ގުނަވަންތައް ސަލާމަތުން ހުރުމާއެކު ހަށިހެޔޮކަމާއި ސަލާމަތްބުއްދީގެ ނަސީބު ލިބިގެންވާ މީހެއްގެ ގޮތުގައި ދުނިޔެއަށް ފޮނުވުމަކީ އަރަހުށި މާތް اللّه އިންސާނަކަށް ދެއްވާ އަގުހިމަނައިނުގަނެވޭފަދަ ބޮޑު ނިޢުމަތެކެވެ. އެކަލާނގެ އިޙްސާންވަންތަކަމުގެ ލާމަސީލު ހެތްކެކެވެ. މިދުނިޔޭގައި ލައްވައިފައިވާ މީހުންކުރެ އެތައް ބަޔަކީ ލޮލާއި ކަންފަތާއި ސިކުނޑިޔާއި އަތްފަޔާއި މިނޫންވެސް ގުނަވަންތަކުގެ ތެރެއިން ކޮންމެވެސް ގުނަވަނެއް ސަލާމަތުން ލިބިހުރުމުގެ ނިޢުމަތުން މަޙްރޫމްކުރައްވައިފައިވާ މީހުންނެވެ. އެހެންކަމުން އިސްލާމްދީން ވަނީ މާތް اللّه ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އިންސާނިއްޔަތަށް ދަޢުވަތު ދީފައެވެ. އިމްތިޙާނުތަކުގެ މި ދުނިޔޭގައި، ނިޢުމަތްތަކުން މަޙްރޫމުކުރައްވައިފައިވާ ކޮންމެމީހަކު ކެތްތެރިވުމަށާއި ޝުކުރުވެރިވުމަށް ނަސޭހަތްތެރިވެފައެވެ. ހަމަ އެއާއެކު އިސްލާމީ ޝަރީޢަތުގައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެބައިމީހުންގެ ޙާލަތާ އެކަށީގެންވާ ރިޢާޔަތްތަކެއް ދީފައެވެ. ސަލާމަތް ޞިއްޙަތާއި ދުޅަހެޔޮކަމާއި ބުއްދީގެ ނަޞީބު ދެއްވައިފައިވާ މީހުން، ނުކުޅެދޭ މީހުންނަށް ޚިދުމަތްކުރުމަށާއި ހިތްވަރުދިނުމަށާއި ހަމްދަރުދީވުމަށް އަންގައިފައެވެ. އެކަންކަމަކީ އަރަހުށި މާތް اللّه ޖިސްމާނީ ފުރިހަމަކަމާއި ސަލާމަތްބުއްދީގެ ނަޞީބު ދެއްވައިފައިވާ މީހުންގެ ދީނީ އަދި އަޚްލާޤީ ވާޖިބެއް ކަމުގައި ކަނޑައަޅައިފައެވެ.
ކެތްތެރިވުމަށް ބާރުއެޅުން
އިސްލާމްދީން ނުކުޅެދޭ މީހުންނަށް (Handicap) އެންމެ ފުރަތަމަ ނަސޭހަތްތެރިވަނީ މާތް اللّه ގެ މިންވަރުފުޅަށް ރުހުމަށެވެ. އިސްލާމްދީން އިރްޝާދު ދީފައިވެއެވެ. އަރަހުށި މާތް اللّه އެކަލާނގެ އަޅުތަކުން އެތައް ގޮތަކުން އިމްތިޙާނު ކުރައްވައެވެ. ތިޔަބައިމީހުންގެ އިމްތިޙާނުގެ އެންމެފުރަތަމަ ކަރުދާހަކީ ތިޔަބައިމީހުންގެ ނުކުޅެދުންތެރިކަމެވެ. މާތް اللّه ކެތްތެރީންނަށް ގިނަގުނަ ދަރުމަ ދެއްވައެވެ. މާތް اللّه ގެ ނިޔާފުޅު ހިތުގެއަޑީން ރުހިޤަބޫލުކުރުމަކީ މާތް اللّه ގެ ދީލަތިވަންތަ އިނާމާއި މާތްކޮށް ހިއްތެވުމުގެ ޙައްޤުވެރިޔަކަށް އިންސާނާ ހަދާ ކަމެކެވެ. ރޮއި ކަރުނައެޅުމާއި، ނުރުހުމާއި ޝަކުވާގެ ބަސްތައް ފާޅުކުރުމަކީ، ކުޑަވެސް މަންފާއެއް ހުރި ކަމެއް ނޫނެވެ. އެކަމަކުން ކުޑަވެސް ފައިދާއެއް ނުކުރެއެވެ. އެއްވެސް މުޞީބާތެއް ދިފާޢެއް ނުކުރެއެވެ. ޝައްކެއްނެތެވެ. އެގޮތަށް ޢަމަލުކުރުމަކީ ކެތްތެރިވުމުގެ ދަރުމައާއި ސަވާބުން އިންސާނާ މަޙްރޫމްކުރުވާ ކަމެކެވެ.
