ޕީޕީއެމާއެކު ކުރިދަތުރަކީ ފަސޭހަ ދަތުރެއް ނޫން: ރައީސް

ޕީޕީއެމް އުފައްދައިގެން މިހާތަނަށް ކުރެއްވި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށް އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލު ކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ޕީޕީއެމް އުފައްދައިގެން މިހާތަނަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން،" ކަމަށެވެ. އޭގެ ބަދަލުގައި އެދަތުރަކީ "އަމާން ދަތުރެއްނޫން، ނުރައްކާތެރި ދަތުރެއް، ހިތްދަތި ދަތުރެއް،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޕާޓީ އުފައްދަވަން ވެގެން އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަޝްވަރާ ކުރެއްވި އަށެއް ނުވަތަ ހަތް ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނި ވަޑައިގެންނެވި ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރު އެމަނިކުފާނު ނޫނީ އެހެން އެއްވެސް ބޭފުޅަކު އެޕާޓީގައި ނެތްކަމަށް ވިދާޅުވިއެވެ. ޚުދު ރައީސް މައުމޫން ވެސް މިވަގުތު ނެތް ކަމަށް ވިދާޅުވިއެވެ.

"އެމަނިކުފާނު (ރައީސް މައުމޫން) އެ މަޝްވަރާ ކުރެއްވި ހަތް މީހުންގެ ތެރޭގައި މިއަދު ޕީޕީއެމްގައި ހުރި ހަމައެކަނީ މީހަކީ އަޅުގަނޑު،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެންދާ ކޮންމެ މީހަކު އޮޑިން ފުންމާލައިގެން ދަނީ، ޚިޔާލަށް ގެންނަން މިޖެހެނީ ޕީޕީއެމްގެ އުސޫލުތަކާއި ޕީޕީއެމްގެ ސިޔާސަތާއި ޕީޕީއެމްގެ ފިކުރާއި އައިޑިއޮލޮޖީ އަދިވެސް އޭރު ލިޔުނު ކަރުދާހުގައި އެއޮތީ. އެއަކަށް ބަދަލެއް ނާދޭ. ފަނޑުކަމެއް ނާދޭ. އަދި ބައްދާ ޖަހާކަށްވެސް ނުޖެހޭ. ކުލަތަކުން،ގަނޑުތަކުން އަދިވެސް އަކުރުތަކެއް ނުކިޔޭ ވަރެއްވެސް ނުވޭ،" ރައީސް ވިދާޅުވިއެވެ. އެހެންވީމާ ޕީޕީއެމްގެ އޮޑިން ފުންމާލި ބޭފުޅުންނަށްވީ ކީއްތޯ ސުވާލު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އުފައްދައި ޕާޓީގެ "ލަޝްކަރު ބަދަހި ލަޝްކަރަކަށް ހެދުމަށްޓަކައި" ރަށްރަށް ދަތުރު ކުރެއްވުމުގެ މަސައްކަތް ވެސް ކުރެއްވީ އެމަނިކުފާނު ކަމަށެވެ.

ޕީޕީއެމްގެ ފިކުރަށް ތާއިދުކުރި މީހުންނަށް ހިތްވަރުދީ ރަށްރަށުގައި އެފިކުރު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރެއްވިއިރު ރާއްޖޭގައި އޮތީ އަނިޔާވެރި ޖައްބާރު ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމީހުންނަށް ހިތްވަރުދީ އިންތިޚާބެއް ކަމިޔާބު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އެޕާޓީ ދޫކޮށްލާފައި ދިޔަ މީހުން އެކަމާ އަމިއްލަ ހިތާ މިހާރު ސުވާލުކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމީހުން ފުރަގަސްދީފައި ދިޔައީ ކޮންކަހަލަ އަމާނާތަކަށްތޯ ވެސް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.