އިބްރާހީމް މުހައްމަދު ސާލިހު ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލު ކުރައްވައިފި

އިބްރާހީމް މުހައްމަދު ސާލިހު ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ: ފޮޓޯ އެމްޑީޕީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ހދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމްފަރުގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މުހުތާދު ތަކާއި ދަތިވެފައިވާ ކަންކަން އެމަނިކުފާނު އޮޅުން ފިލުއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވުމުގެ މުހިންމު ކަމާބެހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

އެމަނިކުފާނު ހދ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން މިއަދު އެކަނިވެސް ފަސް ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ވަޑައިގަންނަވާނީ ނޮޅިވަރަމްފަރުގެ އިތުރަށް ނެއްލައިދޫ، ހިރިމަރަދޫ، ނައިވާދޫ، މަކުނުދޫއަށެވެ. މާދަމާ އެމަނިކުފާނު ވަޑައިގަންނަވާނީ ނޭކުރެންދުއާއި، ވައިކަރަދުއާއި، ކުރިނބީއާއި، ކުމުންޑޫއާއި ކުޅުދުށްފުށްޓަށެވެ. މިދަތުރުފުޅުގައި ކުޅުދުށްފުށީގައި ބާއްވާ ބޮޑުޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަންގާރަދުވަހު އިބޫ ވަޑައިގަންނަވާނީ ހަނިމާދޫ، ނޮޅިވަރަމް އަދި ފިނޭ އަށެވެ.

އިބޫ މިއަދު ފެށްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުންނާއި، މަޖިލީސް މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިދަތުރުފުޅުގައި ބައެއް ރަށްރަށުގައި ކެންޕޭން ޖަގަހަތައްވެސް އެމަނިކުފާނު ހުޅުއްވައި ދެއްވާނެއެވެ.

އިބޫގެ ރަނިމްމޭޓް ފައިސަލް ނަސީމް ވެސް މިއަދުވަނީ ކެންޕޭން ދަތުރުފުޅެއްގައި ފ.އަތޮޅަށާއި ދ. އަތޮޅަށް ފުރައިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.