މަހާތީރު ބޮޑުވަޒީރުކަމުގައި ހުންނަވާނީ ދެ އަހަރު

މެލޭޝިޔާގައި ވެރިކަންކުރާ ޕަކަޓާން ހަރަޕަން (ޕީއެޗް) ކޯލިޝަން ތެރޭގައި އެއްބަސްވެފައިވާ ފަދައިން 2 އަހަރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހުު އިސްތިއުފާ ކަމުގައި ބޮޑުވަޒީރު މަހާތީރު ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ. އެއީ، އޭނާގެ ކުރީގެ ވާދަވެރިވެޔާ، އަދި ކޯލިޝަނުގައި މިހާރު އޭނާގެ ބައިވެރިޔާ އަންވަރު އިބްރާހީމަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް މަގުފަހިކުރެއްވުމަށެވެ.

ކުރިންވެސް އޭނާއަށް ފަހު ބޮޑުވަޒީކަން ކުރައްވާނެ ބޭފުޅަކު ހޮވުމުގައި ދިމާވި މައްސަލަ އަނެއްކާވެސް ތަކުރާރުވެދާނެ ކަމަށް ވާހަކަ ދެކެވެމުން ދަނިިކޮށް، ބްރޫނާއީގައި ތިބޭ މެލޭޝިޔާ މީހުންނާ ވާހަކަފުޅުދައްކަވަމުން ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެެއްގޮތަށް އޭނާ ވެރިކަމުން ދުރުވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އުމުރުފުޅުން 93 އަހަރުގެ މަހާތީރު ދެއްވިކަމަށް މެލޭޝިޔާގެ ބަރްނާމާ ނިއުސް އެޖެންސީން އިއްޔެ ޚަބަރު ދީފައި ވެއެވެ.

"އޭނާ (އަންވަރު އިބްރާހީމް) މިހާރު މާ ވިސްނުންތެރިވެރިވެފައި، މާ ތަޖުރިބާ ބޮޑު ކަމުގެ ޔަގީންކަން އަހަރެންނަށް އެބައޮތް." މަހާތީރު ވިދާޅުވިއެވެ.

"އެކަން އެގޮތަށް ވެެއްޖެއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމުން ދައްކައިދެނީ ސުލްހަވެރިގޮތުގައި ވެރިކަމުގެ ބާރުތައް ބަދަލުކުރެވިދާނެކަން." މަހާތީރުގެ މިވާހަކަފުޅާ ގުޅިގެން ދެންނެވުުނު ސުވާލަކަށް ޖަވާބުދެއްވަމުން ޔުނިވަސިޓީ އޮފް ޓެސްމޭނިޔާގެ އޭޝިޔާ އިންސްޓިޓިއުޓްގެ ޕްރޮފެސަރު ޖޭމްސް ޗިން ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގެ މާޑޮކް ޔުނިވަސިޓީގެ ސިޔާސީ މުހައްލިލު ގްރެގް ލޮޕޭޒް ވިދާޅުވީ "މިޔަންމާއާއި، ތައިލެންޑާއި، އިންޑޮނޭޝިޔާއާއި، މެލޭޝިޔާ ފަދަ އޮޅުންބޮޅުމާއި، ހަމަނުޖެހުން ބޮޑު ސިޔާސީ މާހައުލު އޮންނަ ގައުމުތައް ހިމެނޭ ސަރަހައްދެއްގައި ސުލްހަވެރިކަމާއެކެ ވެރިކަމުގެ ބާރުތައް ބަދަލުކުރެވިދާނެކަން މެލޭޝިޔާއަށް ދެއްކިދާނެ" ކަމުގައެވެ.

ޕީއެޗް ކޯލިޝަނުގައި ހެމެނެނީ މެލޭޝިޔަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ބެރްސަޓޫ) އާއި، ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީއޭޕީ) އާއި، ނޭޝަނަލް ޓްރަސްޓް ޕާޓީ (އަމާނާ) އާއި، ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރު) އެވެ. މަހާތީރަކީ ބެރްސަޓޫގެ ރައީސެވެ. އަންވަރަކީ ޕީކޭއާރުގެ ރައީސެވެ.

މަހާތީރަކީ ސިޔާސި މައިދާނުގައި ކުލަ ބަދަލުކުރައްވާ ބޭފުޅެއްކަަށް ބަޔަކުކުރާ ތުހުމަތުތައް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭނާއަށް އެންމެ މުހިއްމީ ގައުމު ކަމަށާއި، ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ މެލޭޝިޔާ ތަރައްގީގެ މަގުގައި ކުރިއަށް ދިއުން ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.