އިސްލާމްދީނުގައި ދިފާޢުގެ ޙައްޤު (1)

އެކަކު އަނެކަކުގެ މައްޗަށް އަތްއިސްކޮށްފިނަމަ އަތްއިސްކުރެވުނު މީހާއަށް ވަނީ ދިފާޢުކުރުމުގެ ޙައްޤު ލިބިގެންނެވެ. ހަމަ ޤަބޫލުކުރާ އެކަކުވެސް އެއީ ކުށެކޭ ނުބުނާނެއެވެ. އެއްވެސް ސަރުކާރަކުންވެސް އެކަމަކަށް އިންކާރެއް ނުކުރާނެއެވެ. މިއީ އެންމެންގެ މެދުގައި ޢާންމުކޮށް ޤަބޫލުކުރެވިފައިވާ ޙައްޤެކެވެ. އެހެންކަމުން އެއްވެސް މީހަކު އެ ޙައްޤުން މަޙްރޫމުކުރުމަކީ އަނިޔާވެރިކަމަށް ހިތްވަރުދިނުމެވެ. އަނިޔާވެރިކަމަށް ވާގިވެރިވުމެވެ.

އިންސާނީ ތާރީޚުން ސާބިތުވާ ގޮތުގައި އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްއޮބައިލައިފިނަމަ ނުވަތަ އަނިޔާ ލިބޭ މީހަކު ދިފާޢުވުމުން މަޙްރޫމުކުރެވިއްޖެނަމަ އަނިޔާވެރީންނަށް ލިބެނީ އިތުރު ހިތްވަރެކެވެ. އަނިޔާވެރީންގެ އަނިޔާވެރިކަން ވަނީ އިތުރެވެ. މިއީ މިއަދުގެ ދުނިޔޭގައިވެސް ކަންހިނގަމުންދާ ގޮތުގެ ޙަޤީޤަތެވެ. މިކަމުން ލިބޭ އެންމެ ބޮޑު އެއްގެއްލުމަކީ އަނިޔާ ލިބޭ މީހުންގެ ނަފްސިއްޔާތަށް އަންނަ ނޭދެވޭ ބަދަލެކެވެ. އަނިޔާއާއި ބޭއިންސާފު ޤަބޫލުކުރުމާއި އިހާނެތިކަން ބަރުދާސްތުކުރުމަކީ ތިމާމެންގެ ނަސީބުގައިވާ ގޮތް ކަމުގައި ޤަބޫލުކުރެވޭތަން އައުމެވެ. އަނިޔާއާއި ބޭއިންސާފާ ދެކޮޅަށް ތެދުވުމަކީ ތިމާއަށް ލިބިފައިވާ ޙައްޤެއްކަން ޤަބޫލު ނުކުރެވޭތަން އައުމެވެ. އެހައިވެސް އާރެއްބާރެއް ލިބިފައިނުވާ، މަޖުބޫރީ ޙާލަތެއްގައި ތިބި ބަޔެއް ކަމުގައި ތިމާމެންގެ އަމިއްލަ ނަފުސުތަކާމެދު ބެލެވޭތަން އައުމެވެ. އަނިޔާ ލިބޭ ބަޔަކަށް ތިމާމެންވުމުގެ ސަބަބަކީ ޚުދު ތިމާމެންގެ ފިނޑިކަމާއި ނުކެރުމާއި ސޭވާކަން ކަމުގައިވާތަން އައުމެވެ.

