(23 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޤާނޫނުގެ ބާރުގަދަކަމާއި މަތިވެރިކަން
އިސްލާމްދީން ހަމައެކަނި ޢަދުލުއިންޞާފުގެ މައްޗަށް ބިނާވެފައިވާ ޤާނޫނެއް އިންސާނިއްޔަތަށް ހަދިޔާކުރީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެ ޤާނޫނުގެ ޙުރުމަތާއި މަތިވެރިކަންވެސް ޤާއިމްކުރިއެވެ. އިސްލާމްދީން އަންގާ ގޮތުގައި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔެކެވެ. އެއްވަރުގެ ބަޔެކެވެ. ޤާނޫނުގެ ކުރިމަތީގައި ވެރިއެއް ރައްޔިތެއް މުއްސަންޖެއް ފަޤީރެއްގެ ތަފާތެއް ނުހުންނާނެއެވެ. ޤާނޫނުގެ ކުރިމަތީގައި ބޯލެނބުމަކީ އެންމެންގެ ވާޖިބެކެވެ. އެހެން ނަހަދައިފިނަމަ އެކަން ވާނީ މުނާފިޤުކަމުގެ ދަލީލަކަށެވެ. އީމާންކަން ބަލިކަށިކަމުގެ ހެތްކަކަށެވެ.
އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا (الأحزاب: ٣٦)
"އަދި اللّه އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިން ފިރިހެނަކަށްވެސް، އަދި މުއުމިން އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި اللّه އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
މުނާފިޤުންގެ ކަންތައް ހުންނަ ގޮތާމެދު ތަންޤީދުކުރައްވަމުން އަންގަވައިފައިވެއެވެ. މާތް اللّه އާއި އެކަލާނގެ ރަސޫލާގެ ނިންމެވުން ޤަބޫލުކުރަން އެބައިމީހުން ފަސްޖެހެއެވެ. ދެފުށުއެޅޭގޮތްވެއެވެ. އެމީހުން ހީކުރަނީ އެކަމުގައި އޮތީ އެބައިމީހުންނަށް ގެއްލުން ކަމުގައެވެ. ނަމަވެސް ތެދުވެރި، ޙަޤީޤީ މުއުމިނުންގެ ގޮތަކީ އެޔެއް ނޫނެވެ. އެބައިމީހުންގެ ހިތް اللّه އާއި އެކަލާނގެ ރަސޫލާގެ ނިންމެވުމަށް ހިތުގެ އަޑީން ރުހިޤަބޫލުވެއެވެ. އަހައި ކިޔަމަންވެއެވެ.
މާތް اللّه ވަޙީކުރައްވައިފައިވެއެވެ.
إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ * وَمَنْ يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَئِكَ هُمُ الْفَائِزُونَ (النّور: ٥١ – ٥٢)
"އެއުރެންގެ މެދުގައި ޙުކުމްކުރެއްވުމަށް اللّه އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެއުރެންނަށް ގޮވައިލައްވައިފި ހިނދަކު، މުއުމިނުންގެ ބަހެއް ކަމުގައި ވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ. އަދި اللّه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި اللّه އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ނަޞީބު ލިބިގެންވާ މީހުންނެވެ."
ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގައި އެއްފަހަރަކު މަޚުޒޫމުވަންހައިގެ އަންހެނަކު ވައްކަންކުރިއެވެ. މަޚުޒޫމުވަންހައަކީ ޤުރައިޝުންގެ އެންމެ ޤަދަރުހުރި އެއްދަރިކޮޅެވެ. އެ ވަންހައިގެ މީހުން أسامة رضى اللّه عنه ގެ އަރިހުގައި ދެންނެވިއެވެ. ކަލޭގެފާނު މިކަމުގައި މެދުވެރިވެވަޑައިގެންދެއްވާށެވެ. رسول اللّه صلّى اللّه عليه وسلّم ގެ އަރިހުގައި ސަކާކުރައްވައިގެން މި އަންހެންމީހާ އަތްކެނޑުމުގެ އަދަބުން ސަލާމަތްކޮށްދެއްވާށެވެ. أسامة رضى اللّه عنه އަކީ ކައުސާހިބާ صلّى اللّه عليه وسلّم ގެ އަރިހުގައި ދަރިކަލެއްފަދަ ލޮބުވެތި ބޭކަލެކެވެ. ނަމަވެސް އުސާމާ އެ ވާހަކަ ދެއްކެވުމުން އިތުރު ސާހިބާ އެކަމާ ވަރަށް ބޮޑަށް ހިތްޕުޅާނުވާގޮތްވިއެވެ. އިތުރު ސާހިބާ އުސާމާއާ ދިމާޔަށް ޙަދީޘްކުރެއްވިއެވެ.
" أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ"
"މާތް اللّه ގެ ޙައްދުތަކުގެ ތެރެއިން ޙައްދަކާމެދު ޝަފާޢަތްތެރިވަނީހެއްޔެވެ؟"
ކައުސާހިބާ صلّى اللّه عليه وسلّم އެއަށްފަހު ޚުޠުބާއެއް ވިދާޅުވިއެވެ. އެ ޚުޠުބާގައި ވިދާޅުވިއެވެ.
" إِنَّمَا هَلَكَ الَّذِينَ قَبْلَكُمْ، أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ، تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ، أَقَامُوا عَلَيْهِ الْحَدَّ"
"ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެދިޔަ ސަބަބަކީ އެއުރެންގެ ތެރެއިން މާތް މީހަކު ވައްކަންކޮށްފިނަމަ (ނުވަތަ އެހެންވެސް ކުށެއްކޮށްފިނަމަ) އެމީހަކު ދޫކޮށްލައި، ނިކަމެތި މީހަކު ވައްކަމެއްކޮށްފިނަމަ (ނުވަތަ އެހެންވެސް ކުށެއްކޮށްފިނަމަ) އެމީހެއްގެ މައްޗަށް ޙައްދު ތަންފީޒުކުރުމެވެ."
ބަޔާންކުރެވުނު ތަމްހީދީ ވާހަކަކޮޅަށްފަހު ޤާނޫނުގެ ޙުރުމަތާއި ބާރުގަދަކަމާ ބެހޭގޮތުން އިތުރު ސާހިބާ ވިދާޅުވި ބަސްފުޅަކީ ނަބަވީ މާތް ދޫފުޅަކުން މެނުވީ އަދާނުކުރެވޭ ފަދަ މަތިވެރި ބަސްފުޅެކެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ.
" وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا" (مسلم. كتاب الإمارة، باب فضيلة الامام العادل)
"މާތް اللّه ގަންދެއްވައި ވިދާޅުވަމެވެ. محمد ގެފާނުގެ ދަރިކަނބަލުން فاطمة ވައްކަންކުރެއްވި ކަމުގައި ވިޔަސް އަހުރެން އެކަމަނާގެ އަތްޕުޅުވެސް ކަނޑާހުށީމެވެ."
عبداللّه بن عمر رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ.
"مَنْ حَالَتْ شَفَاعَتُهُ دُونَ حَدٍّ مِنْ حُدُودِ اللَّهِ، فَقَدْ ضَادَّ اللَّهَ" (أبوداؤد، كتاب الاقضية، باب فى من يعين على حصومة من غير ان يعلم امرها)
"މާތް اللّه ގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް ޤާއިމުކުރުމުގައި މީހެއްގެ ސަކާކުރުމުގެ (ޝަފާޢަތްތެރިވުމުގެ) ސަބަބުން ހުރަހެއް އެޅިއްޖެނަމަ، އެކަމުގައި ސަކާކުރި މީހާ މާތް اللّه އަށް ކާފިރުވެއްޖެއެވެ."
އާދެ، މިއީ އިސްލާމްދީން ޤާނޫނަށް ދީފައިވާ މަތިވެރި މަޤާމެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކުރުމަށް ބާރުއަޅައިފައިވާ މިންވަރެވެ.
ޙައްޤުތައް ޤާއިމުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވާޖިބެކެވެ.
