އިސްލާމްދީނުގައި ދިފާޢުގެ ޙައްޤު (2)

(27 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަމިއްލަ ނަފުސު ދިފާޢުކުރުމަކީ ވާޖިބެއް ހެއްޔެވެ؟

ތިމާގެ އަމިއްލަ ނަފުސު ދިފާޢުކުރުމަކީ ހަމައެކަނި އިންސާނާއަށް ލިބިފައިވާ ޙައްޤެއް ހެއްޔެވެ؟ އެކަމުގައި ޙަމަލާދޭ މީހާ ޤަތުލުކުރެވިދާނެ ހެއްޔެވެ؟ ތިމާއާ ޙަމަލާދޭ މީހާ ޤަތުލުކޮށްގެން މެނުވީ އަމިއްލަ ނަފުސު ދިފާޢުނުކުރެވިއްޖެ ހިނދެއްގައި ޙަމަލާދޭ މީހާ ޤަތުލުކޮށްލުން ލާޒިމުހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުގައި ޙަންބަލީ މަޒުހަބުގެ ފިޤުހުފޮތްތަކުގައިވާ ގޮތުން އެއީ އިންސާނުންނަށް ލިބިގެންވާ ޙައްޤެކެވެ. އިންސާނާ އޭނާއަށް ލިބިފައިވާ އެ ޙައްޤު ބޭނުން ކުރުން ލާޒިމެއް ނޫނެވެ. علامة إبن قدامة حنبلى رحمه اللّه ވިދާޅުވެފައިވެއެވެ.

"ތިމާގެ ފުރާނައާއި މުދާ ޙިމާޔަތްކުރުމަކީ އިންސާނާއަށް ލިބިފައިވާ ޙައްޤެކެވެ. އެކަމުގައި އޭނާ މަޖުބޫރުވެގެން އޭނާއާ ޙަމަލާދިން މީހާ ޤަތުލުކޮށްލި ކަމުގައި ވިޔަސް އެކަމާ ބެހޭގޮތުން އޭނާއާމެދު ފިޔަވަޅެއް ނޭޅޭނެއެވެ. ނަމަވެސް ފުރާނައާއި މުދާ ދިފާޢުކުރުމަކީ ވާޖިބެއް ނޫނެވެ." (ابن قدامة، المغنى: 12/533-534)

ނަމަވެސް الإمام ابن تيمية رحمه اللّه ވިދާޅުވެފައިވަނީ މިދަންނަވާ ގޮތަށެވެ.

"ތިމާގެ ނަފުސު ދިފާޢުކުރުމަކީ ވާޖިބެއް ކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އެކަމަކީ ވާޖިބެއް ނޫން ކަމުގައިވެސް ބަޔަކު ޤަބޫލުކުރެއެވެ." الإمام أحمد رحمه اللّه ގެ އަރިހުން މި ދެރައުޔުވެސް ނަޤުލުވެގެންވެއެވެ. (فتاوى إبن تيمية: 34/242)

ޙަނަފީ މަޒުހަބުގެ ޢިލްމުވެރީންގެ އަރިހުގައި ނަފުސު ދިފާޢުކުރުމަކީ ވާޖިބެކެވެ. ތިމާގެ ފުރާނަ ސަލާމަތްކުރެވެން އޮތީ ޙަމަލާދޭ މީހާ ޤަތުލުކޮށްގެން ކަމުގައިވާނަމަ އޭނާ ޤަތުލުކޮށްލުންވެސް ވާޖިބެވެ. އެގޮތަށް ޢަމަލުނުކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ. (الكفاية على الهداية: 5/1264)

މުދާ ދިފާޢުކުރުން

އިންސާނާގެ ފުރާނަ ދިފާޢުކުރުމަކީ އޭނާއަށް ލިބިފައިވާ ޤާނޫނީ ޙައްޤެއް ކަމުގައިވާ ފަދައިން އޭނާގެ މުދާ ދިފާޢު ކުރުމަކީވެސް އިންސާނާއަށް ލިބިފައިވާ ޤާނޫނީ ޙައްޤެކެވެ.