أنس بن مالك رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އަރަހުށި މާތް اللّه ވަޙީކުރެއްވިކަމަށް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޡްކުރައްވާފައިވެއެވެ.
"إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ، عَوَّضْتُهُ مِنْهُمَا الجَنَّةَ يُرِيدُ: عَيْنَيْهِ" (بخارى، كتاب مرضى)
"ތިމަން اللّه ގެ އަޅާ އެންމެ ލޯބިވާ ދޭތިން (ދެގުނަވަނުން) ތިމަން اللّه އޭނާ މަޙްރޫމްކުރައްވާހިނދު އޭނާ ކެތްތެރިވެއްޖެނަމަ އޭގެ ބަދަލުގައި ސުވަރުގެ ދެއްވާނަމެވެ. އެންމެ ލޯބިވާ ދޭތީގެ މުރާދެއް ކަމުގައި، އިތުރު ސާހިބާ ވިދާޅުވަނީ ދެލޮލެވެ."
أبوهريرة رضى اللّه عنه ގެ އަރިހުން އައިސްފައިވާ މި މަފްހޫމްގެ ރިވާޔަތް ވަނީ އަންނަނިވި ޢިބާރާތުންނެވެ.
"مَنْ أَذْهَبْت حَبِيبَتَيْهِ فَصَبَرَ وَاحْتَسَبَلَمْ أَرْضَ لَهُ ثَوَابًا دُونَ الْجَنَّةِ" (ترمذى، ابواب الزهد )
"ތިމަން اللّه އެމީހެއްގެ އެންމެ ލޯބިވާ ދޭތި (ދެލޯ) ގެންދެވުމުން އެމީހަކު އެކަމަށް ކެތްތެރިވުމުގައި ދެމިހުރެ ދަރުމައާއި ސަވާބަށް އެދިއްޖެނަމަ އެމީހަކަށް ސުވަރުގެ ފިޔަވައި އެހެން ބަދަލެއް ދެއްވާކަށެއް ތިމަން اللّه ރުހިވޮޑިއެއް ނުގަންނަވާނަމެވެ."
عبداللّه بن عبّاس رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ.
އަންހެނަކަށް ވެއްޓޭބަލި ޖެހުނެވެ. އޭނާ ވެއްޓި ޚަބަރު ހުސްވާ ވަގުތު އޭނާ ފޭރާމުގެ މައްޗަކުންވެސް ހެޔެއް ނުހުރެއެވެ. އޭނާ رسول اللّه صلّى اللّه عليه وسلّم ގެ އަރިހުގައި އޭނާއަށް ޝިފާދެއްވުން އެދިވަޑައިގެން ދުޢާކޮށްދެއްވުން އެދުނެވެ. އިތުރު ސާހިބާ ޙަދީޡްކުރެއްވިއެވެ. ކަނބުލޭގެ އެދޭނަމަ ދުޢާކޮށްދެއްވާނަމެވެ. (މާތް اللّه ޝިފާދެއްވާނެކަމަށް އުންމީދުކުރައްވަމެވެ.) ބޭނުންނަމަ ކެތްތެރިވާށެވެ. އޭގެ ބަދަލުގައި މާތް اللّه ސުވަރުގެ ދެއްވާނެއެވެ. އޭނާ ދެންނެވިއެވެ. އެހެންކަމުގައިވާނަމަ ކެތްތެރިވާނަމެވެ. ނަމަވެސް ތިމަން ވެއްޓޭ ވަގުތު ޢައުރަ ކަޝްފު ނުވުން އެދިވަޑައިގެން ދުޢާކޮށްދެއްވުން އެދެމެވެ. ކައުސާހިބާ صلّى اللّه عليه وسلّم އެގޮތަށް ދުޢާކޮށްދެއްވިއެވެ. (بخارى، كتاب مرضى، مسلم كتاب البر والصلة)