މުޖުތަމަޢުގައި މީހެއްގެ އިޚްތިޔާރުގެ ދާއިރާ ފުޅާވުމަކީ އިސްލާމްދީނުގެ ނަޒަރުގައި އެމީހެއްގެ މަސްއޫލިއްޔަތު ބޮޑުވާ ކަމެކެވެ. އެމީހެއްގެ ޒިންމާ އިތުރުވާ ކަމެކެވެ. އެމީހަކަށް ވެރިކަމާއި އިޚްތިޔާރު ލިބިހުރި ވަރަކަށް އެމީހެއްގެ ދަށުގައިވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އުފުލަންވާނެއެވެ. މިގޮތުން ބަލާއިރު އެންމެ މަސްއޫލިއްޔަތު ބޮޑީ ދައުލަތުގެ ވަލިއްޔުލްއަމުރުގެއެވެ. عبداللّه بن عمر رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ.
"أَلاَ كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ، فَالإِمَامُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالمَرْأَةُ رَاعِيَةٌ عَلَى أَهْلِ بَيْتِ زَوْجِهَا، وَوَلَدِهِ وَهِيَ مَسْئُولَةٌ عَنْهُمْ، وَعَبْدُ الرَّجُلِ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ عَنْهُ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ" (بخارى، كتاب الآذان، باب من جلس فى المسجد ينتظر الصلاة الخ، مسلم كتاب الزكاة، باب فضل اخفاء الصدقة)
"ދަންނާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރި މީހެކެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކާވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުކުރެވޭހުއްޓެވެ. މީސްތަކުންގެ ވެރިޔަކަށް ހުންނަ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އޭނާގެ ބެލުމުގެ ދަށުގައި ވާހައި ބަޔެއްގެ ކަންތަކާ އޭނާއާ ސުވާލުކުރެވޭހުއްޓެވެ. ފިރިހެނާއަކީ އެމީހެއްގެ ގޭގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާއާ އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި އޭނާގެ ކުދީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާއާ އެކަންކަމާ ބެހޭގޮތުން ސުވާލުވެވޭހުއްޓެވެ. މީހެއްގެ ޚާދިމަކީ އޭނާގެ ސާހިބުމީހާގެ މުދަލުގެ ބެލެހެއްޓުންތެރިޔާއެވެ. އެތަކެއްޗާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. ދަންނާށެވެ! ތިޔައިގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. ކޮންމެ މީހަކާވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުވެވޭހުއްޓެވެ."
ކުށް ސާބިތުކުރެވޭނީ ކޯޓުންނެވެ.
ޤާނޫނާ ބެހޭގޮތުން އިސްލާމްދީން ހަމަޖައްސައިފައިވާ އުސޫލުގެމަތީން ބަލާއިރު ކޮންމެ މީހަކާމެދުވެސް ޢާންމު ގޮތެއްގައި ބެލެވޭނީ ކުށެއްނެތް މީހެއް ކަމުގައެވެ. އެއްވެސް މީހަކު ކުށްވެރިއެއް ކަމުގައި ކަނޑައެޅޭނީ ސަރިޔަތަށް އެމީހެއްގެ ކުށް ސާބިތުވެގެންނެވެ. އެކަމަށްޓަކައި އިސްލާމްދީން ވަނީ ހެކިންނާއި ހެކިބަހާ ބެހޭގޮތުންވެސް ވަރަށްފުރިހަމަ އަދި އެހާމެ ތަފްޞީލް އުޞޫލުތަކެއް ކަނޑައަޅައިފައެވެ. ސާބިތުހެކި ނެތީސް އެއްވެސް މީހަކީ ކުށްވެރިއެއް ކަމުގައި ކަނޑައެޅުމާއި، އެއްވެސް މީހެއްގެ ޢިއްޒަތާ އަބުރާ ކުޅުމަކީ އިސްލާމްދީނުގެ ނަޒަރުގައި އަދަބު ދެވޭނެ ކުށްކުށެވެ. މިފަދަ ކަންކަމާ ބެހޭގޮތުން ޔޯލަވާހަކަތައް ފެތުރުމާއި ހީގެމައްޗަށް ބިނާކޮށް ނުވަތަ ލަފާކޮށްލައިގެން ފިޔަވަޅުތައް އެޅުންވެސް ވަނީ މަނާކޮށްފައެވެ.
