ރަޝިޔާއާއި އީރާނާއި ތުރުކީއަށް އިދްލިބުގައި ސުލްހަ ގާއިމުކުރަން އެއްބަސްނުވެވުނު

އިދްލިބުގެ މަންޒަރެއް

ސީރިޔާގެ އިދްލިބަށް ހަމަލާ ދިނުމަށް ސަރުކާރު ސިފައިން ތައްޔާރުވަމުން ދާއިރު، އެ ހަމަލާގެ ކުރިން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެެމެދު ސުލްހައިގެ އެެއްބަސްވުމެއް އެކުލަވާލައި ހަނގުރާމަ ހުއްޓުވޭނެ ގޮތަކާމެދު ރަޝިޔާއާއި އީރާނާއި ތުރުކީގެ ރައީސުން ބޭއްވެވި ބައްދަލުވުން އެއްބަސްވުމަކަށް ނާދެވި ނިމިއްޖެއެވެ. އދ. އިން ބުނެފައި ވަނީ ސީރިޔާ ސިފައިން އިދްލިބަށް ހަމަލާދީފިނަމަ އެރަށުގެ ރައްޔިތުންނަށް ބޮޑު އިންސާނީ މުސީބާތެއް ކުރިމަތިވާނެ ކަމުގައެވެ.

ސީރިޔާގައި އެންމެ ނުފޫޒުގަަދަ ބޭރުގެ ބާރުތަކުގެ ވެރިން ކަމުގައިވާ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާއި، އީރާނުގެ ރައީސު ޙަސަން ރޫޙާނީއާއި، ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ތެހެރާނުގައި ބައްދަލުކުރެއްވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވާގޮތުން، ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުން އަސްކަރީ ގޮތުން ހައްލުނުކުރެވޭނެއެވެ. އެކަން ހައްލުކުރެވޭނީ ވާދަވެރި ފަރާތްތަކުގެ މެދުގައި ވާހަކަދައްކައިގެން ސިޔާސީ ގޮތުން އެެއްބަސްވުމަކަށް އާދެވިގެންނެވެ.

އެހެންނަމަވެސް، އިދްލިބަށް އަރައިގަތުމަށް ދެވޭ ބޮޑު ހަމަލާއެެއްގެ ކޮޅުމަތިކަމަށް ބެލެވޭ ވައިގެ ހަމަލާތަކެއް ސީރިޔާއާއި ރަޝިޔާގެ މަތިންދާބޯޓުތަކުން ހުކުރު ދުވަހު ފަތިހު އިދްލިބަށް ދެމުން ދިޔައިރު، ރަޝީޔާއި އީރާނު ރައީސުން ވަނީ، ހަމަލާ މަޑުޖައްސާލައި ސުލްހައިގެ ވާހަކަތައް ފެށުގައި ތުރުކީގެ ރައީސު ގޮވާލެއްވުމުން އެކަމަށް ދެކޮޅުހައްދަވާފައެވެ.

ރައީސު އެރްދޮޣާން ވިދާޅުވީ ގަތުލު އާއްމެއް ހިނގާފާނެތީ އެނާ ކޮންބޮޑުވެވަޑައިގަންނަވާ ކަމަށާ، ދެން ތުރުކީގެ ތެރެއަށް އިތުރު ރެފިއުޖީން ވައްދާނެ ތަނެއް ނެތް ކަމުގައެވެ. ރައީސު ޕުޓިން ވިދާޅުވީ ރަޝިޔާއިން ޓެރަރިސްޓުން ކަމުގައި ދެކޭ ޖަމާއަތްތައް ބައިވެރިނުވާއިރު، ސުލްހައިގެ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތްކަމުގައެެވެ. ރައީސު ރޫޙާނީ ވިދާޅުވީ ސީރިޔާގެ ހުރިހާ ސަރަހައްދެއް އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންނަން ޖެހޭނެކަމުގައެވެ.

އިދްލިބަކީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ސީރިޔާގެ ހަމައެކަނި ބޮޑުރަށެވެ. އެރަށް ހިފުމަށް ދެވޭ ހަމަލާއަކީ ސީރިޔާގެ ހަނގުރާއިގެ ނަތީޖާ ނެެރޭ ހަމަލާއަށް ވުން ގާތެވެ.

އިދްލިބަކީ ސީރިޔާގެ ހުޅަނގު އުތުރުގައި އޮންނަ ރަށެކެވެ. އެރަށް ހިމެނޭ އިދްލިބް ޕްރޮވިންސަކީ 3 މިލިއަން މީހުންގެ އާބަދީއެއް އޮތް ސަރަހައްދެކެވެ. އިދްލިބް ޕްރޮވިންސުގެ ބޮޑު ބަޔާއި، ހަމާއާއި ލާޒިޤިއްޔާގެ ބައެއް ސަރަހައްދުތައް އަދިވެސް ވަނީ އިދިކޮޅު ހަނގުރާމަވެރިން ބާރުގެ ދަށުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.