އިސްވެދެންނެވި އަންހެނާ ދުޢާކޮށްދެއްވަން އެދުމުން، އިތުރު ސާހިބާ އެކަނބުލޭގެ ދެންނެވި ދެންނެވުން ރައްދެއް ނުކުރައްވައެވެ. ނަމަވެސް ކެތްތެރިވުމުގެ މާތްކަން ބަޔާންކޮށްދެއްވިއެވެ. އެކަމަށް ހިތްވަރުދެއްވިއެވެ. އޭނާގެ ޙައްޤުގައި ރަނގަޅީ އެގޮތް ކަމުގައި އިތުރު ސާހިބާ ދެކެވަޑައިގަތީ ކަމުގައި ވެދާނެއެވެ. އަޅުގަނޑުމެންނަކަށް އޭގެ ސަބަބު ދެނެގަނެވޭނެ ވަސީލަތެއް ނެތެވެ. ނަމަވެސް މި ޙާދިޘާގައި ދުޢާކުރުން މަނާކުރައްވައިފައނުވާތީ ނުކުޅެދޭ މީހަކަށް އޭނާ އެކަމުން މިންޖުކޮށްދެއްވުން އެދި ދުޢާކުރެވިވެސްދާނެއެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ އަރަހުށި މާތް اللّه އެމީހަކަށް ޢާފިޔަތުދެއްވުން އެދި ދުޢާކުރުންމަތީ ދެމިހުރުމެވެ. ހަނދާންކުރަން ޖެހެނީ އެކަން ވަނީ މާތް اللّه ގެ މިންވަރުފުޅާ ގުޅިފައިކަމެވެ. އެމީހެއްގެ ޙައްޤުގައި ރަނގަޅު ގޮތަކީ ޝިފާލިބުން ކަމުގައިވާނަމަ އެކަލާނގެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނެއެވެ. އެހެންނޫންނަމަ އެމީހެއްގެ ދުޢާ އިޖާބައެއް ނުވާނެއެވެ. އެމީހަކަށް ލިބޭނީ އެމީހެއްގެ ދުޢާގެ ޘަވާބެވެ. ކޮންމެ ގޮތެއްގައިވެސް އެމީހަކު މާތް اللّه ގެ މިންވަރުފުޅަށް ރުހި ޤަބޫލުވާން ޖެހޭނެއެވެ. ކެތްތެރިކަމުގެ ދާވަނި ދޫކޮށްލައިގެން ނުވާނެއެވެ. އިތުރު ސާހިބާގެ ޙަދީޘްފުޅުތަކުން ކެތްތެރިވުމަށް ނަސޭހަތްދެއްވުމާއި ދުޢާކޮށްދެއްވުމާއި މި ދެގޮތްވެސް ސާބިތުވެއެވެ.
عثمان بن حنفى رضى اللّه عنه ރިވާކުރައްވައިފަވެއެވެ. ލޯފަން މީހަކު އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ އަރިހުގައި އޭނާގެ ލޮލުގެ ފެނުން ދެއްވުމަށާއި ޢާފިޔަތު ދެއްވުން އެދިވަޑައިގެން ދުޢާކޮށްދެއްވުން އެދި ދެންނެވިއެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ކަލޭ އެދޭނަމަ ދުޢާކޮށްދެއްވާނަމެވެ. އެކަމަކު ކަލޭގެ ޙައްޤުގައި ރަނގަޅީ ކެތްތެރިވުމެވެ. އޭނާ ދެވަނަފަހަރަށްވެސް ދުޢާކޮށްދެއްވުން އެދި ދެންނެވިއެވެ. އިތުރު ސާހިބާ އޭނާއަށް ޙަދީޘްކުރެއްވިއެވެ. ރަނގަޅަށް ވުޟޫކޮށްގެން މި ދުޢާ ކުރާށެވެ.