ރިވާޔަތެއްގައިވެއެވެ. أميرالمؤمنين عمربن الخطاب ގެ އަރިހަށް ޢިރާޤުކަރައިގެ މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މިއައީ އެކަމުގެ ބޮލެއްވެސް ނިގުލެއްވެސް ނެތް ކަމެއްގެ ޚަބަރު ދަންނަވާންވެގެންނެވެ. عمرގެފާނު ސުވާލުކުރެއްވިއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ދޮގުހެތްކެވެ. عمرގެފާނު ވިދާޅުވިއެވެ.
"وَاللهِ لاَ يُؤْسِرُ رَجُلٌ فِي الإِسْلاَمِ بِغَيْرِ العُدُوْلِ"(مؤطا امام مالك، كتاب الاقضية، باب ماجاء فى الشهادات)
"މާތް اللّه ގަންދެއްވަމެވެ. އިސްލާމްދީނުގައި އެއްވެސް މީހަކު ޢުދޫލާ ނުލައެއް (އިތުބާރު ކުރެވޭފަދަ ހެކީންގެ ހެކިބަހާ ނުލައެއް) ގައިދެއް ނުކުރެވޭނެއެވެ."
އެއްވެސް މީހަކު ޖަލަށްލައި ބަންދުކޮށްހެދޭނީ ޙަޤީޤަތުގައިވެސް އެމީހަކު ކުށެއްކުރިކަން އިތުބާރުހުރި ހެކީންގެ ހެކިބަހުން ސާބިތުވެގެންނެވެ. އެމީހަކަށް އަދަބު ޙައްޤުކަން ސާބިތުވެގެންނެވެ.
އެއްވެސް މީހަކު އަޅުވެއްޗެއް ނުކުރެވޭނެއެވެ.
ކުރީޒަމާނުގައި ބައެއްފަހަރަށް އިންސާނުންގެ މަޖުބޫރީގެ ފައިދާ ހޯދައިގެން އޭނާ ވިއްކައިލެވެއެވެ. ކޮންމެވެސް ދަރަންޏެއް އަދާނުކުރެވިއްޖެނަމަ އޭނާ ވިއްކައިލުމަށްފަހު ދަރަނި އަތުލެވެއެވެ. ނަމަވެސް މިއީ އިސްލާމީ ޝަރީޢަތާ ޚިލާފު ޢަމަލެކެވެ. އިސްލާމްދީން ވަނީ އެކަން މަނާކޮށްފައެވެ. އެއްވެސް މީހެއްގެ މިނިވަންކަން ނިގުޅައިގަތުމާއި އަޅުންގެ ފަރާތުން ޚިދުމަތް ހޯދާގޮތަށް އޭނާ ގަންނުވައި ޚިދުމަތް ހޯދުމަކީ އިސްލާމްދީނުގައި މަނާ ކަންކަމެވެ. އެކަމުގެ މައްޗަށް އުންމަތްވަނީ އިޖުމާޢުވެފައެވެ. އެކަންކަމުގެ މައްޗަށް ވަރަށްބޮޑު ޢަޒާބު ހުރިކަމުގެ ވަޢީދު ވަނީ އައިސްފައެވެ. رسول اللّه صلّى اللّه عليه وسلّم ގެ އަރިހުން أبو هريرة رضى اللّه عنه ރިވާކުރައްވައިފައިވާ ޤުދުސީ ޙަދީޘެއްގައިވެއެވެ.
"ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ القِيَامَةِ: رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِ أَجْرَهُ" (بخارى، كتاب البيوع، باب اثم من باع حرا، مع قتح البارى، 5/168)
"(މާތް اللّه ވަޙީކުރެއްވިއެވެ.) ޤިޔާމަތްދުވަހުން ތިންމީހެއްގެ މައްޗަށް ދަޢުވާކުރައްވާ ޚަޞްމެއް ކަމުގައި ތިމަންރަސްކަނލާގެ ވޮޑިގެންވާހުށީމެވެ. އެކަކީ ތިމަންރަސްކަނލާގެ އިސްމުފުޅުމަތީން އަޙުދުކަށަވަރު ހިފުމަށްފަހު ކެހިވެރިވާ މީހާއެވެ. ދެވަނަ މީހަކީ މިނިވަނަކު ވިއްކައިލުމަށްފަހު އެއަގު ކާ މީހާއެވެ. ތިންވަނަ މީހަކީ، މީހަކު (އުޖޫރައަށް) ކުއްޔަށްހިފައި އެމީހަކު ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހަކަށް އުޖޫރަނުދޭ މީހާއެވެ."
އިސްލާމްދީނުގައި ހިތްވަރުދެނީ އަޅުން މިނިވަންކުރުމަށެވެ. މިނިވަނަކު އަޅުވެތިކުރުމަކީ އެ ދީނުގައި ވަރަށްބޮޑު ޖަރީމާއެކެވެ. ފާފައެކެވެ. ހަމައެފަދައިން މަސައްކަތްކުރުވައިފައި އުޖޫރަނުދިނުމަކީވެސް ވަރަށްބޮޑު ފާފައެކެވެ. އެފަދަ ކަންތައް ކުރާ މީހާގެ ނަމާދާއި އެހެނިހެން އަޅުކަން މާތް اللّه ޤަބޫލެއް ނުކުރައްވާނެއެވެ.
عبداللّه بن عمر رضى اللّه عنهما ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ. އަރަހުށި މާތް اللّه ތިންމީހެއްގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ. އޭގެތެރެއިން އެކަކީ:
" وَرَجُلٌ اعْتَبَدَ مُحَرَّرَهُ "(أبو داؤد، كتب الصلاة، باب الرجل يؤم القوم وهم له كارهون- ابن ماجه، كتاب إقامة الصلاة، باب من ام قوما وهم له كارهون)
"ތިމާ މިނިވަންކޮށްފައިވާ އަޅަކު އަލުން އަޅުވެތިކޮށްގެންފި މީހާއެވެ." މިބާވަތުގެ އިންސާނިއްޔަތާ ޚިލާފު ޙަރަކާތްތައް ހުއްޓުވުމަށްޓަކައި ސަރުކާރަށް އޭރަކަށް މުނާސަބު ޤާނޫނުތައް ހެދިދާނެއެވެ.
އެއްވެސް މީހަކަށް ނުޙައްޤުން އަދަބެއް ނުދެވޭނެއެވެ.
ޙަދީޘެއްގައި އައިސްފައިވެއެވެ. ނުޙައްޤުން މީހެއްގެ ހެދުން ބޭލުވުން ނުވަތަ މީހެއްގެ ބުރަކަށީގައި ހަންމުށިން ތެޅުމަކީ اللّه ގެ ކޯފާއަށް ދަޢުވަތުދިނުމެވެ. ޠަބަރާނީ ރިވާކުރައްވައިފައިވެއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރެއްވިއެވެ.
"مَنْ جَرَّدَ ظَهْر امَرِئٍ مُسْلِمٍ بِغَيْرِ حَقٍّ، لَقِيَ اللّه وَهُوَ عَلَيْهِ غَضْبَانُ" (قال المناوى، اسناده جيد، التيسير بشرح الجامع الصغير 2/312
"ނުޙައްޤުން މީހެއްގެ ހެދުން ބާލުވައި ބުރަކަށި ހާމަކޮށްފި މީހާ اللّه سبحانه وتعالى އާ ބައްދަލުކުރާނީ އެކަނލާގެ އެމީހަކަށް ނުހަނުބޮޑަށް ކޯފާވެވޮޑިގެންވާ ޙާލުގައެވެ."
