސަދަ ވެރި ވާނަންތަ-؟”
ނަޞީރު ޙައިރާންވެފައި އޭނާއާއި ދިމާއަށް ބަލައިލިއެވެ. ފަރުޒާނާގެ އަނގައިން... މިކަހަލަ ސުވާލެއް... މިއީ ކޮންފަދަ ބަދަލެއް ބާވައެވެ؟
“ބުނެބަލަ- ހަސަދަވެރި ވާނަންތަ-؟” ފަރުޒާނާ އަނެއްކާވެސް އަހައިލިއެވެ.
“އަހަންނަށް އެކަހަލަ އެއްވެސް ޙައްޤެއް އެބައޮތްތަ-؟”
“ޙައްޤުގެ ވާހަކަ ނުދައްކާ- އަހަރެންގެ ސުވާލަށް ޖަވާބުދީ-”
“އަހަންނަށް ކުދި އަނިޔާ ކުރަން މަސައްކަތް ނުކުރޭ- އަހަންނަށް އެނގޭ ތިޔައީ ފަރުޒާނާގެ ޚިޔާލެއް ނޫންކަން- މަންމަޔާ އިޤްބާލާ ދެމީހުންގެ ރޭވުމެއްކަން ޔަޤީން-”
“އެހައި ބޮޑަށް ޔަޤީން ނުކުރޭ- އަހަންނަކީވެސް ޚިޔާލުން މަޙުރޫމު ވެފައިވާ މީހަކީމެއް ނޫން-”
“އެކަ... އެކަނިތަ އައީ-؟”
“އާނ-” އޭނާ އަނެއްކާވެސް ގުދުވެލިއެވެ. “އިޤްބާލާ އެކީ އައި ނަމަ ނަޞީރު އެކި ބާވަތުގެ ވަހުމުތައް ސިކުނޑިއަށް ވައްދައިގެން އަމިއްލައަށް ހާސް ވެގަންނާނެ ކަން އަހަންނަށް އެނގޭ- ރޭގަނޑަކު ނުވެސް ނިދޭނެ- އެހެންނު-؟”
“ވިޔާނުދާ ހާސަރު ނުދަމާ މިތަނުން ދާންއުޅޭ-” ނަޞީރު ގުގުރައި ގަތެވެ. “އެ މީހުން ތިޔަހަރީ ފަރުޒާނާއަށް ކިހިނެއް ހަދާފައި- އެ މީ...”
“ނަޞީރު ބޭނުންވަނީ މިގޮތެއްނު ދޯ-؟” ފަރުޒާނާ އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ. “ހުރިހާ އަންހެން ކުދިންވެސް އެމީހުންގެ ޖަޒުބާތު ހިފެހެއްޓުމެއް ނެތި ފާޅުކުރުމަކީ ނަޞީރު އެދޭ ގޮތް- މިހާރު އަހަރެން މި ފާޅުކުރަނީ- ނަޞީރު ވަރަށް ގިނަ ބުރަ އުފުއްލައިފި- އިތުރު ބުރައެއް ބޭނުމިއްޔާ އަޑުއަހާ- ރޭ ހަތަރުދަން އިޤްބާލު ހޭދަކުރީ އަހަރެންގެ ފްލެޓްގައި- މިހާރު އަމިއްލައަށް ކުރަމުން އައި ކަންތައްތަކުގެ އިޙްސާސް ކުރެވޭނެ- ނަވީނާ އެކީ ހޭދަކުރި ވަގުތުތައް ތަޞައްވުރު ކުރޭ- ނަޞީރާ ނަވީންގެ ގުޅުމުގެ ތަޞައްވުރު ކުރެވުމުން އުފުއްލި ވޭން މިހާރު ނަޞީރު އުފުއްލާ- ނަޞީރު ހީކުރީ އެއިން އެއްވެސް ކަމަކީ އަހަންނަށް މާ ބޮޑު ކަމެއް ނޫންކަމަށްތަ-؟ ކާރު އެކްސިޑެންޓް ވީ ރޭ ލޯތްބަށް އިތުބާރު ކުރަން ނަޞޭޙަތްތެރި ވީމެއްނު-؟ އޭރު ހިތަށް އެރީ ކީކޭ-؟ މޮޔަ، ނުވިސްނޭ ފަރުޒާނާ ހަމަޖައްސާނޭ ގޮތަކާމެދު ވިސްނީމެއްނު-؟” އޭނާގެ އަޑު ތުރުތުރު އަޅަން ފަށައިފިއެވެ. “ނަޞީރު އަހަރެން ދެކެ ލޯބިވީ ނަމަ އެގޮތަށް އެކަން ކުރީ ކީއްވެގެން-؟ އަހަންނަށް އިންތިޒާރު ނުކުރީ ކީއްވެގެން-؟ އޭނާގެ ގާތަށް ދިޔައީ ކީއްވެގެން-؟”