"اللَّهُمَّ إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ ، يَامُحَمَّدُ إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ فَتُقْضَى لِي، اللَّهُمَّ شَفِّعْهُ فِيَّ" (ترمذى، كتاب الدعوات )
"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުގައި އަދައި ދަންނަވަމެވެ. އިބަރަސްކަލާނގެ ނަބިއްޔާ (محمد صلّى اللّه عليه وسلّم) ގެ ވާސިޠާއިން އިބަރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވަމެވެ. އެކަލޭގެފާނަކީ ރަޙްމަތުގެ ނަބިއްޔާއެވެ. އޭ މުޙައްމަދުގެފާނެވެ. އެކަލޭގެފާނުގެ ވަސީލަތުން މިއަޅާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވަމެވެ. މިއަޅާގެ ބޭނުން ފުއްދަވައިދެއްވުން އެދިއެވެ. މިއަޅާއާމެދު އެކަލޭގެފާނުގެ ޝަފާޢަތް ޤަބޫލުކުރައްވާނދޭވެ!"
ޢާންމުކޮށް ނުކުޅެދޭ މީހުންނަށް އެބައިމީހުންގެ ނުކުޅެދުންތެރިކަން ވަރަށްވަރުގަދަޔަށް އިޙްސާސްކުރެވެއެވެ. އެކަމާ ވަރަށްއަވަހަށް މާޔޫސްވެއެވެ. އެބައިމީހުންގެ ކިބައިގައި ޙާލަތާ ކުރިމަތިލުމުގެ ހިތްވަރެއް ނުހުރެއެވެ. މިއީ އެބައިމީހުންނަށް ކެތްތެރިކަން މުހިންމުވާ ސަބަބުތަކެވެ. ކެތްތެރިވުމުން އެބައިމީހުންނަށް ހިތްހަމަޖެހުމާއި ތަސައްލީ ލިބެއެވެ. ކެތްތެރިވުމުން އެބައިމީހުންގެ އިޙްސާސަށް ވެރިވަނީ މިއަދު ތިމާ ނިޢުމަތްތަކުން މަޙްރޫމްވެފައި ވިޔަސް މާތް اللّه ގެ ޙަޟްރަތުން މާދަމާ އޭގެ ހެޔޮބަދަލު ލިބޭނެކަމެވެ. ކެތްތެރިކަން އެބައިމީހުން އިތުރަށް ނުކުޅެދިގަތުމާއި ޝަކުވާކުރުމުން ސަލާމަތްކޮށްދެއެވެ. މުއުމިނުންގެ ކިބައިގައިވާ އެންމެ ފުރިހަމަ އެއްސިފަޔަކީ އަބަދުވެސް މިންވަރަށް އީމާންވުމެވެ. މިންވަރުފުޅާ ރުހިޤަބޫލުވުމެވެ. އެބައިމީހުންގެ މި ފުރިހަމަ ސިފަ ކޮންމެ މަރްޙަލާއެއްގައި އެބައިމީހުންގެ އެހީތެރިޔަކަށްވެއެވެ. ދަތިއުދަނގޫ ކޮންމެ ކަމެއްގެ ތެރޭގައި ބޭނުންހިފެއެވެ. އެބައިމީހުންގެ ފައިތިލަތައް ސާބިތުކޮށްދެވެއެވެ. ކެތްތެރިވުމަކީ އިންސާނާ އާރެއްބާރެއް ނެތުމާއި ނިކަމެތިކަމުގެ ތަސްވީރެއްގެ ގޮތުގައި ނުމިއި ނުދިރި ހުރުމެއް ނޫނެވެ. އަދި ކީއްތޯއެވެ. ކެތްތެރިކަމަކީ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ކިޔާ ދެވަނަ ނަމެވެ. ކެތްތެރީންނަކީ ހިތްވަރު އެލުވައިލައިގެން ނުކުޅެދިގަތުމާއެކު އަތްއުރައިލައިގެން ތިބޭ ބަޔެއް ނޫނެވެ. އަދި ކީއްތޯއެވެ. ކެތްތެރީންނަކީ ސާބިތުކަމާއެކު ޙާލަތާ މުޤާބަލާކުރާ މީހުންނެވެ. ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ތިމާމެންގެ ރޯލް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.