މި ޙަދީޘްގައި މުޚާޠަބުކުރައްވާފައިވަނީ އިސްލާމީ މުޖުތަމަޢާއެވެ. އެހެންކަމުން މުސްލިމެއްގެ ވާހަކަ ގެންނަވައިފައިވިޔަސް ޣައިރުމުސްލިމުންނާ އެ ޒިންމީންނާމެދުވެސް އޮތީ މި ޙުކުމެވެ. އިސްލާމްދީނުގައިވާ ގޮތުން ޙައްޤަކާ ނުލައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަދަބެއް ދިނުމަކީ ވަރަށްބޮޑު ފާފައެކެވެ. މާތް اللّه ގެ ކޯފާއަށް ދަޢުވަތުދިނުމެކެވެ. އަދަބުދިނުމަށްޓަކައި ކުށް ސާބިތުވުމަކީ ލާޒިމު ކަމެކެވެ. އަދަބުދެވޭނީ ކުށުގެ ނިސްބަތުންނެވެ. ކުށުގެ މިންވަރަށެވެ.
ޢިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު
އަމިއްލަ ނަފްސުގެ ޤަދަރާއި އަގުހިފެހެއްޓުމާއި، ޢިއްޒަތުއްނަފްސު ރައްކާތެރިކުރުމުގެ ފިޠުރީ ޖަޒުބާ ވަނީ އިންސާނާގެ ކިބައިގައި މާތް اللّه ލައްވައިފައެވެ. ނިކަމެތިކުރެވުމާއި، އިހާނެތިކޮށް ހިތެވުމާއި، ބަދުނާމުކުރެވުމާއި، އަގުވައްޓައިލެވުމުން ސަލާމަތްވެވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ. މުޖުތަމަޢުގައި އިޙްތިރާމް ލިބުމާއި، ކަމޭހިތުމުގެ ނަޒަރުން ބެލެވުމަކީވެސް އޭނާގެ ޙައްޤެކެވެ. އިސްލާމްދީން ވަނީ އެކަންކަމަށް އަޚްލާޤީ ޙައިޘިއްޔަތު ދެއްވައިފައެވެ. ތަހުޒީބީ މާތް އިންސާނެއްގެ ޢިއްޒަތާއި އަބުރާއި ކަރާމާތަށް އަރައިގަތުމަކީ އިސްލާމީ ނަޒަރުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. މާތް اللّه ގެ ރަސޫލާ صلّى اللّه عليه وسلّم ވަނީ ޢިއްފަތްތެރި މަޢުޞޫމް އަންހެނުންގެ ބޮލުގައި ޒިނޭގެ ދޮގުތުހުމަތު އެޅުވުމާއި ސާބިތުހެކި ނެތި އެފަދަ ތުހުމަތުކުރުމަކީ "ކަބާއިރު" ( ބޮޑެތި ފާފަ) ތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން އަންގަވައިފައިވެއެވެ. ބޮޑެތި ފާފަތައް ބަޔާންކޮށްދެއްވަމުން އިތުރު ސާހިބާ ވިދާޅުވެފައިވެއެވެ.
"وَقَذُفُ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ" (بخارى، كتاب الوصايا، باب قوله تعالى: ان الذين ياكلون اموال اليتمى ظلما- مسلم، كتاب الايمان، باب الكبائر اوكبرها)
"ޢިއްފަތްތެރި މަޢުޞޫމް މުސްލިމު އަންހެނުން ނުދަނެތިބި ޙާލުގައި، އެބައިމީހުންގެ މައްޗަށް ޤަޒުފުކުރުމެވެ."
ކީރިތި ޤުރްއާނުގައި ވަނީ މި ނުބައި ޢަމަލަށް އަށްޑިހަ އެތިފަހަރު ޖެހުމުގެ ޙައްދު ކަނޑައަޅުއްވާފައެވެ.
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَئِكَ هُمُ الْفَاسِقُونَ (النّور: ٤)
މާނައީ: "ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން (އެކަމެއްގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލުނުކުރާށެވެ! އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ."
