އިސްލާމްދީނުގައި ދިފާޢުގެ ޙައްޤު (3)

(3 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢިއްފަތާއި ޢިޞްމަތު ދިފާޢުކުރުން

އިންސާނާގެ ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަމަކީވެސް އޭނާއަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އެކަމަށް ޙަމަލާދެވިއްޖެ ހިނދެއްގައި އެންމެފަހު މަރުޙަލާއާ ހަމަޔަށްވެސް ދިފާޢުކުރެވިދާނެއެވެ. އެކަމުގައި ޙަމަލާދޭ މީހާއަށް ލިބޭ ގެއްލުމެއްގެ މަސްއޫލިއްޔަތު އުފުލާކަށެއް ނުޖެހޭނެއެވެ. ޙަނަފީ ފިޤުހުގައި ބަޔާންވެފައިވެއެވެ.

"މީހަކު އަންހެނަކާ ގަދަކަމުން ޒިނޭކުރަން އުޅެފިނަމަ އަދި އެ އަންހެންމީހާއަށް ހަޅޭލަވައިގެން ނުވަތަ ތަޅައިފޮޅައިގެން އެ ފިރިހެންމީހާ ފައްސައިނުލެވިއްޖެނަމަ އެ އަންހެނާއަށް އެ ފިރިހެނާ ޤަތުލުކުރެވިދާނެއެވެ. މިގޮތުގައި އެ މަޤްތޫލުގެ ލެޔަކީ އަގަކާ ނުލައި އޮހޮރައިލެވުނު ލެޔެކެވެ. (މާނައަކީ ޤަތުލުކުރި އަންހެންމީހާގެ ބޮލުގައި އެއްވެސްކަހަލަ ޒިންމާއެއް ނޭޅުވޭނެއެވެ.) މި ޙައްޤު އެ ކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް ހިންގަން މަސައްކަތްކުރެވޭ ކުއްޖާއަށްވެސް ލިބިގެންވެއެވެ." (علاء الدين وابن عابدين، ردّ المختار مع الدرّ المختار:3/248)

الإمام أحمد رحمه اللّه އާ ސުވާލުކުރެވުނެވެ. "މީހަކު ނުބައި ނިޔަތެއްގައި އަންހެނަކާ ޙަމަލާދިނުމުން އެ އަންހެނާ އޭނާގެ ޢިއްފަތްތެރިކަމުގެ ދިފާޢުގައި އެ ފިރިހެނާ ޤަތުލުކޮށްފިނަމަ ޙުކުމަކީ ކޮބައިތޯއެވެ؟" الإمام أحمد رحمه اللّه ޖަވާބުދެއްވިއެވެ. "އެ ފިރިހެނާ އެ އުޅެނީ އަންހެނާގެ ޢިއްފަތްތެރިކަން ފޭރޭންކަން އަންހެނާއަށް ޔަޤީންވެއްޖެނަމަ އޭނާ ޤަތުލުކުރެވިދާނެއެވެ. އެ ޤަތުލާމެދު އަންހެންމީހާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ." الإمام أحمد رحمه اللّه މި މައްސަލައިގެ ދަލީލެއްގެ ގޮތުން ވަނީ أمير المؤمنين عمر بن الخطاب رضى اللّه عنه ކުރެއްވި ނިޔާއެއްގެ ވާހަކަވެސް ވިދާޅުވެފައެވެ.

ފިރިހެނަކު އަންހެނަކާ ބަދުއަޚްލާޤީ ޢަމަލެއް ހިންގަން އުޅުމުން އެ އަންހެނާ ހިލައިން ތަޅައި އެ ފިރިހެންމީހާ މަރައިލިއެވެ. މި މައްސަލަ ހުށަހެޅުމުން عمر ގެފާނު ވިދާޅުވިއެވެ. "މާތް اللّه ގަންދެއްވަމެވެ. އެ އަންހެނާ މަރުގެދިޔަ ދޭކަށެއް ނުޖެހޭނެއެވެ." (ابن قدامة، المغنى:12/533)

ޢިއްފަތާއި ޢިޞްމަތު ދިފާޢުކުރުމަކީ ވާޖިބެއް ހެއްޔެވެ؟

علامة إبن قدامى حنبلى رحمه اللّه ވިދާޅުވެފައިވެއެވެ. "މީހަކު އަންހެނަކާ ބަދުއަޚްލާޤީ ޢަމަލެއް ހިންގަން އުޅެފިނަމަ ދިފާޢުކުރުން އަންހެނާގެ މައްޗަށް ވާޖިބެވެ. އެހެނީ ޢިޞްމަތްތެރިކަން ފޭރުމުގެ ފުރުޞަތުދިނުމަކީ ޙަރާމްކަމެކެވެ. ދިފާޢުނުކުރުމަކީ އަންހެންމީހާ ޙަމަލާދޭ މީހާއަށް އެކަމުގެ ފުރުޞަތުދިނުމެވެ." (ابن قدامة، 12، المغنى:12/533)

ދިފާޢުކުރުމުގައި އެހީތެރިވުން

މީހަކު އަނެކެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢިއްޒަތަށް ނުވަތަ އަނބިދަރީންނަށް ޙަމަލާދީފިނަމަ އެ ޙަމަލާ ދިފާޢުކުރުމަކީ އިސްލާމްދީން އިސްލާމީ މުޖުތަމަޢާ މަތިކޮށްފައިވާ އަޚްލާޤީ ޒިންމާއެކެވެ. އެފަދަ ޢަމަލުތައް ހުއްޓުވޭފަދަ މީހުން އެކަން ހުއްޓުވަން ޖެހޭނެއެވެ. އަނިޔާ ލިބޭ މީހުންގެ ދިފާޢުގައި އެމީހަކަށް ވެވުނު އެހީއެއްވާން ޖެހޭނެއެވެ. އަނިޔާ ލިބޭ މީހާގެ ދިފާޢުގައި ޙަމަލާދޭ މީހާ ޤަތުލުކުރަން ޖެހިއްޖެ ހިނދެއްގައި ޤަތުލުވެސް ކުރެވިދާނެއެވެ. ހަމައެކަނި ޝަރުޠަކީ ދިފާޢުކުރުމުގައި އެހީތެރިވުމުގެ ގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ ޤާނޫނީ އިމުގެ ތެރޭގައި އެޅޭ ފިޔަވަޅަކަށްވުމެވެ.

