ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުވެ ވަޑައިގެންފިނަމަ ދ. ހުޅުދެލީ ބަނދަރު ބޮޑުކޮށް ދެއްވައި އެރަށުގައި މިސްކިތެއް އަޅުއްވައި ދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވައި ޝަހީމް ވިދާޅުވީ އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށެވެ. އެރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ބަނދަރު ބޮޑު ކޮށްދެއްވުމަށާއި، އެރަށުގައި މިސްކިތެއް އަޅުއްވައި ދެއްވުމަށާއި ސްކޫލަށް ކޫލާސް ރޫމެއް އިތުރު ކޮށްދެއްވަން އެދިފައެވެ. އެހުރިހާ ކަމެއް ވެސް ރައީސް ކޮށްދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މިރަށުގެ ބޭފުޅުން އަޅުގަނޑުގެ ގާތުން އެދިވަޑައިގެންނެވީ މިރަށުގެ ބަނދަރުގެ ކަންތައް ތަކުގެ ވާހަކާ. އަޅުގަނޑު ދަންނަވާނީ މާﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މިރަށު ބަނދަރު ބޮޑު ކޮށްދެއްވާނެޔޭ. އަދި މިރަށުގެ ބޭފުޅުން އެދިވަޑައިގެންވީ ސްކޫލުގެ ކުލާސް ރޫމެއްގެ ވާހަކަ އެކަންތައް ވެސް ސަރުކާރުން ހައްލުކޮށްދޭނެ އިރާދަކުރެއްވިއްޔާ. މިރަށް މިސްކިތެއްގެ ވާހަކަ މިރަށުގެ ބޭފުޅުން ވިދާޅުވި، އިންޝާﷲ އަޅުގަނޑުމެން މިރަށުގައި މިސްކިތްވެސް އަޅައިދޭނަން،" ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށާއި ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެކަމަށްޓަކައި ޝަހީމް ވަނީ އެރަށުގެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.