އިސްވެދިޔަ އާޔަތުގައި ބަޔާންކުރައްވައިފައިވަނީ ޢިއްފަތްތެރި އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތުކުރާ މީހުންގެ ޙުކުމެވެ. އަޚުލާޤު ރަނގަޅު މާތް ފިރިހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ މީހުންގެ ޙުކުމަކީވެސް ހަމަ މިއީއެވެ. ތުހުމަތު އަޅުވާ މީހަކީ އަންހެނެއް ކަމުގައި ވިޔަސް ފިރިހެނެއް ކަމުގައި ވިޔަސް ތަފާތެއް ނެތެވެ. ޝަރުޠަކީ އެމީހަކީ ބާލިޣުވެފައިވާ، ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުމެވެ.
ޒިނޭގެ ތުހުމަތު އެޅުވުމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ޞަރީޙު ޙުކުމެއް ބާވައިލައްވައިފައި އޮތްކަމުގައި ވިޔަސް އެހެނިހެން ތުހުމަތުތަކާ ގުޅޭގޮތުން މިފަދަ ޞަރީޙު ޙުކުމެއް އައިސްފައެއް ނުވެއެވެ. މިސާލަކަށް މީހަކާ ދިމާޔަށް ފާސިޤެކޭ ނުވަތަ ފާޖިރެކޭ ގޮވުމެވެ. ވަގެކޭ ނުވަތަ ރާބޯމީހެކޭ ބުނުމެވެ. މިބާވަތުގެ ތުހުމަތުތަކާ ބެހޭގޮތުން ޙައްދެއް ކަނޑައެޅިފައި ނެތްކަމުގައި ވިޔަސް އެކަންކަމަށްވެސް އިސްލާމީ ޝަރީޢަތުގައި ތަޢުޒީރުކުރެވޭނެއެވެ. އަދަބުދެވޭނެއެވެ. އަދަބުދިނުމުގައި ދުއްރައިން ތެޅުމުގެ އިތުރަށް ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ޖަލަށްވެސް ލެވިދާނެއެވެ.
ޢިލްމުވެރީން އިޢްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ތަޢުޒީރުކުރެވޭނީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދަށްވުރެ މަދު ޢަދަދަކުންނެވެ. ތަޢުޒީރުކުރެވޭނެ ޢަދަދަކާ ބެހޭގޮތުން ޢިލްމުވެރީން ވަނީ ޚިލާފުވެވަޑައިގެންފައެވެ. އިތުރު ސާހިބާގެ ޙަދީޘްފުޅެއްގައިވެއެވެ.
"لاَ يُجْلَدُ فَوْقَ عَشْرِ جَلَدَاتٍ إِلَّا فِي حَدٍّ مِنْ حُدُودِ اللَّهِ" (بخارى، كتابالحدود، باب كم التعزيز والادب، مسلم، كتاب الحدود، باب قدر اسواط العزيز)
"اللّه ގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް ފިޔަވައި އެނޫން ކުށެއްގައި ދިހަފަހަރަށްވުރެ ގިނައެއްކޮށް ނުޖެހޭނެއެވެ."
ބައެއް އެހެނިހެން ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައި الإمام أبو حنيفة رحمه اللّه ވިދާޅުވާ ގޮތުގައި އަޅުންގެ މައްޗަށް ކަނޑައެޅިފައިވާ ޤަޛުފުގެ ޙައްދަކީ ސާޅީސް އެތިފަހަރެވެ. އެއަށްވުރެމަދު މިންވަރަކީ ތިރީސްނުވައެކެވެ. އެހެންކަމުން ތިރީސްނުވަ އެތިފަހަރުން ތަޢުޒީރުކުރެވިދާނެއެވެ. الإمام أبو يوسف رحمه اللّه ވިދާޅުވާ ގޮތުގައި ބަލަންޖެހޭނީ އަޅުންގެ ޙައްދުގެ މައްޗަކަށެއް ނޫނެވެ. މިނިވަނުންގެ ޙައްދުގެ މައްޗަށެވެ. މިނިވަނެއްގެ ޤަޛުފުގެ ޙައްދުގެ މިންވަރަކީ ކުރިން ބަޔާންކޮށްފައިވާ އާޔަތުގައިވާ ފަދައިން އަށްޑިހަ އެތިފަހަރެވެ. الإمام على كرم اللّه وجهه އާ ބެހޭގޮތުން ވާރިދުވެފައިވާ ގޮތުގައި ހަތްދިހަފަސް ފަހަރާ ހަމައަށް ގުނުއްވައިގެން ތަޢުޒީރުކުރައްވައެވެ. އެހާހިސާބުން ހުއްޓަވައިލައްވައެވެ. މާނައަކީ ހަތްދިހަފަސް އެތިފަހަރާ ހަމަޔަށް ތަޢުޒީރުކުރެވިދާނެއެވެ.