ތެދުފުޅެކެވެ. ދިފާޢަކީ ވަރަށްވެސް ނާޒުކު މަސައްކަތެކެވެ. ނިހާޔަތަށް ރައްކާތެރިވެތިބެ ހިނގަންޖެހޭ މަގެކެވެ. ދިފާޢުގެ ނަމުގައި ބައެއްފަހަރު އަނިޔާވެރިވެވޭތީއެވެ. އިންސާފުން އެއްކިބާވެވޭތީއެވެ. ނުޙައްޤުން ލޭއޮހޮރުވޭތަން އަންނާތީއެވެ. ދިފާޢުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިންތަކާއި ގޮތްތައް ފަހަނައަޅައި ކުރިޔަށްދެވޭގޮތްވާތީއެވެ. އިސްލާމްދީނުގައި ލިބިދީފައިވާ ޙައްޤެއްގެ ނަމުގައި މިދެންނެވި ގޮތަށް ޢަމަލުކުރެވުމުގެ ސަބަބުން އިސްލާމްދީނާއި މުސްލިމުން ބަދުނާމުކުރެވޭތަން އަންނާތީއެވެ. މުސްލިމުންނަކީ ހައްދުފަހަނަޅައިފައިވާ ބަޔެއްކަމަށާއި އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ކަމުގައި ސިފަކުރެވޭތަން އަންނާތީއެވެ. އިންސާނުންނަށް ލިބިފައިވާ ދިފާޢުގެ ޖާއިޒު ޙައްޤާމެދުވެސް އިންކާރުކުރެވޭތަން އަންނާތީއެވެ. ޝައްކެއްނެތެވެ. އިސްލާމްދީން އިންސާނާ ދެކެން ބޭނުންވަނީ މާތް اللّه އިންސާނާއަށް ދެއްވައިފައިވާ އަޝްރަފުލްމަޚްލޫޤާތުގެ ޝަރަފުވެރިކަމާ ކުފޫހަމަވާ ގޮތެއްގައެވެ. އެހެންކަމުން އިސްލާމްދީން ކޮންމެ އިންސާނަކަށްވެސް ވަނީ ދިފާޢުގެ ޙައްޤު ލިބިދީފައެވެ. ނަމަވެސް އިސްލާމްދީން އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި އަނިޔާވެރިވުމުގެ ޙައްޤެއް ނުދެއެވެ. އިސްލާމްދީން އިންސާނިއްޔަތަށް އުނގަންނައިދެނީ އެއްވެސް މީހަކާ ދިމާޔަށް އަތްމަޅައިނުގަތުމަށެވެ. "ޖަހަން ނަމަ އަތްމެޅުން ހެޔޮނުވާނެކަމެވެ. ޖަހަންނަމައަށް ތިމާ ވެއްޓިދާނެކަމެވެ." ހަމައެފަދައިން ތިމާޔާ ދިމާޔަށް އަތްމެޅުމުގެ އަމުރު ނުދިނުމަށެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ބޯލަނބައިނުލުމަށެވެ. އަނިޔާވެރީންގެ ކުރިމަތީގައި މަތިހަށިނަގައި ފިސާރި ފިރިހެންވަންތަކަމާއެކު އަނިޔާއާ ކުރިމަތިލުމަށެވެ. އިސްލާމްދީން ފިނޑިކަމަކަށް ނުރުހެއެވެ. ހިތްވަރު އެލުވައިލާކަށެއް ޤަބޫލެއް ނުވެއެވެ. އިންސާނާ އަތްއުރާލައިގެންހުރެ ތިމާގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރު ދުޝްމަނުންނާ ޙަވާލުކުރާކަށެއް ހުއްދައެއް ނުދެއެވެ. ނަމަވެސް ދިފާޢުގެ ޙައްޤު ބޭނުންކުރުމުގައި ތަބާވާންޖެހޭ ވަރަށްފުރިހަމަ އުޞޫލުތަކަކާއި ވަރުގަދަ ހަމަތަކަކާއި، ހަރުދަނާ އިންތަކެއް ވަނީ އެކަށައަޅައިފައެވެ. އެކަންކަން ބިނާވެގެންވަނީ ސަރާސަރު ޢަދުލުއިންޞާފުގެ މައްޗަށެވެ. އިސްލާމީ ޝަރީޢަތުގެ މާހިރުން ވަނީ ނުހަނު ކަވި ތަފްޞީލުތަކާއެކު ދިފާޢުގެ ޙުކުމްތައް ބަޔާންކުރައްވައިފައެވެ.

ކުރިންވެސް ދެންނެވިފަދައިން ދިފާޢުގެ ދާއިރާއަކީ ވަރަށްވެސް ނާޒުކު ދާއިރާއެކެވެ. ވަރަށްގިނަ ޝައްކުތަކަކާއި ކުށްހީތަކެއް އުފެދިދާނެ ދާއިރާއެކެވެ. އެހެންކަމުން އެކަންކަމާމެދު މި ބާބުގައި ވަނީ ވަކިވަކީން ބަޙްޘުކޮށްފައެވެ. މިތާނގައި ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ޚާއްޞަ ނުކުތާއެއް އެބައޮތެވެ. އެ ނުކުތާއަކީ މި ބާބުގައި ބަޙްޘުކޮށްފައި މިވަނީ އިންފިރާދީ އަދި ޝަޚްޞީ ދާއިރާގައިކަމެވެ. އެއްދައުލަތަކާއި އަނެއް ދައުލަތަކާ ދެމެދު ކުރެވޭ ހަނގުރާމަތަކަކީ މި ބާބުގެ ބަޙްޘުގެ ދާއިރާއެއް ނޫންކަމެވެ. އެ ދާއިރާއިން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙުކުމްތަކާމެދު މިފޮތުގައި އެއްވެސްވަރަކަށް އަލިއެޅުވިފައެއް ނުވާނެއެވެ.