علامة إبن قدامى حنبلى رحمه اللّه ވިދާޅުވެފައިވެއެވެ. "މީހަކު އަނެކެއްގެ ޖާނަށް ނުވަތަ މުދަލަށް ޙަމަލާދީފިނަމަ ނުވަތަ އަންހެނެއްގެ ޢިއްފަތްތެރިކަމަށް އަރައިގެންފިނަމަ އެ ޙަމަލާ ރައްދުނުވާ މީހުންވެސް ޙަމަލާ ރައްދުވާ މީހާ ދިފާޢުކުރަން އެހީތެރިވެދޭން ޖެހޭނެއެވެ. ހަމައެފަދައިން ވަގުންގެ ނުވަތަ މަގުފޭރޭ މީހުންގެ ބަޔަކު ޤާފިލާއަކާ ހުރަހޮޅިގެންފިނަމަ އެ ޤާފިލާގައި ނުހިމެނޭ މީހުންނަށްވެސް އެ ޤާފިލާ ޙިމާޔަތްކުރަން މަސައްކަތްކުރުމުގެ ޙައްޤު ލިބިފައިވެއެވެ. އެހެނީ رسول اللّه صلّى اللّه عليه وسلّم އިރުޝާދު ދެއްވައިފައިވެއެވެ. "ކަލޭގެ އަޚާއަށް އެހީތެރިވާށެވެ. އޭނާއަކީ އަނިޔާ ލިބޭ މީހަކަށް ވިޔަސް ނުވަތަ އަނިޔާވެރިޔަކަށް ވިޔަސްވެހެވެ." އިތުރު ސާހިބާގެ އެހެން ބަސްފުޅެއްގައި ވެއެވެ. "މުއުމިނުންނަކީ ފިތުނަވެރީންނާ ދެކޮޅަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔެކެވެ." އަނިޔާވެރިކަމާ ދެކޮޅަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެނުދީފިނަމަ މީސްތަކުންގެ ޖާނާއި މާލާއި ހުރިހާ އެއްޗެއްސެއް ލޫޓުވައިލެވިދާނެއެވެ. ވަގަކު ނުވަތަ ފޭރޭ މީހަކު މީހެއްގެ މުދާ ފޭރުނުއިރު އެހެންމީހުން އެކަން ހުއްޓުވަން މަސައްކަތްކޮށްނުދީފިނަމަ އެކަކަށްފަހު އަނެކެއްގެ މުދާ ލޫޓުވަމުން ގެންދާނެއެވެ." (ابن قدامة، المغنى:12/534-535)

"މީހަކު އަނެކަކާ ކަނޑިން ޙަމަލާދިނުމުން އެހެންމީހަކު އެ ޙަމަލާދޭ މީހާ ޤަތުލުކުރިޔަސް އެމީހަކާމެދު ޤާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ." (علاء الدين وابن عابدين، ردّ المختار مع الدرّ المختار:5/481)

ނަމަވެސް ހަނދާންބަހައްޓަން ޖެހެނީ ސަބަބަކާ ނުލައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ދެވިފައިވޭތޯ ޤާނޫނުވެސް ފުރިހަމައަށް ބަލާނެކަމެވެ.

މީހަކު އަނެކަކަށް ނުވަތަ ބަޔަކަށް ޙަމަލާ ދިނުމަށްފަހު ފިލަން ދުއްވައިގެންފިނަމަ އަދި އޭނާ އެނބުރިއައިސް ދެވަނަފަހަރަށް ޙަމަލާދީފާނެކަމުގެ އެކަށޭނަކަމެއް ނެތްނަމަ ޙަމަލާ ރައްދުވި މީހާ ނުވަތަ އެހެންމީހަކު އެ ޙަމަލާދިން މީހާގެ ފަހަތުންގޮސް އޭނާ ޤަތުލުކޮށްފިނަމަ އެކަން ވާނީ ކުށަކަށެވެ. އެމީހެއްގެ ކިބައިން ޤިޞާޞުހިފެވޭނެއެވެ. (علاء الدين وابن عابدين، درّ المختار مع ردّ المختار:5/482)

ވަގަކު މީހެއްގެ ގޭގެ ފާރު ތަޅައި ބާގަނޑެއް ހަދަނިކޮށް މީހަކަށް ފެނިއްޖެނަމަ އަދި ހަޅޭއްލަވައިހެދުމުންވެސް އެމީހާ އެކަން ހުއްޓައިލައިފައި ފިލައިގެންނުދިޔަނަމަ އެތަން ފެނުނު މީހާއަށް ވަގުކަލޭގެ ޤަތުލުކޮށްލުން ހުއްދަވާނެއެވެ. (علاء الدين وابن عابدين، درّ المختار مع ردّ المختار:5/482)

ފިރިހެނަކު އެމީހެއްގެ މަޙްރަމެއް ކަމުގައިނުވާ އަންހެނަކު ބާރުގެދަށަށް ގެންގޮސްގެން އުޅެނިކޮށް ފެނިއްޖެނަމަ އަދި ހަޅޭއްލަވައި އިންޒާރުކުރުމުން ނުވަތަ އެ ހަތިޔާރަކުން ޢާންމު ގޮތެއްގައި މީހަކު ޤަތުލުނުކުރެވޭފަދަ ހަތިޔާރެއް ބޭނުންކުރުމުންވެސް އެމީހާ އެކަނބުލޭގެ ދޫކޮށްނުލިނަމަ އެމީހާ ޤަތުލުކޮށްލެވިދާނެއެވެ. ނަމަވެސް ޤަތުލުނުކޮށް އެފިރިހެނާ ފޮނުވައިލެވޭން އޮތްނަމަ ޤަތުލުކުރުން ހުއްދައެއް ނުވާނެއެވެ. (علاء الدين وابن عابدين، ردّ المختار مع درّ المختار:2/248)

