މެލޭޝިޔާ މީހުން ބަދަަލަަކަށް ދިން ވޯޓު

މަހާތީރުއަށް ތާއީދުކުރާ މީހުން އުފާފާޅުކުރަނީ

"އެއީ ބިންގަނޑު ގުޑައިގެން ދިޔަ ރެއެެކެވެ. ބަަރިސާން (ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ކޯލިޝަން ބަރިސާން ނާސިއޮނަލް) ގެ ޕާލަމެންޓް ގޮނޑިތައް، ގޮނޑިއަކަށް ފަހު ގޮނޑިއެއް ވެއްޓެމުން ދިޔައެވެ. އެރޭގެ 11 ޖެހިފަހުން މާ ގިނަ އިރުތަކެއް ނުވެ، ޕުތުރަޖާޔާ (މެލޭޝިޔާގެ އިދާރީ ވެރިރަށް) ޕަކަތާން ހަރަޕަން (އިދިކޮޅު އެލަޔަންސް ފޯ ހޯޕް ކޯލިޝަން) އަށް ލިބިއްޖެ ކަމުގައި ތުން ޑޮކްޓަރު މަހާތީރު މުޙައްމަދު އިއުލާންކުރެއްވިއެވެ." މެލޭޝިޔާގައި ވޯޓުލީ ދުވަސްކަަމުގައިވާ 09 މޭ 2018 (ބުދަ) ދުވަހުގެރޭ ސިފަކުރަމުން، އެގައުމުގެ އޮންލައިން ނޫހެެއްގައި ބުރާާސްފަތި ދުވަހު ލިޔެފައި ވެއެވެ.
"މެލޭޝިޔާގެ ސިޔާސީ ތާރީޚުގައި އެންމެ ދިގު ރޭ ނިމި ފަތިސްވި އިރު އިންތިޚާބުގައި ބަރިސާން ނާސިއޮނަލް ބަލިވީ ބޮޑު ބައްޔަކުކަން ސާފުވެެގެން ދިޔައެވެ. މިނިސްޓަރުންގެ އެތައް ބޭފުޅުންނާ ބަރިސާން ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީއެެއްގެ ރައީސުންގެ ގޮނޑި ގެއްލިގެން ދިޔައެވެ. ކޯލިޝަނަށް މަޖިލީހުުން ލިބުނީ 79 ގޮނޑިއެވެ. އަދި ކޮންޓްރޯލް ނުގެއްލި އޮތީ އެންމެ ހަތަރު ސްޓޭޓެވެ." އެހެން ނޫހެއްގައި ލިޔެފައި ވެއެވެ.
އެ ރެއަކީ ހަގީގަތުގައި ވެސް މެލޭޝިޔާގެ ސިޔާސީ މަސްރަހަށް ބިންހެލުމެއް އައި ރެއެކެވެ. "އެއީ މުޅި މެލޭޝިޔާއަށް އައި ބިންހެލުމެކެވެ. އެބިންހެލުން ވަނީ މެލޭޝިޔާގެ ސިޔާސީ 'ބިންގަނޑު' އެތުރިފައިވާ ގޮތް މުޅިން ބަދަލުކޮށްލާފައެވެ." މެލޭޝިޔާގައި އާއްމުންގެ ޚިޔާލު ހޯދުމުގެ ސާވޭތައްކުރާ މެރްދެކާ ސެންޓަރުގެ ސީއީއޯ އިބްރާހީމް ސުފިޔާން އެރޭ ބުނެފައި ވެއެވެ.
އެސެންޓަރުން އެތައް މަހެއް ވަންދެން ނެގުނު ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާފައިވަނީ މެލޭ ދަރިކޮޅު މީހުންގެ ގިނަ ބަޔަކު ގޮތެއް ނުނިންމައި ތިބިކަމަށެވެ. އަނެއްކޮޅުން ޗައިނާ ދަރިކޮޅު މީހުންގެ ތެރެއިން ގިނަ ބައެއް ބުނެފައި ވަނީ އެމީހުން ވޯޓުލާނީ ބަަރިސާން ނާސިއޮނަލްއާ ދެކޮޅަށް ކަމަށެވެ. ވަކިން ޚާއްސަކޮށް އުމްނޯ (ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން) އާ ދެކޯޅަށް ކަމަށެވެ. އެހެންނަމަވެސް، ނަޖީބު ރައްޒާގު ކޯލިޝަން ބަލިކުރެވޭވަރަށް ވޯޓުލާމީހުން އެނބުރިދާނެކަށް އެސެންޓްރުންވެސް ލަފާކޮށްފައި ނެތެވެ.