ދިފާޢުގައި ފުރާނަ ދިނުމަކީ ޝަހީދުވުމެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ނުހަނު ސާފު ބަސްފުޅަކުން ޞަރީޙަކޮށް އިރުޝާދު ދެއްވައިފައިވާ ގޮތުގައި އިންސާނާއަށް އޭނާގެ ދީނާއި އީމާނާއި ޖާނާއި މާލާއި ގެދޮރާއި ބިމާއި ހަރުމުދަލާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންގެ ދިފާޢުގައި ފުރާނަވެސް ޤުރްބާންކޮށްލެވިދާނެއެވެ. އެގޮތަށް ފުރާނަ ޤުރްބާންކުރުމަކީ ޝަހީދުވުމެވެ. ޝަހީދުވުމަކީ ނުހަނު ނަސީބުގަދަ މީހަކަށް މެނުވީ ނުލިބޭފަދަ މަތީދަރަޖައެކެވެ.

ކައުސާހިބާ صلّى اللّه عليه وسلّم ގެ އަރިހުން سعيد بن زيد رضى اللّه عنه ރިވާކުރައްވައިފައިވެއެވެ.

"مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ" (سنن النسائي، باب: من قتل دون دينه)

"އެމީހެއްގެ މުދާ ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ އަހުލުން ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ ދީން ރައްކާތެރިކުރުމުގައި ޤަތުލުކުރެވިއްޖެ މީހަކީ ޝަހީދެކެވެ. އެމީހެއްގެ ނަފުސު ރައްކާތެރިކުރުމުގައި ޤަތުކުރެވިއްޖެ މީހަކީ ޝަހީދެކެވެ."

أبو هريرة رضى اللّه عنه ވިދާޅުވެފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހުގައި މީހަކު ދެންނެވިއެވެ. "މީހަކު އަޅުގަނޑުގެ މުދާ ފޭރިގެންފިނަމަ، ހަދާނީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ކަލޭގެ މުދާ އޭނާއަށް ދޫކޮށްނުލާށެވެ." އޭނާ ދެންނެވިއެވެ. "އޭނާ އަޅުގަނޑާ ޙަމަލާދޭން އުޅެފިނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ކަލޭގެވެސް އޭނާއާ މުޤާބަލާ ކުރާށެވެ." އޭނާ ދެންނެވިއެވެ. "އެމީހާ އަޅުގަނޑު ޤަތުލުކޮށްފިނަމަ ވާނީ ކިހިނަކުންތޯއެވެ؟" ކައުސާހިބާ ޙަދީޘްކުރެއްވިއެވެ. "ކަލެއަށް ޝަހީދެއްގެ ދަރަޖަ ލިބޭނެއެވެ." އޭނާ ދެންނެވިއެވެ. "އަޅުގަނޑު އެމީހާ ޤަތުލުކޮށްފިނަމަ ވާނީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "އޭނާ ދާނީ ނަރަކައަށެވެ." (مسلم، كتاب الإيمان)