އެހެންމީހުންނަށް ގެއްލުން ލިބޭފަދަ ބޮޑެތި ޖަރީމާތައް ހިންގާ މީހުންގެވެސް ޙުކުމަކީ މިއީއެވެ. ފާޅުގައި އަނިޔާވެރިވެ މުޖުތަމަޢުގައި ގަދަބަދަވިކަންދައްކާ މީހުންގެވެސް ޙުކުމަކީ މިއީއެވެ. ޢާންމު އަފުރާދުންގެ ނިސްބަތުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ސަރުކާރުތަކަށް އެކަން ކުރުން ވާޖިބުވާނެއެވެ. (علاء الدين وابن عابدين، ردّ المختار مع درّ المختار:2/249)

އިސްވެދިޔަ ތާނގައި ވާހަކަދެކެވިފައިއެވަނީ ފަރުދަކާ ކުރިމަތިވާ ނިރުބަވެރި ޙާދިޘާތަކާމެދުގައެވެ. މީހަކު ތަނެއްގައި ޢާންމު މުސްލިމު އާބާދީއާ ދެކޮޅަށް ކަނޑީގެ ބޭނުންކޮށް، ފޭރި، މީހުން މަރައި، ހަދަން ފަށައިފިނަމަ އެމީހެއްގެ ޙަމަލާ ރައްދުވަނީ ކޮންބަޔަކަށްތޯ ނުވަތަ އޭނާގެ ޙަމަލާއިން އަމާންކަން ލިބިފައިވަނީ ކޮންބަޔަކަށްތޯ ބެލުމަކާ ނުލައި އޭނާގެ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރުމަކީ އެންމެންގެ ވާޖިބެކެވެ. އެކަން ނުހުއްޓުވިއްޖެނަމަ، އެމީހަކު ޤަތުލުކޮށްލަން ޖެހޭނެއެވެ. އެމީހާ ޤަތުލުކުރި މީހެއްގެ ކިބައިން ޤިޞާޞްހިފާކަށްވެސް އޭނާގެ އަތުން މަރުގެދިޔަ އަތުލާކަށްވެސް ވާޖިބެއް ނުވާނެއެވެ. (مرغينائى، الهداية) އޭގެ ދަލީލަކީ "މީހަކު އެމީހެއްގެ ކަނޑި އުރައިން ދަމައިގެން މީސްތަކުންގެ މެދުގައި ލޭއޮހޮރުވުމަށްޓަކައި އެ ކަނޑީގެ ބޭނުންކޮށްފިނަމަ އެމީހެއްގެ ލޭގެ ޙުރުމަތެއް ނެތް" ކަމުގައި ކައުސާހިބާ صلّى اللّه عليه وسلّم ކުރައްވައިފައިވާ ޙަދީޘްފުޅެވެ. ދެވަނަޔަށް އެމީހަކު ވާނީ އިސްލާމީ ދައުލަތުގެ ބާޣީއަކަށެވެ. ބަޣާވާތުގެ ސަބަބުން އޭނާގެ ލޭގެ ޙުރުމަތްވަނީ ކެނޑިފައެވެ. ތިންވަނަ ސަބަބަކީ ޚުދު އޭނާ އަމިއްލަޔަށް އޭނާ ޤަތުލުކުރުން މަޖުބޫރުކުރުވައިފައިވުމެވެ. އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ މަގެއް ދައްކައިފައި ނުވުމެވެ. (مرغينائى، الهداية:4/564)

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިސްލާމީ ދައުލަތެއްގައި އެ ދައުލަތުގެ ޒިންމީންނާ ދެކޮޅަށް ކަނޑި އުފުލާ މީހުންގެވެސް ޙުކުމަކީ މުސްލިމުންނާ ދެކޮޅަށް ކަނޑީގެ ބޭނުންކުރާ މީހުންގެ ޙުކުމެވެ. ކަނޑި އުފުލި މީހަކީ މުސްލިމެއް ކަމުގައި ވިޔަސްވެހެވެ. މާނައަކީ ޒިންމީއަކާ ދެކޮޅަށް ކަނޑި އުފުލި މީހަކީ މުސްލިމަކަށްވެފައި އޭނާ ޤަތުލުކޮށްގެން މެނުވީ ޒިންމީ ސަލާމަތްކުރެވޭން ނެތް ޙާލަތެއްގައި ކަނޑި އުފުލި މުސްލިމުމީހާ ޤަތުލުކުރަން ޖެހޭނެއެވެ. (ابن عابدين، ردّ المختار:5/481)

ދިފާޢުކުރާ މީހާ ޙަމަލާދިން މީހާއަށް ލިބޭ ގެއްލުމެއްގެ ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ.

ކުރީންވެސް ދެންނެވި ފަދައިން މީހެއްގެ ޙަމަލާއިން ދިފާޢުވުމުގެ ގޮތުން ކުރެވޭ މަސައްކަތެއްގައި ޙަމަލާދޭ މީހާގެ ފުރާނަވެސް ހިނގައިދާނެއެވެ. ޙަމަލާދޭ މީހާއަށް އެހެން ގެއްލުމެއްވެސް ލިބިދާނެއެވެ. އެ ގެއްލުންތައް ލިބުނީ އޭނާގެ ޙަމަލައިގެ ނަތީޖާއެއްގެ ގޮތުން ހިނގި ޙަރަކާތްތަކެއްގައި ކަމަށްވާނަމަ ދިފާޢުކުރި މީހާއަށް ދިޔަ ދޭކަށެއް ނުޖެހޭނެއެވެ. އޭނާގެ ކިބައިން ޤިޞާޞް ހިފާކަށެއްވެސް ނުޖެހޭނެއެވެ.