މޭ 9 ވަނަ ދުވަހުގެ ރެއަކީ މެލޭޝިޔާ މިނިވަންވީއްސުރެ ފާއިތުވި 61 އަހަރު އެގައުމުގައި ވެރިކަން ކުރަމުން އައި ޕާޓީ، އުމްނޯ އިސްކޮށް އޮވެ އުފައްދާފައިވާ ބަރިސާން ނާސިއޮނާލްގެ ވެރިކަން ނިމުމަކަށް އައި ރެއެވެ. މެލޭޝިޔާ 31 އޮގަސްޓް 1957 ގައި މިނިވަންވީއްސުރެ އެގައުމުގައި ވެރިކަން ކުރަމުން އައިސްފައި ވަނީ އުމްނޯއެވެ. ދެން އެއަށްފަހު އެޕާޓީ އިސްވެ އޮވެ 1973 ވަނަ އަހަރު އުފެއްދި ބަރިސާން ނާސިއޮނާލް ކޯލިޝަނެވެ.
ނޫސްވެރިން ތޮއްޖެހި ބާރުވެފައި އޮތް ޝެރަޓަން ހޮޓަލުުގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން މަހާތީރު އިއުލާންކުރެއްވީ އޭނާގެ ކޯލިޝަނުން ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފި ކަމުގައެވެ. އަދި އެވަރަކުން ނިމުނީއެއް ނޫނެވެ. އެ ކޯލިޝަނުން ވަނީ ވޯޓުލީ 12 ސްޓޭޓުން 7 ސްޓޭޓްގެ ކޮންޓްރޯލު ހޯދައިފި ކަމުގައެވެ. ވަކިން ޚާއްސަކޮށް ނަޖީބު ރައްޒާގުގެ އުފަން ސްޓޭޓް ޖޮހޯރުގައި ބޮޑު ތަފާތަކުން ސަރުކާރު ކޯލިޝަން ބަލިކޮށްފި ކަމުގައެވެ.
މެދުނުކެނޑި 60 އަހަރު ގައުމެއްގައި ވެރިކަން ކުރި ބަޔަކު، އަމުދުން އޭޝިޔާ ސަރަހައްދުގެ ގައުމެއްގައި، އެގައުމުގައި ބާއްވާ އިންތިޚާބަކުން ބަލިކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ މިއީ ގިނަ ބަޔަކު ކުރަމުން ދިޔަ ސުވާލެކެވެ. މިހާރު ދޭން އެޮތް ޖަވާބަކީ މެލޭޝިޔާ މީހުން ކައިރިން ދަސްކުރާށެވެ.
ދެން އުފެދޭ ސުވާލަކީ މެލޭޝިޔާ މީހުން އެކަން ކުރީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކަމަކަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ގައުމު ހިންގުމުގެ ތަޖުރިބާ ހުރި މީހަކު މައިދާނަށް ނެރުނީއެވެ. 61 އަހަރު ވެރިކަން ހިންގި ޕާޓީގެ ފަރާތުން ވެރިކަން ކުރެއްވުގައި މަހާތީރުގެ 22 އަހަރުގެ ތަޖުރިބާ ހަމަ އެޕާޓީ ވެރިކަމުން ވަައްޓާލަން ބޭނުންކުރީއެވެ.
