ރައީސްގެ ހަށިކޮޅަށް ހަމަލާއެއް އަރާނީ އަޅުގަނޑުގެ މޭ ފޫއަޅުވާލައިފައި: ޑރ.ޝަހީމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނާއިބު ރައީސެއްގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީނަށް އިޚުލާސްތެރިވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރަނިންމޭޓުކަން ގަބޫލުފުޅު ކުރެއްވުމުގެ ކުރިން ވަރަށްގިނަ އިލްމުވެރިންނާއި އުސްތާޒުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ހުރިހާ ބޭފުޅުންވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެންމެ މުހިންމު އެއްކަމަމީ ރައީސަށް ވަފާތެރިވުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ޑރ. ޝަހީމް މިހެން ވިދާޅުވީ ރޭ ޒުވާނުންނާ ބައްދަލު ކުރައްވައި ދެއްކެވި ވަހަކާފުޅުގައެވެ. "އަޅުގަނޑު (އިންޝާﷲ ) ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވާނަން އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅަށް ދަތިވާކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތަކުން ނުފެންނާނެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ހަމަލާއެއް އަރާނީ އަޅުގަނޑުގެ މޭ ފޫއަޅުވާލައިފައޭ އަޅުގަނޑު ދަންނަނީ،" ޝަހީމް ވިދާޅިވިއެވެ. އެއީ އެމަނިކުފާނުގެ އެންމެ މަތިވެރި އަޒުމް ކަމަށާއި އެވަފާތެރިކަން އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ފޯރަމުގައި ޒުވާނަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނު ބަޣާވާތެއް ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާނެ ކަމަށެވެ. "އަޅުގަނޑުގެ ގާތުން ލަފައަކަށް އައްސަވާނަމަ އަޅުގަނޑަށް ފެންނަ އެންމެ ހެޔޮލަފާ އަޅުގަނޑު އަރުވާނަން. ވަރަށް އިޚްލާސްތެރިވާނަން. ގައުމުގެ ހަމަޖެހުމާއި ސުލްހަވެރިކަން ކުރިއަށް ނެރޭނަން. ބަޣާވާތެއް ނުކުރާނަން. ބަޣާވާތެއްގައި ބައިވެރިއެއްވެސް ނުވާނަން،" ޝަހީމް ވިދާޅުވިއެވެ.

ރޭގެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިގައުމު ޒުވާނުންނަށް އެބަ ބޭނުންވާ ކަމަށެވެ. ކޮންމެ ގައުމެއްގައިވެސް ދެ ޖިންސުގެ ޒުވާނުންނަކީ އެގައުމެއްގެ އެންމެ މަތިވެރި ރައުސުލްމާލު ކަމަށާއި، އިޖުތިމާއި އަދި އިގްތިސާދު ކުރިއެރުވުމުގެ އެންމެ އިސް ސަފުން ޒުވާނުން ފެންނަ ކަމަށް ވާނަމަ އެގައުމެއް ވެގެންދާނީ ވަރަށް ނަސީބުވެރި ގައުމަކަށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.