މާތް اللّه ރުއްސުންލެއްވި عمران بن حصين رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. ދެމީހެއްގެ ދެމެދުގައި އަރާރުމެއް ހިނގައި އެކަކު އަނެކެއްގެ އަތުގައި ދަތްއެޅިއެވެ. ދަތްއެޅުނު މީހާ ވަރަށް ބާރަށް އަތްދަމައިގަތުމުން، ދަތްއެޅި މީހާގެ މެދުދެދަތް ވެއްޓިއްޖެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހަށް އެ މައްސަލަ ހުށަހެޅުނެވެ. ދަތް ވެއްޓުނު މީހާ ދިޔަ ހޯދަން އެދުނެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ. "ތިޔައިގެ ތެރެއިން މީހަކު ޖަމަލު އެއްޗެހި ހަފާގޮތަށް މީހެއްގެ އަތް ހަފާއިރު އެމީހާ މަޑުން ހުންނާނެ ހެއްޔެވެ؟ ދާށެވެ. ތިޔަކަމަކަށް އެއްވެސް ދިޔައެއް ނެތެވެ." (بخارى، كتاب الديات، مسلم، كتاب القسامة والمحاربة)

الإمام أبو حنيفة އާއި، الإمام الشافعى އާއި، الإمام أحمد (رحمهم اللّه) އާއި މިނޫންވެސް ޢިލްމުވެރީންގެ ޖުމްހޫރުން ވަނީ ޙަމަލާދޭ މީހާގެ ކިބައިން ދިފާޢުވުމަށް ޙަމަލާ ރައްދުވާ ފަރާތުން ކުރާ މަސައްކަތުގައި ޙަމަލާދިން މީހާއަށް ލިބޭ ގެއްލުމަށް ބަދަލެއް ދޭން ނުޖެހޭނެކަމުގެ ދަލީލެއްގެ ގޮތުން މި ޙަދީޘުގެ ބޭނުންކުރައްވައިފައެވެ.

ދިފާޢީ ގޮތުން އަޅަންވާނީ އެޅެން އޮތް އެންމެ ލުއި ފިޔަވަޅެކެވެ.

ތިމާގެ މުދާ ދިފާޢުކުރުމާ ބެހޭގޮތުން ކައުސާހިބާ صلّى اللّه عليه وسلّم ގެ އަރިހުން أبوهريرة رضى اللّه عنه ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއް އިސްވެދިޔަތާނގައި ވަނީ ބަޔާންކުރެވިފައެވެ. އެ ޙަދީޘް مسند أحمد ގައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"يَا رَسُولَ اللَّهِ، أَرَأَيْتَ إِنْ عُدِيَ عَلَى مَالِي، قَالَ: «فَانْشُدْ بِاللَّهِ». قَالَ: فَإِنْ أَبَوْا عَلَيَّ؟ قَالَ: «فَانْشُدْ بِاللَّهِ». قَالَ: فَإِنْ أَبَوْا عَلَيَّ؟ قَالَ: «فَانْشُدْ بِاللَّهِ». قَالَ: فَإِنْ أَبَوْا عَلَيَّ؟ قَالَ: «فَقَاتِلْ، فَإِنْ قُتِلْتَ فَفِي الْجَنَّةِ، وَإِنْ قَتَلْتَ فَفِي النَّارِ" (مسند أحمد:2/339، نسائى، كتاب تحريم الدّم)

އިސްލާމްދީނުގެ ނަބިއްޔާގެ އަރިހުގައި މީހަކު ދެންނެވިއެވެ. "އޭ މާތް اللّه ގެ ރަސޫލާއެވެ. އަޅުގަނޑުގެ މުދަލާމެދު އަނިޔާވެރިވެވޭތަން ފެނިއްޖެނަމަ، (މީހަކު އެ މުދާ ފޭރެން ނުވަތަ ވަގަށްނަގަން އުޅޭތަން ފެނިއްޖެނަމަ) ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللّه އަށްޓަކައި އެކަން ނުކުރަން އެމީހާ ގާތުން އެދޭށެވެ. އޭނާ ދެންނެވިއެވެ. މުދާ ވަގަށްގެންދާން އުޅޭ ނުވަތަ ފޭރޭން އުޅޭ މީހާ، އަޅުގަނޑުގެ ވާހަކަ ޤަބޫލުނުކޮށްފިނަމަ ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللّه އަށްޓަކައި އެކަން ނުކުރަން އެމީހާ ގާތުން އެދޭށެވެ. އޭނާ ދެންނެވިއެވެ. ވަގަށްނަގަން އުޅޭ ނުވަތަ ފޭރޭން އުޅޭ މީހާ އަޅުގަނޑުގެ ވާހަކަ ޤަބޫލު ނުކޮށްފިނަމަ ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللّه އަށްޓަކައި އެކަން ނުކުރަން އެމީހާ ގާތުން އެދޭށެވެ. (އިތުރު ސާހިބާ ތިންފަހަރަށް އެގޮތަށް ޙަދީޘްކުރެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ.) އޭނާއާ މުޤާބަލާކުރާށެވެ. ކަލޭގެ ޤަތުލުވެއްޖެނަމަ ދާނީ ސުވަރުގެއަށެވެ. ކަލޭގެ އޭނާ ޤަތުލުކޮށްފިނަމަ އޭނާ ދާނީ ނަރަކަޔަށެވެ."

މި ޙަދީޘުން ދަލީލު ލިބޭ ގޮތުގައި ދިފާޢީ ޙަރަކާތް ކުރިޔަށްގެންދަންވާނީ އެންމެ ފުރަތަމަ އެންމެލުއި ފިޔަވަޅެއް، ދެވަނަޔަށް ދެންއޮތް އެންމެލުއި ފިޔަވަޅެއް އަޅަމުން ކުރިޔަށްދާ ގޮތަށެވެ. މިސާލެއްގެ ގޮތުން ޙަމަލާދޭ މީހާ ހަޅޭއްލަވައިގަތުމުން ނުވަތަ ތަޅައިގަތުމުން ފިލައިގެން ހިނގައިދާނެ ކަމުގައިވާނަމަ، އޭނާ ޤަތުލުކުރެވޭފަދަ ހަތިޔާރެއް ބޭނުންކޮށް އޭނާ ޤަތުލުކޮށްލައިގެން ނުވާނެއެވެ. علاّمة شوكانى رحمه اللّه ލިޔުއްވައިފައިވެއެވެ.