عبد اللّه بن عمر رضى اللّه عنهما އަށް ވަގަކު ފެނިވަޑައިގަތުމުން އޭނާއާ ދިމާޔަށް ކަނޑިކޮޅު މަޅުއްވައިގެންނެވިއެވެ. ރާވީ ވިދާޅުވެފައިވެއެވެ. އަހަރެމެން އެކަލޭގެފާނު ދޫކޮށްލިނަމަ އަދި ވަގުކަލޭގެ ޤަތުލުކުރެއްވުން މަނާނުކުރިނަމަ އެކަލޭގެފާނު އޭނާ ޤަތުލުކޮށްލެއްވީހެވެ.

حسن البصرى رحمه اللّه އާ މީހަކު ސުވާލުކުރިއެވެ. "އަޅުގަނޑުގެ ގެޔަށް ވަގަކު ވަދެއްޖެނަމަ އަދި އޭނާގެ އަތުގައި ހަތިޔާރު ހުރިނަމަ އަޅުގަނޑަށް އޭނާ ޤަތުލުކުރެވިދާނެތޯއެވެ؟" حسن البصرى رحمه اللّه ޖަވާބުދެއްވިއެވެ. "އާނއެކެވެ! ކަލެއަށް ޤަތުލުކުރެވުނު ގޮތަކަށް އޭނާ ޤަތުލުކޮށްލާށެވެ."       

الامام أحمد رحمه اللّه ވިދާޅުވެފައިވެއެވެ. "ފޭރޭ މީހުންގެ ގުރޫޕަކުން ކަލޭގެ ޤަތުލުކުރަން ނުވަތަ ކަލޭގެ މުދާ އަތުލަން އުޅެފިނަމަ ކަލޭގެ ޖާނާއި މާލުގެ ދިފާޢުގައި އެބައިމީހުންނާ ހަނގުރާމަކުރާށެވެ."

ابن سيرين رحمه اللّه ވިދާޅުވެފައިވެއެވެ. "އަހަރެންނަށް އެނގިފައިވާ ގޮތުގައި حَرُوريّة ފިރުޤާގެ މީހުންނާއި މަގުފޭރޭ މީހުންނާ ހަނގުރާމަކުރުމަކީ އެއްވެސް ބަޔަކު ފާފައެއް ކަމުގައި ދެކެގެން ނުކޮށް ދޫކޮށްލައިފައިވާ ކަމެއް ނޫނެވެ. މީހަކު ތިމާގެ ފިނޑިކަން ސާބިތުކޮށްދިނުމަކީ މުޅީން ތަފާތު މައްސަލައެކެވެ." (ابن قدامة، 12، المغنى:12/531-533)

ޙަނަފީ މަޒުހަބުގައި ވެއެވެ.

ރޭގަނޑު މީހަކު އަނެކެއްގެ ގެޔަށް ވަދެ އެގެއްގައި ހުރި މުދާ ވަގަށް ނަގަނިކޮށް ނުވަތަ ވަގަށް ނަގަން ޤަޞްދުކޮށްގެން އުޅެނިކޮށް ފެނިއްޖެނަމަ އެމީހާ ޤަތުލުކުރެވިދާނެއެވެ. ހަމައެފަދައިން އެއްޗެއް ވަގަށް ނަގައިގެން ފިލައިގެން ދާން މަސައްކަތްކޮށްފިނަމަ ފަހަތުން ފަހައިގެންގޮސް ވެސް ޤަތުލުކުރެވިދާނެއެވެ. އެކަމަށް އެއްވެސް އަދަބެއް ނުދެވޭނެއެވެ. (جصاص، احكام القرآن: 2/40، مرغينانى، هداية: 4/565، ابن عابدين، ردّ المختار: 5/482)

