ސީރިޔާގެ ދާޚިލީ ހަނގުރާމަ: ކާކު ކޮން މަގުސަދެއްގައި؟- 5

ސައޫދީ އަރަބިއްޔާއިން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ދީފައިވާ ބީޖީއެމް-71 ޓޯ އެންޓި ޓޭންކް މިސައިލެއް

(20 އެޕްރީލު 2018 ވަނަ ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)
ސައޫދީ އަރަބިއްޔާ
'އަރަބި ރަބީއު' ގެ އޮއިވަރުގައި ސީރިޔާގެ ރައްޔިތުން 2011 ގެ ކުރީކޮޅުގައި ނުކުމެ ބައްޝާރުލް އަސަދާ ދެކޮޅަށް ކުރަންފެށި މުޒާހަަރާތައް ރޫޅާލުމަށް ސީރިޔާ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށުމުން އެކަމާ ދެކޮޅަށް އެންމެ ފުރަތަ ވާހަކަދެއްކެވި އަރަބި ވެރިޔަކީ ސައޫދީ އަރަބިއްޔާގެ އޭރުގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒެވެ. އެއަށްފަހު ގުޅުންތައް ގޯސްވަމުން ގޮސް 2012 ވަނަ އަރަހުގެ ފެބްރުއަރީ މަހު ސައޫދީ ސަރުކާރުން ސީރިޔާއާއި ގުޅުންކަނޑާލައި ދިމިޝްޤުގައި ހުރި އެގައުމުގެ އެމްބަސީ ބަންދުކުރިއެވެ. އަދި ރިޔާޒުގައި ހުރި ސީރިޔާގެ އެމްބަސީ ބަންދުކޮށް ސަފީރު އަނބުރާ ގެންދަން އެންގިއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިގެން އައިއިރު ސައޫދީ އަރަބިއްޔާ ވެފައިވަނީ ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން އެންމެ ބޮޑު ހޭދަ ކުރި އެއް ގައުމުކަމުގައެވެ. ސައޫދީން ވަނީ ފްރީ ސީރިއަން އާމީއާއި އެލަޝްކަރާއި ގުޅިފައި ތިބި އެހެން ޖަމާއަތްތަކަށް ހަތިޔާރުގެ ގޮތުން ބޮޑެތި އެހީތަކެއް ވެފައެވެ. 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސައޫދީން ވަނީ ކުރީގެ ޔޫގޯސްލާވިޔާއިން ގިނަ އަދަދެއްގެ ބަރު ހަތިޔާރު ގަނެ ޖޯޑަންގެ ތެރެއިން ސީރިޔާގެ ދެކުނަށް އަދި ތުރުކީގެ ތެރެއިން ސީރިޔާގެ އުތުރަށް މިހަތިޔާރު އެތެކޮށް ފްރީ ސީރިއަން އާމީއަށް ފޯރުކޮށްދީފައެވެ. އެ ހަތިޔާރުގެ ތެރޭގައި ޓޭންކާއި، ބޮޑުބަޑިއާއި، ރޮެކެޓްލޯންޗަރާއި، މިނޫންވެސް ބަރު ހަތިޔާރު ހިމެެނެއެވެ.
މި ހަތިޔާރު ގަނެ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ދިނުމަށް ސައޫދީން ހިންގި އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ކުރެވުނު ތަަފާތު ދިރާސާތަކުން ހާމަވީ ގޮތުގައި 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ސައޫދީން ވަނީ ބޮސްނިޔާއާއި، ބަލްގޭރިޔާއާއި، ކްރޮއޭޝިޔާއާއި، ޗެކް ރިޕަބްލިކާއި، މޮންޓެނީގްރޯއާއި، ސްލޮވާކިޔާއާއި، ސާބިޔާއާއި، ރޯމޭނިޔާއިން 1.2 ބިލިއަން ޔޫރޯ (1.45 ބިލިއަން ޔޫއެސް ޑޮަލަރު) ގެ ހަތިޔާރު ގަނެ ފްރީ ސީރިއަން އާމީ އަށް ދީފައެވެ. މީގެ އިތުރަށް ސައޫދީ އަރަބިއްޔާގައި ގުދަންކޮށްފައި ހުރި އެމެރިކާގެ ބީޖީއެމް-71 ޓޯ އެންޓި ޓޭންކް މިސައިލުގެ 500 މިިސައިލުވެސް ދީފައި ވެއެވެ. މި މިސައިލްތައް ބޭނުންކޮށްގެން އިދިކޮޅު ހނގުރާމަވެރިން ސީރިޔާ ސަރުކާރު ސިފައިންގެ ގިނަ އަދަދެއްގެ ޓޭންކު ހަލާކުކޮށްލާފައި ވެއެވެ.
ބައްޝާރުލް އަސަދު ފަސޭހައިން ވެރިކަމުން ދުރުކުރެވިދާނެކަމަށް ކުރެވުުނު އުއްމީދު ފަނޑުވުމާ، އިދިކޮޅު ހަނގުރާމަވެރިންނަށް ބަރު ހަތިޔާރު ދިނުމަަށް އެމެރިކާއިން ދެކޮޅު ހެދުމުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިންނަށް ސައޫދީން ދެމުން އައި ހަތިޔާރުގެ އެހީ 2016 ވަނަ އަހަރުން ފެށިގެން ކުޑަވެ، ސައޫދީ ނުފޫޒުވެސް ވަނީ ކުޑަވާން ފަށާފައެވެ.