"يَنْبَغِى تَقْدِيْمُ الاَخَفُّ فَالاَخَفُّ، فَلَا يَعْدِلُ المُدَافِعُ اِلَى القَتْلِ مَعَ، اِمْكَانِ الدَّفَعِ بِدُوْنِهِ وَيَدُلُّ عَلَى، ذَلِكَ اَمُرُهُ صَلَّى اللهُ عَلَيْهِوَسَلَّمَ بِانْشَادِهِ قَبْلَ الْمُقَاتَلَةِ" (شوكانى، نيل الاوطان: 5/75)

ދިފާޢީ ގޮތުން އިޚްތިޔާރުކުރަން ޖެހޭނީ އެންމެފުރަތަމަ އެންމެލުއި ފިޔަވަޅެވެ. ދެވަނަޔަށް ނިސްބަތުން ކުރިޔަށްވުރެ ވަރުގަދަ ފިޔަވަޅެވެ. ޤަތުލުނުކޮށް ދިފާޢުވުމުގެ އެކަށޭނަކަން އޮތްހައި ހިނދަކު ދިފާޢުކުރާ މީހާ ޤަތުލުގެ ޢަމަލު ހިންގައިގެން ނުވާނެއެވެ. އެހެނީ ކައުސާހިބާ صلّى اللّه عليه وسلّم ވަނީ ސުވާލުކުރާ މީހާއަށް ހަނގުރާމަ ފެށުމުގެ ކުރީން މާތް اللّه އަށްޓަކައި އެކަން ނުކުރަން އެދުމަށް އަމުރުކުރައްވައިފައެވެ.

علامة إبن قدامة جنبلى رحمه اللّه ލިޔުއްވައިފައިވެއެވެ.

މީހަކު ފޭރުމަށްޓަކައި ނުވަތަ ވައްކަންކުރުމަށްޓަކައި އަނެކެއްގެ ގެޔަށް ވަދެގެންފިނަމަ ގޭގެވެރިޔާ ހަޅޭއްލަވައި އަޑުގަދަކޮށްގަތުމުން، ގެޔަށް ވަން މީހާ ފިލައިގެންދިޔުމުގެ އެކަށޭނަކަން އޮތްނަމަ ގޭގެވެރިޔާއަށް އޭނާ ޤަތުލުކޮށްލުމުގެ އެއްވެސް ޙައްޤެއް ނެތެވެ. އެހެނީ މަޤްޞަދަކީ ގެއަށް ވަން މީހާ ބޭރުކޮށް ފޮނުވައިލުމެވެ. ޖާނާއި މާލު ޙިމާޔަތްކުރުމެވެ. ހަމައެފަދައިން ގެއަށް ވަން މީހާގެ ގައިގައި ލަކުޑިގަނޑެއްފަދަ އެއްޗަކުން ތަޅައިގަތުމުން އޭނާ ނިކުމެގެން ދިޔުމުގެ އެކަށޭނަކަން އޮތްނަމަ ނުރައްކާތެރި ހަތިޔާރެއްގެ ބޭނުންކޮށްގެން ނުވާނެއެވެ. ޒަޚަމުކޮށްލައި ޙަމަލާދިނުމުގެ އެކަށޭނަކަން ނައްތައިލައިގެން ދިފާޢުވެވެން އޮއްވައި ޤަތުލުކޮށްލައިގެން ނުވާނެއެވެ. މިދެންނެވި ފަދައިން ރައްކާތެރިކަމާއެކު ދިފާޢީ ފިޔަވަޅު އަޅަމުން ގެންދިޔުމުންވެސް ގެޔަށް ވަން މީހާ (ޙަމަލާދިން މީހާ) މަރުވެއްޖެނަމަ އޭނާގެ ލޭ ބޭކާރުވީއެވެ. ދިފާޢުކުރި މީހާ އެކަމުގެ ޒިންމާ އުފުލާކަށެއް ނުޖެހޭނެއެވެ. އެހެނީ މިގޮތަށް ކަންތައް ހިނގައިފިނަމަ ޙަމަލާދިން މީހާ އަމިއްލަޔަށް ގޭގެވެރިޔާއަށް ތިމާ ޤަތުލުކުރަން މަޖުބޫރުކުރުވީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އޭނާ އަމިއްލަޔަށް މަރުވީއޭވެސް ބުނެވިދާނެއެވެ. (ތަފްޞީލު ހޯއްދަވަން: المغنى: 12/532-531)

ޙަނަފީ މަޒުހަބުގެ ފިޤުހުފޮތްތަކުގައިވާ ގޮތުން ރޭގަނޑު މީހަކު އަނެކެއްގެ ގެޔަށް ވަދެ އެ ގެއެއްގައިހުރި މުދާ ލޫޓުވަން އުޅެފިނަމަ އެމީހަކު ޤަތުލުކުރެވިދާނެއެވެ. ހަމައެފަދައިން އެ ގެއަކުން ހިފާގެންގުޅޭ އެއްޗެއް ނުވަތަ އެނޫންވެސް ބާވަތެއްގެ މުދަލެއް ހިފައިގެންދާން މަސައްކަތްކޮށްފިނަމަ، އެމީހެއްގެ ފަހަތުން ގޮސްވެސް ޤަތުލުކުރެވިދާނެއެވެ. ޝަރުޠަކީ ޤަތުލުކޮށްލައިގެން މެނުވީ އޭނާ ގެންދާ މުދާ އަތުލައިގަނެވޭނެ އެހެން ގޮތެއް ނެތުމެވެ. (مرغينائى، الهداية:4/565)

މި ވާހަކަތައް އަންނަނިވި ޢިބާރާތުންވެސް ބަޔާންކުރެވިފައިވެއެވެ.

"هَذَا اِذَا لَمْ يَعْلَمُ اَنَّهُ لَوْصَاحَ، عَلَيْهِ طَرَحَ مَالُه وَ اِنْ عَلِمَهُ، ذَلِكَ فَقَتَلَهُ مَعَ ذَلِكَ وَاجَبَ، عَلَيْهِ الْقِصَاصُ" (ابن عابدين، ردّ المختار:5/486)

"ވަގަކު ޤަތުލުކޮށްލުން ހުއްދަވާނީ ހަޅޭއްލަވައި އަޑުގަދަކުރުމުން އޭނާ މުދާތައް އުކާލައިފައި ފިލައިގެން ހިނގައިދާނެކަން ނޭނގޭނަމައެވެ. އެކަން އެނގިހުރެ ވަގަކު ޤަތުލުކޮށްފިނަމަ ޤަތުލުކުރި މީހާގެ ކިބައިން ޤިޞާޞްހިފެވޭނެއެވެ."