މުދާ ދިފާޢުކުރުމުގެ މައްސަލައިގައި ބައެއް ޢިލްމުވެރީން އުފައްދަވައިފައިވާ ސުވާލެއް އެބައޮތެވެ. މީހަކަށް ތިމާގެ މުދަލުގެ ކިތަންމެ ކުޑަ މިންވަރަކާ ބެހޭގޮތުންވެސް ދިފާޢުގެ ޙައްޤު ބޭނުން ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ ދިފާޢުގެ ޙައްޤު ބޭނުންކުރެވޭނީ ވަކި ޢަދަދެއްގެ މުދަލާ މެދުގައި ހެއްޔެވެ؟ الإمام نووى رحمه اللّه ވިދާޅުވެފައިވެއެވެ.

"މީހަކު ނުޙައްޤުން އަނެކެއްގެ މުދާ އަތުލަން އުޅެފިނަމަ އޭނާ ޤަތުލުކުރެވިދާނެއެވެ. މަދު ޢަދަދެއްގެ މުދާ ކަމުގައި ވިޔަސް ނުވަތަ ގިނަ ޢަދަދެއްގެ މުދާ ކަމުގައި ވިޔަސްވެހެވެ؟ އެހެނީ އިތުރު ސާހިބާގެ ޙަދީޘްފުޅުތަކުގައި ވަކި މިންވަރެއް ކަނޑައަޅުއްވައިފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ. ބޭނުންކުރައްވައިފައިވަނީ ޢާންމު ލަފުޒެކެވެ. އެހެންކަމުން ޢިލްމުވެރީންގެ ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ. ނަމަވެސް الإمام مالك رحمه اللّه ގެ ބައެއް ދަރިވަރުން ވިދާޅުވާ ގޮތުގައި މަދު ޢަދަދެއްގެ މުދާކަމުގައިވާނަމަ ފޭރޭ މީހާ ޤަތުލުކޮށްގެން ނުވާނެއެވެ. އެކަމަކު ޞައްޙަ ބަހަކީ ޖުމްހޫރުންގެ ބަސްފުޅެވެ." (نووى، شرح مسلم: جلد 1، جزء 2)

ޙަނަފީ މަޒުހަބުގެ އެއްރައުޔެއްގައިވާގޮތުން ވަގަށްނަގަން ނުވަތަ ފޭރެން އުޅުނު މުދަލުގެ އަގުގައި ދިހަދިރުހަމު ހަމަވާން ޖެހޭނެއެވެ. ނުވަތަ އެއަށްވުރެ ގިނަވާން ޖެހޭނެއެވެ. ޙަނަފީ މަޒުހަބުގެ އެހެން ރައުޔެއްގައިވާގޮތުން އެ މުދަލުގެ އަގު ނިޞާބު ހަމަވާވަރުވާނަމަ އެ މުދާ ޙިމާޔަތްކުރުމަށްޓަކައި ލާޒިމުވެއްޖެ ހިނދެއްގައި ޙަމަލާދޭ މީހާ ޤަތުލުކޮށްލެވިދާނެއެވެ. މުދަލުގެ އަގުގައި ނިޞާބު ހަމަނުވިޔަސް އެ މުދަލުގެ ދިފާޢުގައި ހަނގުރާމަކުރެވިދާނެއެވެ. އެކަމަކު ޙަމަލާދޭ މީހާ ޤަތުލުކުރުން ރަނގަޅެއް ނުވާނެއެވެ. ނަމަވެސް ޙަނަފީ މަޒުހަބުގެވެސް ގިނަ ޢިލްމުވެރީން ތަރުޖީޙުދެއްވަނީ ނިޞާބު ހަމަވާވަރަށްވުރެ މަދު ޢަދަދެއްގެ މުދަލުގެ ދިފާޢުގައިވެސް ހަނގުރާމަކުރެވިދާނެ ކަމަށާއި، ޙަމަލާދޭ މީހާ ޤަތުލުވެސް ކުރެވިދާނެ ކަމަށެވެ. ސަބަބަކީ ކުރީންވެސް ދެންނެވި ޙަދީޘްފުޅުތަކުގައި އެއްވެސް ޝަރުޠެއް ކަނޑައަޅުއްވައިފައި ނުވުމެވެ. (ابن عابدين، ردّ المختار: 5/482)

إمام ابن تيمية رحمه اللّه ވިދާޅުވެފައިވެއެވެ.

