އުމުރުފުޅުން 92 އަހަރުގައި މަހާތީރު އިންތިޚާބަށް ކުރިމަތިލައްވައިފި

މަހާތީރު ބިން މުހައްމަދު އޭނާއަށް ތާއީދުކުރާ މީހުންނާއެކު

މެލޭޝިޔާގައި 9 މޭ ގައި ބޭެއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބުގައި ވާދަކުރެއްވުމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިިން މުހައްމަދު މިއަދު ހުށަހަޅުއްވައިފިއެވެ. އޭނާ ކުރިމަތިލައްވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ބަރިސާން ނާސިއޮނާލް (ބީއެން) (ނޭޝަނަލް ފްރަންޓް) އާ އެންމެ ވާދަވެރި ޕަކަޓާން ހަރިޕާން (ޕީއެން) (އެލަޔަންސް އޮފް ހޯޕް) ކޯލިޝަނުގެ ފަރާތުންނެވެ. އޭނާއަކީ އެކޯލިޝަނުގެ ޗެއަރމަނެވެ. އޭނާގެ ކޯލިޝަން އިންތިޚާބުވެއްޖެނަމަ، އުމުރުފުޅުން 92 އަހަރުގައި، އޭނާ ވެވަޑައިގަންނަވާނީ ދުނިޔޭގެ އެންމެ މުސްކުޅިފުޅު ބޮޑުވަޒީރު ކަމުގައެވެ.
އޭނާ ކަރުދާސް ހުށަހެޅުއްވީ ލަންކާވީ އިންތިޚާބީ ދާއިރާއިން ވާދަކުރެއްވުމަށެވެ. އެދާއިރާގައި އޭނާާާ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ބަރިސާން ނާސިއޮނާލްއާއި، މެލޭޝިއަން އިސްލާމިކް ޕާޓީ (ޕީއޭސް) ގެ ކެންޑިޑޭޓުންނާއެވެ.
އެލަޔަންސް ހޯޕް ކޯލިޝަން އަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރުގެ ނާއިބު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއީލުގެ ޒައާމަތުގައި އުފެއްދި ކޯލިޝަނެކެވެ. މަހާތީރު މުހައްމަދު އޭނާގެ ކުރީގެ ހަތުރު އަންވަރު އިބްރާހީމާ ގުޅިވަޑައިގެންފައި މިވަނީ މިހާރު އެދެބޭފުޅުންގެ ވެސް ހަތުރު ބޮޑުވަޒީރު މުހައްމަދު ނަޖީބު ބިން އަބްދުއްރައްޒާޤު (ނަޖީބު ރައްޒާޤު) ބަލިކުރެއްވުމަށެވެ.
ކޮރަޕްޝަނުގެ ބޮޑެތި ތުުހުމަތުތަކުގެ ސަބަބުން ނަޖީބު ރައްޒާޤަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. މެލޭޝިޔާގެ ތަރައްގީގެ ފަންޑު 1މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ) އިން 4.5 ބިލިއަން ޔޫއެސް ޑޮލަރު ނުގަވާއިދުން ނަންގަވާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.
އިދިކޮޅު ކޯލިޝަނުގެ އަމާޒަކީ އިންތިޚާބު ކާމިޔާބޮށް، އަންވަރު އިބްރާހީމަށް ރަސްގެފާނުގެ މާފު ހޯދުމެވެ. ރަސްގެފާނު މާފު ދެއްވުމުން އޭނާ ބޮޑުވަޒީރަކަށް ވެވަޑައިގަތުމެވެ.
މަހާތީރު ވަނީ 1981 އިން 2003 އަށް (22 އަހަރު) މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. މިިއިންތިޚާބު ވެގެންދާނީ މެލޭޝިޔާގެ ތާރީޚުގައި ވެރިކަމުގައި ހުންނެވި ބޮޑުވަޒީރަކާއި ކުރީގެބޮޑުވަޒީރަކު އެކުގައި އާއްމު އިންތިޚާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރު ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.