ތަޢުޒީރުގެ އެންމެ މަދު އަދަދަކާ ބެހޭގޮތުން ޢިލްމުވެރީން ޚިޔާލު ފާޅުކުރައްވައިފައިވާ ގޮތުގައި އެންމެ މަދު އަދަދަކީ ތިނެތިފަހަރެވެ. ނަމަވެސް އެންމެ މަދުވެގެން ތަޢުޒީރުކުރެވޭ ވަރަކީ އަދަބެއް ދެވުނުކަން ނުވަތަ ތަޢުޒީރުކުރެވުނުކަން އިޙުސާސްނުވާހައި މަދު އަދަދަކަށްވެސް ވެގެންނުވާނެއެވެ. އޭރުން އެކަމުގެ މަޤުޞަދު ޙާޞިލެއް ނުވާނެއެވެ. އެހެން ރައުޔެއްގައިވާ ގޮތުން ތަޢުޒީރެއްގެ އުނިއިތުރުކުރުން ގުޅިފައިވަނީ ތުހުމަތު އެޅުވުނު މީހާއާއި، އެޅުވުނު ތުހުމަތުގެ ނިސްބަތުންނެވެ. ނިޔާކަނޑައަޅާ ފަރާތުން ނިޔާކަނޑައަޅަންވާނީ މިހުރިހައި ކަމެއްގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ. (هدايه، كتاب الحدود، باب حد القذف)
ޤަޛުފުގެ ތުހުމަތާ ގުޅެނީ ޤަޛުފުކުރެވުނު މީހާގެ ޢިއްޒަތާއި އޭނާގެ އަބުރާއެވެ. އެހެންކަމުން ޤަޛުފުކުރެވުނު މީހާ މަޢާފުކުރުމުން ޙައްދުޖެހުމެއް ނޯންނާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި الإمام أبو حنيفة އާއި الإمام الثورى އާއި الإمام الأوزاعى (رحمهم اللّه) ވިދާޅުވެފައިވާ ގޮތުގައި މަޢާފުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. މަޢާފުކުރި ކަމުގައި ވިޔަސް ޙައްދުޖަހަން ޖެހޭނެއެވެ. الإمام الشافعى رحمه اللّه ވިދާޅުވާ ގޮތުގައި މަޢާފުކުރުމަކީ ހުއްދަ ކަމެކެވެ. މަޢާފުކޮށްފިނަމަ ޙައްދުޖަހާކަށެއް ނުޖެހޭނެއެވެ. އަދި އެހެން ރައުޔެއްގައިވާ ގޮތުން މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްފަހު، މަޢާފެއް ނުކުރެވޭނެއެވެ. އޭގެކުރިން މަޢާފުކުރެވިދާނެއެވެ. (ابن رشد، بداية المجتهد: 6/130، طبع بيروت 1996م)
ޢިއްޒަތާއި އަބުރު ރައްކާތެރިކުރެއްވުމަކީ، ހަމައެކަނި އިންސާނާގެ އަސާސީ ޙައްޤެއްކަން އިސްލާމްދީން ޤަބޫލުކުރީކީއެއް ނޫނެވެ. އަދިކީއްތޯއެވެ؟ އެކަން ރައްކާތެރިކޮށްދިނުމަށްޓަކައި ތަފްޞީލް ޤާނޫނެއްވެސް ވަނީ ލިބިދީފައެވެ. (ނުނިމޭ)