ސީރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި އެގައުމުގެ 95056 މީހުން ހަނގުރާމަކުރާ ތަފާތު ފަރާތްތަކުގެ އަތްދަށުގައި ހައްޔަރުވެފައިވާކަން ޔަގީންކުރެވިފައިވާ ކަމުގައި ސީރިޔަން ނެޓްވާކް ފޯ ހިއުމަން ރައިޓްސްއިން ބެނެފިއެެވެ. އޭގެ ތެރެއިން 85.6% މީހުންނަކީ ސީރިޔާ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނެވެ. 2011 ވަނ އަހަރު އުފެދުނު މިޖަމާއަތަކީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިނގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލައި ދިރާސާކުރާ ޖަމާއަތެކެވެ.
އެ ނެޓްވާކުންް އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވާގޮތުން ސީރިޔާ ސަރުކާރުން 81652 މީހުން ހައްޔަރުކޮށްގެން އެބަ ގެންގުޅެއެވެ. އޭގެ ތެރޭގައި 1546 ކުޑަކުދިންނާއި 4837 އަންހެނުން ހިމެނެއެވެ.
އަދިވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދަނީ އިންތިހާއަށް އަނިޔާވެރި، ލާއިންސާނީ އަދަބުދެމުންނެވެ. މި އަނިޔާގެ ސަަބަބުން މާރިޗު 2011 އިން ޖުލައި 2018 ގެ ނިޔަލަށް ސީރިޔާ ސަރުކާރުގެ ޖަލުތަކާއި، މީހުން ބަންދުކުރާ މަރުކަޒުތަކުގައި 13608 މީހުން މަރުވެފައި ވެއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް ނުވަތަ ދާޢިޝް) ގެ އަތްދަށުގައި 8349 މީހުން ހައްޔަރުވެފައި ތިބި އިރު އޭގެ ތެރޭގައި 314 ކުޑަކުދިންނާއި 218 އަންހެނުން ވާކަމަށްވެސް ރިޕޯޓުގައި ވެއެވެ. ހައިއަތު ތަހްރީރިއްޝާމް ގެ އަތްދަށުގައި 1645 މީހުން ހައްޔަރުވެފައި ވެއެވެ. އޭގެ ތެރޭގައި 7 ކުޑަކުދުންނާއި 19 އަންހެނުން ހިމެނެއެވެ.
ކުރުދީ އޮޓޯނޮމަސް ރީޖަންގައި ހައްޔަރުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައި ވަނީ 43 ކުޑަކުދިންނާއި 63 އަންހެނުންނާއެކު 1523 މީހުންނަށްވުރެ މަދު ނޫން މީހުންނެވެ.
ހަނގުރާމަވެރި އެެހެން ޖަމާއަަތްތަކުން ހައްޔަރުކޮށްފައިވަނީ 1887 މީހުންނެވެ. އެއީ 208 ކުޑަކުދިންނާއި 411 އަންހެނުންވެސް ހިމަަނައިގެންނެވެ.
އެންމެ ގިނަ މީހުން ހައްޔަރުވެފައިވަނީ ރީފު ދިމިޝްޤު ޕްރޮވިންސުންނެެވެ. ދެން ދިރްޢާ އާއި ހަލަބުންނެވެ.
ސީރިޔާ ސަރުކާރުން އެގައުމު ބައިވެރިވެފައިވާ އެެއްވެސް މުއާހަދާއަކުން އެގައުމަށް ލާޒިކުރާ އެެއްވެސް ކަމެއް ކޮށްފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.