ޒިންމާތައް ލުއިކުރުން
ނުކުޅެދޭ މީހުން އެންމެ ދެރަވާ އެއްކަމަކީ ގަދަވެތިބޭ މީހުން ޚިދުމަތްކުރާ ފަދައިން އެބައިމީހުންނަށް މާތް اللّه ގެ ދީނަށް ޚިދުމަތް ނުކުރެވުމެވެ. އިސްލާމްދީން ނުކުޅެދޭ މީހުންނަށް ތަސައްލީދެނީ އަރަހުށި މާތް اللّه ކޮންމެ މީހަކަށްވެސް ޒިންމާތައް ހަވާލުކުރައްވަނީ އެމީހަކަށް ކުޅަދާނަވާ މިންވަރަކަށްކަން ބަޔާންކޮށްދިނުމުންނެވެ. ގަދަވެ ސަލާމަތުން ހަށިގަނޑުގެ ޞައްޙަކަމުގައި ތިބޭ މީހުން ކުރުން ލާޒިމުކުރާ އެތައް ކަމެއް ނުކުޅެދޭ މީހުންނަށް ލުއިކޮށްދެއްވައިފައިވާކަން އެނގުމުންނެވެ.
މިސާލެއްގެ ގޮތުން ދަންނަވާނަމަ ޖިހާދުކުރުމަކީ އިސްލާމްދީނުގައި ނުހަނު ދަރަޖަމަތިވެރި ކަމެކެވެ. ވަރަށްގިނަފަހަރަށް އިސްލާމީ ރިޔާސަތުން އެ ދައުލަތުގެ ކޮންމެ ރައްވެއްސެއްގެ ވާޖިބެއް ކަމުގައި ކަނޑައަޅާ ކަމެކެވެ. އެއްވެސް ސިފައެއްގައި އެކަމަށް ފަސްޖެހުމަކީ ވަރަށްބޮޑު ކުށެއް ކަމަށާއި ފާފައެއްކަމަށް ނިންމައިފައިވާ ކަމެކެވެ. ނަމަވެސް އިސްލާމްދީން ވަނީ ނުކުޅެދޭ މީހުން އެ މުހިންމު ޒިންމާއިން އިސްތިސްނާކޮށްފައެވެ. ކީރިތި ޤުރްއާނުގައި ޖިހާދުގެ ޙުކުމްތަކުގެ ތެރޭގައި ވަޙީކުރައްވައިފައިވެއެވެ.
لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَمَنْ يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا (الفتح: ١٧)
މާނައީ: "ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނުމެނެތްމެއެވެ. اللّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذاب އަކުން އެކަލާނގެ عذاب ދެއްވާނެތެވެ."
ކީރިތި ޤުރްއާނުގެ އެއްއާޔަތެއްގައި އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވާ ގޮތުގައި ޖިހާދުކުރާ މީހުންނާއި ނުކުރާ މީހުން އެއްވަރެއް ނޫނެވެ. ޖިހާދުކުރާ މީހުންގެ ދަރަޖަ މަތިވެރިވެއެވެ. ހަމައެއާއެކު އިރްޝާދުދެއްވަނީ ނުކުޅެދޭ މީހުން އެކަމުން މުޅީން އިސްތިސްނާވެގެންވާ ކަމުގައެވެ. އާދެ، ކީރިތި ޤުރްއާނުގައި ވަނީ މިދަންނަވާ މޭރުމުންނެވެ.
لَا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ فَضَّلَ اللَّهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنْفُسِهِمْ عَلَى الْقَاعِدِينَ دَرَجَةً وَكُلًّا وَعَدَ اللَّهُ الْحُسْنَى وَفَضَّلَ اللَّهُ الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا * دَرَجَاتٍ مِنْهُ وَمَغْفِرَةً وَرَحْمَةً وَكَانَ اللَّهُ غَفُورًا رَحِيمًا (النّساء: ٩٥ – ٩٦)
މާނައީ: "مؤمن ންގެ ތެރެއިން (جهاد ނުކުރެވޭފަދަ) عذر ތަކުގެ ވެރީން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން، اللّه ގެ މަގުގައި އެއުރެންގެ މުދާތަކާއި نفس ތަކުން جهاد ކުރާ މީހުންނާ ހަމަހަމަވެގެނެއް ނުވެތެވެ. އެއުރެންގެ މުދާތަކާއި نفس ތަކުން جهاد ކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެ ގޮތުން اللّه މާތްކުރައްވައިފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް اللّه وعد ވެވޮޑިގެންފައިވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން جهاد ކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމުން اللّه މާތްކުރެއްވިއެވެ. (އެއީ) އެކަލާނގެ حضرة ން ލިބޭ ދަރަޖަތަކެކެވެ. އަދި، ފާފަ ފުއްސެވުމެކެވެ. އަދި، رحمة އެކެވެ. އަދި، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللّه ވޮޑިގެންވެއެވެ."