މީގެ އިތުރަށް މުހިއްމު އެހެން ކަމެއް މެލޭޝިޔާ މީހުން ކުރިއެވެ. އެއީ މާޒީ ހަނދާން ނައްތާލައި ކުރީގެ ހަތުރުން ގުޅުނީއެވެ. ތަޖުރިބާއާއި އިސްލާހީ ހަރަކާތް ގުޅުވައިލީއެވެ. އިދިކޮޅު ޒައީމު އަންވަރު އިބްރާހީމަކީ މަހާތީރު މުހައްމަދުގެ ބޮޑުވަޒީރުކަމުގައި އޭނާގެ ނާއިބަކަށް ހުންނަވަނިކޮށް، އޭނާއީ މަހާތީރަށް ހުރި ނުރައްކަލަށް ވެދާނެކަމަށް ލަފާވުމުން 1988 ވަނަ އަަހަރު އޭނާ މަގާމުން ދުރުކުރެއްވި ބޭފުޅެކެވެ. މަގާމުން ދުރުކުރެވުނު ފަހުން ގިނަ ދުވަހެއް ނުވެ 'ރިފޯމާސީ' (އިސްލާހުކުރުން) ހަރަކާތް އޭނާ ފެށްޓެވިއެވެ. އެންމެ ފަހުން އަންވަރުގެ މައްޗަށް ބަދު އަޚްލާޤީ މައްސަލަަތަކެއްގެ ތުހުމަތުކޮށް، އެކަމުގައި ހުުކުމުކުރެވި ޖަލަށް ލެވުނެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިޚާބުގައި ސަރުކާރު ބަލިކުރަން މި ނިކުތީ މަހާތީރުގެ ތަޖުރިބާއާއި އަންވަރުގެ އިސްލާހީ މަސައްކަތް އެކުވެގެންނެވެ.
"މީގެ 20 އަހަރު ކުރިން އިސްލާހީ ހަރަކާތް ފެށުނީ މަހާތީރާއި އަންވަރުގެ ވާދަވެރިކަމުގެ ސަބަބުން. މިއަދު އެ ހަރަކާތުގައި އިސްކޮށް ހުންނެވީ މަހާތީރު. އަންވަރާއި މަހާތީރަކީ ވާދަވެރިކަމުގެ ތާރީޚެއް އޮތް ދެބޭފުޅުން ކަމުގައި ވިޔަސް، ދެބޭފުޅުން މިއަދު އެކައްޗަކަށް ވުން ލާޒިމުވީ" ދެކުނު އިރުމަތީ އޭޝިޔާގެ މަސްރަހު ދިރާސާކުރާ ނިއުމަންޑަލާ.އޯގްގެ އެނަލިސްޓް ކީން ވޮންގް ވިދާޅުވިއެވެ.
މެލޭޝިޔާގެ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ބަދަލަކަށް ދިން ވޯޓުގައި ދެކަމެއް ފާހަގަކުރެއެވެ. އެއް ކަމަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނުމެވެ. 2015 ވަނަ އަހަރުން ފެށިގެން ނަޖީބު ރައްޒާގު ގެންދެވީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ކުރިމަތި ލައްވަމުންނެވެ. އިންތިޚާބާ ހަމައަށް އައިއިރުވެސް މެލޭޝިޔާގެ ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ ޖަވާބެއް އެތުހުމަތުތަކަށް ދެވިފައި ނުވެއެވެ. އެހެންކަމުން، ބަސްބުނަށް ލިބުނު ފުރުސަތުގައި އެމީހުން ބަސްބުނީއެވެ.
ދެވަނަ ކަމަކީ، ހުޅަނގުގެ ޑިމޮކްރަސީއަކީ މެލޭޝިޔާ މީހުން ކޮންމެހެން ބޭނުން އެެއްޗެއް ނޫންކަމެވެ. މަހާތީރު މުހައްމަދަކީ އޭނާގެ ވެރިކަމުގެ 22 އަހަރު ހުޅަނގުގެ މީހުން ވަކާލާތުކުރާ ޑިމޮކްރަސީއާ ބީރައްޓެހި ގޮތަކަށް ވެރިކަން ކުރެއްވި ބޭފުޅެެކެވެ. އޭނާ އަނެއްކާވެސް ވެރިކަމަށް ގެންނަން ވޯޓުލީ އޭނާ ވެރިކަން ކުރެއްވި ގޮތާމެދު ރައްޔިތުންނަށް މާބޮޑު މައްސަލައެއް ނެތީމައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.