އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ވާޖްޕާޔީ އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަޓަލް ބިހާރީ ވާޖްޕާޔީ އުމުރުުފުޅުން 93 އަަހަރުގައި އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވަނީ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ އިންސްޓިޓިއުޓުން އާއްމުކުރި ބަޔާނެއްގައި ވާގޮތުން އޭނާ އަވަހާރަވީ މިއަދު، 16 އޯގަސްޓް 2018 ވީ ބުރާސްފަތި ދުވަހު ހަވީރު އިންޑިއާ ގަޑިން 5:05 ގައެވެ.

"ޝްރީ ވާޖްޕާޔީ އެއިމްސްގައި އެޑްމިޓް ކުރެވުނީ 2018/06/11 ގައެވެ. އެއިމްސްގެ ޑޮކްޓަރުންގެ ޓީމުގެ ބެލުމުގެ ދަށުގައި ފާއިތުވި 9 ހަފުތާގައި އޭނާގެ ސިއްހަތު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ." އެއިމްސްގެ ބަޔާނުގައި ވެއެވެ.

"ނަސީބުދެރަކަމުން، އޭނާގެ ހާލަތު ފާއިތުވި 36 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް ގޯސްވެ އޭނާ އޮންނެވީ ލައިފް ސަޕޯސް ސިސްޓަމާ ގުޅާފައެވެ. ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރުމާއެކުވެސް، މިއަދު އޭނާ އަހަރުމެންނާ ވަކިވެވަޑައިގެންފިއެވެ." އެއިމްސް އިން ނެރުނު ކުރު ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ވާޖްޕާޔީ އަކީ ބީޖޭޕީ އުފެދުމަށް ފަހު އެޕާޓިން އިންޑިއާގައި ބޮޑުވަޒީރުކަން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އޭނާ ވަނީ 1996 ވަނަ އަހަރާ 2004 ވަނަ އަހަރާ ދެމެދު ތިން ފަހަރު މަތިން ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭގެތެރެއިން ތިން ވަނަ ފަހަރު 1998 އިން 2004 އަށް ބޮޑުވަޒީރު ކަމުގެ  އެއް ދައުރު ފުރިހަމަކުރެއްވިއެވެ. އަދި އޭނާއަކީ  ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެއްވި ކޮންގްރެސް ޕާޓީ ނޫން އެހެން ޕާޓީއަަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރަށް ވެވަަޑައިގަތެވެ.

އިންޑިއާގެ ސިޔާސީ މައިދާނުގެ މައި ތަނބެއް ކަމުގައި ބެލެވޭ ވާޖްޕާޔީ ވަނީ އޭނާގެ ބޮޑުވަޒީރުކަމުގައި އިންޑިއާ ނިއުކުލިއާ ބާރަކަށް ހެއްދެވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އޭނާ ވަނީ ދެވަނަ ފަހަރަށް ބޮޑުވަޒީރުކަން ކުރެއްވިއިރު، 1998 ވަނަ އަހަރު، އިންޑިއާއިން ބިމު އަޑީގެ ނިއުކުލިއާ ޓެސްޓްތަކެއް ކޮށްފައިވާކަން އިއުލާންކުރައްވައި މުޅި ދުނިޔެ ސިއްސުވައިލައްވާފައެވެ. އެއީ 1974 ވަނަ އަހަރަށް ފަހު އިންޑިއާއިން ނިއުކުލިއާ ޓެސްޓެއް ކުރި ފުރަތަމަ ފަހަރެވެ.

އޭނާ ވަނީ ކުރީގެ ބޮޑުވަޒީރު މޮރާރްޖީ ދެސާއީގެ ބޮޑު ވަޒީރުކަމުގައި ގާތްގަނޑަކަށް ދެ އަަަހަރު ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާފައެވެ. އަދި ސާޅީހަކަށް އަހަރު އޭނާ އިިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި މަަސައްކަތްކުރައްވާފައި ވެއެވެ.  

ވާޖްޕާޔީ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ހުރިހާ ފަންތިއަކާ، ސިޔާސީ ވިސްނުމެެއްގެ މީހުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.