މި އާޔަތްތަކުގައި ނުކުޅެދޭ މީހުން އިސްތިސްނާކުރެއްވުމަށްފަހު ކުޅަދާނަކަން ލިބިގެންވާ ދުޅަހެޔޮ މީހުންގެ މެދުގައި ވަނީ އަޅައިބައްލަވައިފައެވެ. މި އާޔަތްތަކުން ލިބޭ އިޝާރަތަކީ މީހެއްގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތިމާގެ ނަފްސާއި މުދަލުން ޖިހާދުކުރުމުގެ ޖަޒުބާ އެކުލެވިފައިވާނަމަ އެމީހެއްގެ މަޖުބޫރީއާއި ނުކުޅެދުންތެރިކަމާހުރެ ޖިހާދުގައި ބައިވެރިނުވެވުނު ކަމުގައި ވިޔަސް އަރަހުށި މާތް اللّه އެމީހަކަށްވެސް މުޖާހިދުންނާ އެއްވަރަށް ދަރުމައާއި ޘަވާބު ދެއްވާނެކަމެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘްފުޅުތަކުން އެކަން ވަނީ ވަކީން ޞަރީޙަކޮށް ބަޔާންކޮށްދެއްވައިފައެވެ.
أنس رضى اللّه عنه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ހަނގުރާމައެއްގެ ތެރޭގައި ޙަދީޡްކުރެއްވިއެވެ.
"إِنَّ أَقْوَامًا خَلْفَنَا بِالْمَدِيْنَةِ مَا سَلَكْنَا شَعْبًا وَلاَ وَادِيًا إِلاَّ وَهُمْ مَعَنَا حَبَسَهُمُ الْعُذُرُ" (بخارى، كتاب الجهاد)
"ޝައްކެއްނެތެވެ. އަހަރުމެންގެ ފަހަތުގައި ބަޔަކުމީހުން ފަސްވެތިބެއްޖެއެވެ. (އެކަމަކު) އެބައިމީހުންގެ ޤަޞްދާއި ނިޔަތުގެ ސަބަބުން އެބައިމީހުން ވަނީ ކޮންމެ ފަރުބަދައެއް ހުރަސްކުރުމާއި، ކޮންމެ ވާދީއެއް ކަޑައްތުކުރުމުގައި އަހުރެމެންނާ އެކުގައެވެ. އެބައިމީހުން މަޑުޖައްސުވައިފައިވަނީ އެބައިމީހުންގެ އުޒުރުވެރިކަމެވެ."
މި ރިވާޔަތް އަންނަނިވި ޢިބާރާތްތަކުންވެސް އައިސްފައިވެއެވެ.
