ރައީސް ޔާމީންގެ ސަރުކާރުން ހދ. ނެއްލައިދުއަށް ތަރައްގީގެ މާބޮޑު ކަމެއް ކޮށްދެއްވައިފައި ނުވާކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނެއްލައިދުއަށް ވަޑައިގެން އެރަށުގައި "އިއްތިހާދު ޖަގަހަ" ހުޅުވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އިބޫ ވިދާޅުވީ ތަރައްގީގެ ނަމުގައި މިސަރުކާރުން އެރަށަށް ކޮށްދީފައިވާ ހަމައެކަނި ކަމަކީ ފުޓުސަލް ދަނޑުގެ ވަށައިފާރު ރޭނުން ކަމަށެވެ. އެހެނަމަވެސް ރައީސް ޔާމީންގެ ތަރައްގީގެ ފަސް އަހަރުގެ ފޮތުގައި އެރަށުގައި ނެޓުބޯޅަ ކޯޓަކާއި އެއްޗެހި އަޅައިފާ ކަމަށް ލިޔުއްވައި އެބައޮތް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށުގެ އެއްވެސް ރައްޔިތެއްގެ ފަރާތުން އެކަން ކަށަވަރުވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
"މިރަށުގައި މިސަރުކާރުން ނެޓްބޯޅަ ކޯޓެއް އަޅައިފައިވާ ކަމެއް އެނގޭ އެކަކުވެސް މިރަށަކުނެތް،" އ ވިދާޅުވިއެވެ.
"މިރަށުގެ ބަނދަރަކީ އެމްޑީޕީ ސަރުކާރުގައި ފެށި މަސައްކަތެއް. މިހާރު ނިމި އެތަނުގެ ބޭނުންކުރަމުންދާއިރުގައި އެބަނދަރު ހެދިއިރުގައި ރައްޔިތުންގެ އެތައް ޝަކުވާތަކެއް ހުއްޓައި މިހާރުއެއޮތް ގޮތަށް ނިމިގެން އެދިޔައީ. ކިރިޔާ ގަދަވެލާއިރަށް ބަނދަރުތެރޭގައި ދޯނިފަހަރު އަޅާފައި ނުބޭއްވޭ. ބަނދަރު ބޮޑުކޮށް ބަދަލުތަކެއް ގެންނަން މިހާރުވަނީ ޖެހިފައި ކަމަށް އަޅުގަނޑުމެންނަށް އެނގޭ،" އިބޫ ވިދާޅުވިއެވެ. އެހެންވީމާ އެބޭފުޅުންގެ ވެރިކަމެއްގެ ވީހާވެސް ކުރީކޮޅު އެރަށުގެ ބަނދަރު (ރައްޔިތުން ބޭނުންވާ ގޮތަށް) އަލުން ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އޭގެ އިތުރަށް އެރަށުގެ ނަރުދަމާވެސް ވަރަށް އަވަހަށް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެރަށުގެ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވަނީ އެންމެ ދެކުލާސް ރޫމް ކަމަށެވެ. އެބޭފުޅުންގެ ވެރިކަމުގައި ވީހާވެސް އަވަހަކަށް އެކަން ކޮށްދެއްވައި ސްކޫލް ކިޔެވުން އެއްދަންފަޅިއަކަސް އަލުން ބަދަލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް ވަޒީފާއަދާ ކުރާމީހުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދީ އިތުރު އިނާޔަތް ލިބޭނެގޮތްވެސް ހައްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ފަސޭހައިން އެޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.