ފާއިތުވި އަހަރަކީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެންމެ މަދުން މީހުން މަރުވި އަހަރު

ސީރިޔާގެ އަށް އަަހަރަށް ދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައިގައި ފާއިތުވި 2018 ވަނަ އަހަރަކީ އެންމެ މަދުން މީހުން މަރުވި އަހަރު ކަމުގައި ހަނގުރާމައިގެ ކަންކަން ބަލާ ޖަމާއަތަކުން ބުނެފިއެވެ. އެއީ ސަރުކާރުގެ ބާރު ގަދަކޮށް ގިނަ ސަރަހައްދުތަކެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ސީރިިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އަންދާޒާ ކުރާ ގޮތުގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި ފާއިތުވި އަހަރު މަރުވެފައި ވަނީ 19666 މީހުންނެވެ.

"2018 ވަނަ އަހަރަކީ ހަނގުރާމަ ފެށުނު ފަހުން އެންމެ މަދުން މީހުން މަރުވި އަހަރު" އޭއެފްޕީއަށް މައުލޫމާތުދެއްވަމުން، އޮބްޒަވޭޓަރީގެ ރައީސު ރާމީ ޢަބްދުއްރަޙްމާން ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މައި އޮފީސް ހުންނަ އެ ޖަމާއަތުން މައުލޫމާތު އެއްކުރަނީ ސީރިޔާގައި ގާއިމުވެފައި ތިބޭ އެ ޖަމާއަތަށް މައުލޫމާތު މީހުންގެ ވަރަށް ފުޅާ ވިއުގައަކުންނެވެ. އެހެންކަމުން ހަނގުރާމައާ ބެހޭގޮތުން އެ ޖަމާއަތުން ދޭ މައުލޫމާތަކީ އިތުބާރުކުރެވޭ މައުލޫމާތު ކަމުގައި ބެލެވެއެވެ.

ސީރިޔާ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި ބޮޑު މުޒާހަރާތައް ހަނގުރާމައަށް ބަދަލުވެ ކުރިއަށްދާ ތަޅާފޮޅުމުގައި 2017 ވަނަ އަހަރު 33 ހާސް މީހުން މަރުވެފައި ވާއިރު، 2014 ވަނަ އަހަރަކީ އެންމެ ގިނަ މީހުން މަރުވި އަހަރެވެ. އެެއީ އިސްލާމިކް ސްޓޭޓުން ސީިރިޔާއާއި އިރާގުގައި ޚިލާފަތު އިއުލާންކުރި އަހަރެވެ. އެ އަހަރު 76 ހާސް މީހުން މަރުވެފައި ވެއެވެ.

ފާއިތުވި އަހަރު މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާއްމުންގެ 6349 މީހުންނެވެ. އޭގެ ތެރޭގައި 1437 ކުޑަކުދިންވެސް ހިމެނެއެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސަރުކާރު ސިފައިންގެ ހަމަލާތަކުންނާއި، ރަޝިޔާ ސިފައިން ބޮން އެޅުމުންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.