އިސްލާމީ ދައުލަތެއްގައި މުސްލިމުންނާ ދެކޮޅަށް ނުވަތަ ޒިންމީންނާ ދެކޮޅަށް ހަތިޔާރު އުފުލާ މީހުންގެ ޙުކުމް އިސްވެދިޔަތާނގައި ވަނީ ބަޔާންކުރެވިފައެވެ. އެކަމާ ގުޅޭގޮތުން ޙަނަފީ މަޒުހަބުގެ ފިޤުހުގައި ބަޔާންކުރެވިފައިވެއެވެ.

"وَيَجِبُ دَفُعُ مَنْ شَهَرَ سَيْفًا عَلَى، الْمُسْلِمِيْنَ وَلَوْ يُقُتَلُهُ اِنْ لَمْ، يُمَكِّنْ دَفُعُ ضَرَرُهُ اِلاَّ بِه"

"މުސްލިމުންނާ ދިމާޔަށް ކަނޑިއުފުލާލާ މީހާ ހުއްޓުވަން ޖެހޭނެއެވެ. އެކަމަށްޓަކައި އޭނާ ޤަތުލުކޮށްލަން ޖެހުނު ކަމުގައި ވިޔަސްވެހެވެ. ޝަރުޠަކީ އެނޫން ގޮތަކުން އޭނާގެ އުނދަގުލުން ދިފާޢުވެވުމުގެ އެކަށޭނަކަމެއް ނެތުމެވެ."

މިގޮތަށް ޢަމަލުކުރަންޖެހޭ ސަބަބެއް ކަމުގައި ބަޔާންކުރެވިފައިވަނީ ދީނީ ގޮތުން ވާޖިބުވެގެންވަނީ ގެއްލުންތަކުން ދިފާޢުވުންކަމެވެ. ގެއްލުންދޭން މަސައްކަތްކުރާ މީހާ ކޮންމެހެންވެސް ޤަތުލުކޮށްލުމެއް ނޫނެވެ. މީހަކު ޤަތުލުކުރެވޭނީ ހަމައެކަނި މަޖުބޫރީ ޙާލަތެއްގައެވެ. (ابن عابدين، ردّ المختار مع درّ المختار:5/481)

އަޅާނެ ފިޔަވަޅެއް ކަނޑައެޅޭނީ ޙާލަތު ނިޔާކުރާ ގޮތަކުންނެވެ.

ޤާނޫނީ ގޮތުން ޞައްޙަ ފިޔަވަޅަކަށް ވާނީ ކޮންއިރަކު އަޅާ ކޮންފިޔަވަޅެއްތޯއާއި، ކުށް އަދި ޣައިރުޤާނޫނީ ފިޔަވަޅަކަށް ވާނީ ކޮންއިރަކު އަޅާ ކޮންފިޔަވަޅެއްތޯ ކަނޑައެޅޭނީ ޙަމަލައިގެ ބާވަތާއި ޙަމަލާދެވުނު ޙާލަތާމެދު ނަޒަރުހިންގުމަށްފަހުއެވެ.

ޝައްކެއްނެތެވެ. މީހަކު ތިމާ ޤަތުލުކޮށްލުމަށްޓަކައި ކަނޑި އުފުލައިލައިފިނަމަ (ނުވަތަ އެނޫންވެސް ހަނގުރާމަވެރި ހަތިޔާރެއް އުފުލައިލައިފިނަމަ) ޙަމަލާދޭ މީހާ ތިމާގެ ނަފުސުގެ ދިފާޢުގައި ޤަތުލުކޮށްލުމުގެ ޙައްޤު ޙަމަލާ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. ޙަމަލާދެވުނީ އާބާދީއެއްގެ ތެރޭގައި ކަމަށްވިޔަސް ވީރާނާ ތަނެއްގައި ކަމަށްވިޔަސްވެހެވެ. ރޭގަނޑެއްގައި ކަމަށްވިޔަސް ނުވަތަ ދުވާލެއްގައި ކަމަށްވިޔަސްވެހެވެ. ސަބަބަކީ ޤަތުލުކޮށްނުލައި ލަސްކޮށްފިނަމަ ތިމާގެ ފުރާނައަށް ނުރައްކާވުމުގެ ބިރު އޮތުމެވެ. ނަމަވެސް ޙަމަލާދިނީ ދަނޑިބުރިޔަކުން ނުވަތަ އެނޫންވެސް ނުރައްކާތެރި ހަތިޔާރަކުން ނޫން ކަމުގައިވާނަމަ، އެ ޙަމަލާދެވުނީ ކޮންއިރަކު ކޮންތަނަކުތޯ ބެލޭނެއެވެ. ޙަމަލާދެވުނީ އާބާދީއެއްގެ ތެރޭގައި (އަވަށުތެރޭގައި) ދުވާލުގެ ވަގުތުގައި ކަމުގައިވާނަމަ ޙަމަލާދިން މީހާ ޤަތުލުކޮށްލުމުގެ ޙައްޤެއް ނޯންނާނެއެވެ. އެހެނީ އެފަދަ ޙާލަތެއްގައި ޙަމަލާ ރައްދުވާ މީހާއަށް އެހެން މީހުންގެ ޙިމާޔަތަށް އެދެވިދާނެއެވެ. އޭނާއަށް އެހީ ލިބުމުގެ ކުރިން އޭނާ މަރުވެދާނެކަމުގެ ބިރެއް ނޯންނާނެއެވެ. ޙަމަލާދެވުނީ ރޭގަނޑުގެ ވަގުތެއްގައި މީހުން ނުއުޅޭ ހިސާބެއްގައި ކަމަށްވާނަމަ ޙަމަލާ ރައްދުވާ މީހާއަށް ތިމާގެ ނަފުސުގެ ދިފާޢުގައި ޙަމަލާދޭ މީހާ ޤަތުލުކުރުމުގެ ޙައްޤު އޮންނާނެއެވެ.  الإمام أبو يوسف އާއި الإمام محمد (رحمهم اللّه) ވިދާޅުވާ ގޮތުގައި ޙަމަލާދިން ލަޓިބުރިޔަކީ ނުވަތަ ލަކުޑިބުރިޔަކީ މީހަކު މަރައިލެވިދާނެފަދަ އެއްޗެއް ކަމުގައިވާނަމަ ޙަމަލާދެވުނީ ރޭގަނޑެއްގައިތޯ ނުވަތަ ދުވާލެއްގައިތޯ ބަލާކަށެއް ނުޖެހޭނެއެވެ. (مرغينائى، الهداية:4/564)