"لَقَدْ تَرَكْتُمْ بِالْمَدِينَةِ أَقْوَامًا مَا سِرْتُمْ مَسِيرًا، وَلَا أَنْفَقْتُمْ مِنْ نَفَقَةٍ، وَلَا قَطَعْتُمْ مِنْ وَادٍ، إِلَّا وَهُمْ مَعَكُمْ فِيهِ»، قَالُوا: يَا رَسُولَ اللَّهِ، وَكَيْفَ يَكُونُونَ مَعَنَا، وَهُمْ بِالْمَدِينَةِ؟ فَقَالَ: "حَبَسَهُمُ الْعُذْرُ" (ابوداؤد، كتاب الجهاد)
"ތިޔަބައިމީހުން ވަނީ ބަޔަކުމީހުން މަދީނާއަށް ދޫކޮށްފައެވެ. ތިޔަބައިމީހުން ކައިރިޔަށް ނުވަތަ ދުރަށް ދަތުރުކޮށްފައި ދިޔަ ކަމުގައި ވިޔަސް އަދި ކުޑަމިންވަރެއް ޚަރަދުކުރި ކަމުގައި ވިޔަސް ނުވަތަ ވާދީއެއް ކަޑައްތުކުރި ކަމުގައި ވިޔަސް އެބައިމީހުން ވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ޞަޙާބީން ދެންނެވިއެވެ. އޭ މާތް اللّه ގެ ރަސޫލާއެވެ. އެބައިމީހުން މަދީނާގައި ތިބެމެ އަޅުގަނޑުމެންނާ ބައިވެރިވެވޭނީ ކިހިނަކުންތޯއެވެ. އިތުރު ސާހިބާ ޙަދީޡްކުރެއްވިއެވެ. އެބައިމީހުންނަކީ ތިޔަބައިމީހުންނާ ބައިވެރިވުމުގެ ޤަޞްދުއޮވެ އެބައިމީހުންގެ ޢުޒުރުވެރިކަން އެބައިމީހުން ހުއްޓުވައިފައިވާ މީހުންނެވެ."
ބަލިވެއުޅުމާއި ދަތުރުގެ ވަސީލަތްތައް ލިބިފައިނުވުމަކީވެސް ޢުޒުރެކެވެ. ނަމަވެސް އެންމެ ޚާއްޞަ ޢުޒުރަކީ ޖިސްމާނީ ގޮތުން ޢުޒުރުވެރިވުމެވެ. މަތީގައި ބަޔާންކޮށްފައިވާ އާޔަތްތަކުގައި ޙަވާލާދެއްވައިފައިވަނީ ޖިސްމާނީ ޢުޒުރުތަކަށެވެ. އިސްވެދިޔަ ޙަދީޘްތަކުގައި އެ ޙަދީޘްތަކުގެ ޢާންމު ލަފުޒީ މާނައިގައި ތާއީދުކުރައްވައިފައިވަނީވެސް އެކަމަށެވެ.
ނަމާދުގެ ޖަމާޢަތަކީ ވަރަށް މާތްކަންބޮޑު ޖަމާޢަތެކެވެ. ދަރުމަ އިތުރު ޖަމާޢަތެކެވެ. އެކަމަކީ ގަދަވެގެންވާ ސުންނަތެއް ނުވަތަ ވާޖިބެއް ކަމުގައި ވަނީ ބަޔާންވެގެންނެވެ. ނަމަވެސް ޖިހާދާ ބެހޭގޮތުން އިސްވެގޮސްފައިވާ އާޔަތްތަކުން ދަލީލު ނަންގަވައިގެން ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ނުކުޅެދޭ މީހުން ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އިތުރު ސާހިބާގެ ޙަދީޡްފުޅެއްގައި އެކަން ޞަރީޙަކޮށް ބަޔާންކުރައްވައިފައިވެސްވެއެވެ. عبداللّه بن عباس رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِ الصَّلَاةَ فَلَا صَلَاةَ إِلاَّ مِنْ عُذُرٍ" (رواه ابن ماجه والدار قطنى وابن حبان والحاكم)
މާނައީ: "ބަންގީގެ އަޑުއިވި ޖަމާޢަތަށް ހާޒިރުނުވާ މީހާއަކަށް ނަމާދެއް ނުވެއެވެ. އެމީހަކަށް ކޮންމެވެސް ޢުޒުރެއްއޮވެ އެ ޢުޒުރުގެ ސަބަބުން ހާޒިރުނުވާ މީހާ މެނުވީއެވެ."
މިތާނގައި ބަޔާންކުރެވިފައިމިވަނީ މި ދެ މިސާލެވެ. ނަމަވެސް މީގެއިތުރަށްވެސް މިފަދަ މިސާލުތައް ހުށަހެޅިދާނެއެވެ. ނުކުޅެދޭ މީހުން ޝަރީޢަތުގެ ޙުކުމްތަކުން އިސްތިސްނާކުރައްވައިފައިވާކަމުގެ ނުވަތަ އެއުރެންނަށް ރިޢާޔަތާއި ލުއިދެއްވައިފައިވާކަމުގެ މިސާލުތަކެވެ.
(ނުނިމޭ)