ބޮޑުވަޒީރުކަމުގައި ހުންނަވާނީ ގިނަވެގެން ތިން އަހަރަށް ކަމަށް މަހާތީރު އިޝާރާތްކުރައްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު (ކ) އާއި ވެރިކަންކުރާ ޕީއެޗް ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހީމް (ވ) ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ބޮޑުވަޒީރުކަމުގައި ފުރިހަމަ ދައުރެއް ހަމަވަންދެން ނުހުންނަވާނެކަމަށާއި، ކުރީގެ ސަރުކާރުން ވާރުތަވީ މައްސަލަތައް ހައްލުކުރުމަށް ފަހު މަގާމުން ދުރަށް ޖެހިވަޑައިގަންނަވާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ދެ އަހަރުދުވަހުގެ ތެރޭގައި އަހަރުމެންނަށް ރަނގަޅުކުރެވޭނެ. އަހަރެންނަށް ހީވާ ގޮތުގައި އެހެންމީހުން ކުރިތިލާން ޖެހޭ އުނދަގޫތައް މަދުވެގެންދާނެ." އިއްޔެ ކުއަލަލަމްޕޫރުގައި ބޭރުގެ ނޫސްވެރިންނާ މެލޭޝިޔާގައި ވެރިކަން ކުރާ ޕަކަޓާން ހަރަޕަނާ (ޕީއެޗް) ގައި ހިމެނޭ މެލޭޝިޔަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ބެރްސަތޫ) ޕާޓީގެ ޗެއާމަންކަން ވެސް ކުރައްވާ މަހާތީރު ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވުމުން، އެ ވިދާޅުވީ މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ ވާހަކަތޯ ސުވާލު ދެންނެވުމުން މަހާތީރު ސީދާ ޖަވާބެއް ނުދެއްވައެވެ. "އަހަރެންނަކަށް ނޭނގޭ އެއީ ދެ އަހަރު ކަމެއް ނުވަތަ ތިން އަހަރެއް ކަމެއް. އެކަމަކު އަހަރެންނަކީ ވަގުތީ ބޮޑުވަޒީރެއް." މަހާތީރު ވިދާޅުވިއެވެ  

އިއްޔެއަކީ ޑރ. މަހާތީރު މުޙައްމަދު މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ދެވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުނު ދުވަހެވެ. މިއަދު އޭނާ ވަނީ މެލޭޝިޔާގެ ހުރިހާ ނަސްލެއްގެ މީހުންނަށް ހަމަހަމަ ތަރައްގީގެ ޕްލޭނެއް އިއުލާންކުރައްވާފައެވެ. "ޝެއާޑް ޕްރޮސްޕެރިޓީ" (ހިއްސާކުރެވޭ ތިޔާގިކަން) ގެ ނަމުގައި މިއަދު އިއުލާންކުރި ޕްލޭންގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް މެލޭޝިޔާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމެވެ.

މިހާރު މެލޭޝިޔާގައި ކުރިއަށްދާ ވިޝަން 2020 ގައި އަމާޒުކޮށްފައި އޮތީ 2020 އާ ހަމައަށް މެލޭޝިޔާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށެވެ. އެހެންނަމަވެސް، އެ އަމާޒު މިއަދު ހާސިލުނުވާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ފާއިތުވި އަހަރުގެ އިންތިޚާބު ކާމިޔާބުކުރި ޕީއެޗް ކޯލިޝަނުން ބޮޑުވަޒީރަކަށް މި އަހަރުގެ ޖުލައިމަހު އުމުރުފުޅުން 94 އަހަރު ފުރޭ މަހާތީރު ހަމަޖެއްސީ ވަގުތީ ގޮތުން ކަމަށް ވިޔަސް އޭނާ އެ މަގާމުގައި ހުންނަވާނީ ކިހާ ދުވަހަކަށްކަމާމެދު ވަކި ގޮތަކަށް ނިންމާފައި ނުވެއެވެ.

ކޯލިޝަންގެ ލީޑަރު، އަދި ޕީޕަލްސް ޖަސްޓިސް ޕާޓީގެ ޗެއާމަން އަންވަރު އިބްރާހީމަށް ތާއީދުކުރައްވާ ބޭފުޅުން ބޭނުންފުޅުވަނީ ވީހާވެސް އަވަހަކަށް އޭނާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމެވެ. އެބޭފުޅުން އުއްމީދުކުރައްވައިގެން ތިއްބެވީ އެއް އަހަރު ފަހުން އޭނާ އެމަގާމަށް އައްޔަންކުރެއްވޭނެ ކަމަށެވެ. އަންވަރު އިބްރާހީމަކީ ޑރ. މަހާތީރު ކުރިން ބޮޑުވަޒީރުކަން ކުރެއްވި އިރު އޭނާގެ ނާއިބުކަމުގައި ހުންނަވަނިކޮށް 1988 ވަނަ އަހަރު މަގާމުން ވަކިކުރައްވައި ޖަލަށްލެއްވި ބޭފުޅެކެވެ.

ޕީއެޗް ކޯލިޝަނުން ބުނާ ގޮތުގައި ކުރިން ވެރިކަންކުރި ބަރިސާން ނާސިއޮނަލް ކޯލިޝަންގެ ސަރުކާރުން 1.1 ޓްރިލިއަން ރިންގިޓް (264 ބިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުން ސަރުކާރަށް ކޮށްފައެވެ. އެއީ، ގިނަ މަޝްރޫއުތަކެއް އެކަށީގެންނުވާ ވަރުގެ ބޮޑު އަގުގައި އެކި ފަރާތްތަކާ ހަވާލުކޮށްގެންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.