މުދަލެއްގެ ދިފާޢުގައި ވަގަކު ނުވަތަ ފޭރޭމީހަކު ޤަތުލުކުރުން ހުއްދަވާނީ ހަޅޭއްލަވައި އަޑުގަދަކުރިޔަސް ވަގުކަލޭގެ ނުވަތަ ފޭރޭ މީހާ މުދާ ދޫކޮށްލައިފައި ފިލައިގެން ނުދާނެކަމަށް ޤަރީނާތަކުން އެނގޭ ޙާލަތެއްގައެވެ. ވަގުކަލޭގެ ނުވަތަ ފޭރޭ މީހާ ބިރުގަންނަވައިލުމުން ނުވަތަ ހަޅޭއްލަވައިގަތުމުން މުދާ ދޫކޮށްލައިފައި ފިލައިގެން ހިނގައިދާނެކަން އެނގިހުރެ އޭނާ ޤަތުލުކޮށްލައިފިނަމަ ޤާތިލުގެ ކިބައިން ޤިޞާޞްހިފުން ވާޖިބުވާނެއެވެ. (درّ المختار مع ردّ المختار:5/481)

ދިފާޢީ ގޮތުން އަޅާ ފިޔަވަޅުތަކަށް ހެކި ބޭނުމެވެ.

ދިފާޢީ ގޮތުން އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ހެކިސާބިތު ދެއްކުން ލާޒިމެވެ. ކޮންމެ މަރުޙަލާއެއްގައި، ކޮންމެ ޙާލަތެއްގައި، ކޮންމެ ތަނެއްގައި އެޅި ފިޔަވަޅަކަށް ވިޔަސްވެހެވެ. علامة إبن قدامى حنبلى رحمه اللّه މިމޭރުމުން ލިޔުއްވައިފައިވެއެވެ.

މީހަކު ތިމާގެ ގެޔަށް ދިޔަ މީހަކު ޤަތުލުކޮށްފައި މިވެނިމީހާ ތިމަންގެ ގެޔަށް ވަދެގަތީއޭ، ޤަތުލުކޮށްލައިގެން މެނުވީ އޭނާ ގެއިން ބޭރުކޮށްލެވޭނެ އެހެންގޮތެއް ނެތީއޭ ބުންޏަސް ހެތްކެއްނެތި އޭނާގެ ދަޢުވާ ޤަބޫލެއް ނުކުރެވޭނެއެވެ. އޭނާގެ ކިބައިން ޤިޞާޞްހިފެވޭނެއެވެ. އެ ގެއަށް ވަން މީހާއަކީ ވައްކަންކުރުމާއި މަކަރުޙީލަތް ހެދުމުގައި މަޝްހޫރު މީހަކަށްވިޔަސް ނުވަތަ ނުވިޔަސް އެކަމަކުން މައްސަލައަކަށް ތަފާތެއް ނާންނާނެއެވެ. މިފަދަ ޤަޟިއްޔާއެއްގައި ޤާތިލު ދިފާޢުވުމަށްޓަކައި ހެކީންގެ ހެކިބަސް ބޭނުންވާނެއެވެ. ޤަތުލުވެވުނު މީހާ މީހެއްގެ ފުރާނަ ދުއްވައިލެވޭފަދަ ހަތިޔާރެއް ހިފައިގެން ޤާތިލާ ދިމާޔަށް ދަނިކޮށް ދުށްކަމަށާއި ޤާތިލު އެމީހާ ޤަތުލުކުރީ އޭނާގެ ނަފުސުގެ ދިފާޢުގައިކަމަށް ހެކީން ހެކިދޭންވާނެއެވެ. ހެކީން ހެކިދީފައިވަނީ ހަމައެކަނި މަޤުތޫލު އެ ގެޔަށް ދަނިކޮށް ދުށްކަމަށް ކަމުގައިވެފައި، ހަތިޔާރެއްގެ ވާހަކަ ހެކިބަހުގައި ގެނެސްފައިނުވާނަމަ، ނުވަތަ ހަތިޔާރެއްގެ ވާހަކަ ދައްކައިފައިވިޔަސް އެ ހަތިޔާރަކީ މީހަކު މަރައިލެވިދާފަދަ ހަތިޔާރެއް ކަމުގައި ބުނެފައިނުވިނަމަ ޤާތިލަށް ޤިޞާޞުން ސަލާމަތެއް ނުވެވޭނެއެވެ. އެހެނީ މީހަކު އަނެކެއްގެ ގެޔަށް ކޮންމެފަދަ ބޭނުމެއްގައިވެސް ހިނގައިދާނެއެވެ. މީހަކު އަނެކެއްގެ ގެޔަށް ވަނުމަކީ އޭނާގެ ލޭ އޮހޮރުވައިލުން ހުއްދަވާފަދަ ސަބަބެއް ނޫނެވެ. (المغنى:12/536-537)

ދެމީހަކު ހަނގުރާމަކޮށް އެކަކު އަނެކަކު ޒަޚަމްކޮށްލުމަށްފަހު ކޮންމެ މީހަކުވެސް ތިމާ ހަނގުރާމަކޮށް އަނެކަކު ޒަޚަމްކޮށްލީ ތިމާގެ ނަފުސުގެ ދިފާޢުގައިކަމަށް ދަޢުވާކޮށްފިނަމަ އެ ދެމީހުންނަށް އަނެކަކު އެ ހަދަނީ ދޮގެއްކަމަށް ހުވާކުރުމަށް އެންގޭނެއެވެ. އޭގެތެރެއިން މީހަކު އެގޮތަށް ހުވާކޮށްފިނަމަ އޭނާގެ ގައިގައި ހުރި ޒަޚަމަށް އަނެކަކު ޒިންމާވާން ޖެހޭނެއެވެ. އެހެނީ ދެމީހުންކުރެ ކޮންމެމީހަކީވެސް އަނެކެއްގެ ދަޢުވާއަށް އިންކާރުކުރާ މީހެކެވެ. ހަޤީޤަތް ދެނެގަނެވޭނެ ގޮތެއް ނެތެވެ. (المغنى:12/537)

ދިފާޢީ ފިޔަވަޅު އަޅަންވާނީ ޙަމަލައިގެ ވަގުތުގައެވެ.