"ޢިލްމުވެރީން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ފޭރޭ މީހަކު ގަދަކަމުން މީހެއްގެ މުދާ އަތުލަން އުޅެފިނަމަ މުދަލުގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ފޭރޭ މީހާއަށް ދޫކޮށްލާކަށެއް ނުޖެހޭނެއެވެ. ފޭރޭ މީހަކު މަރުވިކަމުގައި ވިޔަސް އެމީހެއްގެ ލޭ ބޭކާރުވެދިޔައީއެވެ. މުދަލުގެ ވެރިޔާ އެއްވެސް ވަރަކަށް އެކަމުގެ ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ." (فتاوى إبن تيمية: 34/243)

ޖުމްހޫރުންގެ ރައުޔަށް ތާއީދުކުރައްވައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުދަލުގެ މުހިންމުކަން ޙަޤީޤަތުގައި ކަނޑައެޅޭނީ އޭގެ ވެރިޔާގެ ޙައިޘިއްޔަތުގެ ނިސްބަތުންނެވެ. އެކެއްގެ ކުރިމަތީގައި ސަތޭކަ ދިރުހަމުގެ އަހަންމިއްޔަތަށްވުރެ އަނެކެއްގެ ކުރިމަތީގައި ދިހަ ދިރުހަމުގެ އަހަންމިއްޔަތު ބޮޑުވުމަކީ ދުރުކަމެއް ނޫނެވެ.

މުދާ ދިފާޢުކުރުން ވާޖިބު ހެއްޔެވެ؟

الإمام ابن تيمية رحمه اللّه އެކަލޭގެފާނުގެ ކުރީގެ ބަޙުޘާ ގުޅުއްވައިގެން ވިދާޅުވެފައިވެއެވެ. "މުދާ ދިފާޢުކުރުމަކީ ވާޖިބެއް ނޫނެވެ. މީހަކު ބޭނުންނަމަ ފޭރޭ މީހުނާ ހަނގުރާމަކުރުމަކާ ނުލައި ތިމާގެ މުދާ ފޭރޭ މީހުންނާ ޙަވާލުވެސް ކުރެވިދާނެއެވެ." (فتاوى إبن تيمية: 34/243)

الإمام النووى رحمه اللّه ވިދާޅުވެފައިވެއެވެ.

"މުދާ ދިފާޢުކުރުމަކީ ހުއްދަ ކަމެކެވެ. ވާޖިބެއް ނޫނެވެ." (نووى، شرح مسلم، جلد: 1 جزء: 2)

ނަމަވެސް ބައެއް ޢިލްމުވެރީން ކަނޑައަޅުއްވައިފައިވަނީ މުދާ ދިފާޢުކުރުމަކީ ވާޖިބެއް ކަމުގައެވެ. އާދެ، ތިމާގެ މުދަލުގެ ދިފާޢުގައި އެ މުދާ ފޭރެންއުޅޭ މީހުނާ ހަނގުރާމަކުރަން ޖެހިއްޖެ ހިނދެއްގައި ކޮންމެހެންވެސް ހަނގުރާމަކުރަން ޖެހޭނެކަމަށެވެ. ލަފާކުރެވޭ ގޮތުގައި މިގޮތަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލަކީ ޙަމަލާދޭ މީހުންނާ ހަނގުރާމަކުރުމަށާއި ޙަމަލާދޭ ފަރާތާ ތިމާގެ މުދާ ޙަވާލު ނުކުރުމަށް އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ އަރިހުން أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވާ ޙަދީޘެވެ. (شوكانى، نيل الاوطان:6/75)