އެމެރިކާ ސިފައިން ސީރިޔާގައި ހަރަކާތްތެރިވަނީ

އެމެރިކާ
ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި އެމެރިކާ ވަދެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެއީ، ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާކަށް ނޫނެވެ. ސީރިޔާގެ އިރު އުތުރުގައި ހަލުވިކަމާއެކު ކުރިއަރަމުން ފައިތިލަ ސާބިތުކުރަމުން އައި އިސްލާމިކް ސްޓޭޓްގެ ކުރިއެރުން ހުއްޓުވައި އެމީހުންގެ ލަޝްކަރު ނައްތާލުމުގެ މަގްސަދުގައެވެ. އަދި އިސްލާމިކް ސްޓޭޓާ ވާދަވެރި، އެމީހުންނަށް ވުރެ ހަރުކަށިކަން ކުޑަ ޖަބްހަތުއް ނުޞްރާ އާއި ދެކޮޅަށެވެ.
ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ހަނގުރާމަވެރިންނަށް އެމެރިކާއިން ހަތިޔާރުގެ އެހީ ދީފައި ނުވެއެވެ. އެހެންނަމަވެސް ކާބޯ ތަކެއްޗާއި އަސާސީ ވަސީލަތްތަކުގެ އެހީ ދީފައިވެެއެވެ. އަދި 15 ހާސް ހަނގުރާމަވެރިން ތަމްރީނުުކުރުމުގެ މަގްސަދުގައި 2011 ވަނަ އަހަރުން ފެށިގެން ޕްރޮގްރާމެއް ހިންގާފައި ވެއެވެ. އެހެންނަަމަވެސް 500 މިލިއަން ޑޮލަރު ޚަރަދުުކުރުމަށް ފަހު މަދު ބަޔަކު ތަމްރީނު ކުރެވުމުން އެ ޕްރޮގްރާމު ހުއްޓާލިއެެވެ.
2014 ވަނަ އަަހަރުން ފެށިގެން އެމެރިކާ ސިފައިން ދަނީ ސީރިޔާތެރޭގައި ހަރަކަތްތެރި ވަމުންނެވެ. ލަފާކުރެވޭ ގޮތުގައި އޭރުއްސުރެ އެމެރިކާ ސިފައިންގެ 1500 އާ 2000 އާ ދެމެދުގެ އަދަދެއް ސީރިޔާގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެމެރިކާ ސިފައިން ސީރިޔާ ސަރުކާރުގެ ސިފައިންނާ ކުރިމަތިލާފައެއް ނުވެއެވެ. އެމެރިކާ ސިފައިން ސީރިޔާއަށް ވަނުމުގެ މަގްސަދަކީ އިސްލާމިކް ސްޓޭޓުގެ ކުރިއެރުން ހުއްޓުވައި އެމީހުން ބަލިކުރުމެވެ. އަދި އިސްލާމީ ހަނގުރާމަވެރިންނަަށް ސީރިޔާގައި ކާމިޔާބުވިޔަ ނުދިނުމެވެ. އެމެރިކާ ސިފައިން އެއްގަމު ހަނގުރާމައިގައި ސީދާގޮތުން ބައިވެރި ވެފައި ނުވެއެވެ. އެމީހުންގެ ދައުރަކަށް ވެފައި އޮތީ އިދިކޮޅު ހަނގުރަވެރިންނަށް ތަމްރީނު ދިނުމާއި ފަންނީ އެހީ ދިނުމެވެ. އެހެންނަމަވެސް، އިސްލާމިކް ސްޓޭޓްގެ މަރުކަޒުތަކަށް ވައިގެ ހަމަލާ ދިނުމުގައި އެމެރިކާ ސިފައިން ބައިވެރިވެފައި ވެއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ސީރިޔާ ސަރުކާރާ ދެކޮޅަށް އަސްކަރީ ގޮތުން އެމެރިކާ ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހު އެމެރިކާ ވަނީ ސީރިޔާގެ ޝުއައިރާތު ވައިގެ މަރުކަޒަށް ކްރޫޒް މިސައިލުން ހަމަލާ ދީފައެވެ.
އެހެން ގައުމުތައް
މަތީގައި ދަންނަވާލެވުނީ ސީރިޔާ ސަރުކާރުގެ ދިފާއުގައި، ނުވަތަ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރުމަށް ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެންމެ ބޮޑަށް ހަރަކާތްތެރިވި ގައުމުތަކުގެ ވާހަަކައެވެ. އެގައުމުތަކުގެ އިތުރަށް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޤަޠަރާއި، ޖޯޑަން ފަދަ ގައުމުތައް އެކިދުވަސްވަރު އެކި މިންވަރަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އަސްކަރީގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީވުމަށް ހަރަކާތްތެރިވެފައި ވެއެވެ. އިނގިރޭސިވިލާތުންނާއި، ފަރަންސޭސިވިލާތުން ސީރިޔާގެ އެކި ތަންތަނަށް ވައިގެ ހަމާލާ ދީފައިވާއިރު، އިނގިރޭސި ސިފައިން ބިންމަތީގައ ހަރަކާތެރިވާ މަންޒަރުތަކެއްވެސް ބަައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ދައްކާފައި ވެއެވެ. ޤަޠަރުން ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ބޮޑަށް އެހީތެރިވެފައިވަނީ މާލީގޮތުންނެވެ. ބެލެވޭގޮތުގައި ދާޚިލީ ހަނގުރާމައިގެ ފުރަތަމަ ތިންއަހަރު 3 ބިލިއަން އެމެރިކާ ޑޮލަރު ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ޤަތަރުން ޚަރަދުކޮށްފައި ވެއެވެ. ޖޯޑަނުންވެސް މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ އިސްލާމިކް ސްޓޭޓްގެ މަރުކަޒުތަކަށް ބޮން އެޅުމުގައެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.