ކުރީގެ ރައީސުން ޖަލުގައި ތިބެންޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން: ފައިސަލް

މި ސަރުކާރުގައި ރައްޔިތުންގެ ހައްގުގައި ބަހެއް ބުނެފި ކޮންމެ މީހަކަށް އޮތީ ޖަލުގޮޅި ކަމަށް އިދިކޮޅު ސިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކެންޕޭން ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ރައްޔިތުން މިހާރު އުޅުމެންދަނީ ބޮޑު "ނާމާން" ކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ ރައްޔިތުން ހަމަޖެހިގެން އުޅެމުންދާ ކަމެއް ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ ވަރަށް ބޮޑަށް އެހާމެ ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންނަށް ހެޔޮއެދިގެން ހެޔޮބަހެއް ރައްޔިތުންގެ ހައްގުގައި ބުނެފި ކޮންމެ މީހަކު ވެސް މިހާރު ދާންޖެހެނީ ޖަލުގޮޅިއަށް ކަމަށް ވިދާޅުވިއެވެ. އެހާލަތު ބަދަލުކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 23 ވަނަ ދުވަހު ރައްޔިތުންނަށް ލިބޭނެ ކަމަށާއި އުފާވެރި ރައްޖެއެއް ބޭނުން ކަމަށްވާނަމަ އެދުވަހު ބާއްވާ އިންތިޚާބުގައި އެބޭފުޅުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފައިސަލް ވިދާޅުވީ "އިސްލާހަށް" މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާއި، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތުޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބުދުﷲ ވެސް ވީ ޖަލުގައި ކަމަށެވެ. އެފަދަ ބޭފުޅުން ޖަލުގައި ތިއްބަވަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެއީ އެއްވެސް ދިވެހިރައްޔިތަކު ބަލައިގަންނާނެ ކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އަނިޔާއަކީ އެއްވެސް މީހަކު ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށާއި އޭގެ ސަބަބުން ގައުމުގެ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފާއިތުވި 4 އަހަރު ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމެއް ކޮށްދެއްވިފައި ނެތުމުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލްގެ މިވާހަކަތަކަށް ޕީޕީއެމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ފާއިތުވި 4 އަހަރު ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމެއް ކޮށްދެއްވިފައި ނެތުމުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ފައިސަލް ބުނީމަ މިގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އެގުނު ކަމަކީ، ފައިސަލް އަށް ރައްޔިތުން ބޭނުންވާ އަސާސީ ކަންކަމަކީ ކޮބާކަން ނޭގޭކަމެވެ. ނޫންނަނަ ފައިސަލް ދެކޭގޮތުގައި އަސާސީ ކަންކަމަކީ ކުއްކުރުންކަމަވެ. ސަބަބަކީ ކުރީގެ ރައީސުލް އަމިއްލަ އަށް ކުރިކުށް ޝަރީއަތަށް ސާބިތުވެ ކުރިހުކުން ތަންފީޒުކުރަމުން ދިއުމާއިއެކު، އެކަންކަމަކީ ފައިސަލަށް ގަބޫލުކުރެވޭނެ އަދި ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވީމައެވެ. މިސަބަބަށް އެކަނި ނަޒަރު ހިންގާލިއަސް ފައިސަލު މެންނަކީ ވެރކަމަށް ކުފޫ ހަމަވާ ބައެއް ނޫންކަމަުގައި ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓްގައި ގިނަ ދިވެހި ރައްޔިތުން ނިންމަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.