 

އަނބިދަރީންނާއި ޢާއިލާ ދިފާޢުކުރުން

މުޖުމަތަޢުގައި އިންސާނާއާ އެންމެގާތް ގުޅުމެއް އޮންނަ އެއްބަޔަކީ އަނބިދަރީންނާއި ޢާއިލާގެ މެންބަރުންނެވެ. އެބައިމީހުންގެ ވަރަށްގިނަ އަޚްލާޤީ އަދި ޤާނޫނީ ޒިންމާތަކެއް އިންސާނާގެ ކޮނޑުގައި ވަނީ އެޅިފައެވެ. އެބައިމީހުންނަށް ނާޒުކު ޙާލަތެއް ކުރިމަތިވެއްޖެނަމަ ތިމާގެ ފުރާނަޔާ ކުޅެލެވިދާނެއެވެ. ތިމާގެ މުދާ އެބައިމީހުންނަށްޓަކައި ހުސްކޮށްލެވިދާނެއެވެ. ޤާނޫނީ އިމުގެ ތެރެއިން އެބައިމީހުން ދިފާޢުކުރުމަކީ އިސްލާމްދީން ތާރީފުކުރާ ކަމެކެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅެއްގައި ވެއެވެ.

"خَيْرُكُمُ الْمُدَافِعُ عَنْ عَشِيرَتِهِ، مَا لَمْ يَأْثَمْ" (قَالَ أَبُو دَاوُدَ: أَيُّوبُ بْنُ سُوَيْدٍ ضَعِيفٌ) (سنن أبي داود، باب/ في العصبية / جـ 4 ص 331) (أَبُو دَاوُدَ، كتاب الادب (ނަމަވެސް މި ޙަދީޘުގެ އެއްރާވީ ކަމުގައިވާ أيوب بن سويد އަކީ إمام أبوداؤد ވިދާޅުވާ ގޮތުގައި ޟަޢީފު ރާވީއެކެވެ.)

"ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ ތިމާގެ ޢާއިލާ ދިފާޢުކުރާ މީހާއެވެ. އޭނާގެ ދިފާޢީ މަސައްކަތުގައި ފާފަޔަކަށް އަރައިނުގަންނަހައި ހިނދަކުއެވެ."

މި ޙަދީޘުގެ ޝަރަޙާގައި علامة مناوى ލިޔުއްވައިފައިވެއެވެ.

"އޭނާގެ ޢާއިލާގެ މީހުންގެ މުދަލާއި ޢިއްޒަތާއި އަބުރާއި ހަށިތަކާއި ފުރާނަޔަށް ޙަމަލާއެއް ދެވިއްޖެނަމަ ދިފާޢުކުރެއެވެ. ދިފާޢުކުރާ މީހާއަކީ އެކަމުގައި އޭނާގެ މައްޗަށް އޮންނަ ވާޖިބުގެ އިންފަހަނަޅައި ނުދާހައި ހިނދަކު ތާރީފުކުރުން ޙައްޤު މީހެކެވެ." (مناوى، التيسير بشرح الجامع الصغير:1/534)

އަނބިދަރީން ދިފާޢުކުރުމުގެ ޤާނޫނީ ޙައިޘިއްޔަތާމެދު الإمام نووى ވިދާޅުވެފައިވެއެވެ.

"وَاَمَّا الْمُدَافِعُ عَنِ الْحَرِيْمِ فَوَاجِبُه بَلاَخِلَافٌ" (نووى، شرح مسلم 1/81)

"އަނބިދަރީންގެ ފަރާތުން ދިފާޢުކުރުން ދަންނައެ، އެއީ ވާޖިބެއްކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.