ދިފާޢުވުމުގެ ޙަރަކާތްތަކާ ބެހޭގޮތުން ވިސްނަންޖެހޭ ވަރަށް ޚާއްޞަ އެއްނުކުތާއަކީ ދިފާޢީ ގޮތުން އަޅާ ފިޔަވަޅުތައް އަޅަންވާނީ ޙަމަލައިގެ ވަގުތުގައިކަމެވެ. ޙަމަލައިގެ ޙާދިޘާ ނިމުމަށްފަހު ދިފާޢާމެދު ސުވާލުކުރުމަކީ ޖާގައެއް އޮތް ކަމެއް ނޫނެވެ.

މީހަކު ޙަމަލާދިނުމަށްފަހު ފަހަތަށް ޖެހިއްޖެނަމަ އަދި އޭނާ އަލުން ޙަމަލާދިނުމުގެ އެކަށޭނަކަމެއް ނެތްނަމަ، ޙަމަލާ ރައްދުވާ ފަރާތަށް ނުވަތަ ދިފާޢުކުރުމަށް އެހީތެރިވާ ފަރާތަކަށް ކުރިޔަށް ނުކުމެ ޙަމަލާދިން މީހާ ޤަތުލުކުރުން ހުއްދައެއް ނުވާނެއެވެ. ޙަމަލާ ރައްދުވި މީހާ ނުވަތަ ދިފާޢުކުރުމުގައި އެހީވާ މީހަކު އެފަދަ ޙާލަތެއްގައި ޙަމަލާދިން މީހާ ޤަތުލުކޮށްފިނަމަ، ޤާތިލުގެ ކިބައިން ޤިޞާޞްހިފުން ވާޖިބުވާނެއެވެ. އެހެނީ ޙަމަލާދިން މީހާ ފަހަތަށްޖެހި، ޙަމަލާދިނުމުން އެއްކިބާވީއްސުރެ އޭނާގެ ލެޔަކީ މަޢުޞޫމު ލެއެކެވެ. ޙަމަލާދިނުމުގެ ޙާދިޘާގެ ކުރީންވެސް އޭނާގެ ލެޔަކީ ޙުރުމަތްތެރި އަދި މަޢުޞޫމު ލެޔަކަށްވީ ފަދައިންނެވެ. އޭނާގެ ލޭ އޮހޮރުވައިލުމަކީ އެކަކަށްވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. (هداية:4/565)

ޝައްކެއްނެތެވެ. ޙަމަލާދިން މީހާ ފަހަތަށްޖެހިލި ކަމުގައި ވިޔަސް އޭނާހުރީ ކަނޑި ހިފައިގެން (ދެވަނަފަހަރަށް ޙަމަލާދިނުމުގެ އެކަށޭނަކަން އޮންނަ ސިފަޔަކަށް) ކަމުގައިވާނަމަ އޭނާ ޤަތުލުކުރެވިދާނެއެވެ. (ابن عابدين، ردّ المختار مع درّ المختار:5/462)

ބަޙުޘުގެ ޚުލާޞާ

އިސްލާމްދީނުގެ މަޤްޞަދަކީ އަނިޔާ ލިބޭ މީހުންގެ ކިބައިގައި ވަރުގަދަ ޢަޒުމަކާއި އެކަށޭނަ ފަންވަރެއް އުފެއްދުމެވެ. އެއުރެންގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ އެކަށޭނަކަން އުފެއްދުމެވެ. ތިމާމެންގެ އަނބިދަރީންނާއި ޢާއިލާގެ މެންބަރުންނާއި ދީނާއި އީމާނަކީ އަނެކުން ހިތުހުރި ގޮތަކަށް ކުޅޭ އެއްޗަކަށް ހެދިޔަނުދިނުމުގެ ކެރުމާއި ހިތްވަރު އުފެއްދުމެވެ. ކޮންމެ ފަރާތަކުން އަނިޔާއާއި ބޭއިންސާފު ކުރިމަތިކުރުވި ކަމުގައި ވިޔަސް ފިސާރި ފިރިހެންވަންތަކަމާއެކު އެކަންކަމާ ކުރިމަތިލުމުގެ ޣީރަތް އުފެއްދުމެވެ. އަނިޔާވެރިކަމުގެ ދިފާޢުގައި ޚުދު ތިމާވެސް ތެދުވެ އަނިޔާވެރިކަން ދިފާޢުކޮށް އަނިޔާ ލިބޭ މީހުން ޙިމާޔަތްކުރުމުގެ ރޫޙު އުފެއްދުމެވެ. އަނިޔާވެރިކަން ހުއްޓުވުމަށާއި، އަނިޔާ ލިބޭ މީހުން ދިފާޢުކުރުމަށް މުޖުތަމަޢުން ކުރާ މަސައްކަތަށް ޤާނޫނީ ގޮތުން ހުއްދަ ސެޓްފިކެޓެއް ދިނުމެވެ. އެއްވެސް މީހަކަށް ތިމާއަކީ ޤާނޫނީ ގޮތުން އަތްފައި ބަނދެވިފައިހުރި އާރެއްބާރެއް ނެތް މީހެއްކަމަށް އިޙްސާސްވިޔަ ނުދިނުމަށްޓަކައެވެ. އަނިޔާ ލިބޭ އެއްވެސް މީހަކު އެއްވެސް މަރުޙަލާއެއްގައި އަނިޔާވެރިޔަކަށް ވިޔަނުދިނުމަށްޓަކައެވެ. ދިފާޢުގެ ނަމުގައި އެކަކުވެސް އަނިޔާވެރިޔަކަށް ވިޔަނުދިނުމަށްޓަކައެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.