އިންސާނާއަށް އޭނާގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރުގެ ދިފާޢުގައި އޭގެ އެންމެ ފަހު މަރުޙަލާއާ ހަމަޔަށްވެސް މަސައްކަތް ކުރެވޭނެއެވެ. ބޭނުން ޖެހިއްޖެ ހިނދެއްގައި ވަށައިގެން ތިބޭ އަވަށްޓެރީންނާއި ސަރުކާރުގެ އެހީއަށްއެދި އިލްތިމާސް ކުރެވިދާނެއެވެ. إمام نسائى އާއި އަދިވެސް ބައެއް އިމާމުން ރިވާކުރައްވައިފައިވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އަރިހަށް މީހަކު އައެވެ. އޭނާ ދެންނެވިއެވެ. "ބަޔަކު އަޅުގަނޑުގެ މުދާ ފޭރެން އުޅެގެންފިނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "މާތް اللّه އަށް ޙަވާލާދީ އެބައިމީހުންނަށް ވިސްނައިދޭށެވެ." އޭނާ ދެންނެވިއެވެ. "އެގޮތަށް ޢަމަލުކުރުމުންވެސް އެބައިމީހުން އެކަން ހުއްޓައިނުލައިފިނަމަ ދެން ހަދާނީ ކިހިނަކުންތޯއެވެ؟" ކައުސާހިބާ ޙަދީޘްކުރެއްވިއެވެ. "ވަށަވަށައިގެން ތިބި މުސްލިމުންގެ ކިބައިން އެހީއަށް އެދޭށެވެ." އޭނާ ދެންނެވިއެވެ. "ކައިރި ހިސާބެއްގައި މުސްލިމުންގެ ބަޔަކު ނެތްނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" ކައުސާހިބާ ޙަދީޘް ކުރެއްވިއެވެ. "ދައުލަތުގެ މަދަދަށް އެދޭށެވެ." އޭނާ ދެންނެވިއެވެ. "ސަރުކާރުގެ އެހީއަށް އެދި ކަމާބެހޭ ފަރާތްތަކާ ހަމަޔަށް ދެވޭގޮތް ނުވެއްޖެނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ކަލޭގެ މުދާ ޙިމާޔަތްކުރަން އަމިއްލަޔަށް ތެދުވާށެވެ. ކަލޭގެ ފުރާނަ ހަށިގަނޑާ ވަކިވެ ޝަހީދުންގެ ތެރޭގައި ޝާމިލުވެއްޖައުމަށް ދާންދެނެވެ. ނުވަތަ ކަލޭގެ މުދާ ރައްކާތެރިކުރެވިއްޖައުމަށް ދާންދެނެވެ." (نسائى، كتاب المحاربة)

ކައުސާހިބާ صلّى اللّه عليه وسلّم ގެ އިސްވެދިޔަ ޙަދީޘްފުޅުތަކުން ސާފުކޮށް އެނގޭ ގޮތުގައި އިންސާނާއަށް އޭނާގެ ފުރާނައާއި މުދަލާއި ޢިއްޒަތާއި އަބުރާއި އަނބިދަރީންނާއި އީމާނުގެ ދިފާޢުގައި ކުރާ މަސައްކަތުގައި ފުރާނަވެސް ޤުރުބާންކޮށްލެވިދާނެއެވެ. އެގޮތުން ފުރާނަ ޤުރްބާންކުރުމަކީ ޝަހީދުވުމެކެވެ. އާދެ، އެއީ ދިފާޢުކުރާ މީހާގެ ނިމުން އޮންނަ ގޮތެވެ. އަނެއްކޮޅުން ޙަމަލާދޭ މީހާ މަރުވެއްޖެނަމަ، އެމީހަކަށް ޙައްޤުވެގެންވަނީ ނަރަކައެވެ. އިންސާނެއްގެ ކިބައިގައި މިދެންނެވިފަދަ ދިފާޢީ ޖަޒުބާތެއް އުފެދިއްޖެނަމަ އޭނާ އަނިޔާގެ ކުރިމަތީގައި އެއްގޮތަކަށްވެސް ބޮލެއް ނުލަނބާނެއެވެ. ޙަޤީޤަތަށް ދަންނަވާނަމަ، މިފަދަ ފިރިހެންވަންތަ ޖަޒުބާތެއްގެ ވެރިޔަކާ ދިމާޔަށް އަތްއިސްކުރުމުގެ މަސައްކަތެއް ފަސޭހައަކުން ކާމިޔާބެއް ނުކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކާމެދު ވާހަކަދައްކަވަމުން علامة شوكانى رحمه اللّه ލިޔުއްވައިފައިވެއެވެ.

"މި ބާބުގައި ވާރިދުވެފައިވާ ޙަދީޘްފުޅުތަކުން ޞަރީޙުކޮށް ބަޔާންވާ ގޮތުގައި ތިމާގެ ފުރާނައާއި މުދަލާއި އަނބިދަރީންނާއި ދީނާހުރެ ޤަތުލުވާ މީހަކީ ޝަހީދެކެވެ. އޭނާ ޤަތުލުކުރި މީހާ ދާނީ ނަރަކައަށެވެ. އެހެނީ ފުރަތަމަ މީހާ އެހެރީ ބާޠިލުގޮތުގައެވެ." (شوكانى، نيل الاوطار:6/75)

ދިފާޢު ކުރުމަކީ ޤާނޫނީ ޙައްޤެކެވެ.