ނަސީރަށް ފަތަޙައިގެ އިޙްސާސް ކުރެވެން ފަށައިފިއެވެ. ޖަލަށް ލީ ފަހުން ތިމަންނާއަކީ ފިރިހެނެއް ކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވުނީ މިއަދުއެވެ. “އަހަރެން އޭރަކުވެސް ދޮގެއް ނުހަދަން- އެކްސިޑެންޓްވީ ރޭ އެއްވެސް ކަމެއް ނުހިނގާ-”
“އެންމެ ރަނގަޅު- އިޤްބާލު އަޙްމަދު ރޭ ވޭތުކުރީ އަހަރެމެންގެ ފްލެޓްގައި- އެކަމަކު އެއްވެސް ކަމެއް ނުހިނގާ- މިހާރު އަހަރެމެން ދެމީހުންނަށް ޔަޤީނާއި އިތުބާރުގެ ހުރި ވަރެއް ފެންނާނެ- އިތުބާރުގެ މަޖާ ކުޅިގަނޑަށް ވާ ގޮތް ބަލަމާ ހިނގާ-”
“ފަރުޒާނާ ދިޔައިމާ އަހަރެން ދުނިޔެ މުޅިން އަނދިރި ވެއްޖެ- އަހަރެން ފަރުޒާނާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ- އެކަމަކު ފަރުޒާނާ އަހަރެން ދޫކޮށް ދިޔައީ- ރޫފީއެއްވެސް ނެތް- އަހަންނާ އަޅާލާނޭ އެއްވެސް މީހަކު ނެތުނީ-”
ފަރުޒާނާ އޭނާގެ ހިތާމައިން ފުރިފައިވާ ލޮލަށް ބަލައިލިއެވެ. ފަރުޒާނާގެ ސިކުނޑި ދިޔައީ ހަލުވި ކަމާއެކު މަސައްކަތް ކުރަމުންނެވެ. އެ ދެމީހުންގެ ގޮތާއި ބާވަތް ބަދަލުވާން ވެއްޖެއެވެ. އެކަކު އަނެކަކު ދެކެ ބިރު ގަންނަން ވާނެއެވެ. ހަސަދަވެރި ކަމުގެ އަލިފާނުގައި އަނދަން ވާނެއެވެ. ހިތުގައި ހިނގާ އުދާސްތައް ހިފެހެއްޓުމެއް ނެތި ބޭރު ކުރަން ވާނެއެވެ. އޭނާ ލޯ މަރައިލިއެވެ. ނަޞީރުގެ ހޫނުކަން ލިބި ގަންނަނީއެވެ. ހިތް ގަދަ އަޑުން ގޮވަނީ ލޯތްބަށެވެ.
އޭނާ ލޯ ހުޅުވައިލިއެވެ. “އަހަރެންވެސް ނަޞީރު ދެކެ ވަރަށް ބޮޑަށް ލޯބިވޭ-” އޭނާގެ ލޮލުން ކަރުނަ ފައިބަނީއެވެ. “ނަޞީރާ ނުލާ އަހަރެންގެ އެއްވެސް ހައިސިއްޔަތެއް، ދިރުމެއް ނެތް- އަހަންނަށް ދުވަހަކުވެސް ނަޞީރު ދޫކޮށެއް ނުލެވޭނެ- މިހިސާބުން ފެށިގެން އަހަރެމެން އާ ދިރިއުޅުމެއް ފަށާނީ- އަހަރެން އިންތިޒާރު ކުރާނަން-”
ނަޞީރަށް ކަންފަތަށް އިވޭ އަޑާމެދު ޝައްކު ވާން ފަށައިފިއެވެ. މަޑުމަޑުން ގޮސް އޭނާގެ ލޮލުންވެސް ކަރުނަ އޮހިގަތެވެ. އޭނާ އުއްމީދު ކޮށްގެން ހުރި ލޯބި މި ލިބުނީ ކޮންފަދަ ވަގުތެއްގައި، ކޮންފަދަ ޙާލަތެއްގައި ހެއްޔެވެ؟ “މިއީ ވަރަށް ދިގު އިންތިޒާރެއް-”
“އެއް ގޮތަކަށްވެސް ދިގެއްނޫން-” ފަރުޒާނާ ކަރުނަ ފޮހެލަމުން ހިނިތުން ވެލިއެވެ.
“އާނ- އެހާ ދިގެއް ނޫން- ލޯބީގައި އިންތިޒާރުގެ ދިގު މިނަކަށް ނުބެލެވޭ-”
ދެ މީހުން އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެނބިގެން ގޮސް ގެއްލިއްޖެއެވެ. އުޑާއި، ބިމާއި އެދޭތެރޭގައި ވާ ހުރިހާ އެއްޗެއް ހުއްޓުނު ކަހަލައެވެ.
(ނިމުނީ)