ދިފާޢުގެ ޙައްޤަކީ އިސްލާމްދީނުގެ ނަޒަރުގައި ކޮންމެ މީހަކަށް ލިބިގެންވާ ޤާނޫނީ ޙައްޤެކެވެ. އެހެންކަމުން އެ ޙައްޤު ބޭނުންކުރުމަކަށް ހުރަހެއް ނޭޅޭނެއެވެ. އިސްލާމީ ފިޤުހުވެރީން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ޙަމަލާދޭ މީހާއަށް ލިބޭ އެއްވެސް ގެއްލުމަކަށް ދިފާޢުކުރާ މީހާ ޒިންމާވާކަށެއް ނުޖެހޭނެއެވެ. ދިފާޢުކުރާ މީހާއަށް އެއްވެސް ބާވަތެއްގެ އަދަބެއް ނުދެވޭނެއެވެ. އޭނާގެ ކިބަޔަކުން ބަދަލެއްވެސް ނާތުލެވޭނެއެވެ.

ތިމާގެ ނަފުސު ދިފާޢުކުރުން

الإمام الشافعى رحمه اللّه ވިދާޅުވެފައިވާ ގޮތުގައި މީހެއްގެ ފުރާނަޔަށް ނުވަތަ މުދަލަށް ނުވަތަ އަނބިދަރީންނަށް ޙަމަލާދެވިއްޖެނަމަ އެ ޙަމަލާ ދިފާޢުކުރުމަކީ އޭނާގެ ޙައްޤެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޙަމަލާދިން މީހާ ޤަތުލުވިޔަސް ދިފާޢުކުރި މީހާ މަރުގެދިޔަ ދޭކަށެއް ނުޖެހޭނެއެވެ. ކައްފާރާއެއްވެސް ވާޖިބެއް ނުވާނެއެވެ. (ابن حجر، فتح البارى: 5/76)

ޙަނަފީ މަޒުހަބުގެ ފިޤުވެރީން ވިދާޅުވާ ގޮތުގައި މީހަކު އަނެކާ ޤަތުލުކުރުމުގެ ޤަޞްދުގައި އޭނާއާ ދިމާޔަށް ކަނޑި އުފުލައިފިނަމަ އަދި ޙަމަލާ ރައްދުވާ މީހާގެ ކުރިމަތީގައި ޙަމަލާދޭ މީހާ ޤަތުލުކުރުން ފިޔަވައި ތިމާގެ ނަފުސު ސަލާމަތްކުރެވޭނެ އެހެންގޮތެއް ނެތިއްޖެ ހިނދެއްގައި ޙަމަލާދޭ މީހާ ޤަތުލުކުރެވިދާނެއެވެ. ޙަމަލާދެވުނު މީހާއާމެދު އެކަމާހުރެ އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. ޙަނަފީ ފަޤީހުން އިތުރަށް ވިދާޅުވާ ގޮތުގައި މުސްލިމަކާ ދިމާޔަށް ކަނޑި އުފުލައިލުމަކީ އިސްލާމީ ޖަމާޢަތާ ދިމާޔަށް ކަނޑި އުފުލައިލުންފަދަ ކަމެކެވެ. ޖަމާޢަތާ ދިމާޔަށް ކަނޑި އުފުލައިލާ މީހާ ޤަތުލުކުރުން ހުއްދަވާ ފަދައިން ފަރުދަކާ ދިމާޔަށް ކަނޑި އުފުލައިލާ މީހާވެސް ޤަތުލުކުރެވިދާނެއެވެ. (علاء الدين وابن عابدين، ردّ المختار مع الدرّ المختار:5/481)

ގިނަ ބަޔަކަށް ޙަމަލާދިނުމުން ދިފާޢުގެ ޙައްޤު ލިބިގެންވާ ފަދައިން ފަރުދަކާ ޙަމަލާދިން ކަމުގައި ވިޔަސް ދިފާޢުގެ ޙައްޤު ވަނީ ލިބިގެންނެވެ. الإمام إبن تيمية رحمه اللّه ވިދާޅުވެފައިވެއެވެ.

"ފޭރޭ މީހަކު ތިމާ ޤަތުލުކުރަން އުޅެފިނަމަ އޭނާއާ ކުރިމަތިލާހުށިކަމެވެ. ތިމާގެ ނަފުސުގެ ދިފާޢުގައި ފޭރޭ މީހާ ޤަތުލުކުރަން ޖެހުނު ކަމުގައި ވިޔަސްވެހެވެ. އެކަމަށް އެންމެން ވަނީ އިޖުމާޢުވެފައެވެ." (فتاوى إبن تيمية: 34/242)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.